މާލެއިން ފުރައިގެން ރ. އަތޮޅަށް ދަތުރުކުރަމުންދިޔަ "ސީލައިން 3" ނަމަކަށް ކިޔާ ސަޕްލައި ދޯނި އަރިއަޅާލައިގެން ކަނޑަށް އެޅުނު ފަތިތައް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

ލަކުޑި ބަރުކޮށްގެން ކާށިދޫ ކަނޑުގައި ދަތުރުކުރަމުން ދަނިކޮށް، ލަކުޑިތައް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެންގޮސް ދޯނި އަރިއަޅާލައިގެން ފުލުހުންނަށް ރިޕޯޓު ކުރީ މިއަދު ހެނދުނު އެވެ. 

އެމްއެންޑީއެފުން ބުނީ ބ. އޭދަފުށީގެ އިރުދެކުނުން ހަތަރު ނޯޓިކަލް މޭލު ބޭރުން އެ ދޯނި އަރިއަޅައިލައި، ލަކުޑިފަތިތަކެއް ކަނޑަށް އެޅި އޮޔާދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ސީލައިން 3 ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއްގެ ލަކުޑިތަކެއް އަރިއަޅާލައި ދޯނި ދިޔަވާތީ ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.
ސީލައިން 3 ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއްގެ ލަކުޑިތަކެއް އަރިއަޅާލައި ދޯނި ދިޔަވާތީ ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

އެތަކެތި އޮޔާދާ ކަމަށް ލަފާ ކުރެވެނީ އިރުމައްޗަށް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެހެންވެ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި އެ ސަރަހައްދުން ދަތުރުކުރާއިރު އިތުރަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހާދިސާ ހިނގި ސަރަހައްދާ އެންމެ ކައިރީގައިވާ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ލޯންޗެއްގެ އެހީގައި އެރަށަށް މިހާރު ވަނީ ދޯނި ގެންގޮސްފަ އެވެ.

އެ ހާދިސާ ހިނގިއިރު ދޯނީގައި ތިބީ ހަތަރު މީހުންނެވެ. އެއީ ތިން ދިވެހި ފިރިހެނުންނާއި ބިދޭސީ ފިރިހެނެކެވެ.