ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބާއްވަމުން އަންނަ ސިލްސިލާ އެއްވުމުން ފުލުހަކަށް ހަމަލާދީ މާރާމާރި ހިންގި މީހަކާ އެކު މިއަދު ގިނަ ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މާލޭގެ އެކި މަގުތަކުގައި ބޭއްވި އެއްވުމުގެ ތެރެއިން 29 މިހަކު ހައްޔަރުކުރީ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުން ކަމަށެވެ. މީގެތެރޭގައި ފުލުހަކަށް ހަމަލާދީ، މާރާމާރި ހިންގަން އުޅުނު މީހަކު ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
މި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީޕީއެމް ކައުންސިލްގެ ބައެއް މެމްބަރުންނާއި އާންމު މެމްބަރުން ވެސް ހިމެނެ އެވެ.
އިދިކޮޅުން އިއްޔެ ބޭއްވި އެއްވުމުގެ ތެރެއިން ވެސް، މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ހިމެނޭ ގޮތަށް ހަތް މީހަކު ހައްޔަރުކުރި އެވެ. އެ އެންމެން ވަނީ ރޭ ދޫކޮށްލައިފަ އެވެ.
އިދިކޮޅުގެ މި އެއްވުންތަކުގައި ބޭނުންކުރާ "އިންޑިއާ އައުޓް" ޖެހި ޓީޝާޓް ނުލާން އަންގާފައިވާ ކަމަށް ޕީޕީއެމުން މިއަދު ބުނެފައި ވަނިކޮށް ފުލުހުން ވަނީ އެ ވާހަކަ ވެސް ދޮގުކޮށްފަ އެވެ.
"އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވާ މީހުންނަށް ހުރަސް އަޅައި މީހުން ހައްޔަރުކުރަމުންދަނީ ސަރުކާރުގެ އިސްވެރިންގެ އޯޑަރަށް ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފަ އެވެ.
އެކަން ކުށްވެރިކޮށް އިދިކޮޅުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމަކީ ގާނޫނު އަސާސީން ލިބިފައިވާ ހައްގަކަށް ވާއިރު ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ނިކުންނަ މީިހުން އަނިޔާވެރިކޮށް ހައްޔަރުކުރަމުން އަންނަ ކަމަށާއި އޭގެން ވެސް އެނގެނީ ރާއްޖެ ވަރަށް ބޮޑަށް އިންޑިއާގެ އަޅުވެތިކަމަށް ގޮސްފައިވާ ކަން ކަމަށެވެ.
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންކުރި ފަހުން "އިންޑިއާ އައުޓް" ހަރަކާތްތައް ވަރުގަދަ ކޮށްފައިވާއިރު، މި ހަފުތާގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޕީޕީއެމްގެ އޮފީސް ކުރިމަތީގައި އެއްވުންތައް ބާއްވަ އެވެ. އަދި އެ އެއްވުން ރޫޅާލައި، އެއްވުމުގައި އިސްކޮށް އުޅޭ މީހުން ފުލުހުން ހައްޔަރުކުރި ނަމަވެސް، 24 ގަޑިއިރު ނުވަނީސް ދޫކޮށްލަ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ ހުރިހާ ޕާޓީތަކުން ވެސް ބުނަނީ "އިންޑިއާ އައުޓް" ހަރަކާތަކީ އިިދިކޮޅުން ހިންގާ ޖަރީމާއެއް ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ރާއްޖެ އެތެރެވާ ޑްރަގް ބޯޓުތަކުގެ މައުލޫމާތު އިންޑިޔާ އިން ދޭތީ މި ކެމްޕެއިނަކީ ޑްރަގް ވިޔަފާރި ކުރާ މީހުންނާ ގުޅުން އޮތް ކަމެއް ކަމަށް ތުހުމަތު ކުރައްވައި އެކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވައިފަ އެވެ.