ޕީޕީއެމާ އަލަށް ގުޅުނު 9،000 މީހުންގެ ފޯމު އިލެކްޝަނަށް ހުށަހަޅައިފި

ޕީޕީއެމަށް މެމްބަރުން އިތުރު ކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ކުރައްވާ މަސައްކަތުން އެ ޕާޓީއާ އަލަށް ގުޅުނު 9،000 މީހުންގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.


އިލެކްޝަން ކޮމިޝަންގެ އިދާރާ ކުރިމަތީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިނގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ ޕީޕީއެމަށް މެމްބަރުން އިތުރު ކުރުމަށް މެޑަމް ފާތުން އިސް ނަންގަވައިގެން އެންމެ ފުރަތަމަ ހުޅުމާލޭގައި ބޭއްވި ހަރަކާތުގައި 1،030 ފޯމު ލިބުނު ކަމަށެވެ.

މެމްބަރު ފަލާހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. މި އަހަރު ނިމުމުގެ ކުރިން އެއް ލައްކަ މެމްބަރުން ޕީޕީއެމަށް ހަމަ ކުރާނެ ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ހަމައެއާކު، މީގެ ދެތިން ހަފުތާ ކުރިން މާލޭގައި ޕީޕީއެމްގެ މެމްބާޝިޕް އިތުރު ކުރަން ހިންގި ހަރަކާތުގައި 250 ޓީމުން ކުރި މަސައްކަތުން 11031 މީހުން ޕީޕީއެމާ އަލަށް ގުޅުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފަލާހު ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ޗެކްކޮށް ނިމިފައިވާ ފޯމުތަކެވެ.

"ޕީޕީއެމުން އިލެކްޝަނަށް ހުށަހަޅާ ފޯމުތަކާއި، ހުށަނާޅައި ހުރި ފޯމުތަކާއެކު މެމްބަރުންގެ އަދަދު 70،000 އާ ކައިރި ކުރާނެ. މެޑަމް ކުރައްވާ މަސައްކަތުން ކޮންމެ ދުވަހަކު 500 އެއްހާ ފޯމު އެބަ ހުށަހަޅާ،" ޕީޕީއެމަށް މެމްބަރުން އިތުރު ކުރެއްވުމުގައި އިސްކޮށް މަސައްކަތް ކުރައްވާ ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ އިތުރު މީހުން ޕީޕީއެމާ ގުޅެނީ ރައީސް ޔާމީންގެ ސަރުކާރުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ރައްޔިތުން ގަބޫލު ކުރާތީ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ތައްޔާރު ކޮށްފައި ހުރި ޕީޕީއެމްގެ ފޯމުތައް ނޫސްވެރިންނަށް ދައްކާލަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ގޮތުން ޕީޕީއެމް ދެކެ ރައްޔިތުން ލޯބިވުމާއި މެޑަމް ފާތުން ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތް ކުރުމަކީ އިތުރު މީހުން ޕީޕީއެމާ ގުޅޭ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ޕީޕީއެމަށް އެއް ލައްކަ މެމްބަރުން ހަމަ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެރިކަންކުރާ ޕީޕީއެމަށް މަޖުބޫރުކޮށްގެން މެމްބަރުން ވައްދާ ކަމަށް އިދިކޮޅު ފަރާތްތަކުންނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އެ ވާހަކަތައް ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުން ދޮގުކުރައްވަ އެވެ.