އިދިކޮޅު ފަރާތްތަކަށް އެއްގަލަކަށް ނޭރޭނެ، އެންމެން ވެސް ބޭނުން ވަނީ ރައީސްކަން: ރައީސް

ކޯލިޝަން ހަދައިގެން ތިއްބަސް އިދިކޮޅު ފަރާތްތަކަށް އެއްގަލަކަށް ނޭރޭނެ ކަމަށާއި އެ ކޯލިޝަންގައި އިސްކޮށް ތިއްބެވި ހުރިހާ ބޭފުޅުން ވެސް ބޭނުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ކަމަށް ރައީސް އަބްދުﷲ ޔާމީން މި ރޭ ވިދާޅުވެއްޖެ އެވެ.


ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އިން ލޯކަލް އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުން ތައާރަފްކުރަން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެއްގަލަކަށް އަރަނީ ސަރުކާރާ ދެކޮޅުވާން އެކަނި ކަމަށެވެ. އެއަށް ފަހު އެއްގަލަށް އެރޭނެ އެއްވެސް ގޮތެއް ނޯންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ހައްތަހާ ވެސް މި ތިބީ ރައީސުލްޖުމްހޫރިއްޔާ ކަން ކުރަން ބޭނުންވާ މީހުން. އެހެންވީމަ އެއް ދައުރެއްގައި ތިން ހަތަރު ރައީސުލްޖުމްހޫރިއްޔާ އިން އަޅުގަނޑުމެންނަށް ހަމަގައިމު ވެސް ދައުލަތުގެ ބަޖެޓު ތަނެއް ނުދޭނެ. އެއީކީ ވާނެއް ކަމެއް ނޫން. އެހެންވީމަ އެ މީހުން އެއްގަލަކަށް ނާރާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޯލިޝަނެއް ދެމެހެއްޓުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެއީ، ރައީސް ޔާމީން، ސިފަކުރެއްވި ގޮތުގައި "ސިޔާސީ ވަހުތާނެއް" ފަދަ އެއްޗެކެވެ.

ދުނިޔޭގެ އެކި ސިޔާސީ ނިޒާމުތަކުގައި އޮންނަ ގޮތަށް، ރާއްޖޭގައި ވެސް އެކިފަހަރު އެކި ކޯލިޝަންތައް ހެދުނަސް އެ ކާމިޔާބު ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ. ކޯލިޝަންގައި މަސައްކަތް ކުރާ އިރު، ކުރި އަށް ދާން ޖެހޭނީ ވެރިކަން ކުރާ ޕާޓީގެ ވިސްނުމާއި ފިކުރަށް ތާއީދު ކޮށްގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކޯލިޝަނެއް ދަމަހައްޓަން ބޭނުންވާ ނަމަ، އެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ގަބޫލުކުރަން ޖެހޭނެ ކަންތައްތަކެއް ހުންނަން ޖެހެ އެވެ. އޭގެ ތެރޭގައި ކޯލިޝަން ހިންގާ ޕާޓީ އަކީ ވެރިކަން ކުރާ ޕާޓީ ކަމަށާއި އެ ޕާޓީގައި ރައްޔިތުންގެ ތަރައްގީއަށްޓަކައި އަމާޒެއް އޮންނާނެ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަކީ ނަމޫނާއެއް ކަން ފާހަކުރައްވައި ރައީސް ވިދާޅުވީ އެ ކޯލިޝަން އެންމެ ފުރަތަމަ ވެސް ކަނޑައެޅި އަމާޒާ އެއްގޮތަށް، ކުރިއަށްދާ ކަމަށެވެ. އެ ގުޅުން ދެމިއޮތީ، ގަބޫލުކުރަން ޖެހޭ ހަގީގަތްތައް ދެ ޕާޓީން ވެސް ގަބޫލުކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.

"ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ސަރުކާރު ހިންގޭނީ ކޮންމެވެސް އެއްބަޔަކަށޭ. ބަސް ކިޔާނީ ކޮންމެވެސް އެކަކު. އޮޑިއެއްގައި ވެސް ފަޅުވެރިން ތިބޭނެ، އެކަމަކު ހުންނާނީ އެންމެ ކައްޕިއެއް، ދެ ކައްޕި ތިބެއްޖިއްޔާ ފަހަރެއްގައި ދެ މިސްރާބަކަށް ދަތުރުކޮށްފާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގާނޫނުއަސާސީގައި ވެސް ކޯލިޝަން ހަދަން ޖާގަ ދީފައި އޮންނައިރު، މަސްއޫލިއްޔަތު އުފުލުމުގެ ޒިންމާ ހަވާލުކޮށްފައި އޮންނަނީ ވެރިކަން ކުރާ ޕާޓީއާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ވެރިކަން ކުރާ ޕާޓީގެ ބޮޑު އަޣުލަބިއްޔަތެއް އޮންނަން ޖެހޭ ކަމަށާއި އަޣުލަބިއްޔަތު ނެތް ނަމަ އޭގެ މާނައަކީ ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބަށް އެމްޑީއޭ ފިޔަވައި، އެހެން ޕާޓީތަކާ އެކު ހެދި ކޯލިޝަން ރޫޅުނީ "ކޯލިޝަންގެ ހަގީގަތް" ގަބޫލުނުކުރާތީ އެވެ. ޕީއެމާއި ޖުމްހޫރީ ޕާޓީގެ ކޯލިޝަން ރޫޅުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބޭނުންފުޅުވެގެން، އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ކަން ރައީސް ފާހަގަކުރެއްވި އެވެ.

ޕީޕީއެމުން ވެރިކަމަށް އައީ، ރައްޔިތުންނަށް ތަރައްގީ އާއި ހަމަޖެހުން ހޯދައިދޭން ކަމަށާއި އެ އަމާޒު ހާސިލްކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، ލޯކަލް އިންތިހާބުގައި ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވަން ރައީސް މިރޭ ވެސް އެދިވަޑައިގެންނެވި އެވެ.