މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ތިން މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިރޭ ބުނެފި އެވެ.
ރޭ 8:30 ހާއިރު ބިދޭސީންތަކެއް މާރާމާރީ ހިންގައިގެން އުޅުމުން މައްސަލާގައި ފުލުހުން ހައްޔަރުކުރީ އިންޑިއާ ތިން ފިރިހެނެކެވެ.
އެ މައްސަލައާ ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވިދާޅުވީ، މާރާމާރީ ހިންގި ތިން މީހުން ވެސް މިހާރު ތިބީ އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެ އެންމެން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް އެފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށް ކޮންޓްރޯލަރު ވިދާޅުވި އެވެ.
މާރާމާރީގެ މަންޒަރު ވީޑިއޯ ކުރި ދިވެއްސަކާ މެދު ވެސް އެ މީހުން މާރާމާރީ ހިންގާފައިވާ ކަމަށް ރޭ ފުލުހުން ބުންޏެވެ.
މާރާމާރީގެ މައްސަލައެއްގައި ބިދޭސީންތަކެއް އަތުލައިގަތްއިރު، އާޓިފިޝަލް ބީޗުގައި މިދިޔަ ޑިސެމްބަރު މަހު ހިންގި މާރާމާރީއަކާ ގުޅިގެން ވެސް އިންޑިއާގެ ބަޔަކު ހައްޔަރުކުރި އެވެ. އެކަމުގައި ބައިވެރިވި މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން އޭރު ބުންޏެވެ.