ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ނެރުނު ޔެލޯ އެލާޓްގައި ބުނީ ރ. އަތޮޅުން ފެށިގެން ވ. އަތޮޅަށް، މިއަދު ހަވީރު 4:00 އާ ހަމައަށް ބޯކޮށް ވިއްސާރަކޮށް ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވުން އެކަށީގެންވާ ކަމަށް އެ އެލާޓުގައި ބުންޏެވެ. 

ބޯކޮށް ވާރޭ ވެހި، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް، މިއަދު ހަވީރު 4:00 ގެ ނިޔަލަށް ވައިޓް އެލާޓެއް ވެސް އޮތީ ހެނދުނު ނެރެފަ އެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުގެ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި، މިއަދާއި މާދަމާ ވެސް މުޅި ރާއްޖެއަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކުރެވެ އެވެ. އަންނަ އާދިއްތަ ދުވަހާ ހަމައަށް މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ވައިގަދަވެ އަދި ކަނޑުތައް ވެސް ވަރަށް ގަދަވާނެ ލަފާކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

މޫސުމީ ލަފާކުރުންތަކުން ދައްކާގައި ގޮތުގައި، އެންމެ ބޮޑަށް ވިއްސާރަކުރާނީ މާދަމާ އެވެ. 

މި ދުވަސްވަރު މޫސުން ގޯސްވުމުން ދަތުރުފަތުރު ކުރުމުގައި މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.