ސިފައިންނާއި ފުލުހުންގެ ވެރިންނާ ދޭތެރޭ އެޅޭނެ ފިޔަވަޅެއް ބަލަނީ

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ތަޅުއަޅުވައި، މެމްބަރުން އެތަނަށް ވަނަ ނުދީ ހިފަހައްޓައި އަދި ވަދެވަޑައިގެންނެވި މެމްބަރުން ފުލުހުންނާއި ސިފައިން ގަދަކަމުން ނެރުނު މައްސަލައިގައި ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމާއި ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާ މެދު ފިޔަވަޅު އެޅުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.


ގ. ކުނޫޒުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ގާނޫނުއަސާސީން މަތިކޮށްފައި ވަނީ ސިފައިންނަށް ނަމަވެސް، އެކަން ކުރާނެ އުސޫލުތަކާއި އިޖުރާއަތްތަކެއް އޮންނަ ކަމަށެވެ.

އެކަމަކު މެމްބަރުން މަޖިލީހުގެ ތެރޭގައި ކުރަން ޖެހޭ މަސައްކަތްތަކަށް ހުރަސް އަޅައި، ބާރުގެ ބޭނުންކޮށްގެން، މެމްބަރުން މަޖިލީހުން ނެރުނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށާއި އެ ސިފައިންނާއި ފުލުހުންނާ ދޭތެރޭ ގާނޫނީ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އިއްޔެ ހިނގައި ދިޔަ ކަންކަމުގެ ޒިންމާ އެންމެ ބޮޑަށް ނަންގަވަން ޖެހޭނީ، ފުލުހުންނާއި ސިފައިންގެ ވެރިޔާ ކަމުން، އެ ދެބޭފުޅުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް މަޖިލީހުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

މަޖިލީހު މެމްބަރުން އިއްޔެ އެ އިދާރާއަށް ވަނުމަށް ފުލުހުން ހުރަސް އަޅަނީ-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

ސިފައިންނާއި ފުލުހުންނާ ވަދެ، މަޖިލީހުން ބައެއް މެމްބަރުން ނެރެފައިވަނީ އެއީ މެމްބަރުން ނޫން ކަމަށް ބުނެ އެވެ. ފުލުހުންގެ ސަފުތައް ފަޅާލައި، މަޖިލިހުގެ އިދާރާގެ ތެރެއަށް ވަދެފައިވާ ކަމަށް ތުހުމަތުގައި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު ސައުދު މިރޭ ވަނީ ފަހުން ދޫކޮށްލައިފަ އެވެ.

އިބޫ ވިދާޅުވީ އެ މެމްބަރުން އިލެކްޝަންސް ކޮމިޝަނުން ވަކި ކުރި ނަމަވެސް، މެމްބަރުން ގޮނޑި ގެއްލުމާ ގުޅޭގޮތުން ސުޕްރީމު ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކޯޓުން ބަލައިގަނެ، އަންނަނީ ގޮތެއް ނިންމަމުންނެވެ. އެހެންވެ، އެ ކަމާ ގުޅޭގޮތުން ސުޕްރީމު ކޯޓުން ވަކި ގޮތެއް ނުނިންމަނީސް، މަޖިލީހުގެ މަސައްކަތްތަކުގައި މެމްބަރުންނަށް ބައިވެރިވެ ވަޑައިގެންނެވޭނެ ކަމަށް ވިދާޅުވި އެވެ.

"މީގެ ކުރިން ވެސް މެމްބަރުން އެބަ ތިއްބެވި ސުޕްރީމް ކޯޓުން ވަކި ކުރައްވާފައި. އެކަމަކު އެ ބޭފުޅުންނަށް ހުކުމެއް އަންނަން ދެން މަޖިލީހުގެ މަސައްކަތްތައް ކުރެއްވި. އެހެންވެ، އެއީ މަޖިލީހުގެ މެމްބަރުން ނޫން ކަމަށް ބުނެ، ހަގީގަތުގައި ހައްޔަރެއް ނުކުުރެވޭނެ،" އިބޫ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ މިއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ވަރަށް ނާޒުކު ވަގުތެއް ކަމަށެވެ.

އިއްޔެ ފުލުހުންނާއި ސިފައިން އަމަލު ކުރިގޮތް ކުށްވެރިކުރައްވައި، ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މުއައްސަސާއަކަށް ވަނީ، އެތަނުގައި ތިއްބަވާ 85 މެމްބަރުންނާ އެކުގައި ކަމަށެވެ. އަދި އެތަން ހިމާޔަތް ކުރުމަކީ ސިފައިންނާ ފުލުހުން ކުރަން ޖެހޭ ކަމެއް ނަމަވެސް، އިއްޔެ ފެނިގެން ދިޔައީ އެއްވެސް ވަރަކަށް މެމްބަރުންނަށް ސިފައިންނާ ފުލުހުން ހިމާޔަތް ނުދިން މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ގާނޫނީ ވެރިކަމެއްގެ ތެރެއަށް ރާއްޖެ ގެނައުމަށް އެންމެން ގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.