ފުލުހުންގެ ސަފުތައް ފަޅާލައި ގަދަކަމުން ރައްޔިތުންގެ މަޖިލީހަށް ވަން މައްސަލާގައި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމު އަދި ހިތަދޫ މެދު ދާއިރާގެ އިބްރާހިމް މުހައްމަދު ދީދީ (ޑީޑީ) ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
އެ މައްސަލައިގައި މީގެ ކުރިން ވަނީ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް ޝާހިދު މިރޭ 8 ޖަހާއިރު ހާޒިރުކުރާ އިރު އަސްލަމް ވަޑައިގަންނަވަން ޖެހެނީ މިއަދު 5 ޖަހާއިރު އެވެ.
އިބްރާހިމް ދީދީ ހާޒިރުވެވަޑައިގަންނަވަން އަންގާފައި ވަނީ މާދަމާ ރޭ 7 ޖަހާއިރަށެވެ.
ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ "ބިރުދެއްކުންތަކަށް" ދުވަހަކު ވެސް ބޯ ނުލަނބާނެ ކަމަށެވެ.
ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްވަމުން އިބޫ ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފުލުސް އޮފީހަށް ހާޒިރުކުރަނީ މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވާލަން ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ކަމަށެވެ.
އިތުރު ގިނަ މެމްބަރުންތަކެއް ވެސް ފުލުހަށް ހާޒިރުކުރާނެކަން އެނގިވަޑައިގެންފައިވާ ކަމަށާއި އެއީ މެމްބަރުންގެ ގޮނޑި ގެއްލުވާލައިގެން މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަން ސަރުކާރުން ކުރާ މަސައްކަތެއް ކަމަށް ވެސް އެދުވަހު އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެދުވަހު ގާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ. ކޮންމެ ގޮތެއް ވިޔަސް ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދިއުމަށް ހުރަސް އެޅޭ ގޮތް ހެދުމަށް އެއްވެސް ބަޔަކަށް ގާނޫނަކުން ޖާގައެއް ނުދޭ،" މަޖިިހަށް ވެންނެވި ގޮތާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.
އިދިކޮޅު މެމްބަރުން ފުލުސް އޮފީހަށް ހާޒިރުކުރާއިރު، ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރި ދާއިރާގެ މުހައްމަދު އަމީތު އަދި ވިލިނގިލި ދާއިރާގެ ސައުދު ހުސައިން ހައްޔަރުކޮށް، މިހާރު ތިއްބެވީ ޖަލުގަ އެވެ. އެ ބޭފުޅުންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ދީފައިވެ އެވެ.
އޭގެ އިތުރުން މެމްބަރުންނަށް ރިޝްވަތު ދެއްވިކަމުގެ ތުހުމަތުގައި ދިއްގަރު ދާއިރާގެ ފާރިސް މައުމޫން ހައްޔަރުކޮށް ތަހުގީގު ދަނީ ކުރިއަށެވެ. އޭނާގެ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ހުއްދަދިނީ، މިހާރު ކުރާ ތުހުމަތުގައި އުފުލާނެ ދައުވާގެ ޝަރީއަތް ވެސް ނިމެންދެނެވެ.
އިދިކޮޅު މެމްބަރުންގެ ތަހުގީގުތަކާއި ޝަރީއަތްތައް ގިނަވެފައި މިވަނީ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުނު ފަހުންނެވެ. މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ 45 މެމްބަރުންގެ ސޮޔާ އެކުގަ އެވެ. އޭގެ ތެރޭގައި ޕީޕީއެމްގައި އޭރު ތިއްބެވި 10 މެމްބަރަކު ވެސް ހިމެނިވަޑައިގަނެ އެވެ.