ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު ސީޝެލްގެ މަސް ބޯޓެއް ހިފަހައްޓައިފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސީޝެލްސްގެ މަސް ބޯޓެއް ދިވެހި ސިފައިން މިއަދު ހިފަހައްޓައިފި އެވެ.


އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދަށް ވަދެ އުޅުނު އެ ބޯޓު ފެނުނީ ލ. ކައްދުއާ 38 މޭލު ދުރުން ރާއްޖޭގެ މަސް ދޯންޏަކަށް ކަމަށެވެ. އެކަމުގެ ރިޕޯޓް ކޯސްޓްގާޑަށް ލިބިގެން އެ ބޯޓު ހިފެހެއްޓިއިރު އޭގައި ތިބީ ސްރީ ލަންކާގެ ހަ މީހަކު ކަމަށާއި އެ ބޯޓު އޮތީ މިހާރު ކޯސްޓްގާޑްގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ކޯސްޓްގާޑްގެ ބެލުމުގެ ދަށުން އެ ބޯޓު މިރޭ ދަންވަރު ކައްދު އަށް ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ސީޝެލްސްގެ ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިއަދު އަތުލައިގަތްއިރު ކަނޑު ފޭރޭ ދެ ބޯޓެއް ވެސް މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އާއި ހުކުރު ދުވަހުގެ ރޭ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަނީ އަތުލައިގެންފަ އެވެ. އެ ދެ ބޯޓުގައި 22 މީހުން ތިބި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.