ސަރުކާރު ވައްޓާލަން ބައެއް މީޑިއާތަކުން ހިތްވަރުދޭ: ބްރޯޑްކޮމް

ގައުމުގެ އަމަންއަމާންކަން ގެއްލޭ ގޮތަށާއި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ހިތްވަރު ލިބޭ ގޮތަށް ބައެއް މީޑިއާތަކުން ކޮންޓެންޓް ފޮނުވަމުން ދާ ކަމަށް ބުނެ، ނޫސްވެރިންގެ އަމަލުތައް ވަކި ގޮތަކަށް ބައްޓަން ކުރަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު އަންގައިފި އެވެ.


އިދިކޮޅު ފަރާތްތަކުން އިއްޔެ ބޭއްވި އެއްވުން ކަވަރު ކުރަން ހަރަކާތްތެރިވި ބައެއް ނޫސްވެރިންނަށް ފުލުހުން އަނިޔާކޮށް، އާދަޔާ ޚިލާފު ބާރުގެ ބޭނުންކުރި ކަމުގެ ތުހުމަތު ފުލުހުންގެ ބޮލުގައި އެޅިފައިވާ މި ދަނޑިވަޅުގައި ބްރޯޑްކޮމް އިން ނެރުނު ބަޔާނެއްގައި ބުނީ، ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ބައެއް މީޑިއާތަކުން ހަގީގަތް އޮޅޭ ގޮތަށް ޚަބަރު ފަތުރައި، ދައުލަތުގެ ބާރުތަކާއި އެކި މުއައްސަސާތަކުގެ އަގު ވެއްޓޭ ގޮތަށް ތަފާތު ފަރާތްތަކުން ވާހަކަ ދައްކަމުންދާ ކަމަށެވެ. އަދި މުއައްސަސާތަކާ މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭނޭ ފަދަ ކޮންޓެންޓް ބައެއް މީޑިއާތަކުން ގެނެސްދޭ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

"ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ބާއްވާ މުޒާހަރާތަކާއި އެއްވުންތައް ވެސް ބައެއް ބްރޯޑްކާސްޓަރުން ލައިވްކޮށް ގެނެސްދެމުންދާ ކަން ވަނީ ފާހަގަކުރެވިފަ އެވެ،" ބްރޯޑްކޮމް އިން ބުންޏެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނި ގޮތުގައި ގައުމުގެ އަމާންކަމާއި ސުލްހަމަސްލަސްކަން ދެމެހެއްޓުމަށާއި ހާއްސަ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސް ކުރުމަށް ސަމާލުކަން ދީގެން ބްރޯޑްކާސްޓް ކުރުމަކީ ހުރިހާ ބްރޯޑްކާސްޓަރުންގެ ޒިންމާއެކެވެ.

ނޫސްވެރިޔާ ހުސެއިނަށް އޭޑީކޭގައި ފަރުވާ ދޭއިރު، މީޑިއާ ކައުންސިލްގެ މެމްބަރުންތަކެއް އޭނާގެ ހާލު ބައްލަވާލައްވަނީ.

އެހެންވެ، އެފަދަ މައްސަލަތައް މެދުވެރި ނުވާނެ ގޮތަކަށް ބްރޯޑްކާސްޓަރުންގެ ފަރާތުން ހަރަކާތްތެރިވާ ނޫސްވެރިންގެ އަމަލުތައް ބެހެއްޓުމަށާއި ބްރޯޑްކާސްޓިން ސްޓޭޝަންތަކުން ފޮނުވާ ކޮންޓެންޓް ބައްޓަން ކުރުމަށް މަގު ފަހިކުރުމުގެ ގޮތުން، އެކަށީގެންވާ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ބްރޯޑްކާސްޓިން ސްޓޭޝަންތައް ހިންގާ އިސް ވެރިންނަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ގޮވާލައިފަ އެވެ.

ފުލުހުންގެ ހުއްދަ ނެތި ގާނޫނާ ޚިލާފަށް ބާއްވާ މުޒާހަރާތަކާއި އެއްވުންތައް ޕްރޮމޯޓް ކުރުމާއި ބްރޯޑްކާސްޓް ކުރުމުގެ ސަބަބުން އެއްވެސް ގާނޫނަކާ ހިލާފުވާނަމަ އެ ކަމުގެ ފުރިހަމަ ޒިންމާ އެ ބްރޯޑްކާސްޓަރަކު ނަގަން ޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

މީގެ އިތުރުން، ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް ލާޒިމްކުރާ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި އުސޫލުތަކަށާއި ގައިޑްލައިންތަކަށާއި އަބުރު ރައްކާތެރި ކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް ވެސް ހުރިހާ ބްރޯޑްކާސްޓަރުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އެއާ ހިލާފަށް އަމަލުކުރަމުންދާ ބްރޯޑްކާސްޓަރުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ދީފަ އެވެ. އަދި ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ހަރަކާތްތެރިވާ ބްރޯޑްކާސްޓަރުންނަށް އެ ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ވެސް ދިނެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެ، އިދިކޮޅު ހަރަކާތުން ފަހަކަށް އައިސް ބާއްވާ އެއްވުންތައް ކަވަރު ކުރުމަށް ހަރަކާތްތެރިވާ ނޫސްވެރިންނަށް އަމާޒުކޮށް އިއްޔެ އާއި ރޭގެ އެއްވުންތަކުގައި ފުލުހުން އަނިޔާކޮށްފައިވާ ކަމަށް އެ ހަރަކާތް ކަވަރު ކުރުމަށް އުޅުނު ނޫސްވެރިން ބުނެ އެވެ. އޭގެ ތެރޭގައި ސީދާ ނޫސްވެރިންގެ މޫނަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖެހުމާއި އެއްވުން ކަވަރު ކުރުމަށް ގަސްދުގައި ހުރަސް އެޅުމާއި އަނިޔާ ކުރުން ހިމެނޭ ކަމަށް ބައެއް ނޫސްވެރިން ބުންޏެވެ.

މީގެ ތެރެއިން އެންމެ ބޮޑަށް އަނިޔާވީ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަނަށެވެ. އޭނާ ރޭ ދަންވަރުން ފެށިގެން އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާއިރު ވާތްފަރާތު އަރިކައްޓާ ދިމާލުން ވަނީ ލޭ ކޮށައިގެން ގޮސްފަ އެވެ. އެކަމަކު، އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.