މި ސަރުކާރު އައި ފަހުން ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އުފެދިފައިވާ ޗައިނާގެ ހަނގުރާމަމަތީ މަނަވަރުތަކެއް އިންޑިއާ ކަނޑުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އޮސްޓްރޭލިއާގެ ނޫހަކުން މިއަދު ރިޕޯޓްކޮށްފި އެވެ.

މިދިޔަ ހަފުތާ އިން ފެށިގެން މި މަނަވަރުތައް އިންޑިއާ ކަނޑުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ރިޕޯޓްކޮށްފައިވާއިރު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސިޔާސީ ބޮޑު ނުތަނަވަސް ކަމެއް ވަނީ އުފެދިފަ އެވެ. އިންޑިއާ އާއި ޗައިނާއިން ރާއްޖޭގައި ނުފޫޒު ގަދަކުރުމަށް މަސައްކަތްކުރަމުން އަންނައިރު އިންޑިއާގެ މަސްލަހަތުތައް ހިމާޔަތްކުރުމަށް އަސްކަރީ ބާރުގެ ބޭނުންކުރަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރަން ޖެހޭނެ ކަމަށް އިންޑިއާގެ ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވެފައިވެ އެވެ. އަދި އޭގެ ފަހުން، ރާއްޖެ ސަރަހައްދަށް ހާއްސަ އިންޑިއާ ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް ވެސް އިންޑިއާ ކަނޑުގައި ވަނީ ފަށައިފަ އެވެ.

އޮސްޓްރޭލިއާގެ "ނިއުސް" ވެބްސައިޓްގައި ބުނެފައި ވަނީ ޗައިނާ އިން އިންޑިއާ ކަނޑުގައި ހަރަކާތްތެރިވަނީ މިހާރު އުފެދިފައި އޮތް ހާލަތަށް އިންޑިއާ އިން ނުފޫޒު ފޯރުވުން ހުއްޓުވައި ޗައިނާއާ ގުޅޭ މަސްލަހަތުތައް ހިމާޔަތްކުރަން ކަމަށެވެ.

އިންޑިއާ ކަނޑުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނާ މަނަވަރުތައް.
އިންޑިއާ ކަނޑުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނާ މަނަވަރުތައް.

އިންޑިއާ ކަނޑުގައި ހަރަކާތްތެރިވަމުން އަންނަ އަސްކަރީ ހަތަރު އުޅަނދަކީ ޒަމާނީ ފެންވަރުގެ އުޅަނދުތަކެއް ކަމަށާއި އޭގެ ތެރޭގައި ޓޭންކަރެއް ވެސް ހިމެނޭ ކަމަށް ބުނެފައިވެ އެވެ. އެ އުޅަނދުތައް އިންޑިއާ ކަނޑުގައި ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް އިންޑި އާއި ޗައިނާއާ ދެމެދު ކުރިމަތިލުމަކަށް ނުދާނެ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ރާއްޖޭގެ ހާލަތު ސިފަކޮށްދެމުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސިފައިން ފޮނުވައިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުތަކެއް ހައްޔަރުކޮށްފައިވާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ. އަދި މި ކަމުގެ ތެރޭގައި ބޭރުން ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭގައިވެ އެވެ.

އަރަބި ކަނޑުގައި އިންޑިއާ ސިފައިން ކުރިއަށްގެންދާ، "ޕާޝިމް ލިހާރު"ގެ ނަން ދީފައިވާ ތަމްރީނު ތަކުގައި ހަނގުރާމަމަތީ 40 އަށް ވުރެ ގިނަ އުޅަނދު ބޭނުންކުރާ ކަމަށް އިންޑިއާގެ ނޫހެއް ކަމަށްވާ "ނިއު އިންޑިއަން އެކްސްޕްރެސް"ގައި ރިޕޯޓްކޮށްފައިވެ އެވެ. އެއްގަމާއި ކަނޑުގެ ސަރަހައްދުތަކުގައި ހިންގާ އެ ތަމްރީނުތަކުގައި ސަބްމެރީނާއި އެއާކްރާފްޓްތައް ބޭނުންކުރާ އިރު، އަސްލު މިސައިލާއި ހަތިޔާރު ވެސް ހިމެނޭ ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.

ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން އަމުރުކޮށް މި މަހު 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކުރި ފަހުން ޗައިނާގެ އަސްކަރިއްޔާގެ އެހީތެރިކަމަށް ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންނެވި ކަމަށް، އިންޑިއާގެ "ދަ ޓައިމްސް އޮފް އިންޑިއާ"އިން ވަނީ ރިޕޯޓުކޮށްފަ އެވެ. އެކަމަކު ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ވަނީ މި ވާހަކަތައް ދޮގުކޮށްފަ އެވެ.