މުޒާހަރާތަކުގައި ފުލުހުން އަމަލުކުރާ ގޮތް އެންއައިސީން މޮނިޓާ ކުރަން ފަށައިފި

އިދިކޮޅު ފަރާތްތަކުން ފަހަކަށް އައިސް މާލޭގައި ބާއްވާ މުޒާހަރާތައް ރޫޅާލުމާއި މުޒާހަރާގެ ބައިވެރިންނާ މެދު ފުލުހުން އަމަލުކުރާ ގޮތް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބަލަން ފަށައިފި އެވެ.


އެންއައިސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، މުޒާހަރާތައް ބާއްވާ ތަންތަނަށް އެ ކޮމިޝަންގެ މުވައްޒަފުން މިދިޔަ އަންގާރަ ދުވަހުން ފެށިގެން ގޮސް، މުޒާހަރާ ކުރާ މީހުންނާ މެދު ފުލުހުން ކަން ކުރާ ގޮތް ކައިރިން ބަލަމުން އަންނަ ކަމަށެވެ.

އަދި ފުލުހުންގެ އަމަލުތައް މޮނިޓާ ކުރުމަށް ފަހު، ރިޕޯޓް އެކުލަވާލައި، ކޮމިޝަންގެ މެމްބަރުންނަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ރޭގެ އެއްވުމުގައި ބައިވެރިވި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އެކަމަކު ރިޕޯޓާ މެދު ގޮތެއް ނިންމާނީ ކޮމިޝަންގެ މެމްބަރުން ބެލުމަށް ފަހު،" އޮފިޝަލް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުގެ އެއްވުންތައް މޮނީޓަ ކުރަން އެންއައިސީން މި ފެށީ، މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންގެ އިތުރުން ބައެއް އާންމުންނަށް ފުލުހުންގެ ފަރާތުން އަނިޔާތައް ވެ އެކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.

އެންއައިސީ އަކީ ފުލުހުންގެ އިތުރުން އިމިގްރޭޝަނާއި ކަސްޓަމާއި ކަރެކްޝަނަލް ސާވިސްއާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތައް ބަލަމުން އަންނަ މިނިވަން ކޮމިޝަނެކެވެ. ސަރުކާރުން އެންއައިސީ އުފެއްދީ، ފުލުހުންގެ މައްސަލަތައް ބެލުމަށް ކުރިން އޮތް ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) އުވާލުމަށް ފަހު އެވެ.

ހަތަރު މެމްބަރުން ތިއްބަވާ އެ ކޮމިޝަނުން މައްސަލަ ބެލުމަށް ފަހު އެ މުއައްސަސާއެއްގެ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅިދާނެ އެވެ. ޖިނާއީ މައްސަލައެއް ނަމަ، ކޮމިޝަނުން ތަހުގީގު ކޮށް، ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވެސް ފޮނުވުމުގެ ބާރު ކޮމިޝަނަށް ލިބެ އެވެ.

ޖަލުގެ ހުކުމްގައި ތިއްބެވި ނުވަ ބޭފުޅަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން މި މަހުގެ 1 ގައި ކުރި އަމުރަށް ފަހު، ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އަދި އެ ބޭފުޅުން

ދޫކޮށްލުމަށް ގޮވާލައި، އިދިކޮޅު ފަރާތްތަކުން ކޮންމެ ރެއަކު މާލޭގައި ދަނީ އެއްވުންތައް ބާއްވަމުންނެވެ.

އެމްޑީޕީގެ ހަރުގެ ކައިރީގައި ރޭ އެއްވުން ކުރިއަށް ގެންދާތީ، އެސްއޯ ފުލުހުން އެ ސަރަހައްދުގައި ފޯރިމަރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެކަމަކު އެ އެއްވުމަށް ކޮންމެ ރެއަކު ވެސް ވަކި ހިސާބަކުން ފުލުހުން ދަނީ ހުރަސް އަޅައި ރޫޅާލަމުންނެވެ. މުޒާހަރާތައް ރޫޅާލުމުގެ ތެރޭގައި ބައެއް އާންމުންނަށާއި ނޫސްވެރިންނަށް ވެސް އަނިޔާވެފައިވެ އެވެ.

ޖަލު ހުކުމުގައި ތިއްބެވި ނުވަ ބޭފުޅަކު ދޫކުރުމަށް އަންގައި މި މަހުގެ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގެ އެ ބައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހު، ބާކީ ތިން ފަނޑިޔާރުން ވަނީ ބާތިލް ކޮށްފަ އެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު މި މަހުގެ ފަސްވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައި ވަނީ، ވެރިކަން ބަދަލުކުރުމަށްޓަކައި ރިޝްވަތު ނެގި ކަމުގެ ތުހުމަތުގަ އެވެ. އެ ދެ ބޭފުޅުން ވެސް ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް ދަންމާލުމަށް މިދިޔަ އަންގާރަ ދުވަހު ނިންމައިފަ އެވެ.