ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގެ ސްޓޭޖުގައި ރޯކޮށްލައިފި

މާލޭހިޔާ ފްލެޓްތަކުގެ ފުރަގަހުން އޮންނަ ހުސްބިމުގައި ޕީޕީއެމުން ހަދާފައިވާ "ރުމާލު 2" ޖަގަހައިގެ ސްޓޭޖުގައި ރޭ ރޯކޮށްލައި ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.


ޕީޕީއެމްގެ ޒުވާނުން ގޮފީގެ ރައީސް އިބްރާހިމް ޔޫސުފް ވިދާޅުވީ ރޭ ފަތިހު 4:20 ހާއިރު އެތަނަށް މީހަކު ވަދެ، ޕެޓްރޯލް ޖަހައި، އެ ޖަގަހައިގެ ސްޓޭޖުގައި ރޯކޮށްލުމުގެ ސަބަބުން ސްޓޭޖާއި ޕޯޑިއަމްގެ އިތުރުން މޭޒެއް ބޭނުން ނުކުރެވޭވަރަށް އަނދާފައިވާ ކަމަށެވެ.

އޭނާ ބުނީ އެ ޖަގަހާގައި އަލިފާން ޖެހީ ސައިކަލުގައި ދިޔަ ދެ މީހެއްގެ ތެރެއިން އެކަކު، ޖަގަހަ ބަލަހައްޓަން ހުރި ސެކިއުރިޓީ އަށް ބިރު ދައްކައި އެތެރެއަށް ވަނުމަށް ފަހު ކަމަށެވެ. އަލިފާން ރޯކުރަން ފުރަތަަމަ އުޅުނީ ޖަގަހައިގެ ފަސްޓް ފްލޯގައި ހިންގާ ޕީޕީއެމް ސޯޝަލް މީޑިއާ އޮފީހުގައި ކަމަށް ވެސް އިބްރާހިމް ވިދާޅުވި އެވެ.

ޕީޕީއެމް ރުމާލު2 ޖަގަހާގައި ރޯކޮށްލުމުން ޕޯޑިއަމަށް ބޮޑެތި ގެއްލުންތަކެއް ވެފައި-- ފޮޓޯ: ޕީޕީއެމް

"އޮފީހަށް އަރައި ފުރަތަމަ އުޅުނީ އެތާގައި ރޯކޮށްލަން. އެތަނުގައި ދަގަނޑު ގޭޓެއް ލައިފަ ހުރީމަ ނޭރުނީ. އެހެންވެ ތިރީގައި ހުންނަ ސްޓޭޖުގައި ރޯކޮށްލައިފައި ދިޔައީ،" ސެކިއުރިޓީ ގާޑާ ހަވާލާދީ އިބްރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ސްޓޭޖުގައި ރޯކޮށްލި އަލިފާންގަނޑު ނިއްވާލީ ސެކިއުރިޓީ ގާޑު ފެން ޖަހައިގެންނެވެ.

ޕީޕީއެމް ޖަގަހައިގެ ސްޓޭޖުގައި ރޯކޮށްލާފައި-- ފޮޓޯ: ޕީޕީއެމް

އަލިފާން ރޯކޮށްލި މީހާ ހުރީ މޫނު ނިވާކޮށްގެން ނޫން ކަމަށާއި އެ ޖަގަހައަކީ ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުންނަ ތަނަކަށް ވާތީ، އެ މަންޒަރުތައް ރެކޯޑް ކުރެވިފައިވާ ކަމަށް ވެސް އިބްރާހިމް ވިދާޅުވި އެވެ. އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.

ނަމަވެސް މައްސަލާގެ ތަހުގީގާ ގުޅޭގޮތުން ފުލުހުންގެ ކޮމެންޓެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

ރުމާލު 2 ޖަގަހައަކީ ޕީޕީއެމުން މާލޭގައި ބާއްވާ ޖަލްސާތައް ބާއްވާ މައި އެއް ޖަގަހަ އެވެ.