ފެބްރުއަރީ 1 ގެ އަމުރު ނެރުމުގައި ތިން ފަނޑިޔާރުންގެ ނުބައި ނިޔަތެއް ނެތް: ދައުލަތް

ސިޔާސީ އިދިކޮޅު ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ފެބްރުއަރީ 1 ގައި ނެރުނު އަމުރުގައި، ސުޕްރީމް ކޯޓުގައި މިހާރު މަސައްކަތް ކުރައްވާ ތިން ފަނޑިޔާރުން ސޮއި ކުރެއްވީ ނުބައި ނިޔަތެއް އޮވެގެން ނޫން ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.


ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ބަދަލުކުރަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާއާ ގުޅިގެން ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ފަޒްނާ އިޝާރާތް ކުރެއްވި ތިން ފަނޑިޔާރުންނަކީ އާދަމް މުހައްމަދު އަބްދުﷲ އާއި އަބްދުﷲ އަރީފާއި ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

ރިޝްވަތު ނަގައިގެން، ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން އުޅުމުގެ ތުހުމަތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ދެ ބޭފުޅުން ވަނީ ޓެރަރިޒަމްގެ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ސިޔާސީ އިދިކޮޅު ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ފެބްރުއަރީ 1 ގައި ނެރުނު އަމުރުގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރެއްވި ނަމަވެސް، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭ ހައްޔަރު ކުރުމަށް ފަހު، ޖެހިގެން އައި ދުވަހު ވަނީ އެ އަމުރުގެ އެ ބައި ބާކީ ތިއްބެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލް ކޮށްފަ އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ވ) އަދި ފަނޑިޔާރު އަލީ ހަމީދު.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ކުރެއްވި ސުވާލެއްގެ ޖަވާބުގައި، މިއަދުގެ ޝަރީއަތުގައި ދައުލަތުގެ ވަކީލާ ފަޒްނާ ވިދާޅުވީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު އަމުރު ނެރުމުގައި ބައިވެރިވެވަޑައިގެންނެވީ ނުބައި ނިޔަތެއް އޮވެމެ، ނާޖައިޒު ފައިދާ ނަންގަވައިގެން ކަން ތަހުގީގަށް ހާމަވެފައިވާ ކަމަށެވެ.

އެ ދެ ފަނޑިޔާރުން ރިޝްވަތު ނަގައިގެން، އޭގެ މުގާބިލުގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުން ފްލެޓު ގަތުމަށް މަސައްކަތް ކުރެއްވި ކަމަށް ފަޒްނާ ވިދާޅުވި އެވެ. އެކަމަކު، މިހާތަނަށް ކުރި ތަހުގީގުން ސުޕްރީމް ކޯޓުގެ އަނެއް ތިން ފަނޑިޔާރުން އަމުރުގައި ސޮއި ކުރެއްވުމުގައި ނުބައި ނިޔަތެއް ނުވަތަ ނުފޫޒެއް ނެތް ކަން ހާމަވެފައިވާތީ، އެބޭފުޅުންގެ މައްސަލަ ތަހުގީގު ކޮށްފައި ނުވާ ކަމަށް ފަޒްނާ ވިދާޅުވި އެވެ.

ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާ ސުވާލު ނުކުރެއްވީ ކީއްވެތޯ ގާޒީ ހައިލަމް އެއްސެވުމުން ފަޒްނާ ވިދާޅުވީ އެބޭފުޅުންނާ ސުވާލު ކުރަން ޖެހޭ ފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.

ނަމަވެސް، އަލީ ހަމީދުގެ ވަކީލް، އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވަނީ އަލީ ހަމީދުގެ ދިފާއުގައި އެ ތިން ފަނޑިޔާރުންގެ ހެކި ބަސް ނަގަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އޭރުން އަލީ ހަމީދުގެ ނުބައި ނިޔަތެއް ނެތް ކަން ހާމަވާނެ ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވި އެވެ. އެކަމަކު، ހައިލަމް ވަނީ މިއަދުގެ އަޑުއެހުމަކީ ހެކި ހުށަހެޅުމަށް ބާއްވާ އަޑުއެހުމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

ގާޒީ ހައިލަމް ވިދާޅުވި ގޮތުގައި މައްސަލަ ހުށަހަޅައިގެން އުޅެނީ ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގެ ސައްހަ ކަމާ މެދު ސުވާލެއް އުފެދިގެން ނޫނެވެ. އަދި އަލީ ހަމީދު ކުރެއްވި ކަމަކީ ކޮބައިކަން ޝަރީއަތަށް ސާފު ނުވާ ކަމަށް ހައިލަމް ވިދާޅުވުމުން، އެކަން ފަޒްނާ ތަފްސީލް ކޮށްދެއްވި އެވެ.

ހައިލަމްގެ ގިނަ ސުވާލުތަކެއް ދައުލަތުގެ ވަކީލަށް

ފަޒްނާ ވިދާޅުވި ގޮތުގައި ފަނޑިޔާރު އަލީ ހަމީދު އަމުރު ނެރުއްވީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި ރިޝްވަތު ނަގައިގެން، ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން ކަން ހެކިންގެ ހެކި ބަހުން ޝަރީއަތަށް ސާބިތުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ފަޒްނާގެ ވާހަކަތަކާ ގުޅިގެން ގާޒީ ހައިލަމް ވަނީ ފަނޑިޔާރު އަލީ ހަމީދު ކުރެއްވި ކުށުގެ އުންސުރަކީ ކޮބައިތޯ ސުވާލު ކުރައްވައިފަ އެވެ. ޖަވާބުގައި ފަޒްނާ ވިދާޅުވީ މައްސަލަ ކޯޓަށް ހުށަހެޅީ އަމުރު ނެރުން ގޯސްވެގެން ނޫން ކަމަށާއި އަމުރު ނެރުމުގައި ނުބައި ނިޔަތެއް އޮތުމާއި ރިޝްވަތު ނަގައިގެން އަމުރު ނެރުއްވީމަ ކަމަށެވެ.

އަލީ ހަމީދުގެ ނުފޫޒު އޮވެގެން ކުރި ކަމެއް ސާފު ނުވާތީ އެކަމާ ގުޅިގެން ގާޒީ ހައިލަމް ސުވާލު ކުރެއްވުމުން ފަޒްނާ ވިދާޅުވީ، އަމުރު ނެރެގެން ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވަން އަލީ ހަމީދު އުޅުއްވި ކަމަށެވެ. އަދި ސަރުކާރު ވައްޓާލަން އުޅުނު ކަން ސާބިތުވާނެ ކަމަށް ފަޒްނާ ވިދާޅުވި އެވެ. ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ފަނޑިޔާރު އަލީ ހަމީދަށް އަންނާނެ އެވެ.

ފަޒްނާ ވިދާޅުވި ގޮތުގައި ފަނޑިޔާރު އަލީ ހަމީދު 2013 އިން ފެށިގެން އެކި ދުވަސްމަތިން ކަންތައްތައް ހިންގާފައި ވަނީ ނުބައި ނިޔަތެއް އޮވެގެން ކަން ހެކިންގެ ހެކި ބަހުން ސާފު ވާނެ އެވެ. މިއީ ކުށުގެ މަގްސަދާއި ނިޔަތް އޮވެގެން ގާނޫނާ އެއްގޮތަށް ހުށަހެޅި ދައުވާއެއް ކަމަށް ފަޒްނާ ވިދާޅުވި އެވެ.

އިބްތިދާއީ އަޑުއެހުމުގައި ވަނީ ދެ ފަރާތުން ބޭނުންވާ ހުށަހެޅުންތައް، ހުށަހެޅުމުގެ ފުރުސަތު ދީފަ އެވެ. އެގޮތުން ދައުލަތުގެ ވަކީލުންނާއި ދިފާއީ ވަކީލުން ގިނަ ކަންތައްތަކެއް ހުށަހަޅާފައިވެ އެވެ.

އެގޮތުން ދައުލަތުން ވަނީ ހެކި ބަސް ދޭ މީހާ އަށް ހިމާޔަތް ދެވޭ ގޮތަށް އެމީހުންގެ މައުލޫމާތު ސިއްރުކޮށް ދިނުމަށާއި ހެކި ބަސް ނަގާއިރު، އަޑު ބަދަލުކޮށްގެން ނެގުމުގެ ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން، ހެކި ރައްކާތެރިކޮށް ދިނުމުގެ އަމުރެއް ނެރެ ދިނުމަށާއި ފަނޑިޔާރު އަލީ ހަމީދުގެ ތަހުގީގުގެ ބައި ނިމުނަސް، މި މައްސަލައާ ގުޅުން އެހެން މީހުންގެ ތަހުގީގުތައް ކުރިއަށް ދާތީ، އެއްވެސް ކަމެއް ތަހުގީގުން ހާމަވެއްޖެ ނަމަ، އެކަން ހުށަހެޅުމުގެ ފުރުސަތަކަށް ދައުލަތުން ވަނީ އެދިފަ އެވެ. އަދި ދައުލަތުން އެދުނު ގޮތަށް، ހެކި ސިއްރު ކުރުމަށާއި ދާއިމީ ގޮތެއްގައި ހެކި ރައްކާތެރިކޮށް ދިނުމުގެ އަމުރެއް ގާޒީ ނެރެދެއްވި އެވެ. އަދި ފަހުން ފާޅުވާ ހެއްކެއް ނަމަ، ހެކީގެ ބާވަތަށް ބަލާފައި ބަލައިގަންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

މި މައްސަލައިގައި ފަނޑިޔާރު އަލީ ހަމީދުގެ ވަކީލުންގެ ޓީމުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ދަށުން މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނާ ހުއްޖަތްތަކެކެވެ. ނަމަވެސް، އެކަންކަން ބަލައިގަނެވެން ނެތް ކަމަށް ގާޒީ ހައިލަމް ވަނީ ނިންމަވައިފަ އެވެ.

ޓެރަރިޒަމްގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ ވެސް ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ކުރެ އެވެ. އަދި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅިކަން ސާބިތުވެ، ފަނޑިޔާރު އަލީ ހަމީދަށް މިދިޔަ ހަފްތާގައި ވަނީ އެއް އަހަރަށް ވުރެ ގިނަ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފަ އެވެ.