މިދިޔަ މޭ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވޯޓު ލައްވަނީ.
29 ޖޫން 2018 - 10:20
މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާނެތީ، އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނިންމަވައިފި އެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ނަޝީދު މިކަން ހާމަކުރެއްވީ އިދިކޮޅު ފަރާތްތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕްގެ ވަޓްސްއެޕް ގްރޫޕަށް މީގެ އިރުކޮޅެއް ކުރިން ފޮނުއްވި މެސެޖެއްގަ އެވެ.
އެމަނިކުފާނު، އެ މެސެޖުގައި ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ނިންމެވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމުގެ ގޮތުން ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އެ ނިންމެވުން އިއުލާން ކުރައްވާނީ އއ. އުކުޅަހުގައި މާދަމާ ބާއްވާ އެމްޑީޕީގެ ކޮންގްރެސްގަ އެވެ.
ނަޝީދުގެ ބަދަލުގައި ދެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ހަމަޖައްސާނީ ބެލެވޭ ގޮތުގައި، އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިކް (އިބޫ) އެވެ. އެކަމާ މެދު އެމްޑީޕީގެ ކޮންގްރެސްގައި ގޮތެއް ނިންމާނެ ކަމަށް ވެ އެވެ.
އިދިކޮޅު ހަރަކާތުގެ ޕާލަމެންޓްރީ ގުރޫޕުގެ ފަރާތުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބޫ ވާހަކަ ދައްކަވަނީ: އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ދެން ހަމަޖައްސާނީ އިބޫ ކަމަށް ބެލެވޭ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި އެ ގައުމުގެ ސަރުކާރުގެ ހިމާޔަތް ހޯއްދަވާފައިވާ ނަޝީދަށް ޖަލު ހުކުމް އައީ އެމަނިކުފާނުގެ ވެރިކަމުގައި، ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ބަންދުކުރި މައްސަލައިގަ އެވެ. އެ ހުކުމާ އެކު، ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން ނަޝީދަށް ވަނީ ބަންދުވެފަ އެވެ.
މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީ ނަޝީދު ކާމިޔާބު ކުރައްވައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގެންނެވުމުން، އިދިކޮޅު ކޯލިޝަންގެ އެހެން ޕާޓީތަކުން އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވެ އެވެ. ސަބަބަކީ ކޯލިޝަނުން އެއް ކެންޑިޑޭޓަކު ނެރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ރިޔާސީ ކެންޑިޑޭޓަކަށް ވުމަށްޓަކައި ނަޝީދު ވަކިން މަސައްކަތްޕުޅު ކުރައްވާތީ އެވެ.
ނަޝީދުގެ ނިންމެވުމާ ގުޅިގެން، އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕްގެ ވަޓްސްއެޕް ގުރޫޕްގައި އެމަނިކުފާނަށް އަންނަނީ ތައުރީފު ކުރަމުންނެވެ.
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ނަޝީދު ނިންމެވީ ވަރަށް ހިތްވަރުގަދަ ނިންމެވުމެއް ކަމަށެވެ.
"ވަރަށް ގިނަ ބައެއްގެ ހާސްކަން ފިލައިގެން ދާނެކަން ޔަގީން،" އޭނާ ވިދާޅުވި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު ވިދާޅުވީ ރާއްޖޭގެ އެތައް ހާސް ބަޔަކު ބޭނުންވަނީ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ނަޝީދު ވާދަކުރައްވަން ކަމަށެވެ. އަދި ނަޝީދު ފަދަ މުރާލި، ހިތްވަރުގަދަ ބޭފުޅެއްގެ ކެމްޕެއިން ގައި މަސައްކަތް ކުރެއްވުމަކީ ބޭނުންވި ކަމެއް ކަމަށް މަހްލޫފު ވިދާޅުވި އެވެ.
"ނަމަވެސް ވަގުތާއި ހާލަތަށް ބައްލަވައި މިއަދުގެ ތިޔަ ނިންމެވުމަކީ ހަގީގަތުގައި ވެސް ވަރަށް ހިތްވަރުގަދަ ނިންމެވުމެއް. ރައީސް [ނަޝީދު] ގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތާއި އޭގެ ފަހުން ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކާ ފެށުނީއްސުރެ ވެވަޑައިގެންނެވި ގުރުބާނީ އާއި އަދި ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމަށް ރައީސް ގެންގުޅުއްވާ ވިސްނުންފުޅަށްޓަކައި އަމަލީ ސިފަ ގެންނެވުމަށް ރައީސަށް އެ ފުރުސަތު ހައްގުކަން އަޅުގަނޑު ހިތުގެ އަޑިން ގަބޫލުކުރަން،" މިހާރު ގޭ ބަންދުގައި ހުރި މަހްލޫފް ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލައްވަން ނަޝީދު ނިންމެވިއިރު، އެމަނިކުފާނު މިހާތަނަށް ވިދާޅުވަމުން ގެންދެވީ، އެ އިންތިޚާބުގައި ވާދަކުރައްވަން ފަހު ވަގުތު ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށެވެ.
"މިހާރު އޮތް ގޮތުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނެތް. އެކަން ދެމިގެންދާނެ އެންމެ ފަހު ވަގުތާ ހަމައަށް. އެކަމަކު އެންމެ ފަހުން ނިންމާނެ އަޅުގަނޑަށް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް. މި އުއްމީދު ކުރަނީ ވެސް އެ އިންތިޚާބު ވެސް އަނެއްކާ ވެސް ކާމިޔާބު ކުރުމަށް،" ސްރީ ލަންކާގެ ދަ ކެޕިޓަލް މަހާރާޖާ އޯގަނައިޒޭޝަން (ޓީސީއެމްއޯއެލް)ގެ އަހަރީ ޖަލްސާގައި މިދިޔަ އޭޕްރީލް މަހު ދެއްވި ތަގުރީރަށް ފަހު، ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވެފައި ވެ އެވެ.
ނަޝީދު ޖަލަށް ލުމަށް މާޗް 13، 2015 ގައި ހުކުމް ކޮށްފައި ވިޔަސް، މިހާތަނަށް އެ މަނިކުފާނު ތަންފީޒު ކުރައްވާފައި ވަނީ ހުކުމްގެ ވަރަށް ކުރު މުއްދަތެކެވެ. ހުކުމް ކުރިތާ 10 މަހާއި ތިން ދުވަސް ފަހުން، ޖެނުއަރީ 18، 2016 ގައި ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ފުރާވަޑައިގެންނެވި ގޮތަށް އުޅުއްވަމުން އެ ގެންދަވަނީ ރާއްޖޭން ބޭރުގަ އެވެ. ފަހަކަށް އައިސް އާންމުކޮށް އުޅުއްވަނީ ސްރީ ލަންކާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަމަނޫން ކެނެރީ
30 June 2018
އަހަރެންވެސް ކުރިމަތި ނުލާން ނިންމައިފިން! ދެން އެންމެން އައްޖަހާ!!!
ދޮންހަސަންބެ
30 June 2018
ވަރަށް ސަނާ ކިޔާހަދާ އެބަ. އެކަމަކު މި ގައުމު މިހާލަތަށް ވައްޓާލީ ނަޝީދު އަމިއްއެދުން. ގާނޫނު އަސާސީ އިސްލާހުކުރުމަށް ޔާމީނަށް ފުރަސަރު ލިބުނީ ނަޝިދު އާއި އެމްޑީޕީ ގެ އިސްސަފުގައި ތިބި މީހުންގެ އަމިއްލަ އެދުން ބޮޑުކަމުން . މައަދު މާ ރައްޔިތުންނަށް ހެޔޮއެދޭ މީހަކަށް އަދި ބަޔކަށް ވެގެން އުޅުނުކަސް.އެމްޑީޕީ، ނަޝީދު (އަންނި) އަދި ޔާމީން އަކީ ވަރަށް އަމިއްލަ އެދުން ބޮޑު ގައުމުގެ މަސްލަހަތަށް ވުރެން އަމިއްލަ އެދުމަށް އިސްކަންދޭ ފަރާތްތަކެއް.ތިޔަކޯލިޝަނަށް ހަދައިގެން ވެސް ނަޝީދު އާއި އެމްޑީޕީ ބޭނުންވީ ހަމައެކަނި ނަޝީދު އަކީ އިދިކޮޅުރިޔާސީ ކެންޑީޑޭޓް ކަމުގައިހަދައިގެން ނިކުމެ ދެންތިބިމީހުންގެ ބޭނުންކޮއްގެން އިންތިހާބު ކާމިޔާބުކުރަން. ނަޝީދުއާއި އެމްޑީޕީ އިންބޭނުންވީ ރިޔާސީ ކެންޑީޑޭޓް އަދި ރަނިންގްމޭޓް ވެސް އެ ޕާރޓީން ނެރެން، ނަޝިދު ބޭނުންވާ ގޮތަށް ކަންކުރަމުންދިޔައީ.. އެގޮތަށް ގުޅިފައިވާ ޕާރޓީތަކުން އެއްބަސްވިނަމަ ބުނާނެ ހުރިހާ މިނިސްޓަރުންނަށްވެސް ތިބެން ޖެހޭޏީ އެމްޑީޕީ ގެ މީހުނޭ..
ރާއްޖެ
29 June 2018
މުހައްމަދު ނަޝީދުގެ ނަން 2018 ރިޔާސީ އިންތިހާބުގަ ނޯންނާނެ އޭ ކިޔާތާ ކޮންދުވަހެއް؟ ހަމަ ބަޔަކު ހަރުގެޔަކަށް ވަދެ އޮންނާނެއޭ ކިޔާ ވީދުނަކަސް ހަސަން ލަތީފަށް ވެސް އެނގޭނެ އެފުރުސަތެއް ނެތްކަން.
ރާއްޖެ
29 June 2018
ވޯޓްް ދޭންވީ އަންނި، ޔާމީން، ގާސިމް ބުނާ މީހަކަށް ނޫން. ތިމާ އަމިއްލަ ވިސްނުމުން ގައުމަށް އެންމެ ރަގަޅު ކެނޑިޑޭޓަކަށް. ވޯޓް އަޅަންވީ އެންމެ ގިނަ ފައިސާ އިންތިޚާބަށް ހޭދަ ކުރާ މީހަކަށް ނޫން. ގައުމުގެ ތަނަވަސް ކަން އިތުރު ކުރާނެ މީހަކަށް. ދިވެހިން އަބަދުވެސް ވޯޓްލައި އުޅޭނީ ވަކި މީހަކު މިހިރީއޭ ކިޔާ ބުނާ މީހަކަށް، ނުވަތަ އެންމެ ގިނަ ފައިސާ ދޭ ކެނޑިޑޭޓަކަށް. މިވިސްނުން ނެތިކޮއްގެން ނޫނީ ގައުމެއް ކުރިއަކަށް ނުދާނެ.
ރެޓޭ
29 June 2018
މީގެން އެނގުނު އެއްޗަކީ 1 ފެބްރުއަރީ ހުކުމުން ޔާމީނު ކުޑަކަކޫ މައްޗަށް ތިރިވިގިތޮށް ، ނަޝީދުވެސް މިހާރު ކުޑަކަކޫ މައްޗަށް ތިރިވެއްޖެކަން!
ލެންޑް
30 June 2018
ވަރަށް ތަފާތު. ޔާމީނު އަމިއްލަ މަސްލަހަތު އިސްކުރީ. ރައީސް ނަޝީދު ގައުމީ މަސްލަހަތު އިސްކުރީ. އެކަމަށްޓަކައި ތިރިވާން ޖެހުނަސް އެކަން ކުރައްވާނީ ވަރަށް ހިތްވަރު ގަދަ ގައުމީ ލީޑަރުން. މިއަދު ރައީސް ނަޝީދަށް އެންމެންގެ ލޯތްބާއި އިހްތިރާމް އޮހެމުން އެ ދަނީ. މަރުހަބާ މަރުހަބާ ރައީސް ނަޝީދު
ޖަހޯބަރާ
29 June 2018
އިންތިހާބަށް ކުރިމަތި ނުލާން ނިންމީ އެއްނޫން! ކުރިމަތިލާން ބޭނުންވިއަސް ލެވޭނެ އެއްގޮތެއްވެސް ނެތްކަން ޔަގީން ވީ!
އައިމިނާ
29 June 2018
ކުރިމަތި ލެއްވިޔަސް އެވަރުވާނެ. ނުލެއްވިޔަސް އެވަރުވާނެ
ފާތުމާ
29 June 2018
ހަސަންމަނިކްފާނު ޖެހޭނީ ޔާމީން ގޮވައިގެން ފަރަށް ދާން...ހަޖަމްކޮށްލައިގެން ނިދާ ދެން....
އިބުރާހީމް
29 June 2018
އެމްޑީޕީއަކީ ސިޔާސީ ޕާޓީއެއް . ސިޔާސަޕާތީއެއް ނޫން ! އެމްޑީޕީގެ އިސްވެރިން ކަންކަން ނިއްމަވާނީ ރައްޔިތުންނަށް އެއްމެ ފައިދާހުރި ގޮތަކަށް !
ޓީނު އަދުރޭ
29 June 2018
އަހަރަމެން ގެ ސަޕޯރޓް ވެސް އިބޫ އަށް