ނަޝީދުގެ ކަރު ބުރިކޮށްލަން ގޮވާލި މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ހުޅުމާލޭގައި ޕީޕީއެމުން ބޭއްވި ރެލީއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރު ބުރިކޮށްލަން ގޮވާލި މައްސަލަ ތަހުގީގުކުރަން އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.


އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ބޭއްވި ހަރަކާތުގައި ޕީޕީއެމްގެ އެކްޓިވިސްޓަކު ނަޝީދުގެ ކަރު ބުރިކޮށްލަން ގޮވާލި ގޮވާލުމަކީ ސާބިތު ހެކި ލިބިފައިވާ ކަމެއް ކަމަށެވެ. އެހެންވެ ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި އެކަން ކުރި މީހަކާ ދޭތެރޭ ފިޔަވަޅު އަޅަން ގޮވާލާފައި ވެ އެވެ.

އިންޑިއާ އިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ސުބްރަމާނިއަމް ސުވާމީ މިިދިޔަ ހުކުރު ދުވަހު ވިދާޅުވެފައިވާތީ އެކަން ކުށްވެރިކޮށް ދެއްކި ވާހަކަ، ޕީޕީއެމްގެ ސަޕޯޓަރު ނިންމާލީ ރައީސް ނަޝީދުގެ ކަރު ބުރިކޮށްލާނެ ކަމަށް ބުނަމުންނެވެ.

"ރާއްޖެ އަށް އަރާ އިދިކޮޅު ފަރާތްތައް، އިންޑިޔާ އިން އަޔަސް، ކޮންމެ ތަނަކުން އަޔަސް، އަންނި އަޔަސް ދެން ކަރު ބުރިކޮށްލާނީ. ކަރު ހަމަ ބުރި އަރުވާލާނީ،" ޕީޕީއެމްގެ ފިޔާތޮށި ޓީޝާޓާއި ދިދަތައް ހިފައިގެން ބޭއްވި އެ ރެލީގައި އަންހެން ސަޕޯޓަރު ބުންޏެވެ.

އޭނާގެ އެ ވާހަކައާ އެކު އާއްމުންގެ ފާޑު ކިޔުން ވަރަށް ބޮޑަށް އަމާޒުވެފައި ވެ އެވެ. އަދި އެ މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބެލުމަށް ވެސް ގޮވާލާފައި ވެ އެވެ.

އެމްޑީޕީން ބުނީ ސިޔާސީ ޕޯޑިއަމްތަކާއި ކެމްޕޭން ހަރަކާތްތަކުގައި ބޯ ބުރިކޮށް މަރަން ގޮވުން ފަދަ ކަންކަމަށް ޖާގަ ދެވިގެންނުވާނެ ކަމަށެވެ. އަދި އެކަން ކުރަމުންދާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް އެ ޕާޓީގެ ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ..

"އެހެންކަމުން ރައީސް މުހައްމަދު ނަޝީދުގެ ކަރު ބުރިކޮށްލުމަށް އާއްމު ހަރަކާތެއްގައި ލައުޑް ސްޕީކަރުން ގޮވާލި ފަރާތާ މެދު މިހާރުން މިހާރަށް ފިޔަވަޅު އަޅައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ގޮވާލަމެވެ. ހިޔާލު ތަފާތުވާ ކޮންމެ ހިނދެއްގައި މީހުން މެރުމާއި އަނިޔާވެރިވުމަށް ހިތްވަރު ލިބޭ ފަދަ ކަންކަން ކުރުން ދުރުވުމަށް އަބްދުﷲ ޔާމީނަށް ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

އަންނަ މަހުގެ 23ގައި އޮންނަ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ސިޔާސީ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަކަން ފާހަގަކޮށް އެ ކަންތައްތަކަކީ ސުލްހަވެރިކަމާ އެކު ހިންގާ ހަރަކާތްތަކަށް ވާންޖެހޭނެ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީން ބުންޏެވެ. ނަމަވެސް ކެމްޕެއިން ކުރުމުގެ މިންގަނޑުތަކާ ހިލާފަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ހަރަކާތްތައް ހިންގަމުންދާ ކަމަށް ބުނެ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.