މެލޭޝިއާ އަށް ކުރެއްވި ދަތުރުފުޅުގައި ކިޔަވާ ކުދިންނަށް ދިމާވެފައިވާ ދަތިތައް އެނގިވަޑައިގެންފި ކަމަށާއި ކޯލިޝަން ސަރުކާރެއްގެ ފުރަތަމަ ދުވަހުން ފެށިގެން އެކަންކަން ހައްލު ކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

މެލޭޝިއާގެ ވެރިރަށް ކުއާލަމްޕޫރުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިންނާ ބައްދަލުކުރައްވައި ފައިސަލް ވިދާޅުވީ މިވޭތުވެދިޔަ ތަނުގައި ކަން ހިނގާފައިވާ ގޮތާ މެދު ކިޔަވާ ކުދިން ވިސްނަން ޖެހޭ ކަމަށެވެ.

ކިޔަވާ ކުދިންނާއި ބެލެނިވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވިސާގެ ދަތިކަމާއި ފައިސާ ލިބޭނެ މަގުތައް ކަމަށްވާއިރު އެކަންކަން ހައްލުކުރަން ވެރިކަމުގެ ފުރަތަމަ ދުވަހުވެސް މަސައްކަތް ކުރައްވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ކޯލިޝަންގެ ވެރިކަމެއް ހިންގާނީ ތަފާތު ކުރުމެއް ނެތި ޒުވާނުންނަށް ފުރުސަތު ދީގެން ޒުވާނުން ބައިވެރިކޮށްގެން ކަމަށް ފައިސަލް ވިދާޅުވި އެވެ. ހުނަރުވެރި ޒުވާނުންނަކީ ގައުމުގެ ކަންކަމާ ހަވާލުވާ ބަޔަކަށް ހައްދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން މެލޭޝިއާގެ ރައްޔިތުންނާ ބައްދަލު ކުރެއްވުން-- ފޮޓޯ: ކޯލިޝަން
އިދިކޮޅު ކޯލިޝަނުން މެލޭޝިއާގެ ރައްޔިތުންނާ ބައްދަލު ކުރެއްވުން-- ފޮޓޯ: ކޯލިޝަން

" އެފުރުސަތު އޮންނާނީ ވަކި ރަށަކަށް ވަކި ކުލައަކަށް ވަކި އާއިލާއަކަށް ނުބަލައި އެކުއްޖެއްގެ ހުނަރުގެ މައްޗަށް ބިނާކޮށް،" ފައިސަލް ވިދާޅުވި އެވެ.

ކިޔަވާ ކުދިންނާއި ބެލެނިވެރިން ކުރާ މަސައްކަތް ބޭކާރު ވެގެން ދިޔަ ނުދެއްވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. އެގޮތުން އެބޭފުޅުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމުގެ ހުރިހާ ދޮރެއް ހުޅުވައިދެއްވާނެ ކަމުގެ ވައުދު ފައިސަލް ވެވަޑައިގެންނެވި އެވެ.

ގިނަ އަދަދެއްގެ ކިޔަވާ ކުދިންނާއި ދިވެހި އާއިލާތައް ދިރިއުޅޭ މެލޭޝިއާއިން އާސަންދަ ލިބޭނެ އިންތިޒާމް ކޯލިޝަންގެ ވެރިކަމެއްގައި ހަމަޖައްސައި ދެއްވާނެ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

ސަރުކާރާ ހަވާލުވެވަޑައިގަންނަވަނީ ރައްޔިތުންނަށް ހިދުމަތް ކޮށްދޭން ކަމަށާއި އެއީ ގާތް މީހުންނަން ކަންކަން ކޮށްދިނުމަށް އަންނަ މަގާމެއް ނޫން ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ