ޚާޝުގްޖީގެ މަރުން ރިލްވާންގެ ހަނދާންތަކާއި ސަރުކާރުގެ އިހުމާލު!

މީގެ ހަތަރު އަހަރު ކުރިން ވަގަށް ނެގި، ދިވެހި ނޫސްވެރިޔާ އަހްމަދު ރިލްވާނަށް ވީ ގޮތް ބުނެދޭނީ ކޮންއިރަކުން ހެއްޔެވެ؟ ސައުދީގެ ނޫސްވެރިޔާ، ޖަމާލް ޚާޝުގްޖީ އަށް ހެދި ގޮތަށް ރިލްވާން ވެސް މަރާލީ ހެއްޔެވެ؟ ދުނިޔޭގައި އެބަހުރި ހެއްޔެވެ؟ ރިލްވާން ގެއްލުން މާބޮޑު ކަމަކަށް ނުހެދި ދިވެހި ސަރުކާރުގެ އިހުމާލު، އެކަމުގައި އޮތް ކަމަށް އެއްބަސްވާނީ ކޮން އިރަކުން ހެއްޔެވެ؟


މިއީ، ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް މި މަހުގެ ދެ ވަނަ ދުވަހު ވަން ފަހުން ގެއްލުނު ނޫސްވެރިޔާ ސައޫދީގެ ޖަމާލް ޚާޝުގްޖީ މަރުވީ ކަމަށް އެ ގައުމުން މިއަދު އެއްބަސްވުމާ އެކު، ދިވެހި ސަރުކާރަށް، ސޯޝަލްމީޑިއާގައި ތަކުރާރުކުރި ސުވާލުތަކެވެ. ރިލްވާނަށް އިންސާފަށް އެދޭ މީހުންނާއި ގާތް އެކުވެރިން މި ސުވާލުތަކުން ހިތްހަމަނުޖެހުން ފާޅުނުކުރަންވީ ސަބަބެއް ނެތެވެ.

ރިލްވާން އަށް ވީ ގޮތެއް ހޯދަން ހިންގާ ކެމްޕޭންގެ ޕޯސްޓަރެއް

ރިލްވާން ހޯދަން ފުލުހުން ކުރި ތަހުގީގުން ފެންނަނީ މުޅިން ވެސް އިހުމާލެވެ. ސަރުކާރުގެ ފަރާތުން ފެނުނީ، ރިލްވާން ހޯދަން ކުރި މަސައްކަތަށް ހުރަސްއެޅި ތަނެވެ. އިންސާފަށް އުފުލި އަޑުތައް ކަނޑުވާލަން ކުރި މަސައްކަތެވެ.

ޚާޝުގްޖީގެ މަރާއެކު ރިލްވާން ކޮބައިތޯ ސުވާލު އުފައްދައި މީހަކު ކޮށްފައިވާ ޓުވީޓެއް.

ފުރާނަ އަށް ނުރައްކާވާ ހިސާބަށް ސައޫދީގައި ދިއުމުން، މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އަމިއްލަ އަށް އަރުވާލެވިގެން އެމެރިކާގައި ދިރިއުޅުނު ޚާޝުގްޖީގެ މަރާއެކު ރިލްވާންގެ ހަނދާން އާ ވަނީ، މި ދެ ހާދިސާގައި ހުރި އެއްގޮތް ކަންތައްތަކުންނެވެ.

ރިލްވާން ގެއްލުވައިލީ، ތުހުމަތުކުރާ ގޮތުގައި، ކޮރަޕްޝަނާ ގުޅޭ އޭނާގެ ފާޑުކިއުންތަކުން ސަރުކާރަށް ބިރު އޮތުމުންނެވެ. ހަމަ އެ ގޮތަށް، ޚާޝުގްޖީ ވެސް ކުށަކަށް ވީ، ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ފައްޓަވާފައިވާ އިސްލާހީ ޕްރޮގްރާމަށާއި ސައުދީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިއުމެވެ.

އޮގަސްޓު، 8، 2014 ގައި ހުޅުމާލެ އިން ރިލްވާން ވަގަށް ނެގީ، މާލެ އިން ފެށިގެން އޭނާ އަށް ބަޔަކު ފާރަލަމުން ގޮހެވެ. ޚާޝުގްޖީ، ސައުދީ އަރަބިއްޔާ އިން އެމެރިކާ އަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބަދަލުވާން ޖެހުނީ ސައުދީ ސަރުކާރަށް ކިޔަމުން ދިޔަ ފާޑުކިއުންތަކާ ހެދި އެ ގައުމުގައި އޭނާ އަށް ރައްކާތެރި ކަމެއް ނެތުމުންނެވެ.

ސައުދީ ސަރުކާރުން، ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަތުމާއި ނޫސްވެރިންނަށް ކުރިމަތިކުރާ ފިއްތުންތަކާ ދެކޮޅަށް ވެސް ޚާޝޯގްޖީ އަޑުއުފުލައި، ލިޔުންތައް ލިޔުނެވެ. ވޮޝިންޓަން ޕޯސްޓަށް ވެސް ލިޔާ، ޚާޝުގްޖީ، ސައުދީގެ ކޮންސިއުލޭޓަށް ދިޔައީ އޭނާގެ ކައިވެންޏަށް ބޭނުންވާ ލިޔުންތައް ހޯދުމަށް މާކުރިން ހުށަހެޅުމަށް ފަހު އެވެ. އޭރު އޮތީ، އޭނާ މަރާލަން ދުރާލައި ރާވާފައިވާ ކަމަށް ތުރުކީގެ މީޑިއާ އިން ތުހުމަތު ކުރެ އެވެ. އެހެން ނޫން ނަމަ، އޭނާ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުން، އޭނާ ގެއްލުނު ދުވަހު ޕްރައިވެޓް ޖެޓެއްގައި ތުރުކީ އަށް ދާން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށް މީޑިއާ އިން ތުހުމަތު ކުރެ އެވެ.

މި ހުރިހާ ތުހުމަތުތަކެއް، ފުރަތަމަ ދޮގުކޮށް މައުސޫމްކަން ދައްކަން އުޅުނު ސައުދީ ސަރުކާރަށް މަޖުބޫރުވީ، ޚާޝުގްޖީ ކޮންސިއުލޭޓް ތެރޭގައި މަރައިލި ކަމަށް އެއްބަސްވާށެވެ.

ޚާޝުގްޖީގެ މަރާ، ރިލްވާންގެ މަރާ ގުޅުވައި ކޮށްފައިވާ ޓުވީޓެއް.

ހާޝުގްޖީގެ މަރާއެކު ރިލްވާންގެ ހަނދާން އާކުރަމުން، އަހަމްދު ނާޝިދު ކިޔާ މީހަކު ލިޔެފައިވާ ގޮތުގައި މި ދެ ހާދިސާގެ ތަފާތަކީ ރިލްވާން ގެއްލުނީ ތުރުކީން ކަމަށް ނުވުމެވެ. އެހެން މީހަކު ލިޔެފައިވާ ގޮތުގައި، ޚާޝުގްޖީގެ ޚަބަރުތައް ކިޔާ ކޮންމެ ފަހަރަކު ސިކުނޑީގައި އެނބުރެން ފަށަނީ ރިލްވާނަށް ވީގޮތާ ގުޅޭ ސުވާލުތަކެވެ.

ރިލްވާނަށް ވީގޮތެއް މިހާތަނަށް ވެސް ހާމަކޮށްދީފައި ނުވާ ކަމަށް ބުނެ މީހަކު ކުރި ޓުވީޓެއް.

ހާމިދު ޝަފީއު ކުރި ޓުވީޓެއްގައި ބުނީ، ސައޫދީގެ ނޫސްވެރިޔާ މަރައިލި ކަމަށް އެއްބަސްވާން އެ ގައުމުން ގާތްގަނޑަކަށް ދެ ހަފުތާ ނެގިއިރު، ރިލްވާން ވަގަށް ނެގި ކަމަށް ފުލުހުން އެއްބަސްވީ ދެ އަހަރު ފަހުން ކަމަށެވެ. އޭނާގެ ވާހަކަ އިން އަންގައި ދޭން ބޭނުންވީ، މި ކަމުގައި ސަރުކާރުގެ އިހުމާލު އިންތިހާ އަށް އޮތް ކަމެވެ.

ރިލްވާން ކިޑްނެޕްކުރި ކަމަަށް ދައުލަތުން ދައުވާ އުފުލި މީހުން ވެސް ވަނީ މިނިވަން ވެފަ އެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލީ، ގ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. އެ މީހުން ސަލާމަތްވީ، ރިލްވާން ވަގަށް ނެގި މައްސަލައިގެ ތަހުގީގުގައި ފުލުހުން މުހިއްމު ކަންތައްތަކެއް ފުރިހަމަ ނުކޮށް އޮތް ކަމަށް ހުކުމުގައި ކްރިމިނަލް ކޯޓުން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ރިލްވާންގެ ހަނދާން އާކޮށް މީހަކު ކޮށްފައިވާ ޓުވީޓެއް،

ހާޝުގްޖީގެ މައްސަލައިގައި ސައޫދީ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، ދަތި ކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާ އިން ދީފައި ވަނިކޮށް، ދިވެހި ސަރުކާރުން އެރީ ސައުދީއާ އެއްކޮޅަށެވެ. ފޮރިން މިނިސްޓްރީް ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެއްވެސް ގައުމެއްގެ މިނިވަންކަމާއި އިސްތިގްލާލަށް ބުރޫއެރުވުން ބަލައިނުގަނެވޭނެ ކަމަށެވެ.

މިކަމާ ގުޅިގެން ދިވެހި ސަރުކާރަށް ފާޑުކިއުން ވެސް އަމާޒުވި އެވެ.

ސައުދީ ނޫސްވެރިޔާ އަށް ވީގޮތް ހޯދުނު ނަމަވެސް ރިލްވާން މަރާލީ ކަމެއް، ނުވަތަ އެކަން ކުރީ ކޮން ބައެއް ކަން ވެސް އަދި އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނޫންކަން ވެސް ކަށަވަރެއް ނުވެ އެވެ. އާއިލާ އާއި އެތައް ބަޔަކު ތިބީ އެ ސުވާލުގެ ޖަވާބު ލިބޭނެ އިރެއްގެ އިންތިޒާރުގަ އެވެ.

ޚާޝުގްޖީގެ މަރާ ގުޅިގެން ސައުދީ ސަރުކާރު އެއްބަސްވާން މަޖުބޫރުވި ގޮތަށް، ރިލްވާނަށް ވީގޮތެއް ދިވެހި ސަރުކާރުން ބުނެދޭން ޖެހެ އެވެ. އެކަމުގައި މުއައްސަސާތަކުން އިހުމާލުވި ސަބަބާއި ސަރުކާރުން ހުރަސްތައް ކުރިމަތިކުރުވި މަގްސަދު ވެސް ހާމަކުރަން ޖެހޭ ކަމަށް ރިލްވާނަށް އިންސާފު ހޯދަން ގޮވާލާ މީހުން ދެކެ އެވެ.