ކުރީގެ ރައީސުން މަޖިލީހަށް ވާދަނުކުރެވޭ އިސްލާހު ތަސްދީގެއް ނުކުރާނަން: ރައީސް

ކުރީގެ ރައީސުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ނުވެވޭ ގޮތަށް ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި ނަމަވެސް ތަސްދީގު ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


ގާނޫނުއަސާސީ އިސްލާހު ކުރައްވަން ހުށަހެޅުއްވީ، ރައްޔިތުން މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނަށް ވެސް އެ އިސްލާހު ހުށަހެޅުއްވި ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދެވެ. އިންތިޚާބާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު އަނބުރާ ނުގެންނަވައި ލަތީފް އަލުން ހުށަހެޅުއްވީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ހ) އަށް ނަމްބަރެއް އިތުރުކުރާށެވެ.

އެއީ، މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ ފަރާތަކަށް ނުވުމެވެ. މިއީ، އަންނަ އެޕްރީލްމަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަންގޮޅި މެދު ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ހުށަހެޅުއްވި އިސްލާހެއް ކަމަށް ރައީސް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން ވަނީ ބުނެފަ އެވެ.

ގާނޫނުއަސާސީ އަށް ހުށަހަޅާ އިސްލާހު ފާސްވާނީ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައިގެ އަޣުލަބިއްޔަތުންނެވެ. އެއީ 63 މެމްބަރުންނެވެ.

ލަތީފް ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސްކޮށްފި ނަމަ، ތަސްދީގު ކުރައްވާނަންތޯ "މިހާރު" އިން ސުވާލު ދެންނެވުމުން ރައީސް ސިފަކުރެއްވީ އެއީ، "ގާނޫނުއަސާސީން ލިބިދޭ ހައްގެއް ގެއްލޭ އިސްލާހެއް"ގެ ގޮތުގަ އެވެ. އެ އިސްލާހު ތަސްދީގު ނުކުރައްވާނެ ކަމަށް ސާފުކޮށް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

"އެއްވެސް މީހެއްގެ ސިޔާސީ މަސައްކަތަކަށް ހުރަސްއެޅޭ އެއްވެސް އިސްލާހަކަށް އަޅުގަނޑު ތާއީދެއް ނުކުރާނަން. އެ [އިސްލާހު] އަޅުގަނޑު ތަސްދީގެއް ނުކުރާނަން،" ރައީސް ވިދާޅުވި އެވެ.

އިންތިޚާބުތަކުގައި ވާދަކުރެއްވުމާއި ސިޔާސީ މަސައްކަތް ކުރެއްވުމުގެ ހައްގު ގާނޫނުއަސާސީން ކޮންމެ މީހަކަށް ވެސް ލިބިދީފައި އޮތްއިރު، އެއާ ތައާރަޒްވާ އިސްލާހެއް ވަކި މީހަކަށް އަމާޒުކޮށް ހުށަހެޅުމާ ގާނޫނީ ބައެއް ވަކީލުން ވެސް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.

މަޖިލީހުން ފާސްކުރާ ބިލެއް ރައީސް ތަސްދީގު ނުކުރައްވައި މަޖިލީހަށް އަނބުރާ ފޮނުވި ނަމަވެސް ބިލަށް އެއްވެސް އިސްލާހެއް ނުގެނެސް މަޖިލީގުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން އެ ބިލެއް ފާސްކޮށްފި ނަމަ ރައީސަށް އެ ބިލް ތަސްދީގުކުރުން ލާޒިމްވާނެ އެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް: ކުރީގެ ރައީސުން މަޖިލީހުގައި ތިއްބަވަން އޭނާ ދެކޮޅު. --ފޮޓޯ:ނިޝާން އަލީ/ މިހާރު

ބިލު ހުށަހެޅި ސަބަބު ތަފްސީލްކޮށްދެއްވަމުން، ލަތީފް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޝަރުތުތަކާއި މެމްބަރު ކަމަށް ވާދަނުކުރެވޭނެ ފަރާތްތައް ކަނޑައަޅާފައި ވަނީ 2008 ވަނަ އަހަރުގެ ހާލަތަށް ބަލައި، އެ ހާލަތުގެ މައްޗަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އޭގެފަހުން، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އާދާކޮށްފައިވާ ފަރާތްތަކެއް ހިމެނޭ ހިނދު، އެ ފަރާތްތަކަށް ގާނޫނުން ކަނޑައަޅާފައިވާ އިނާޔަތްތަކާއި ސެކިއުރިޓީ އާއި އަދިވެސް އޮފީސް ހިންގުމުގެ ޚަރަދު ފަދަ ގިނަ ޚަރަދުތައް ދައުލަތުން ކުރަމުން އަންނަ ކަމަށް ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސުންނަކީ، ނަމޫނާ ޑިމޮކްރަސީތަކުގައި ކަންކަން ކުރާ އުސޫލުން ޝަރަފްވެރިކަމާ އެކު ހިލޭ ސާބަހަށް މަސައްކަތްކޮށް ދެއްވުމުގައި ދެމިތިއްބަވަން ޖެހިވަޑައިގަންނަވާ ޝަރަފްވެރިންނެވެ.

ގާނޫނުއަސާސީގެ ކުރިން އިންތިޚާބާ ބެހޭ ގާނޫނަށް އެ އިސްލާހު ހުށަހެޅުމާ އެކު އަނބުރާ ނަގަން ޖޭޕީން އެންގި އެވެ. އެކަމަކު ލަތީފް ވަނީ އިސްލާހު އަނބުރާ ނެންގެވުމަށް ދެކޮޅު ހައްދަވައިފަ އެވެ.