18 ޖެނުއަރީ 2020 - 15:59
ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެ ކުއްޖާގެ މުނިކާފަ އަކީ އެފަދަ އެހެން މައްސަލައެއްގައި ދައުވާ އުފުލާފައިވާ މީހެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ކުޑަ ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ތިން މީހަކު ވަނީ އިއްޔެ ހައްޔަރުކޮށްފަ އެވެ. އެއީ ކުއްޖާގެ ކާފަ އާއި މުނިކާފަގެ އިތުރުން ކުއްޖާގެ ބައްޕަ އެވެ.
އެ މައްސަލައިގެ މައުލޫމާތު ދިނުމަށް ޖެންޑާ މިނިސްޓްރީ އާއި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅުވިގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އުމުރުން 82 އަހަރުގެ މީހާ ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް 2018 ވަނަ އަހަރު ފުލުހުން ތަހުގީގުކޮށް ވަނީ ދައުވާ އުފުލައިފަ އެވެ. އަދި އެ ދައުވާގެ އަޑުއެހުމެއް މިދިޔަ އަހަރު ބޭއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ފުލުހުން ބުނި ގޮތުގައި އެ މީހާ ހައްޔަރު ނުކޮށް ދޫކޮށްލާފައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދަނީ އެ މީހާގެ އުމުރަށް ބަލާފައި ފުލުހުން އެގޮތަށް ނިންމާފައި އޮތުމުންނެވެ.
އެ މީހާ އެ ރަށު އެހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރާ ވީޑިއޯއެއް ވެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ. އެ މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.
Bodu thuhumathu Kaafa ah, Bappa ge massala akee kujjaa havaalu nukurun
The most trusted news source in the Maldives
Mihaaru
ކުއްޖާގެ ކާފަޔަށް ކުރާ ތުހުމަތު---
އެ ރަށުގެ މުދިމަކަށް އުޅުނު ކުއްޖާގެ ކާފައަކީ ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ކުރިން ވާހަކަ ދެކެވުނެވެ.
ނަމަވެސް މަންނާން ވިދާޅުވި ގޮތުގައި 82 އަހަރުގެ މުނިކާފަ ފިޔަވައި އެ މައްސަލައިގައި ދެން ހައްޔަރުކުރި އެކަކަށް ވެސް ކުރިން އެފަދަ ތުހުމަތެއް ނުކުރެ އެވެ.
މަންނާން ވިދާޅުވީ ކުއްޖާ އަށް ޖިންސީ ގޯނާ ކޮށްފައިވާކަން ޑޮކްޓަރުންގެ ރިޕޯޓުން އެނގުނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ކަމަށާއި އެ ހިސާބުން ފެށިގެން ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަން ފަށާފައިވާ ކަމަށެވެ.
Munikaafa ehen kuda kujjakaa behen ulhey video eh aammu vejje!
The most trusted news source in the Maldives
Mihaaru
މުނިކާފަ އެހެން ކުއްޖަކާ ބެހެން އުޅޭ ވީޑިއޯއެއް---
މަންނާން ވިދާޅުވި ގޮތުގައި ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރަނީ 62 އަހަރުގެ ކާފަ އާއި 82 އަހަރުގެ މުނިކާފަގެ މައްޗަށެވެ. އެ ކުއްޖާގެ ބައްޕަގެ މައްޗަށް ތުހުމަތު ކުރަނީ ކުއްޖާ ބެލުމުގައި އިހުމާލުވި ކަމުގެ ތުހުމަތެވެ. އޭނާ ފުލުހުންނަށް އެއްބާރުލުން ދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
"މި މައްސަލައިގެ ތަހުގީގަށް އެ މީހުން ހައްޔަރުކޮށްފައި ބެއިތިއްބޭ ވަރަށް ހެކި ވަނީ ލިބިފައި. އެހެންވެ ކޯޓުން ވަނީ އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފައި،" އިސްކަންދަރު ކޮށީގައި ބޭއްވި ބައްދަލުވުމުގައި މަންނާން ވިދާޅުވި އެވެ.
"ތަހުގީގެއްގައި އަޅުގަނޑުމެންގެ އަމާޒަކީ ކޯޓަށް ސާބިތު ކުރެވޭ ވަރަށް ހެކި ހޯދުން. މީހުން ހައްޔަރު ކުރަނީވެސް އެ ބޭނުމަށާއި ދޫވެފައި ހުރެއްޖެ ނަމަ މުޖުތަމައުގެ ސަލާމަތައް ވެދާނެ ގެއްލުމަކަށްޓަކައި،"
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ އެ މައްސަލަ ހުށަހެޅުނުތާ ދެ ގަޑިއިރު ތެރޭ ކުއްޖާ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ފުރަތަމަ ޖެންޑާ އަށް ހުށަހެޅިއިރު އެ އާއިލާއަކީ މަސްތުވާތަކެތީގެ މައްސަލަ އާއި ޖިންސީ ގޯނާގެ މައްސަލަތަކެއް އޮތް އާއިލާއެއް ކަމެއް މިނިސްޓްރީ އަށް ނޭނގޭ ކަމަށް ވެސް ޝިދާތާ ވިދާޅުވި އެވެ.
ނަމަވެސް ފުލުހުން ވަނީ ކުއްޖާ ދިރިއުޅޭ ގޭގައި އުޅޭ އެ ކުއްޖާގެ މުނިކާފަ އަކީ އެފަދަ ތުހުމަތު ކުރެވޭ މީހެއް ކަމަށް ބުނެފަ އެވެ.
ކުއްޖާގެ ބައްޕަ ހައްޔަރު ކުރި ވަގުތު އިއްޔެ ހުޅުމާލޭގައި ހިނގި ހަމަނުޖެހުންތައް ކުށްވެރިކުރައްވައި ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު ވިދާޅުވީ އެ ހަމަނުޖެހުންތަކުގެ ސަބަބުން ކުއްޖާގެ ބައްޕަ ހުރި ފްލެޓާއި އެ ސަރަހައްދުގައި ޕާކް ކޮށްފައިވާ ގިނަ އަދަދެއްގެ ވެހިކަލްތަކަށް ގެއްލުންތަކެއް ލިބުނު ކަމަށެވެ. އަދި ފުލުހުންނާއި އާއްމުންގެ ތެރެއިން ވެސް ގިނަ ބަޔަކަށް އަނިޔާ ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ފްލެޓްތަކުގައި ދިރިއުޅޭ މީހުން ރައްކާތެރިކަން ބޭނުންވެގެން މިހާރުވެސް ފުލުހުންނަށް ހުށަހަޅަމުން އަންނަ ކަމަށާއި ކަމެއް ކުށްވެރި ކުރަން އެފަދަ އަމަލުތައް ނުހިންގުމަށް އެދޭ ކަމަށް ދާއޫދު ވިދާޅުވި އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް އިތުރުވަމުންދާ މައްސަލައިގައި، ނޫސްވެރިން ކުރި ސުވާލު ތަކަށް ޖަވާބު ދެއްވަމުން މަންނާން ވިދާޅުވީ އެފަދަ މައްސަލަތައް ބެލުން ލަސްވެފައިވަނީ މުޅި ސިސްޓަމްގައި ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ހުރުމުގެ ސަބަބުން ކަމަށެވެ.
"މުޅި ސިސްޓަމްތެރޭ މައްސަލަތައް މި އުޅެނީ. ރަނގަޅު ކުރަން ޖެހޭ ބައިވަރު ކަންކަން އެބަހުރި،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއުނިމާ
19 January 2020
3 ބާރު ހިތަކަށް ދިނީމަވެސް ސިސްޓަމް ރަނގަޅެއް ނުވޭ! ދެން ރައްޔިތުން ނިކުމެ ސިސްޓަމް ރަނގަޅުކުރަންވީތޯ؟
ޖާބިރާ
18 January 2020
ސިސްޓަމް ރަނގަޅު ނުވެގެން އުޅެނީ ކިއްވެ.ކޮންކަމެއް ނުވެގެން.މިސަރުކާރަށް މިއޮތީ ގާނޫނު ބަދަލުކޮށްގެންވެސް ސިސްޓަމް ރަނގަޅުކުރެވެން.ފޮނި ހުވަފެން ދައްކާފައި ވެރިކަން ދިނީމަ ބުނީ ސިސްޓަމް ރަނގަޅުވުރެވޭނީ މަޖިލިސް އަޢުލަބިއްޔަތު ލިބިގެންނޭ.މަޖިލިހިގެ ސާފު އަޢުލަބިއްޔަތު ލިބުނީމަ މިހާރު އެކިޔަނީ ކައުންސިލް އިންތިހާބު ސާފު އަޢުލަބިއްޔަތު ލިބިގެންނޭ.ބަޔަކު ހައިރާނެއް ނުވާނެތަ؟އިތުރު ފުރުސަތެއްނެތް.ވަރަށް ސަލާމް.
މަލް
18 January 2020
މުޖުތަމައު ތެރެއަށް ދޫކޮށްގެން ޝަރީއަތުގެ މަރުހަލާ ކުރިއަށް ގެންދާނީ މުޖުތަމައުއަށް އެމީހެއްގެ ފަރާތުން އެއްވެސް ނުރައްކަލެއް ނެތް މީހުން. ޖިންސީގޯނާގެ ދައުވާލިބޭ އެއްވެސް ފަރާތަކީ އުމުރު ކިތަންމެ މަތިވިޔަސް އެމީހެއްގެ ފަރާތުން މުޖުތަމައުއަށް ނުރައްކާ މީހުން. މުސްކުޅިކަމުންނޭ ކިޔާފަ ފުލުހުން މީނާ ދޫކޮށްފަ ހުއްޓާ ކުއްޖާ އަށް ލިބުނު ގެއްލުމުގެ ދަޢުވާ ފުލުހުންގެ މައްޗައް އުފުލުމަށް ކުއްޖާގެ އާއިލާ އަށް ގޮވާލަން
ކުކުޅޭ ---
18 January 2020
ސިސްޓަމް ރަނގަޅު ކުރަން ތި މީހުންނަށް ފެނިވަޑައިގަންނަވާ ކަންތައް ކަމާއި ބެހޭ މުވައްސަސާތަކާއި މަޝްވަރާ ކުރިންތަ؟