އަންހެން ކުދިން ހިތާނު ކުރަން ޖެހޭ އެއްވެސް އަސާސެއް އިސްލާމީ ޝަރީއަތުގައި ނެތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން އެގޮތަށް ވިދާޅުވެ މިއަދު ޓްވީޓް ކުރެއްވީ އެ މައްސަލާގައި އިސްލާމީ ފަތުވާ ދޭ އެންމެމަތީ މަޖިލީހުގެ ރައުޔެއް ހޯދަން އިސްލާމިކް މިނިސްޓްރީން ހުށަހަޅައިފައި ވަނިކޮށެވެ.
އިނގިރޭސި ބަހުން ކުރެއްވި ޓްވީޓްގައި މައުމޫން ވިދާޅުވީ އިސްލާމް ދީނުން އިންސާނުން ވަނީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަދި ރޫހާނީ ގޮތުން ވެސް ރައްކާތެރި ކުރައްވާފައި ކަމަށެވެ. އެއަށްފަހު ވިދާޅުވީ އަންހެން ކުދިން ހިތާނުކުރަން ޖެހޭ އެއްވެސް އަސާސެއް އިސްލާމް ދީނުގައި ނެތް ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ސޮއިކުރައްވައި ފަތުވާ މަޖިލީހުގެ ރައީސް ޝައިހް މުހައްމަދު ރަޝީދު އިބްރާހިމަށް މިމަހު 5 ވަނަ ދުވަހު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އަންހެނުން ހިތާނުކުރުމާ ގުޅޭ ރައުޔެއް ވީ އެންމެ އަވަހަކަށް ފޮނުއްވައި ދެއްވުން އެދޭ ކަމަށެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އެޗްޕީއޭގެ އެ އެންގުން އަނބުރާ ގެނައުމަށް އަންގަވައިފަ އެވެ. އޭނާ ވިދާޅުވީ އަންހެން ކުދިން ހިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި އެކަމަށް ހިތްވަރު ނުދެއްވާ ކަމަށް ވިދާޅުވި އެވެ.
އަންހެނުން ހިތާނުކުރުމުގެ ކަންކަން ރާއްޖޭގައި ވެސް ކުރާ ކަމަށް ވާހަކަ ދެކެވެ އެވެ. އަންހެނުން ހިތާނުކުރުމުގެ ސަބަބުން ސިއްހީ އެކި މައްސަލަތައް ކުރިމަތިވާތީ އެކަން ނުކުރުމަށް ބައިނަލްއަގުވާމީ ސިއްހީ އިދާރާތަކުން ލަފާދެ އެވެ.