ކޮވިޑް:19- އާއްމުންނާ އެކު ޓޫރިސްޓުން ދަތުރުކުރުން މަނާކޮށްފި

ރާއްޖެ އިން ކޮވިޑް ބަލީގެ 13 މީހަކު ފެނުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއް ގޮތުން، ރަށްރަށަށް ޓޫރިސްޓުން ގެންދާއިރު، އެ މީހުންނާ އެކު އާއްމުން ދަތުރުކުރުން ސަރުކާރުން މަނާކޮށްފި އެވެ.


ދުނިޔޭގައި ހަލުއި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ބިރު ރާއްޖެއަށް ވެސް ފެތުރި 13 ޓޫރިސްޓުން/ބިދޭސީން ޕޮޒިޓިވް ވުމާ ގުޅިގެން ގިނަ ފިޔަވަޅުތަކެއް ސަރުކާރުންނާއި އާއްމުން ވެސް އަންނަނީ އަޅަމުންނެވެ. އެގޮތުން ރިސޯޓުތަކަށް އަރައި ފޭބުން ސަރުކާރުން މަނާކޮށްފައިވާއިރު، ރަށްރަށުގެ ބައެއް ގެސްޓް ހައުސްތަކަށް ޓޫރިސްޓުން ނުގެންދަން އެ ތަންތަނުން ވަނީ ނިންމައިފަ އެވެ.

ކޮވިޑް-19އާ ގުޅިގެން ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް މިއަދު ވިދާޅުވީ، މާލެ އިން ރާއްޖޭގެ އެއްވެސް ރަށަކަށް ދަތުރު ކުރާ، ފެރީ ނުވަތަ ލޯންޗެއްގައި އާއްމުންނާ އެކު ޓޫރިސްޓުންނަށް ދަތުުރު ނުކުރެވޭނެ ކަމަށާއި އެ ގަވައިދު މިހާރު ހަދާފައިވާ ކަމަށެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގައި ގެސްޓު ހައުސްތައް ހުންނައިރު، އެ ތަންތަނަށް އާއްމު ގޮތެއްގައި ޓޫރިސްޓުން ގެންދަނީ ލޯކަލް ފެރީ ލޯންޗުތަކުގަ އެވެ. މާލެ އިން މީހުން އަރުވައިގެން، ޓޫރިސްޓުން ނެގުމަށް އެ ލޯންޗުތައް އާންމުކޮށް ދަނީ ހުޅުލެއަށެވެ.

ނިއުސް ބްރީފިން އަށް ފަހު "މިހާރު"އާ ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، އާއްމުންނާ އެކު ޓޫރިސްޓުން އުފުލާ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

ރާއްޖެ އަންނަ ބައެއް ޓޫރިސްޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އާއްމުން ދަތުރު ކުރާ ފެރީތަކުގައި ޓޫރިސްޓުން އުފުލާތީ ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެއީ ރަށްރަށަށް އެ ރޯގާ ފޯރުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް އެ މީހުން ދެކެ އެވެ.

ކޮވިޑް-19 އަކީ ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައެޅުމުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކޮށްފަ އެވެ.

އެއާއެކު، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން، ރިސޯޓްތަކުން ރަށްރަށަށް ދަތުރުކުރުން މިދިޔަ ހޯމަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް މަނާކޮށްފައި ވެ އެވެ. އަދި އއ. ތޮއްޑު އާއި އެ އަތޮޅު ރަސްދޫގެ އިތުރުން އެހެން ބައެއް ރަށްރަށުގެ ގެސްޓް ހައުސްތަކުން ވަނީ، އެ ތަންތަނަށް ޓޫރިސްޓުން ނުގެންދިޔުމަށް ނިންމައިފަ އެވެ.