އިޓަލީ މީހާ ފުރައިގެންދިިޔަ މައްސަލައިގެ ޖިނާއީ ތަހުގީގު ގޮންޖެހުންތަކާ އެކު ވެސް ކުރިއަށް އެބަދޭ: ޕީޖީ

ރާއްޖެ އިން ކޮރޯނާވައިރަސް ފުރަތަމަ ފެނުނު ދެ މީހުންގެ ހަށިގަނޑަށް އެ ވައިރަސް އެރި ސަބަބު ކަމަށް ބެލެވޭ އިޓަލީގެ ޓޫރިސްޓު މީހާގެ މައްސަލައިގައި ފުލުހުން ހިންގަމުންދާ ތަހުގީގު ގޮންޖެހުންތަކާ އެކު ވެސް ކުރިއަށް ދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.


މިދިޔަ މަހު ޅ. ކުރެއްދޫ އައިލެންޑް ރިސޯޓަށް އައި އިޓަލީގެ ޓޫރިސްޓް މީހާގެ ފަރާތުން ކޮރޯނާވައިރަސް އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުނަސް، އެކަން ރާއްޖޭގެ ރަސްމީ އިދާރާތަކަށް ނޭނގެނީސް އޭނާ ވަނީ އިން ފުރައިގެން ގޮސްފަ އެވެ. ކޮރޯނާވައިރަސް އިން ފެތުރޭ ކޮވިޑް ބައްޔަށް އެ މީހާ ޕޮޒިޓިވް ވެފައިވާ ކަން އޭނާ ރާއްޖެ އަށް އެންގީ އެނބުރި އިޓަލީ އަށް ދިއުމަށް ފަހު އެވެ. އޭގެެ ފަހުން، ރިސޯޓްގައި އޭނާ ބެލި ޑޮކްޓަރާ އެކު އެ ރިސޯޓުން ހަތަރު މީހެއްގެ ގައިން އެ ވައިރަސް ފެނުނެވެ.

ރާއްޖެ އިން ފުރަތަމަ ކޮރޯނާވައިރަސް ފެނުނީ ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފެއްގެ ފަރާތުންނެވެ. އޭގެ ތެރެއިން އެކަކީ ރިސޯޓުގެ ޑޮކްޓަރު ކަމަށް ވެ އެވެ. އޭގެ ފަހުން ކުރެއްދޫގެ ތިން ޓޫރިސްޓަކު ކޮވިޑަށް ޕޮޒިޓިވް ވި އެވެ.

ކުރެއްދު އަކީ، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމްގެ ވިޔަފާރި ހިންގާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ރަށެކެވެ.

އިޓަލީ މީހާ އެނބުރި ގައުމަށް ދިއުމުގައި ރާއްޖެ އިން ބަޔަކު އިހުމާލު ވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ޕީޖީ ޝަމީމް ވަނީ ފުލުހުންނަށް އަމުރުކޮށްފަ އެވެ.

އޭގެ ފަހުން، އެ މައްސަލައިގައި ފުރަތަމަ ފަހަރަށް ކުރެއްވި ޓުވީޓެއްގައި ޕީޖީ ޝަމީމް މިއަދު ވިދާޅުވީ، ތަހުގީގުކުރާ ފުލުހުންގެ ފަރާތުން އޭނާ މައުލޫމާތު ސާފު ކުރައްވާފައިވާ ކަމަށާއި އެކި ފަރާތްތަކުގެ ކިބައިން މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމުގައިި ފުލުހުންނަށް ގޮންޖެހުންތަކެއް ހުންނާނެ ކަން ގަބޫލު ކުރައްވާ ކަމަށާއި ތަހުގީގުގެ ރަސްމީ ލިޔުންތައް ލިބިވަޑައިގަތުމުން އެ މައްސަލައާ މެދު ގޮތެއް ނިންމަވާނެ ކަމަށް ވެސް ޝަމީމްގެ ޓްވީޓްގައިވެ އެވެ.

ޕީޖީގެ ޓްވީޓް

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު، އެކަމުގައި އެއްވެސް ފަރާތެއްގެ އިހުމާލު އޮތްތޯ ބެލުމަށް ޓޫރިޒަމް މިނިސްޓްރީން ވެސް ދަނީ ތަހުގީގެއް ހިންގަމުންނެވެ.

ކުރެއްދޫން ފަސް މީހެއްގެ ގައިން އެ ވައިރަސް ފެނުނު ފަހުން އެހެން ބައެއް ރިސޯޓްތަކުން ވެސް އިތުރު ބައެއްގެ ހަށިގަނޑުން ވެސް އެ ވައިރަސް ވަނީ ފެނިފަ އެވެ. އެ ވައިރަސް ހުރި މީހުން އަދަދު 13 އަށް އަރާފައި ވިޔަސް، އޭގެ ތެރޭގައި ދިވެއްސަކު މިހާތަނަކަށް ނުހިމެނެ އެވެ.

އެކަމާ ގުޅިގެން ސިއްހީ ނުރައްކަލުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޓޫރިސްޓުން ރަށްރަށަށް އެރުން މަނާކުރުމާއި ބައެއް ގައުމުތަކުން މީހުން އައުން މަނާ ކުރުމުގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލްތަކާއި އޮފީސްތައް ވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ. އަދި މި ދުވަސްވަރު ގެސްޓް ހައުސްތަކަށް ޓޫރިސްޓުން ގެނައުން ވެސް ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.