ޖިންސީ ގޯނާގެ މައްސަލައިގެ ތެރެއަށް މަޖިލީހުން ވަންނާތީ ކަންބޮޑުވޭ: އިދިކޮޅު

ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރިއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތަހުގީގު ފުލުހުން ރަނގަޅަށް ނުނިންމަނީސް ރައްޔިތުންގެ މަޖިލީހުން މައްސަލައިގެ ތެރެއަށް ވަދެގެން އުޅޭތީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.


އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ މި ސަރުކާރުގައި ރައީސްގެ ބާރެއް އަދި ވަކި ބާރުތަކެއް ކަންކަމުގެ މައްޗަށް ނުހިނގާކަން ޖިންސީ ގޯނާގެ މި މައްސަލައިން ވެސް އެނގެން އެބަ އޮތް ކަމަށެވެ.

ސައީދު ވިދާޅުވީ އެކަން ހިނގުމުން ކަންކަން ފޮރުވަން ކުރި ކަމެއް ނޫނީ އެހެން އެއްވެސް ކަމެއް ރައީސަށް އަދި ފުލުހުންނަށް ވެސް ކުރެވިފައި ނެތް ކަމަށެވެ. މަޖިލީހުގެ ކޮމިޓީތަކުން މި މައްސަލަ ބަލަން ފަށާފައި ވާއިރު އެ ކަންކަމަށް އިޝާރާތްކުރައްވަމުން ސައީދު ވިދާޅުވީ ހުރިހާ ކަމެއްގެ ތެރެއަށް ވަދެގެން އުޅެނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. ސައީދު ވިދާޅުވީ ނަމަކާއި ގާނޫނެއް ނެތި މިހާރު ހިންގަމުން މިދަނީ ބަރުލަމާނީ ނިޒާމެއް ކަމަށެވެ.

ޖިންސީ ގޯނާގެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވެސް ވަނީ ބަލަން ފަށައިފަ އެވެ.

"ސަރުކާރަށް، ފުލުހުންނަށް މީގަ އެއްޗެއް ނުބުނެވެނީސް މަޖިލީހުން އައިސް ފުލުހުންގެ ކޮންޓްރޯލް އެ ނެގީ، ކޮބައިތޯ ހޯމް މިނިސްޓްރީ؟ ކޮބައިތޯ ފުލުހުން؟، މިއަދު ޕާލިމެންޓަރީ ނަން ނެތި ގާނޫނީ ހައިސިއްޔަތެއް ނެތި އެ ހިންގަނީ ޕާލިމެންޓަރީ ނިޒާމެއް، މިއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް،" ސައީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ފުލުހުންނާ ގުޅުންހުރި ބައެއް ކަންކަމުގައި ބާރުތައް ލިބޭ ގޮތަށް ފުލުހުންގެ ހިދުމަތުގެ ބިލް ތައްޔާރުކޮށްފައިވާކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ ބިލް ތަސްދީގުކޮށް ބާރުތައް ލިބުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅު ނުވާ ގޮތަކަށް އެއްވެސް ކަމެއް ނުހިނގާނެ ކަމަށެވެ.

"ޖުޑިޝަރީ އޮތީ ރައީސް ނަޝީދުގެ އަތްޕުޅުގައި، ހަތް ބޭފުޅުން ތިބޭއިރު އޭގެ ތެރެއިން ފަސް ބޭފުޅުންނަކީ ރައީސް ނަޝީދުގެ ސީދާ ކޮންޓްރޯލް އޮންނަ ބައެއް، މި ކޮންޓްރޯލްގައި ޝަރީއަތުގެ ހުރިހާ ކަމެއް ނިންމަ ނިންމަ ހުއްޓާ ފުލުހުންގެ ކޮންޓްރޯލް މި އަންނަނީ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މި ކޮންޓްރޯލް މިގޮތަށް އޮތުމުން ދެން ރާއްޖޭގައި ހިނގާ އެއްވެސް ކަމެއްގައި ސަރުކާރާ ގުޅިފައިވާ މީހެއް ނަމަ އެ މީހެއްގެ މައްޗަކަށް އެއްވެސް މައްސަލައެއް ނުބަލާނެ ކަމަށެވެ. އެ މީހަކު ނުކުންނާނީ ސާފު ފޮތިކޮޅެއްގެ ގޮތުގައި ކަމަށާއި މިހާރު ފެންމަތިވެގެން ޖިންސީ ގޯނާގެ މައްސަލަ އަކީ ވެސް އޭގެ ހެއްކެއް ކަމަށް އޭނާ ސައީދު ވިދާޅުވި އެވެ.

ޖިންސީ ގޯނާގެ މައްސަލަ އަކީ ރޭޕްގެ މައްސަލައެއްގެ ގޮތުގައި މީޑިއާގައި ރިޕޯޓްކޮށްފައި ވިޔަސް ގޯނާގެ ޝިކާރައަކަށްވި މީހާ "މިހާރު" އަށް ދިން އިންޓަވިއުއެއްގައި ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ. އޭނާ ބުނީ ސަފާރީގައި އޭނާގެ ގަޔަށް އަތްލި ކަމަށާއި އެއާ އެކު އޭނާ މޫދަށް ފުންމާލީ ކަމަށެވެ. މި މައްސަލާގައި ފުލުހުން އަމަލުލުރި ގޮތާ މެދު ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.