ފުލުހުންގެ ވެރިން އެކްޓްވިސްޓުންނަށް ވެގެން ނުވާނެ: ޑރ. ޖަމީލް

ފުލުހުންގެ ލީޑަޝިޕް، އެކްޓްވިސްޓުންގެ ދަރަޖައަށް ވެއްޓިގެން ނުވާނެ ކަމަށް ވިދާޅުވެ، ފުލުހުން މިހާރު އަމަލުކުރާ ގޮތަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.


އިދިކޮޅު ޕީޕީއެމާ މިދިޔަ ޖޫން 25 ގައި އަލުން ގުޅިވަޑައިގެން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެޑްވައިޒަރަކަށް ހުންނެވި ޖަމީލް ވަނީ ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ފުލުހުން އަމަލު ކުރިގޮތަށް ފާޑު ވިދާޅުވެފަ އެވެ. އެ އަންހެން މީހާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ދިވެހި ދެ ފިރިހެނުންގެ ތެރެއިން އެކަކަކީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރެއްގެ ފިރިމީހާ އެވެ.

ފުލުހުންނަށް ފާޑުވިދާޅުވެ ޖަމީލް ކުރެއްވި ޓްވީޓް

ޖަމީލް ވިދާޅުވީ، ޖިންސީ ގޯނާގެ މައްސަލައިގައި ފުލުހުން އަމަލު ކުރިގޮތުން، ފުލުހުންގެ ލީޑަޝިޕަށް އިތުބާރު ކުރި މަދު ބައެއްގެ އިތުބާރު ވެސް މިހާރު ގެއްލިފައިވާ ކަމަށެވެ. އެ މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި ދެ މީހުން ތިބީ މަސްތުވެގެންތޯ ބެލުމަށް ހަދަން ޖެހޭ ޓެސްޓުތައް ނުހަދައި އެ މީހުން ތިބީ މަސްތުވެގެން ނޫން ކަމަށް ފުލުހުން ނިންމީ ގާނޫނީ ކޮން ހަމައަކުންތޯ ޖަމީލް ސުވާލު އުފެއްދެވި އެވެ.

"ގޭންގް ރޭޕާ ގުޅިގެން ފުލުހުން ވަނީ ނުފޫޒުގައި ޖެހި ވާޖިބުން އެއްކިބާވެފައި ކަން ހާމަ ވެއްޖެ... ތިއީ ދާއިމަށް ފުލުހުންގެ މުއައްސަސާގައި ޖެހުނު ހުތުރު ލައްގަނޑެއް،" ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރެއްވި ޖަމީލް ވިދާޅުވި އެވެ.

ފާޑުވިދާޅުވެ ޖަމީލް ކުރެއްވި ޓްވީޓް

އޭނާ ވިދާޅުވި ގޮތުގައި، ގައިރު ގާނޫނީ އަމުރަށް ތަބާވާ ފުލުހުން، އިންސާފުގެ ކުރިމައްޗަށް ގެނެސްގެން ނޫނީ ގާނޫނުގެ ހުކުމް މި ގައުމުގައި ދުވަހަކު ވެސް ނުހިނގާނެ ކަމަށެވެ.

"ފުލުހުންގެ ލީޑާޝިޕް އެކްޓްވިސްޓުންގެ ދަރަޖައަށް ވެއްޓިގެން ނުވާނެ،" ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދުގެ ފޮޓޯ ޓްވީޓް ކުރައްވައި ޖަމީލް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނީގެ ބިދޭސީންނަށް މުސާރަ ނުދީގެން ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުންތައް ރަނގަޅަށް ތަހުގީގު ކުރެވޭނެތޯ ވެސް ޖަމީލް ސުވާލު އުފެއްދެވި އެވެ.

"މުސާރަ ނުދީ އެތައް ދުވަހަކު ގެންގުޅުން. ވެރިފަރާތައް ލިބުނު ގެއްލުން. މަކަރާ ހީލަތް ހެދުން. ދިވެހިން ރަހީނުކޮށް ޖަރީމާ ހިންގަން މެދުވެރިވި ސަބަބު. ޒިންމާ އުފުލާނެ މީހަކު ހޯދޭނެ ކަމާ މެދު ޝައްކު،" ޖަމީލް ވިދާޅުވި އެވެ.

މި ދެ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާ މެދު އެތައް ބަޔަކު އަންނަނީ ފާޑުކިޔައި، އިތުބާރު ގެއްލިފައިވާ ކަމަށް ބުނެފަ އެވެ.

ސަފާރީގައި ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ކޯޓަށް ވެސް ގެންދިއުމެއް ނެތި ފުލުހުން ދޫކޮށްލައިފައިވަނީ ސިޔާސީ ނުފޫޒުން ކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ. އެކަން މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީންނާއި އިންޓެގްރިޓީ ކޮމިޝަނުން ވެސް މިހާރު އަންނަނީ ބަލަމުންނެވެ.