ޖިންސީ ގޯނާގެ ރިޕޯޓާ ގުޅިގެން ޗެނަލް 13ގެ މައްސަލަ ބަލަނީ

ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ޗެނަލް 13 އިން މައުލޫމާތު ގެނެސްދީފައިވަނީ އެކަމުގެ ތެދުކަން ކަށަވަރުކޮށްގެންތޯ ބެލުމަށް ހުށަހަޅާފައިވާ މައްސަލައެއް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފި އެވެ.


ބްރޯޑްކާސްޓިން ކޮމިޝަނުން މިދިޔަ ހޯމަ ދުވަހު ޗެނަލް-13 އަށް ފޮނުވި ސިޓީގައި ވަނީ އެ މައްސަލާގައި "މެންދުރުު އޮންލައިން" އިން ޝާއިއުކޮށްފައިވާ ރިޕޯޓް އަކުރުން އަކުރަށް އެ ޗެނަލުން ތަކުރާރުކޮށް ގެނެސްދީފައި ވާއިރު، އެ ރިޕޯޓު ގެންނަނީ އޭގެ ތެދުކަން ކަށަވަރުކޮށްގެންތޯ ބެލުމަށް އެދި ކޮމިޝަނަށް މިދިޔަ ބުރާސްފަތި ދުވަހު މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން ފަރާތަކުން ހުށަހެޅި މައްސަލައެއް ކަމެއް އެ ސިޓީގައި ބުނެފައެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި މިއީ ސަފާރީގައި ހިނގި ހާދިސާއާ ގުޅޭ ގޮތުން މީޑިއާގައި ޚަބަރު ފެތުރި ގޮތް ބަލަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުމުން ބަލާ މައްސަލައެކެވެ. ކޮމިޓީން ވަނީ ނޫސްތަކުން މި ހާދިސާ ރިޕޯޓްކުރި ގޮތް ބެލުމުގެ އިތުރުން ނޫސްތަކާ މެދު ފިޔަވަޅު އަޅާނެ ގަވައިދެއް ހަދަން ވެސް މީޑިއާ ކައުންސިލަށް އަންގައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރެއްގެ އާއިލީ ބަޔަކު ބައިވެރިވާ ކަމަށް ތުހުމަތުކުރާ ޖިންސީ ގޯނާގެ މައްސަލާގައި "މެންދުރު އޮންލައިން" އިން ވަނީ ކެންޔާ އަންހެން މީހާ ރޭޕްކުރި ކަމަށް ބުނެ އޭނާއާ ހަވާލާދީ ރިޕޯޓެއް ޝާއިއުކޮށްފަ އެވެ. އެކަމަކު އެ މީހާއާ ހަވާލާދީ ފުލުހުން ބުނެފައިވަނީ އެއީ ރޭޕްގެ މައްސަލައެއް ނޫން ކަމަށާއި ޖިންސީ ގުނަވަނެއްގައި އަތްލި ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ކަމަށެވެ. އެ މިހާ "މިހާރު" އަށް ދިން އިންޓަވިއުއެއްގައި ވެސް ބުނެފައި ވަނީ ރޭޕް ނުކުރާ ކަމަށާއި އެގޮތަށް ބުނެ ނޫހަކަށް ވާހަކަ ދައްކާފައި ވެސް ނުވާނެ ކަމަށެވެ.

ޖިންސީ ގޯނާގެ ރިޕޯޓްއާ ގުޅިގެން ޗެނަލް-13 ގެ މައްސަލައެއް ބަލާއިރު މީގެ ކުރިން ޗެނަލް-13 އިން ގެނެސްދިން "މަޑިސީލަ" ޕްރޮގްރާމުގައި ބަސް މަގު ބޭނުންކުރާ ގޮތުން ނަސޭހަތްދިނުމަށް ފަހު އިސްލާހު ނުކުރުމުން އެ ޕްރޮގްރާމް ވަނީ ހުއްޓުވައިފަ އެވެ. އޭގެ ފަހުން "ހަޖަމް" ގެ ނަމުގައި ހަމަ އެ ޕްރޮގްރާމް ގެނެސްދެމުން އަންނައިރު ކޮމިޝަނުން އަނެއްކާވެސް ވަނީ ބަސްމަގު ރަނގަޅު ކުރުމާ ބެހޭ ގޮތުން ޗެނަލް-13 އާ ބައްދަލުކޮށްފަ އެވެ.

ޗެނަލް-13ގެ ސީއޯއޯ ސަމާހު މުހައްމަދު ވިދާޅުވީ މިއަދުގެ ބައްދަލުވުމަށް ހާޒިރުވާން އެންގީ ޕްރޮގްރާމް ހުށަހަޅައިދޭ މީހުން ކަމަށެވެ. ނަމަވެސް ދިޔައީ އޭނާ އާއި ވަކީލަކު ކަމަށް ވިދާޅުވި އެވެ. ސަމާހު ވިދާޅުވީ ބްރޯޑްކޮމްގެ އެދުމާ އެއްގޮތަށް ބަސްމަގު އިސްލާހުކުރާނެ ކަމުގެ ޔަގީންކަން ވެސް ދީފައިވާނެ ކަމަށެވެ.