ނިމާލާއި މުހައްމަދު އިސްމާއިލް ފުލުސް އޮފީހަށް ހާޒިރުކުރުން ފަހު ވަގުތު ފަސްކޮށްފި

އިދިކޮޅު ފަރާތްތަކުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާއާ ގުޅިގެން، ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލް، ފުލުސް އޮފީހަށް ހާޒިރުކުރުން އެންމެ ފަހު ވަގުތު އެހެން ދުވަހަކަށް ފަސްކޮށްފި އެވެ.


އިދިކޮޅު، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެ ދެ ބޭފުޅުން ފުލުހަށް ހާޒިރުވާ ދުވަސް ފަހުން އަންގާނެ ކަމަށް މިއަދު ފުލުހުން މެސެޖެއް ކޮށްފައިވާ ކަމަށެވެ. އެކަމަކު ފުލުސް އޮފީހަށް ހާޒިރުވާން ޖެހޭނެ ވަކި ދުވަހެއް އަދި ނާންގާ ކަމަށް ހީިނާ ވިދާޅުވި އެވެ.

މުހައްމަދު އިސްމާއިލް ފުލުހަށް ހާޒިރުވާން ކުރިން އެންގީ މިއަދު މެންދުރު ފަހު 3:00 އަށެވެ. ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ނިމާލް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އެންގީ މިއަދު ހަވީރު 4:00 އަށެވެ.

އެ ދެ ބޭފުޅުންނަށް ވަކިވަކިން އިއްޔެ ފޮނުވި ޗިޓުގައި ބުނެފައިވަނީ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި އެ ގާނޫނާ ހިލާފަށް އަމަލުކުރަން އާއްމުންނަށް ހިތްވަރު ދޭ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ގާނޫނުއަސާސީގައި ބަޔާންކުރާ އެއްތަނުން އަނެއް ތަނަށް ދިއުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް، މަގުގައި ހިނގާ މީހުންނާއި ދުއްވާ މީހުންނާއި ގާނޫނު ތަންފީޒުކުރާ މުވައްޒަފުންގެ އިތުރުން ދައުލަތުގެ މަސައްކަތް ކުރުމަށް ދަތިކޮށް، ހުރަސް އެޅި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ޗިޓުގައި ވެ އެވެ.

މިދިޔަ އާދިއްތަ ދުވަހު ފާހަގަކުރި، ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެ ރޭ މުޒާހަރާ ފެށީ މަޖިދީ މަގާއި ޗާންދަނީ މަގު ގުޅުނު ސަރަހައްދުގަ އެވެ. އެ ދެ ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެން އަޑުއުފުލި މުޒާހަރާގައި ދެ މީހަކު ހައްޔަރުކުރި އެވެ. އަދި މުޒާހަރާ ހުއްޓުވަން ފުލުހުން ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރި ނަމަވެސް ހުއްޓާނުލައި ކުރިއަށް ގެންދިޔަ އެވެ. މަޖީދީ މަގުން ފެށި މުޒާހަރާ ޕީޕީއެމްގެ އޮފީހާ ހަމައަށް ކުރިއަށް ގެންދިޔަ އެވެ.

ލިއުމުން ހުއްދަ ހޯދައިގެން ނޫނީ މާލޭގައި މުޒާހަރާ ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ އަންގައިފި އެވެ. އެ މިނިސްޓްރީން މި މަހުގެ 14 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނީ ލިޔުމުން ހުއްދަ ނުހޯދައި މާލޭގައި ދެން މުޒާހަރާ ކުރެވޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެނައި އިސްލާހުގައިވާ ގޮތަށް، މާލޭގެ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށެވެ. އެހެން ތަނެއްގައި އެއްވުމެއް ނުވަތަ ހިނގާލުމެއް ބާއްވާ ނަމަ ފުލުހުންގެ ހުއްދަ ލިޔުމުން ހޯދަން ހޯމް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

ސަރުކާރުގެ ހުއްދަ ނެތި މުޒާހަރާ އާއި އެއްވުންތައް ނުބޭއްވޭނެ ކަމަށް ޔާމީންގެ ސަރުކާރުން ކަނޑައެޅިޔަސް މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ ވެރިކަމަށް އައީ އެކަން ބަދަލުކުރާނެ ކަމުގެ ޔަގީންކަން ދެމުންނެވެ. އެކަމަކު، ވެރިކަމުގައި ދޮޅު އަހަރުވީ އިރު ވެސް އެކަން އިސްލާހު ކުރާކަށް އެމްޑީޕީން އެއްވެސް މަސައްކަތެއް ނުކުރެ އެވެ. ނަމަވެސް، ޔާމީންގެ ވެރިކަމުގައި އެ އިސްލާހާ ދެކޮޅަށް އެންމެ ގަދައަށް ވާހަކަ ދައްކައި، އެއާ ޚިލާފަށް މަގުތަކަށް ނުކުތީ ވެސް އެމްޑީޕީންނެވެ. އެގޮތަށް ނުކުތް މީހުން ފުލުސް އޮފީހަށް ހާޒިރުކޮށް، ސުވާލު ކުރާތީ އެކަމާ ދެކޮޅަށް ވެސް އެމްޑީޕީން އޭރު އަޑުއުފުލި އެވެ.