އަހަރެމެން ހުން އަންނަނީ ވާނުވާ ނޭނގި ބިރުން ގޮސް!

މިއީ، މީގެ 20-25 އަހަރު ކުރިއެއް ނޫނެވެ؛ އާންމު ރައްޔިތުން މިހާރު މާ ހުޝިޔާރެވެ. ކޮންމެ މީހެއްގެ އަތުގައި މިހާރު މީޑިއާއެއް އެބައޮތެވެ. ކޮންމެ މީހަކު ޓްވިޓާގައި އުޅެ އެވެ. ކޮންމެ މީހެއްގެ އަތުގައި ފޭސްބުކް ޕޭޖެއް އޮވެ އެވެ. އެކަކު އަނެކަކާ މުއާމަލާތު ކުރެވޭ އެތަކެއް ބައިވަރު އެޕްލިކޭޝަން އެބަހުއްޓެވެ. އެސްއެމްއެސް ކުރެވެ އެވެ. ވައިބަ ގްރޫޕުތައް އެބައޮތެވެ. އެހެންވެ، މައުލޫމާތު ފެތުރުމަކީ މިހާރު އެއްވެސް ކަމެއް ނޫނެވެ. އާންމުންނަށް ކަންކަން ނާންގައި ސިއްރުކުރަން ކިތަންމެ ވަރަކަށް އުޅުނަސް، އެކަން ކާމިޔާބުވުމަކީ މިހާރު މުސްތަހީލު ކަމެކެވެ. ކަމެއް ސިއްރުކުރަން ވިސްނަން ވެސް ހަދާނެ ކަމެއް ނެތެވެ. އެއަށް ވުރެ ބޮޑު ގޯހެއް ނެތެވެ.


އިއްޔެ އާއި ރޭ ފެނިގެން އެ ދިޔައީ އޭގެ އެއް މަންޒަރެވެ. މާލޭގައި މިހާރު މި ފެތުރެމުންދާ ހުމާ ބެހޭ ގޮތުން ހެލްތު މިނިސްޓްރީން އިއްޔެ އިންތިޒާމުކުރި ޕްރެސް ކޮންފަރެންސްގެ ޕެނަލްގައި ތިއްބެވި ޑޮކްޓަރުންނާއި އެހެން ބޭފުޅުންގެ މޫނަށް އަރައި ފޭބި ކުލަވަރުން އެއް ކަމެއް ވަރަށް ސާފެވެ. ބައެއް ބޭފުޅުން ތިއްބެވީ ވަރަށް ބޮޑަށް މާޔޫސްވެ ހިތްހަމަނުޖެހި، ރުޅި ވެސް ގަދަވެފައި ކަމެވެ. ތަކުރާރުކޮށް ސޯޝަލް މީޑިއާއޭ، އޭގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވި އަޑު އަޅުގަނޑު އެހީމެވެ. އަދި މި ހުމާ ގުޅިގެން އާންމުން ބިރުގެންނެވުމަށް މަސައްކަތް ނުކުރުމަށާއި "އެއީ ކާމިޔާބުވާނެ ކަމެއް ނޫން" ކަމަށް ވެސް އެއް ޑޮކްޓަރަކު ވިދާޅުވި އަޑު އިވުނެވެ.

މާލޭގައި ހުމެއް ފެތުރިގެންދާތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވީ އެވެ. ސިއްހީ ބައެއް ތަޖުރިބާކާރުން ކޮންމެ ވާހަކައެއް ވިދާޅުވި ނަމަވެސް އަދި ސީރިއަސްކަން މިނަނީ ކޮން މިންގަނޑަކުންކަން އަޅުގަނޑަށް ނޭނގުނު ނަމަވެސް، އަޅުގަނޑަށް އެނގޭ އެއްޗަކީ ހުމުގެ ހާލަތު ރެއާ ހަމައަށް ވެސް އޮތީ އާންމު ހާލަތެއްގައި ނޫން ކަމެވެ. އައިޖީއެމްއެޗުގެ ފުލޫ ކުލިނިކަށް ދާ މީހާ އަށް ހަތަރު ފަސް ގަޑިއިރު ވާ އިރު ވެސް ޑޮކްޓަރަށް ނުދެއްކި މާ ސިންގާ ދިގު ކިޔޫއެއްގައި ޖެހެން ޖެހުނު ކަމެވެ. މުޅި އެ ކުލިނިކް އޮތީ ފުރި ބަންޑުންވެފަ އެވެ. އަޅުގަނޑު ދަންނަ ވަރަށް ގިނަ ގޭގޭގައި ހުން އެބައުޅެ އެވެ. ވަރަށް ގިނަ ކުދިން ސްކޫލަކަށް ނުދެ އެވެ. މިއީ، ސީރިއަސް ހާލަތެއްތޯ ނުވަތަ ނޫންތޯ އަޅުގަނޑަކަށް ނޭނގެ އެވެ. ރޭ ދަންވަރާ ހަމައަށް ސަރުކާރުން ބުނަމުން ދިޔައީ ސީރިއަސް ކަމެއް ނެތް ކަމަށެވެ. އެކަމަކު ރޭ އިވިގެން ދިޔައީ މުޅިން އެހެން ވާހަކައެކެވެ. މުޅި ހާލަތު އަނެއްފުށަށް ޖެހީ ހަމަ ކުއްލިއަކަށެވެ.

މި ހުމާ ބެހޭ ގޮތުން ހަފުތާއެއް ވީއިރު ވެސް، އާންމުންނަށް ކަމާ ބެހޭ ފަރާތުން ނެރެފައި ވަނީ އެންމެ ދެ ތިން ބަޔާނެކެވެ. އޭގެ ތެރެއިން ފުރަތަމަ ދެ ބަޔާނުގައި ވަނީ ހުމެއް ފެތުރެމުން ދާ ވާހަކަ އާއި އެކަމާ ދޭތެރޭ އާންމުން އަމަލުކުރަންވީ ގޮތްތަކެވެ. ދެވަނަ ބަޔާނުގައި އާންމުން އަޅަންވީ ފިޔަވަޅުތައް ތަންކޮޅެއް ތަފުސީލުކޮށްދީފައި ވެ އެވެ. އެހެން ނަމަވެސް، ރާއްޖޭގައި ހުމުގެ ހާލަތު އޮތީ އެވަރުގެ ބަޔާނެއް އެކަނި ނެރެގެން ފަރުޖައްސާލެވޭ ހިސާބެއްގައެއް ނޫނެވެ. އެހެންވެ އާންމުން ވެސް މި ހުން ނެގީ އެހާ ސީރިއަސް ކަމެއްގެ ގޮތުގައެއް ނޫނެވެ. ސަރުކާރުން ފެތުރި މައުލޫމާތުތަކަށް ވުރެ އާންމު އެކިއެކި ފަރުދުން އެކިއެކި އެވެއާނަސް ޕޯސްޓަރުތައް ހަދައިގެންނާއި ބައެއް ޑޮކްޓަރުން އަމިއްލަ ގޮތުން ޝެއާކުރި ޕޯސްޓްތަކުގެ ފައިދާ ހަގީގަތުގައި މާ ބޮޑެވެ. ބައެއް މީޑިއާތަކުން އެކަމާ ބެހޭ ގޮތުން ޝާއިއުކުރި އާޓިކަލްތައް މާ ހިތްގައިމެވެ.

އައިޖީއެމްއެޗުގެ ރޯގާ ކްލިނިކް: ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުން މުހިންމު -- ފޮޓޯ: ހުސެން ވަހީދު/ މިހާރު

މައްސަލަ ގޯސްވީ އިއްޔެ ރެ އެވެ. ސްވައިން ފްލޫގެ ކޭސްތަކެއް ފެނިއްޖެ ކަމަށާއި ހުމާ ގުޅިގެން މީހަކު މަރުވެއްޖެ ކަމުގެ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށި އެވެ. ވަރަށް ގިނަ ވައިބަ ގްރޫޕުތަކުގައި ވެސް އެ ވާހަކަ ހިއްސާ ކުރަމުން ގެންދިޔަ އެވެ. އެ ހިސާބުން ނިދި ނަގާލައިފައި، އާންމުން އޭގެ ހަގީގަތް އެނގޭތޯ ނުފުރޮޅާ ގަލެއް ނެތޭ ދެންނެވުން ގޯހެއް ނުވާނެ އެވެ. އެންމެންހެން ވަރަށް ކަންބޮޑުވި އެވެ. އެހެންވެ، ނޫސްވެރިންނަށް ވެސް މަޖުބޫރުވެގެން ދިޔައީ އޭގެ ހަގީގަތް ހޯދާށެވެ! އެކަމަކު ވަރަށް ދެރަ އެވެ. ކަމާ ބެހޭ އެއްވެސް ބޭފުޅަކާ ފޯނުން ދިމާވާ ގޮތެއް ނުވެ އެވެ. އެ ބޭފުޅުން ތިއްބެވީ އޮފްލައިންގަ އެވެ. ފްލޫއާ ގުޅޭ ހޮޓްލައިނުން ފޯނެއް ނުނަގަ އެވެ. ސައްހަ މައުލޫމާތު ލިބޭނެ އިތުރު ގޮތެއް ނެތެވެ.

ހުމާ ގުޅިގެން ކުޑަ ކުއްޖަކު މަރުވި ވާހަކަ އާއި އާންމުން މީގެ ކުރިން އަހާފައިވާ "ނުރައްކާތެރި" ސްވައިން ފުލޫ ޖެހުނު ކަމުގެ ރިޕޯޓްތަކެއް އައިއިރު، ބައެއް މީހުން ބުނަމުންދިޔައީ ދޫނި ރޯގާގެ ކޭސްތަކެއް ވެސް ސަރުކާރުން ސިއްރުކޮށްގެން އުޅޭ ކަމަށެވެ. ހުމުގެ މައްސަލައިގައި އާންމުން ވަރަށް ކަންބޮޑުވެ ހާސްވެފައި ތިބި ދަނޑިވަޅެއްގައި، މިކަހަލަ ވާހަކަތަކަކާ އެކު ސޯޝަލް މީޑިއާ ބަންޑުންކޮށްލުމުން އިއްޔެ ރޭ ވެގެން ދިޔައީ އާންމު އެތައް ބަޔަކު ބިރުން ގޮސް ވެސް ހުން އަންނާނެ ރެއަކަށެވެ. އެކަމަކު ހިތާމައަކީ، އެއީ ތެދެއްތޯ، ނުވަތަ ދޮގެއްތޯ ވެސް ބުނެލާނެ ރަސްމީ ފަރާތެއް ނެތީތީ އެވެ. އަޅުގަނޑަށް ފެނުނީ ޕެނިކްވެފައި ތިބި ރައްޔިތުން އިތުރަށް ޕެނިކްވާން ދޫވެފައި ތިބި ތަނެވެ.

ސްވައިން ފްލޫގެ ކޭސްތަކެއް ފެނިފައިވާ ކަން އެއީ ރަސްމީ ފަރާތްތަކަށް ކުރިން ވެސް އެނގޭ ކަމެކެވެ. އެހެން ނަމަވެސް، ސޯޝަލް މީޑިއާ އާއި ރާއްޖޭގެ ބައެއް މީޑިއާތަކާ ޗެލެންޖްކޮށް ކަމާ ބެހޭ ފަރާތްތަކުން ބުނަމުން ދިޔައީ އެއީ މިހާރު ސީރިއަސް ކަމެއް ނެތް ބައްޔެއް ކަމަށެވެ. އަދި ދެ މީހަކު މަރުވި ވާހަކަ އަށް ރައްދު ދީ، އިއްޔެ މެންދުރު ބުނެފައި ވަނީ މި އަހަރުގެ މިހާތަނަށް އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށެވެ. ހަމަ އެހެންމެ، ސްކޫލުތައް ބަންދުކުރާ ހާލަތަކަށް ގޮސްފައި ނުވާ ކަމަށާއި އާންމުން ރައްކާތެރިވުމަކީ މީގައި އޮތް ހައްލު ކަމަށެވެ. އެކަމަކު އެ ހުރިހާ ވާހަކައެއް ފެނަށްވެ، ރޭ ދަންވަރު އިވިގެން ދިޔައީ ކުއްލިއަކަށް ސްކޫލުތައް ބަންދުކުރި ވާހަކަ އެވެ. އެޗްވަންއެންވަން ވެސް ސީރިއަސް ވެގެން އުޅުނު ކަމެވެ. މާބަނޑު ދެ މީހަކު ހާލުބޮޑުވެފައި އޮތް ކަމާއި މި މަހުގެ ހަތަރު ވަނަ ދުވަހު ހަމަ އެ ހުމުގައި މީހަކު ވެސް މަރުވި ކަމެވެ. މި ހުން އޮތީ ވަރަށް ސީރިއަސް ހާލަތެއްގައި ކަމެވެ. ކުރުގޮތަކަށް ބުނާ ނަމަ، އާންމުން އިއްޔެރޭ ދެއްކި ހުރިހާ ވާހަކައެއް ފަހުން ހަގީގަތަކަށް ވި ކަމެވެ.

އެ ހުރިހާ ވާހަކައެއް ފެނަށްވެ، ރޭ ދަންވަރު އިވިގެން ދިޔައީ ކުއްލިއަކަށް ސްކޫލުތައް ބަންދުކުރި ވާހަކަ އެވެ. އެޗްވަންއެންވަން ވެސް ސީރިއަސް ވެގެން އުޅުނު ކަމެވެ. މާބަނޑު މީހަކު ހާލުބޮޑުވެފައި އޮތް ކަމާއި މި މަހުގެ ހަތަރު ވަނަ ދުވަހު ހަމަ އެ ހުމުގައި މީހަކު ވެސް މަރުވި ކަމެވެ.

އާންމުންގެ ޝަކުވާތައް އޮއްސާލީ މި ހިސާބުންނެވެ. ސައުވީސް ގަޑިއިރު ނުވަނީސް ކުއްލިއަކަށް މި ވީ ކީއްހެއްޔެވެ؟ ދަރިން ސްކޫލަށް ފޮނުވާށޭ ކިޔާފައި، ސްކޫލަށް ފޮނުވި ފަހުން ސްކޫލަށް ނުފޮނުވަން ހަމަ ކުއްލިއަކަށް މި ބުނީ ކީއްވެ ހެއްޔެވެ؟ މީހަކު މަރުވި އިރު އެކަން އެނގި ތިބެ، އެއީ ނުވާ ކަމަކަށް ހެދީ ކީއްވެގެން ހެއްޔެވެ؟ ވެންޓިލޭޓަރެއްގައި މީހަކު އޮތް އިރު އެކަން ނޭނގުނީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ އެކަން ސިއްރު ކުރީ ހެއްޔެވެ؟ މިހެން ގޮސް ބައިވަރު ސުވާލުތައް އެބަހުއްޓެވެ. ސަރުކާރުގެ ޓާސްކްފޯހުން އިއްޔެ މެންދުރު މިކަންކަން އަނެއްކޮޅަށް ޖަހައި ވާހަކަ ދެއްކިއިރު ވެސް އެއީ ދޮގެކޭ، މިކަން އޮތީ ވަރަށް ސީރިއަސް ހާލަތެއްގައޭ ކިޔައި އާންމުން ސޯޝަލް މީޑިއާގައި ޝަކުވާ ކުރަމުން ދިޔަ އެވެ.

އާންމުން ދައްކާ ބައެއް ވާހަކަތަކުގައި ސާބިތު ނުހިފޭ ވާހަކަތަކެއް ވެސް ހުރެދާނެ އެވެ. އެއީ ދޮގު މައުލޫމާތެއް ނަމަ އެކަން ސާފުކޮށްދޭން ޖެހޭނީ ސަރުކާރުންނެވެ. ހާއްސަކޮށް މިކަހަލަ ހުމެއް ފެތުރެމުން ދާ ނަމަ އެކަމާ ބެހޭ ހުރިހާ މައުލޫމާތެއް އެއީ އާންމުންނަށް ވަރަށް މުހިންމު މައުލޫމާތެއް ކަމަށް ސަރުކާރުން ގަބޫލުކުރަން ޖެހޭނެ އެވެ. އެހެން ނަމަވެސް، މި ހުމުގައި މިކަން ވެގެން ދިޔައީ އެގޮތަކަށް ނޫނެވެ. ބައެއް ޑޮކްޓަރުން ވެސް، އަދި ޓާސްކްފޯސްގެ ވެސް ބައެއް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި މިފަހަރު ގޯސްތަކެއް ހެދިއްޖެ އެވެ. ހަމަ ގައިމު ވެސް އަޅުގަނޑަށް ގަބޫލު ކުރެވޭ އެއް ކަމަކީ ރައްޔިތުން ބޭނުންވި ވަރަށް މައުލޫމާތު ނުދެވުނު ކަމެވެ.

ހަގީގަތުގައި، ހުމުގެ މައުލޫމާތުތަކަށް ވުރެ ބޮޑަށް އިއްޔެގެ ފުރަތަމަ ނޫސް ކޮންފަރެންސް އަމާޒުވީ އާންމުންގެ ތެރޭގައި ދެކެވެމުން ދިޔަ ވާހަކަތައް ދޮގު ކުރުމުގެ މައްޗަށާއި ކަމާ ބެހޭ ފާރަތްތައް ދިފާއުވުމުގެ މައްޗަށެވެ. ރަނގަޅެވެ؛ ގޯސް މައުލޫމާތެއް ފެތުރެމުން ދާ ނަމަ އެކަން ސާފުކޮށްދިނުން ވަރަށް މުހިންމެވެ. އެހެން ނަމަވެސް، އެ މައުލޫމާތެއް ސާފުކޮށްދޭއިރު، އޭގެ ހަގީގަތް ވެސް އާންމުންނަށް އެނގެން ޖެހޭނެ އެވެ.

ވިސްނަންވީ މިކަމަށެވެ؛ އާންމުން ތަފާތު ވާހަކަތައް ދައްކާނެ އެވެ. އެއިން ކޮންމެ ވާހަކައެއް، ޚާއްސަކޮށް މިކަހަލަ ވައިރަލްފީވާތަކުގައި އެ ވާހަކަ ވައިރަލްއެއް ފެތުރިގެން ވެސް ދާނެ އެވެ. އެ ވާހަކަތަކުގެ އަނެއްކޮޅު ނޭނގޭ ނަމަ އާންމުން ގަބޫލުކުރާނީ އިވިފައިވާ ވާހަކަ އެވެ. ކޮންމެ މީހަކީ ވެސް މިހާރު ހަބަރު ފަތުރާ ވަސީލަތަކަށް ވާއިރު އޭގައި މުޅިން ސައްހަ ނޫން ވާހަކަތަކެއް ވެސް ހުރެދާނެ އެވެ. އޭގެ ހަގީގަތް ހާމަކޮށްދިނުމަކީ ކަމާ ބެހޭ ފަރާތުގެ ޒިންމާއެކެވެ. އެކަން ނުކޮށްތިބެ، ކިތަންމެ ވަރަކަށް ރުޅިގަދަ ވިޔަކަސް މައްސަލައެއް ހައްލެއް ނުވާނެ އެވެ.