މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ދުބާއީގެ އެންމެ ނަން ހިނގާ އެއް ކުންފުނި ކަމަށްވާ އީގަލް ހިލްސްއާ އެކު ދިވެހި ސަރުކާރުން ވަނީ ރަސްމާލޭގައި ތާރީހީ މަޝްރޫއެއް ހިންގުމަށްޓަކައި 12 ބިލިއަން އެމެރިކާ ޑޮލަރުގެ ފްރޭމްވާކް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. 

މި ކަމުގެ ބިޔަކަން ތަސައްވަރު ކޮށްލަން ރާއްޖެއާ އެންމެ ގާތުން ފިކުރު ހިންގާލާއިރު، ސްރީ ލަންކާގެ ތާރީހުގައި ވެސް މިހާތަނަށް ގެނައި އެންމެ ބޮޑު ސީދާ ބޭރުގެ އިންވެސްޓްމަންޓަކީ 3.85 ބިލިއަން އެމެރިކާ ޑޮލަރެވެ. އެއީ ރާއްޖެއަށް ވުރެ 14 ގުނަ ބޮޑު އިގްތިސާދަކަށެވެ. މި އެއްބަސްވުމާ މެދު ކޮންމެ ނަޒަރިއްޔާތަކުން ބަހުސްކޮށް، ސުވާލާއި ޝައްކު އުފެއްދި ކަމުގައި ވިޔަސް، ގިނަ ބަޔަކު އިއްތިފާގުވާ އެއްކަމެއް އެބައޮތެވެ. އެއީ، މި ފަދަ ބިޔަ އިންވެސްޓްމަންޓެއް ރާއްޖެ ފަދަ ކުޑަ ގައުމަކަށް ދެވަނަ ފަހަރަށް ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ.

މިދިޔަ އަހަރު ރާއްޖޭގެ ޖުމްލަ ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ ހުރީ 7.74 ބިލިއަން ޑޮލަރުގަ އެވެ.

އެހެންކަމުން، އީގަލް ހިލްސްއާ އެކު، ސޮއިކުރި ގާތްގަނޑަކަށް 12 ބިލިއަން ޑޮލަރުގެ މި މަޝްރޫއުގެ އަގު، ރާއްޖޭގެ މުޅި އިގްތިސާދާ އަޅާކިޔުމުން، ބުއްދިއަށް ގަބޫލުކުރަން ވެސް ފަހަރުގައި ދަތިވެދާނެ އެވެ. ނަމަވެސް މި އަދަދާ މެދު އޮޅުން އަރާނެ ސަބަބެއް ނެތެވެ. އެންމެ މަޝްރޫއެއްގެ ޖުމްލަ އަގު ވާނީ، ރާއްޖޭން އަހަރެއްގެ މައްޗަށް އުފައްދާ ޖުމްލަ އާމްދަނީއަށް ވުރެ ވެސް ބޮޑު އަދަދަކަށެވެ.

ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގަން ޔޫއޭއީގެ އެންމެ މަޝްހޫރު އެއް ކުންފުނި، އީގަލް ހިލްސް އާއި ދިވެހި ސަރުކާރުން މިދިޔަ ސެޕްޓެމްބަރު 21 ގައި ޔޫއޭއީގައި ސޮއިކުރަނީ.----ފޮޓޯ: ހައުސިން މިނިސްޓްރީ
ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގަން ޔޫއޭއީގެ އެންމެ މަޝްހޫރު އެއް ކުންފުނި، އީގަލް ހިލްސް އާއި ދިވެހި ސަރުކާރުން މިދިޔަ ސެޕްޓެމްބަރު 21 ގައި ޔޫއޭއީގައި ސޮއިކުރަނީ.----ފޮޓޯ: ހައުސިން މިނިސްޓްރީ

އާންމު ގޮތެއްގައި ރާއްޖެއަށް އަހަރެއްގެ މައްޗަށް ސީދާ ބޭރުގެ އިންވެސްޓްމަންޓް (އެފްޑީއައި) ގެ ގޮތުގައި ލިބެނީ ގާތްގަނޑަކަށް 800 މިލިއަން ޑޮލަރެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިން އެންމެ ތިޔާގި އަހަރު ލިބިފައިވަނީ 961 މިލިއަން ޑޮލަރެވެ. އެހެންކަމުން، އެންމެ ސާދާކޮށް ބުންޏަސް، މި މަޝްރޫއުއިން ރާއްޖެއަށް ވަންނާނެ 12 ބިލިއަން ޑޮލަރަކީ ހުރިހާ ސިނާއަތްތަކެއް އެއްކޮށްލައިގެން ވެސް މި ރާއްޖެއަށް 15 އަހަރުން ލިބޭނެ ބޭރުގެ އިންވެސްޓްމަންޓާ އެއްހަމަ އަދަދެކެވެ.

އަވަށްޓެރި ގައުމުތަކުގެ ހާލަތާ އަޅާކިޔުމެއް

މިކަން ވަޒަން ކުރަންވީ ހަމައެކަނި ފައިސާގެ އަދަދުގެ ބޮޑުކަމަކުން ނޫނެވެ. ބަލަން ޖެހެނީ ރާއްޖެއާ އެއްވަރުގެ ނުވަތަ ރާއްޖެއަށް ވުރެ އެތައް ގުނައެއް ބޮޑެތި ގައުމުތަކަށް ހޯދިފައިވާ މިންވަރަށެވެ.

ސްރީ ލަންކާގެ ތާރީހުގައި މިހާތަނަށް ގެނައި އެންމެ ބޮޑު އެއް އިންވެސްޓްމަންޓަކީ 3.85 ބިލިއަން ޑޮލަރުގެ ތެޔޮ ސާފުކުރާ ކާރުހާނާއެކެވެ. އެ ގައުމުގެ ފަހުރެއްގެ ގޮތުގައި ބަލާ ޕޯޓް ސިޓީ ކޮލޮމްބޯ އަށް ޗައިނާ ހާބާއިން އިންވެސްޓްކުރީ ގާތްގަނޑަކަށް 1.4 ބިލިއަން ޑޮލަރެވެ.

ރަސްމާލެ މަޝްރޫއަކީ ސްރީ ލަންކާގެ އެންމެ މަތީ ރެކޯޑަށް ވުރެ ތިން ގުނަ އަދި ޕޯޓް ސިޓީއަށް ވުރެ އަށް ގުނަ ބޮޑު މަޝްރޫއެކެވެ. މިއީ 108 ބިލިއަން ޑޮލަރުގެ ލަންކާގެ އިގްތިސާދާ ބަލާއިރު، އެންމެ 7.7 ބިލިއަން ޑޮލަރުގެ އިގްތިސާދެއް އޮތް ރާއްޖެއަށް ލިބޭ އިންވެސްޓްމަންޓެކެވެ.

މި ތަފާތު އިތުރަށް މިނެ ކިރާލާއިރު، ލަންކާއަށް ލިބުނު އެންމެ ބޮޑު އިންވެސްޓްމަންޓަކީ އެ ގައުމުގެ ޖީޑީޕީގެ ގާތްގަނޑަކަށް 3.5 ޕަސެންޓެވެ. ނަމަވެސް ރާއްޖެއަށް މި ލިބެނީ ގައުމީ އުފެއްދުންތެރިކަމުގެ 150 ޕަސެންޓަށް ވުރެ ވެސް މަތީ ނިސްބަތެކެވެ. މިއީ އިގްތިސާދީ މިންގަނޑުން ބަލާއިރު، އަންނަން އޮތް އެތައް ޖީލެއްގެ މުސްތަގުބަލު ބައްޓަންކުރާނެ ފަދަ ބޮޑު ތަފާތެކެވެ.

ދައުލަތުގެ ބަޖެޓުން ހަރަދެއް ނުހިނގާ މަޝްރޫއެއް

މިހާރު އާންމުކޮށްފައިވާ ތަފްސީލުތަކުން އެނގޭ ގޮތުގައި، މި މަޝްރޫއު ހިންގުމަށްޓަކައި ދިވެހި ދައުލަތުން އެއްވެސް ދަރަންޏެއް ނުނަގަ އެވެ. އެހެން ފަރާތެއްގެ މާލީ އިލްތިޒާމަކަށް ސަރުކާރުން ގެރެންޓީއެއް ނުދެ އެވެ. ލޯނެއް ނުނަގަ އެވެ. ބޭރުގެ އިންވެސްޓުމަންޓުތައް ގެނައުމަށްޓަކައި އާންމުކޮށް ދޭ، ޓެކުހުގެ ލުޔެއް ނުވަތަ ޑިއުޓީ މާފުކުރުމެއް ވެސް ދީފައެއް ނުވެ އެވެ.

ނަމަވެސް، ސަރުކާރުން މިކަމުގައި ހިއްސާވާ މިންވަރާ މެދު ދެފުށް ފެންނަ ގޮތެއްގައި ބަލަންޖެހެ އެވެ. އެ ފަޅު ހިއްކުމުގެ މަސައްކަތަކީ ދިވެހި ރައްޔިތުންގެ ހަރަދުގައި ކުރިއަށްދާ ކަމެކެވެ. އެކަމަކު ސަރުކާރުން ނުކުރާ ކަމަކީ، އެ ބިމުގައި ބިނާކުރާ ސިޓީއަށް ސީދާ ފައިސާ ހަރަދުކުރުމެވެ. ބާރަ ބިލިއަން ޑޮލަރު ހަރަދުކުރަނީ އެ ސަހަރު ތަރައްގީ ކުރުމަށެވެ.

ދައުލަތުގެ ދަރަނި ޖީޑީޕީގެ ގާތްގަނޑަކަށް 130 ޕަސެންޓުގައި އޮތް ގައުމަކަށް، މި ތަފާތު ދެނެގަތުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މިއީ މި ސިޓީ ބިނާކުރުމަށްޓަކައި އަންނަން އޮތް ޖީލުތައް ދަރުވާލުމެއް ނޫނެވެ.

ފަޅު ބިމަކުން އަގު އުފެއްދުން

ރަސްމާލޭގެ ބިން އެޗްޑީސީއާ ހަވާލުކުރީ 1,009 ހެކްޓަރުގެ ބިމަކަށް 3.8 ބިލިއަން ރުފިޔާގެ ގޮތުގައި އަގުމަގު ކޮށްފަ އެވެ. އެއީ އަކަފޫޓަކަށް ގާތްގަނޑަކަށް 35ރ. އެވެ. އެހެނީ، އެއްވެސް އުމްރާނީ ވަސީލަތެއް ނެތް ވެލިފަސްގަނޑެއްގެ އަސާސީ އަގަކީ މިއީ ކަމަށް ވާތީ އެވެ.

ނަމަވެސް، ދުނިޔޭގެ މަޝްހޫރު ޑިވެލޮޕަރަކު މިވަނީ އެ ބިމުގެ އަގު އިންތިހާއަށް އުފުލިގެންދާނެ ފަދަ ބޮޑު އިންވެސްޓްމަންޓަކަށް އިގުރާރުވެފަ އެވެ.

ބެލްގްރޭޑް، ރަބާތު، ޝާރުޖާ އަދި މަނާމާ ފަދަ ސިޓީތަކުގައި ބޮޑެތި މަޝްރޫއުތައް ކާމިޔާބުކަމާ އެކު ހިންގާފައިވާ، ދުނިޔޭގެ ފެންވަރުގެ ޑިވެލޮޕަރަކު ވަނީ ރާއްޖޭގެ ގާނޫނީ އޮނިގަނޑާއި މާކެޓާއި އަދި ޖިއޮގްރަފީ ދިރާސާކުރުމަށް ފަހު، އަމިއްލަ އަދި ބައިވެރިންގެ ފައިސާއިން 12 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފަ އެވެ.

އެ ފެންވަރުގެ ކުންފުނިތަކުން ނިންމުންތައް ނިންމަނީ ހަމައެކަނި ވިޔަފާރީގެ ފައިދާ އާއި އިގްތިސާދީ ހިސާބުތަކަށް ބަލައިގެންނެވެ. މީގެ މާނައަކީ އެ ހިސާބުތައް ދިމާވާ ކަމެވެ. އެ ފަޅުގެ ހަގީގީ އަގު މީގެ ކުރިން އައި ސަރުކާރުތަކަށް އވަޒަން ނުކުރެވި، ބޭނުން ނުކުރެވި އޮތް ކަމުގެ ދަލީލެކެވެ.

99 އަހަރުގެ ކުއްޔަކީ ބައިނަލްއަގުވާމީ އުސޫލު

މި މަޝްރޫއާ ދެކޮޅަށް ދެއްކެވޭ ބައެއް ވާހަކަތަކަކީ "ލީޒްހޯލްޑް" (ކުއްޔަށް ދިނުން) އާއި "ފްރީހޯލްޑް" (ބިން މިލްކުކޮށް ވިއްކުން) ގެ ތަފާތު ސާފުނުވުމުގެ ސަބަބުން ދެއްކެވޭ ވާހަކަތަކެކެވެ.

ރަސްމާލޭގެ ބިން ވިއްކަނީއެއް ނޫނެވެ. އެ ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތަކަށް ކުއްޔަށެވެ. އެއީ ހޮންކޮންގް، ސިންގަޕޫރު، ލަންޑަނުގެ ބޮޑު ބައެއް އަދި ދުބާއީގައި ވެސް ބިން ތަރައްގީކުރާ އާންމު އުސޫލެވެ. މުއްދަތު ހަމަވުމުން އެ ބިން ބޭރުގެ ފަރާތްތަކުގެ މިލްކިއްޔާތަކަށް ނުވާނެ އެވެ. ކުލީގެ މުއްދަތު ނިމުމުން، އެ ތަނާ މެދު ގޮތެއް ނިންމާނީ އޭރު އޮންނަ ދިވެހި ސަރުކާރަކުން، ބިމުގެ ހަގީގީ މިލްކުވެރިޔާގެ ޙައިސިއްޔަތުންނެވެ.

މިކަން އަޅާކިޔަންވީ ރާއްޖޭގެ ރިސޯޓުތަކާ އެވެ. މިދިޔަ 50 އަހަރު ރާއްޖޭން އަމަލުކުރަމުން އައީ މި އުސޫލަށެވެ. ރިސޯޓު ކުއްޔަށް ދިނުމުން، އެއްބަސްވުމުގެ މުއްދަތަށް މުޅި ރަށް އެއްކޮށް ދެވެނީ އެންމެ ކުންފުންޏަކަށެވެ.

ރާއްޖޭގެ ރިސޯޓެއްގެ ޕޫލް އޭރިއާ: ޓޫރިޒަމްގެ ނަފާގެ އިތުރުން ރާއްޖޭގެ އިގުތިސާދު ކުރިއަރުވަން ވިޔަފާރީގެ ތަފާތު މޮޑެލްތަކަށް ދާންޖެހޭ ކަމަށް އަބަދުވެސް ވާހަކަ ދެއްކެވޭ. ނެތީ އަމަލީ ސިފަ ގެނައުމުގެ ހިތްވަރު.
ރާއްޖޭގެ ރިސޯޓެއްގެ ޕޫލް އޭރިއާ: ޓޫރިޒަމްގެ ނަފާގެ އިތުރުން ރާއްޖޭގެ އިގުތިސާދު ކުރިއަރުވަން ވިޔަފާރީގެ ތަފާތު މޮޑެލްތަކަށް ދާންޖެހޭ ކަމަށް އަބަދުވެސް ވާހަކަ ދެއްކެވޭ. ނެތީ އަމަލީ ސިފަ ގެނައުމުގެ ހިތްވަރު.

ތޮުނަމަވެސް، ރަސްމާލޭގެ މޮޑެލް މިއާ މުޅިން ތަފާތެވެ. މި ކުލީގެ ހައްގުތައް ބެހިގެންދާނީ އެކި ގައުމުތަކުން އަންނަ އެތައް ހާސް ވަކިވަކި ޔުނިޓުތަކާއި އެޕާޓްމަންޓްތަކުގެ ވެރިންގެ މެދުގަ އެވެ. އެހެންކަމުން މުޅި ތަން އެއްކޮށް ކޮންޓްރޯލް ކުރާނެ އެންމެ ކުންފުންޏެއް ނޯންނާނެ އެވެ. އެއިން އެއްވެސް ފަރާތަކަށް އެޕާޓްމަންޓެއްގައި ދިރިއުޅުން ނުވަތަ ކުއްޔަށް ދިނުން ފިޔަވައި އިތުރު ބާރެއް ނޯންނާނެ އެވެ.

ބާރުތައް އެއްފަރާތަކަށް ޖަމާވުމަކީ ކަންބޮޑުވުމެއް ކަމުގައި ބަލާ ނަމަ، މި އޮނިގަނޑުގައި އެފަދަ ނުރައްކަލެއް އޮތީ ރާއްޖޭން މިހާތަނަށް ސޮއިކޮށްފައިވާ އެއްވެސް ރިސޯޓް އެއްބަސްވުމަކަށް ވުރެ ވެސް ކުޑަކޮށެވެ.

ރާއްޖެއަށް އަލަށް ތައާރަފުވާނެ އިގްތިސާދީ ފުރުސަތުތައް

ސިޔާސީ ބަހުސްތައް އެއްފަރާތްކޮށް، މި މަޝްރޫއުން ހަގީގަތުގައި އުފެދިގެންދާނެ އިގްތިސާދީ އަދި އިޖުތިމާއީ މަންފާތަކަށް ބަލާލަން ޖެހެ އެވެ.

ފުރަތަމަ ކަމަކީ، ބޭރުގެ ފަރާތްތަކަށް ގެދޮރު ގަނެގެން ދިރިއުޅެވޭނެ ފުރިހަމަ ރިއަލް އެސްޓޭޓް މާކެޓެއް ރާއްޖޭގައި މިހާތަނަށް ނެތުމެވެ. ޓޫރިސްޓުން ރިސޯޓުތަކަށް އަންނަނީ ކުރު މުއްދަތަކަށެވެ. ނަމަވެސް މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ޒަމާންވީ ޓޫރިޒަމްގެ އޮނިގަނޑުގައި އާ ކުރިތަކެއް ފަޅައި، ފެތުރިގެންދާނެ އެވެ. އެއީ ތައުލީމީ އަދި ސިއްހީ ހިދުމަތްތަކަށާއި ކާބޯތަކެއްޗަށާއި އިންޝުއަރެންސާއި ގާނޫނީ ލަފަ އާއި އާންމު ދިރިއުޅުމުގެ އެންމެހައި ކަންކަމަށް ރާއްޖޭގެ މާކެޓަށް ފައިސާ ހަރަދުކުރާނެ ބައެކެވެ.

ދެވަނަ ކަމަކީ، ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރެވޭނެ (ރީޓެއިލް) ފުރިހަމަ ވެއްޓެއް ގާއިމުވުމެވެ. މިދިޔަ އެތައް އަހަރެއްގައި މި ވާހަކަ ދެއްކެވުނު ނަމަވެސް، ކާމިޔާބު ނުކުރެވުނީ ވަގުތީ އާބާދީއަކާއި ތޮއްޖެހިފައިވާ ވެރިރަށެއްގައި މިފަދަ ނިޒާމެއް ހިންގުމަށް ހުރި ދަތިތަކުގެ ސަބަބުންނެވެ. އެކަން ހާސިލުވާނީ، މި ހުރިހާ ކަމެއް ހިމެނިގެން، ވަށައިޖެހޭ މިފަދަ ޒަމާނީ ސިޓީއަކުންނެވެ.

ޔޫއޭއީގެ އީގަލް ހިލްސްގެ ޗެއާމަން އަލްއައްބާރު "މިހާރު" އާ މި މަހުގެ ކުރީކޮޅު ވާހަކަ ދައްކަވަނީ.
ޔޫއޭއީގެ އީގަލް ހިލްސްގެ ޗެއާމަން އަލްއައްބާރު "މިހާރު" އާ މި މަހުގެ ކުރީކޮޅު ވާހަކަ ދައްކަވަނީ.

ތިންވަނަ ކަމަކީ، ދިގު މުއްދަތަކަށް ދިރިއުޅޭ (ލޯންގް-ސްޓޭ) މާކެޓެކެވެ. ރަސްމާލޭގައި ދިރިއުޅެ ވަޒީފާ އަދާކުރާ މީހާއަކީ އާންމު ޓޫރިސްޓަކާ މުޅިން ތަފާތު އިގްތިސާދީ ބައިވެރިއެކެވެ.

މަޝްރޫއު ނިމުމުން 54,000 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް ޑިވެލޮޕަރު ލަފާކުރެ އެވެ. ރާއްޖޭގެ ޖުމްލަ މަސައްކަތު އާބާދީއަކީ 272,320 މީހުން ކަމަށް ވާއިރު، މީގެ ދެބައިކުޅަ އެއްބައި ވަޒީފާ އުފެދުނު ކަމުގައި ވިޔަސް، މިއީ ރާއްޖޭގެ ތާރީހުގައި ޓޫރިޒަމްގެ ދާއިރާގެ ސީދާ ބޭރުން އުފެދޭނެ އެންމެ ބޮޑު ވަޒީފާގެ ފުރުސަތެވެ.

މިއީ އަދި އަންދާޒާތަކަކަށް ވީނަމަވެސް، އިގްތިސާދު ސިންދަފާތުކުރުމުގެ މިސްރާބު ސާފުކޮށް ފެންނަން އެބައޮތެވެ.

ހަގީގީ ގޮންޖެހުމަކީ ކޮބާ؟

މިކަމުގައި އޮތް ހަގީގީ ނުރައްކަލަކީ ސީދާ މާލީ ގޮތުން ދައުލަތަށް ވާނެ ގެއްލުމެއް ނޫނެވެ. ސަބަބަކީ ދައުލަތުން މި މަޝްރޫއަށް ދަރަންޏެއް ނުނަގާތީ އާއި ގެރެންޓީއެއް ނުދޭތީ އެވެ. ވުމާއެކު މާލީ ގޮތުން ދައުލަތަށް އޮތް ބުރަ ވަރަށް ކުޑަ އެވެ.

ހަގީގީ ގޮންޖެހުމަކީ މި މަޝްރޫއު ތަންފީޒުކުރުމުގެ ދުވެއްޔެވެ. ރާއްޖޭގައި ޓޫރިޒަމަށް ދޫކޮށްފައި ނުނިމި ހުރި ގިނަ ރަށްތަކެއްގެ ތަޖުރިބާ ފެންނަން އެބައޮތެވެ. ބާރަ ބިލިއަން ޑޮލަރުގެ އެއްބަސްވުމަކީ ފްރޭމްވޯކް އެއްބަސްވުމެކެވެ. އިމާރާތްތަކެއް ނޫނެވެ. އެއީ ވަގުތުން ލިބޭ ފައިސާއެއް ނޫން ކަމަށް ވާއިރު، މިއީ މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށްދާނެ ކަމެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އަމާޒު ހިފާފައިވަނީ 2027 ވަނަ އަހަރުގެ ކުރީކޮޅަށެވެ.

ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގަން ޔޫއޭއީގެ އެންމެ މަޝްހޫރު އެއް ކުންފުނި، އީގަލް ހިލްސްއާ އެކު ދިވެހި ސަރުކާރުން މިދިޔަ ސެޕްޓެމްބަރު 21 ގައި ސޮއިކުރުމަށް ފަހު، ރާއްޖޭގެ ހައުސިން މިނިސްޓަރު މުއްތަލިބް (ކ) އާއި އީގަލް ހިލްސްގެ ޗެއާމަން މުަހައްމަދު އަލްއައްބާރު ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: ހައުސިން މިނިސްޓްރީ
ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގަން ޔޫއޭއީގެ އެންމެ މަޝްހޫރު އެއް ކުންފުނި، އީގަލް ހިލްސްއާ އެކު ދިވެހި ސަރުކާރުން މިދިޔަ ސެޕްޓެމްބަރު 21 ގައި ސޮއިކުރުމަށް ފަހު، ރާއްޖޭގެ ހައުސިން މިނިސްޓަރު މުއްތަލިބް (ކ) އާއި އީގަލް ހިލްސްގެ ޗެއާމަން މުަހައްމަދު އަލްއައްބާރު ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: ހައުސިން މިނިސްޓްރީ

އެހެންކަމުން ސަމާލުކަން ދޭންވީ މައިގަނޑު ކަމަކީ، މި އެއްބަސްވުމުގައި ކަނޑައަޅާފައިވާ ތާވަލުތަކާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމެވެ.

މި ފަދަ ބޮޑު އިގްތިސާދީ ފުރުސަތެއް ގައުމަކަށް ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ. އެހެންކަމުން މިއަދު އިސްކަންދޭންވީ މި މަޝްރޫއު ކާމިޔާބުކަމާ އެކު ހަގީގަތަކަށް ހެދިދާނެ ދެފުށް ފެންނަ ހަރުދަނާ ނިޒާމެއް އެކުލަވާލުމަށެވެ. ސިޔާސީ ބަހުސްތަކުގެ ތެރޭގައި ފިތި، ހިނގަމުންދާ އަރައިރުންތަކުގެ ތެރޭގައި، މި މަޝްރޫއުއަކީ ރާއްޖެއަށް ލިބި، އަތުން ބީވެގެންދިޔަ ފުރުސަތެއްގެ ގޮތުގައި އަންނަ އޮތް ޖީލުތަކުން ހިތާމަކުރާނެ ކަމަކަށް ވިޔަ ދީގެން ނުވާނެ އެވެ.

މަސްދަރުތައް:

  • އީގަލް ހިލްސް އަދި ދިވެހި ސަރުކާރުގެ އެއްބަސްވުމުގެ އިއުލާން (ސެޕްޓެމްބަރު 21، 2026)
  • ވޯލްޑް ބޭންކް، ޖީޑީޕީ އަދި ސީދާ ބޭރުގެ އިންވެސްޓްމަންޓްގެ މައުލޫމާތު (ދިވެހިރާއްޖެ އަދި ސްރީ ލަންކާ)
  • މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، އާބާދީ އަދި ވަޒީފާގެ ދާއިރާގެ ތަފާސްހިސާބު
  • އެޗްޑީސީގެ އެއްބަސްވުންތައް (ޖެނުއަރީ 2025)
  • މިނިސްޓްރީ އޮފް ޓޫރިޒަމް އަދި ކަމާބެހޭ ބައިނަލްއަގުވާމީ ވިޔަފާރި ރިޕޯޓްތައް