ފަސް މިނެޓް: ގާނޫނުތަކުގެ ބޭނުމެއް އެބަ އޮތްތަ؟

ޑިމޮކްރެސީގެ އެންމެ އަސާސީ ރުކުނަކީ އެ ބައެއްގެ މެދުގައި ގާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) އޮތުމެވެ. "ޑިމޮކްރެސީ އަކީ ރައްޔިތުންގެ ވެރިކަން" ކަމުގައި ބުނެވެނީ، ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ދެމެހެއްޓުމަށް، ރައްޔިތުންގެ މަންދޫބުން ހަދާ ގާނޫނުތަކާ އެއް ގޮތަށް ދައުލަތުގެ ތިން ބާރުންމެ އަމަލު ކުރުމަށް އެކަށައެޅިފައި އޮންނަ ނިޒާމަކަށް ވާތީ އެވެ. ގާނޫނުތައް ހުރެމެ، އެ ގާނޫނުތަކަށް ބޯލެނބުމެއް ނެތި ނުވަތަ އަމިއްލަ މަސްލަހަތަށް ގާނޫނު މާނަކޮށްގެން ކަންކަން ކުރުމަކީ ގާނޫނީ ވެރިކަމެއް ނޫނެވެ.


މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކެއްގެ ވާހަކަ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ލިޔެފައިވަނީ، އޭގައި ލިޔާނެ އެއްޗެއް ނެތިގެން ހުސް ތަން ފުރާކަށް ނޫނެވެ. މިނިވަން އޮޑިޓަ ޖެނެރަލެއްގެ ވާހަކަ ލިޔުނީ ދައުލަތުގެ ފައިސާގެ އެންމެހައި މުއާމަލާތްތައް ހިންގަނީ މާލިއްޔަތުގެ ގާނޫނާ އެއްގޮތަށް ކަން ކަށަވަރު ކުރުމަށެވެ. މިނިވަން ޕްރޮސެކިއުޓާ ޖެނެރަލެއްގެ ވާހަކަ ލިޔުނީ، އެއްވެސް ނުފޫޒެއްގެ ދަށު ނުވެ، މިނިވަންކަމާ އެކު އެންމެންގެ މެދުގައި ޢަދުލު އިންސާފު ގާއިމު ކުރަން މަގު ކޮށައިދިނުމުގެ ބޭނުމުގަ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އުފެއްދީ، ޚިޔާނަތާއި ކޮރަޕްޝަނާއި ނާޖާއިޒު ނުފޫޒުތަކުން މުޅި ދައުލަތް ސަލާމަތް ކުރުމަށެވެ. އެއީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ބާރުތަކަކާއި ބުރަދަނެއް ކަށަވަރު ކޮށްދީފައިވާ ބާރު ގަދަ އިދާރާއެކެވެ. އެހެންކަމުން އެ ކޮމިޝަންގެ އެންގުންތަކަށް ބޯލަނބައި، ދޭ ލަފަޔާއި އިރުޝާދުތައް ބަލައިގަންނަން ޖެހޭނެ އެވެ.

އޭސީސީގެ އެންގުންތަކަށް އަމަލު ނުކޮށްގެން އެ ކަމާ ސުވާލު އުފައްދައިފި ނަމަ، އެންމެ އާންމުކޮށް ލިބޭ ޖަވާބަކީ، "އޭސީސީން ދެނީ ލަފަޔެވެ. އެއާ އެއްގޮތަށް އަމަލު ކުރާކަށް ލާޒިމެއް ނޫނެވެ." ތެދެކެވެ. އެހެންވިއްޔާ، ކޮރަޕްޝަން ނައްތައިލުމުގެ މަގްސަދުގައޭ ކިޔާފައި އާންމު ރައްޔިތުންގެ ޓެކްސް ފައިސާ އިން ބޮޑު ޚަރަދު ކޮށްގެން ކީއްކުރަން ހިންގާ އިދާރާއެއް ހެއްޔެވެ؟

އޮޑިޓަ ޖެނެރަލްގެ އެންގުންތަކާއި އޭސީސީގެ ލަފާތައް ބޮލާލައި ޖެހުމުން، ކޮރަޕްޝަނާއި ޚިޔާނަތާއި ފަސާދައިގެ އެތައް އަމަލެއް ހިނގާފައިވާ ކަން މާ ދުރު ނޫން މާޒީގެ ތެރެއިން އެއޮތީ ދިމާލަށް ފެންނާށެވެ. އެފަދަ މުއައްސަސާތައް ބާރުވެރި ކުރުވައި ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރެވޭނީ ދައުލަތުގެ މުއައްސަސާތަކަށެވެ. ވަކިން ޚާއްސަކޮށް ސަރުކާރުގެ އިދާރާތަކަށެވެ. ނަމަވެސް ފެންނަނީ އެ މަންޒަރެއް ނޫނެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއެއް ފުލުހުން ހުއްޓުވަނީ: މިހާރު މުޒާހަރާކުރުން މަނާ --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

މި މޭރުމުން ބަލާއިރު، ސިޔާސީ ޕާޓީގެ ގާނޫނުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ އެއްވެސް ބޭނުމެއް އެބަ އޮތް ހެއްޔެވެ؟ ވެރިކަން ކުރާ ޕާޓީ ފިޔަވައި ސިޔާސީ ޕާޓީއެއްގެ އެއްވެސް ހަރަކާތެއް ބޭއްވުމުގެ އެއްވެސް ފުރުސަތެއް މިއަދު އެބަ އޮތް ހެއްޔެވެ؟ އެއްވެ އުޅުމާއި ޚިޔާލު ފާޅު ކުރުމާއި މުޒާހަރާ ކުރުމަކީ ގާނޫނުއަސާސީން ކަށަވަރު ކޮށްދޭ ހައްގަކަށް ވިޔަސް އެ މިނިވަންކަން އެބަ އޮތް ހެއްޔެވެ؟

ގާނޫނު ބުނަނީ ޕާޓީތަކަކީ ވެސް ގާނޫނުތަކާއި ދައުލަތުގެ މުއައްސަސާތަކުގެ ކުރިމަތީގައި ހަމަހަމަ ބައެއް ކަމަށެވެ. ދައުލަތުގެ މުއައްސަސާތަކުން، ޕާޓީތަކަށް ދޭން ޖެހޭ ޚިދުމަތެއް ދިނުމުގައި، ނުވަތަ ޕާޓީތަކުގެ ބައިވެރިވުމާ އެކު އިންތިޒާމު ކުރަން ޖެހޭ ކަމެއް ކުރުމުގައި ޕާޓީތަކުގެ މެދުގައި އެއްވެސް ތަފާތެއް ނުކުރެވޭނެ އެވެ. ދައުލަތުގެ އެންމެ މަތީ މަސްލަހަތަކީ އެ ހުރިހާ ޕާޓީތަކުގެ މެދުގައި އަދުލުވެރިކަމާ އެކު މުއާމަލާތު ކުރުމެވެ. ނަމަވެސް ކަން ހިނގަނީ މުޅިން އެހެން މަގަކުން ނޫންތޯ އެވެ.

އެފަދަ އެއް ކަމަކީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭން ޖެހޭ ފައިސާގެ ކަންތައް ހިނގައި ދިޔަ ގޮތެވެ. އެ ފައިސާ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ޕާޓީތަކާ ހަވާލު ކުރަންވާނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ލިޔެފައިވަނީ އޮޅުމަކުން ނޫނެވެ. އަދި އެއީ ކޮމިޝަންގެ މެންބަރުންގެ އިޚްތިޔާރަށް ދޫކޮށްލާފައިވާ ކަމެއް ވެސް ނޫނެވެ. ގާނޫނުގެ ވެރިކަން ހިންގާ ނަމަ، ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި، ކޮންމެ ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި ތިބި މީހުންގެ ނިސްބަތުން އެ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ލާޒިމްވާނެ އެވެ. އެކަމަކު އެ ފައިސާ ދޫ ކުރީ، އަހަރުގެ އެންމެ ފަހު މަހަށް ފެށުނު ފަހުންނެވެ.

ސިޔާސީ ޕާޓީތަކާ ގުޅޭ ގޮތުން މިހާރު ކުރިމަތިވެފައިވާ އަނެއް މައްސަލަ އަކީ ލާމަރުކަޒީ އިންތިހާބު ފަސް ކުރުމެވެ. އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިހާރު ރަޖިސްޓްރީވެފައިވާ ސިޔާސީ ހަ ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބީ ޖުމްލަ 98،572 މީހުންނެވެ. އޭގެ ތެރެއިން މެމްބަރުން އެންމެ ގިނައީ ވެރިކަން ކުރާ ޕީޕީއެމްގަ އެވެ. އެއީ 37،633 މެމްބަރުންނެވެ. ދެން އެންމެ ގިނައީ އިދިކޮޅު އެމްޑީޕީގަ އެވެ. އެއީ 27،805 މެންބަރުންނެވެ. ދެން ޖުމްހޫރީ ޕާޓީގައި 10،989 މެންބަރުންނާއި އެމްޑީއޭގައި 10،584 މެމްބަރުންނާއި އަދާލަތު ޕާޓީގެ 7،595 މެންބަރުންނާއި ޑީއާރްޕީގެ 3،966 މެމްބަރުންނެވެ.

ލޯކަލް އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވަން ބޭއްވި ޕްރައިމަރީގައި ވޯޓުލަނީ: އިންތިހާބު ފަސްކުރަން އެމްޑީޕީ ދެކޮޅު -- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

މީގެ ތެރެއިން ލާމަރުކަޒީ އިންތިހާބު ފަސް ކުރުމަށް އެދި ކޯޓަށް ހުށަހެޅީ، ޕީޕީއެމުންނެވެ. އެ ޕާޓީ ހިއްސާކުރަނީ ޕާޓީތަކުގެ ރަޖިސްޓްރީގައި ތިބި މީހުންގެ ޖުމްލަ އަދަދުގެ 38.17 ޕަސެންޓެވެ. ޕީޕީއެމް ފިޔަވައި ދެން ހުރި ޕާޓީތަކުގެ ހިއްސާއަކީ 61.83 ޕަސެންޓެވެ. އެ އިންތިހާބު ފަސް ކުރުމަށް ޕީޕީއެމް ފިޔަވައި އެހެން އެއްވެސް ޕާޓީއަކުން ތާއީދު ކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ކޯޓު މަރުހަލާގައި ވެސް ދެ ޕާޓީއަކުންނާއި ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ އިލެކްޝަންސް ކޮމިޝަނުން ވެސް އެކަމަށް ފާޅުގައި ހެދީ ދެކޮޅެވެ.

ނަމަވެސް ކަންތައް ނިމިގެން ދިޔައީ، 38.17 ޕަސެންޓުގެ މަސްލަހަތަށެވެ. އެއީ ޕީޕީއެމްގެ ހިންގުން އެހެން ފަރާތަކަށް ބަދަލުވި އިރު، އެ ފަރާތަށް ޕާޓީގެ ޑޭޓާބޭސް އާއި މެންބަރުންގެ ދަފްތަރު ލިބިފައި ނެތުމުން، ޕާޓީގެ ނަމުގައި އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމުގައި އެ ޕާޓީ އަށް ޒަރޫރީ ހާލަތެއް މެދުވެރިވެފައިވާތީ އެވެ. އެ ސަބަބާ ހުރެ، ދައުލަތުގެ އާންމު ނިޒާމާ ގުޅިފައިވާ މަސްލަހަތު ގާއިމު ކުރުމުގެ ގޮތުން، ދެ މަސްދުވަހުގެ މުއްދަތަށް އިންތިހާބު ފަސް ކުރީ އެވެ.

ނަމަވެސް މިހެން ބުނާ އިރު، ސިޔާސީ ޕާޓީތަކުގެ އެންމެ ސައްހަ ދަފްތަރެއް އޮންނާނީ އިލެކްޝަންސް ކޮމިޝަންގައި ކަން އެންމެން ދަނެ އެވެ. ކޮމްޕިއުޓަރު ޓެކްނޮލޮޖީގެ މި ޒަމާނުގައި 37 ހާސް މީހުންގެ ދަފްތަރެއްގެ ނަކަލެއް ހަދައިލުމަށް މަދު ސިކުންތުކޮޅެއް ނޫނީ ހޭދަ ނުވާ އިރު، ޕީޕީއެމްގެ ހިންގުމާ ހަވާލުވި ފަރާތްތަކުގެ އަތުގައި ޕާޓީގެ ދަފްތަރެއް ނެތުމަކީ، އެތައް ހާސް ބައެއްގެ އިންތިހާބީ ހައްގުތައް އެއްފަރާތް ކޮށް އިންތިހާބު ފަސްކުރަން ޖެހޭ ސަބަބެއް ކަމަށް ބައެއް މީހުން ނުދެކެ އެވެ.

މި މައްސަލަ ނިންމި ގޮތަށް ބަލާއިރު، ދައުލަތުގެ އާންމު ނިޒާމާ ގުޅިފައިވާ މަސްލަހަތު ކަމުގައިވީ، ރަޖިސްޓްރީވެފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ 38.17 ޕަސެންޓު ހިއްސާ ކުރާ ޕީޕީއެމްގެ މަސްލަހަތެވެ. އަނެއް ފަސް ޕާޓީ ހިއްސާކުރާ 61.83 ޕަސެންޓުގެ މަސްލަހަތު ވީ ކޮން ތަނެއްގައި ކަމެއް ނޭނގެ އެވެ. އަދި ސިޔާސީ ޕާޓީތަކާއި އިންތިހާބުތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ އިލެކްޝަންސް ކޮމިޝަންގެ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނެތީ ކަމަށް ވެސް ވެދާނެ އެވެ.

"އަސްލު" ނަމުގައި ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ބޭއްވި ޖަލްސާ.--- ފޮޓޯ: މުހަންމަދު ޝަރުހާން/މިހާރު

އަންނަ ޖެނުއަރީ މަހު ލާމަރުކަޒީ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ޚަރަދު ކޮށްފަ އެވެ. އެ ކޮމިޝަނުން ތަކުރާރުކޮށް ބުނަމުން ދިޔައީ އިންތިޚާބު އިތުރަށް ފަސްކޮށްފި ނަމަ، އެ އިންތިހާބަށް މިހާތަނަށް އެ ކޮމިޝަނުން ކުރި ހުރިހާ ޚަރަދެއް ބޭކާރުވާނެ ކަމަށެވެ. ނަމަވެސް އާންމު ރައްޔިތުންގެ ޓެކްސް ފައިސާ އިން ކޮށްފައިވާ އެ ޚަރަދުތައް ސަލާމަތް ކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު ކަމުގައެއް ނުވި އެވެ.

މި މައްސަލައިގައި ނިންމި އެންމެ އަޖާއިބު ކުރުވަނިވި ނިންމުމަކީ، އިންތިޚާބަށް ރީ-ރަޖިސްޓްރީ ކުރުން މުއްދަތެއް ނެތި ކުރިއަށް ގެންދަން ކޯޓުން ކުރި އަމުރެވެ. އިންތިހާބަށް ރަޖިސްޓްރީ ކުރަނީ، އެ އިންތިހާބެއްގެ ވޯޓުލުން އޮންނަ ދުވަހުގައި، އެމީހަކު ވަޒަންވެރިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުންނަން ޖެހިދާނެތީ، އެ ދުވަހު އޭނާ ހުންނާނެ ތަނެއްގައި ވޯޓު ލުމުގެ ފުރުސަތު ހޯދުމުގެ ގޮތުންނެވެ.

ވީއިރު، އިންތިހާބު އޮންނާނެ ދުވަހެއް ވެސް ކަނޑައެޅިފައި ނުވާ އިރު، ވޯޓު ލުމަށްޓަކައި ރަޖިސްޓްރީ ވާނެ ގޮތެއް ހަމަ ބުއްދިއަކުން ނުވިސްނެ އެވެ. އެމީހަކު ރަޖިސްޓްރީވެފައިވާ ރަށް ނޫން ރަށެއްގައި ދިގު މުއްދަތަކަށް ދިރިއުޅެމުންދާ މީހަކަށް ނަމަ ރަޖިސްޓްރީ ވެވިދާނެ އެވެ. ނަމަވެސް އަވަސް އަވަހަށް ދަތުރުކުރަން ޖެހޭ މީހުން ރަޖިސްޓްރީ ވާނީ ކޮން ގޮތަކުން ހެއްޔެވެ؟ އެކަމަކު ވެސް އެ އަމުރު ކުރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައި ބޭއްވުމަށެވެ.

މި މައްސަލައިގައި ގާއިމުވެގެން އެ ދިޔައީ ވަރަށް ނުބައި ގާނޫނީ އާދައެކެވެ. ނުވަތަ ޕްރެސީޑެންޓެކެވެ. ވަކި ސިޔާސީ ޕާޓީއެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ކަމެއް ކުރީމައި އެކަންޏެއް ނޫނެވެ. އިންތިޚާބުތައް ބޭއްވުމަށް ގާނޫނުތަކުގައި ކަނޑައަޅާފައިވާ ތާރީޚުތަކުގައި އިންތިހާބުތައް ނުބޭއްވުމުގެ ނުބައި އާދަ އެވެ. އަދި ގާނޫނުތަކުގައި، ދައުރުގެ މުއްދަތު ކަނޑައަޅާފައިވާ އިންތިހާބީ މަގާމުތަކުގެ މުއްދަތު ދިގު ދެންމުމުގެ ނުބައި އާދަ އެވެ.