އަޑިއަށް ދިޔަ ބޯޓުން ގެއްލުނު މީހާ، ކޯސްޓްގާޑުގެ އުޅަނދަކަށް ލަނީ.-- ފޮޓޯ: އެމްއެންޑީއެފް
02 އޮކްޓޯބަރ 2022 - 11:44
ކ. ކާށިދޫ ކައިރިއަށް އަޑިއަށް ދިޔަ ބޯޓުން ގެއްލުނު ފަޅުވެރިޔާ ކަނޑުން ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭގެ 7:30 ހާއިރު އިމަޖެންސީ ރޫމަށް އުމުރުން 59 އަހަރުގެ ބިދޭސީ ފިރިހެނަކު ގެންދިޔަ ކަމަށެވެ.
އެކަމަކު، އެ ތަނަށް އިންޑިއާ މީހާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް، ޑޮކްޓަރުންނާ ހަވާލާދީ އޮފިޝަލް ވިދާޅުވި އެވެ.
އިންޑިއާގެ ޓުޓިކޮރިން އިން މިދިޔަ ބުދަ ދުވަހު ފުރައިގެން ރާއްޖެ އަށް ދަތުރުކުރަނިކޮށް މޫސުން ގޯސްވުމުގެ ސަބަބުން އެ ބޯޓު އަޑިއަށް ދިޔައީ ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލު ބޭރުންނެވެ.
ބޯޓު އަޑިއަށް ދިއުމުން އޭގައި ތިބި ހަތް މީހުންގެ ތެރެއިން ހަ މީހުން ސަލާމަތްކުރީ އެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ "އެމްވީ ބްރަދުވާޖް" ނަމަކަށް ކިޔާ ބޯޓަކުންނެވެ.
އިންޑިއާގެ އެ ހަ މީހުން މިހާރު ވަނީ މާލެ ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
02 October 2022
ހިތާމަވެރި ހާދިސާއެއް.