ރިޕޯޓް / އެމްޑީޕީ

އެމްޑީޕީ ގައުމުން ބޭރުގައި، މިފަހަރު ބަދަލެއް ފެންނާނެތަ؟

އެމްޑީޕީގެ އިސް ބޭފުޅުންނާ ކުރީގެ ރައީސް ނަޝީދު ސްރީ ލަންކާގައި ބައްދަލުކުރައްވަނީ. --ފޮޓޯ: އެމްޑީޕީ

އެމްޑީޕީ އަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ ސިޔާސީ ޕާޓީ އެވެ؛ ޖަލްސާތަކާއި އެއްވުންތަކާއި މުޒާހަރާތަކަށް އެތައް ހާސް ބަޔަކު އެ ޕާޓީން ނެރެފައިވެ އެވެ. ކެމްޕޭންތަކުގެ ފޯރިގަދަ އެވެ. ރާއްޖޭގައި ބޭއްވި އިންތިހާބެއްގައި މިހާތަނަށް، އެއް ކެންޑިޑޭޓަކަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ވެސް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އޭރު އެ ޕާޓީގެ ހުރިހާ ވެސް ރޫހަކީ އާއްމު މެމްބަރުންނެވެ. އެކަމަކު އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް، އެމްޑީޕީގެ ދުވެލި މިހާރު މަޑުވެއްޖެ އެވެ. ހަރަކާތްތައް ވަޅުޖެހި މުޅި ޕާޓީ މިހާރު އޮތީ ބަދަލަކަށް ބޭނުންވެފަ އެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ސަރުކާރުން ކެމްޕޭން ފެށިއިރު، އެމްޑީޕީ އަދިވެސް "ވަނދުކޮށް" އޮތުމަކީ އާއްމު މެމްބަރުންގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ވާނީ ކާކު ކަމެއް ނޭނގެ އެވެ. ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި، އެ ޕާޓީގެ ގިނަ ބަޔަކު ގަބޫލުކުރާ، ރައީސް ނަޝީދަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ހުރިހާ ފުރުސަތުތަކެއް ވަނީ ބަންދުވެފަ އެވެ. އެހެންވެ ދެން އޮތް ގޮތަކީ، ޕްރައިމަރީ ބާއްވައި އެހެން ކެންޑިޑޭޓަކަށް ފުރުސަތު ދިނުންތޯ، އެއީ ވެސް އާއްމު މެމްބަރުންގެ ހިތުގައި އޮތް ސުވާލެކެވެ.

އިދިކޮޅު ޕާޓީތަކުގެ ޒިންމާއަކީ ސަރުކާރު ޒިންމާދާރުކުރުވުމެވެ. އެކަމުގައި ވެސް އެމްޑީޕީ އަށް ނަތީޖާ ނެރެދެވިފައެއް ނުވެ އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ހިސާބުން ޕާޓީގެ މުޅި މިސްރާބު ބަދަލުކޮށްލާފައި ވަނީ އެމަނިކުފާނު މިނިވަންކުރުމަށެވެ. އެ މަސައްކަތުގައި އެމްޑީޕީ ގަބޫލުކުރާ އުސޫލްތަކުން ބޭރުވެ، ސަރުކާރާ އެކު "ޑީލް" ހެދި ކަމުގެ ހިތްހަމަނުޖެހުން އާއްމު މެމްބަރުންގެ ހިތުން ފިލައެއް ނުދެ އެވެ.

ޕާޓީ ތެރޭގައި ހުރި މި ހުރިހާ ކަންކަން ހައްލުކޮށް، ޕާޓީ އަލުން ވަރުގަދަކުރަން ޖެހޭ ކަމަށް ލީޑަޝިޕުން ވެސް ގަބޫލުކުރެ އެވެ. އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ނަޝީދާ އެކު ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން، އެ މަސައްކަތުގައި، މިހާރު ވަނީ ސްރީ ލަންކާ އަށް ވަޑައިގެންފަ އެވެ. ގައުމުން ބޭރުގައި މި ބާއްވާ ސިއްރު ބައްދަލުވުންތަކުގައި ޕާޓީ އަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން ހަމަޖެހިފައިވާ ކަމަށް ވެ އެވެ.

އެމްޑީޕީގެ އިސް ބޭފުޅުންތަކެއް ސްރީ ލަންކާގައި. --ފޮޓޯ: އެމްޑީޕީ

އާ ލީޑަޝިޕަކަށް ޖާގަ ދޭން ޖެހޭ؟

އެމްޑީޕީގައި ކުރިން އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ޕާޓީ މިހާރު ހިންގަމުން ދަނީ އަސާސީ ގަވާއިދާ އެއްގޮތަކަށް ނޫނެވެ. ޕާޓީ އެނބުރެނީ ވަކި މީހެއްގެ ވަށައިގެންނެވެ. ޕާޓީގައި ސައްހަ ލީޑަޝިޕެއް މިހާރަކު ނެތެވެ.

އެމްޑީޕީ ހިންގަމުންދާ ގޮތަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ އެމްޑީޕީ އިސްލާހު ކުރެވެން އޮތް ހަމައެކަނި ގޮތަކީ އާ ލީޑަޝިޕަކަށް ޖާގަ ދިނުން ކަމަށެވެ. ނަޝީދު ބޭނުންފުޅުވާ ހުރިހާ ގޮތަކަށް ޕާޓީ ހިންގެވުން ހުއްޓާލައްވައި، މިނިވަން އިންތިހާބުތަކަކުން ޕާޓީގެ މަގާމްތަކަށް މެމްބަރުން އައްޔަން ކުރަން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ރައީސް ނަޝީދު ޕާޓީގެ ހަރަކާތްތަކުން ދުރަށް ޖެހިގެން ނޫން ގޮތަކަށް އެމްޑީޕީ ދެމިއެއް ނޯންނާނެ،" މޫސަ ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ގޮތުގައި ހުންނެވި އަލީ ވަހީދު ވެސް މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ އެ ޕާޓީގައި އިސްކޮށް އުޅުއްވި އެއްވެސް ބަޔަކު އެ ޕާޓީގެ ލީޑަޝިޕުން މިހާރު ނުފެންނަ ކަމަށެވެ. މިއީ، އެ ޕާޓީ ޑިމޮކްރެޓިކް އުސޫލްތަކުން ބޭރުން ހިންގާ ކަމުގެ ހެއްކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޫސަ ވިދާޅުވި ގޮތުގައި ރައީސް ނަޝީދު ބޭނުންފުޅު ނުވާ މީހަކަށް އެ ޕާޓީގައި ފުރުސަތެއް ނެތެވެ. އެކަމަކު މޫސައާ މެދު އެމްޑީޕީގެ އިޚުލާސްތެރި މެމްބަރުން ކުރާ ތުހުމަތުތައް ވެސް ކުޑައެއް ނޫނެވެ. އެ މީހުން ބުނާ ގޮތުގައި މޫސަ އުޅުއްވަނީ ރައީސް އަބްދުﷲ ޔާމީނާ ބައިއަތު ހިއްޕަވައިގެން، އެމްޑީޕީ ހަލާކުކޮށްލައްވާށެވެ. އެކަމުގެ ހެއްކެއްގެ ގޮތުން އެ މީހުން ދައްކަނީ ސަރުކާރުގެ ސިޔާސަތުތަކަށް އޭނާ ކުރައްވާ ތާއީދެވެ.

"ޕާޓީ ފަނޑުކޮށެއް ނުލެވޭނެ"

އެމްޑީޕީ އަށް އަމާޒުކުރާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ އެ ޕާޓީ މިހާރު ވެސް ކުރިއަށް ގެންދަނީ ޕާޓީގެ އަސާސީ ގަވާއިދާއި ޑިމޮކްރެޓިކް އުސޫލްތަކާ އެއްގޮތަށެވެ. އޭގެ ބޭރުން ކަންކަން ކުރަމުންދާ ކަމަށް، ބައެއް ބޭފުޅުން ފާޑުވިދާޅުވިއަސް ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް ޕާޓީ ހިންގާނެ މީހެއްގެ އަތްމައްޗަށް އާއްމު މެމްބަރުން ޕާޓީ ދޫކޮށްނުލާނެ އޭނާ ވިދާޅުވި އެވެ.

އޭގެ މާނައަކީ އެ ޕާޓީ ތެރެއިން ކުރިއަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ނެތުން ނޫން ކަމަށް ޝިފާޒް ވިދާޅުވި އެވެ.

ކުރިއާ އަޅާބަލާއިރު، އެމްޑީޕީގެ ހަރަކާތްތައް މަދު ކަމަށް ޝިފާޒް ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ. އެކަމަކު އޭގެ ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، ރައީސް ޔާމީންގެ ސަރުކާރުން ދިވެހި ގައުމާއި ރައްޔިތުންނަށް ކުރިމަތިކޮށްފައިވާ ހާލަތެވެ. އަސާސީ ހައްގުތައް ނިގުޅައިގެންފައިވުމެވެ.

އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި އެ ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި އާއްމު މެމްބަރު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އެމްޑީޕީ

"ސިޔާސީ ހަރަކާތެއް ހިންގަން ކުޑަ ވެސް ޖާގައެއް ނެތް. ސަރުކާރުން ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަން އެއްވެވޭނެ ގޮތެއް ނެތް. މީހުން ހިފައި ހައްޔަރުކުރަނީ. ގާނޫނުތަކުން ރައްޔިތުންނަށް ދީފައިވާ ހައްގުތައް އެކޮޅުކޮޅުން ޖަހައި ހުރިހާ ހައްގުތަކެއް ވެސް މިވަނީ ނިގުޅައިގެންފައި،" ޝިފާޒް ވިދާޅުވި އެވެ.

މި ހާލަތުގައި ވެސް ދޫ ނުދީ، އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީން ހަރަކާތްތައް ހިންގަ އެވެ. މިހާރު އެ ޕާޓީގެ އަމާޒަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް ކާމިޔާބު ކުރުން ކަމަށާއި އިންތިހާބުގެ ކެންޑިޑޭޓުންނާއި އެހެން އިންތިޒާމްތަކަށް ސަރުކާރުން ކުރިމަތިކޮށްފައިވާ ދަތިތަކާ އެކު ވެސް އެކަން އެ ޕާޓީން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބަށް އަދި ދެ އަހަރު އެބަ އޮތް. ކެމްޕޭންތައް ފަށާނީ ރަސްމީކޮށް ރިޔާސީ ކެންޑިޑޭޓް އިއުލާންކުރާ ހިސާބުން،" ޝިފާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ ރައީސް ނަޝީދާ އެކު އާއްމު މެމްބަރުން ތިބީ އެމަނިކުފާނަކީ އެ މެމްބަރުން ބޭނުންވާ ލީޑަރަށް ވާތީ އެވެ. ޕާޓީގެ ކަންކަމުގައި ވެސް މަޝްވަރާ ކުރަން ކުޑަ ވެސް ފުރުސަތެއް ލިބިއްޖެ ނަމަ އެމަނިކުފާނު އެކަން ކުރައްވާނެ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

"ސިލޯނުގައި ރައީސް ނަޝީދު މިހާރު ވެސް އެ ކުރައްވަނީ އެ މަސައްކަތް ދެއްތޯ؟ އެހެންވީމަ މި ޕާޓީ ހިންގަނީ އަސާސީ ގަވާއިދާއި ޑިމޮކްރެޓިކް އުސޫލްތަކާ އެކު އާއްމު މެމްބަރުންގެ ބޭނުންވާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީން ބޭނުންވާ ގޮތަށް އެމްޑީޕީ ހިންގާނެ މީހެއްގެ އަތްމައްޗަށް މި ޕާޓީ ދޫކޮށެއް ނުލެވޭނެ."

ލަންކާގައި އެމްޑީޕީން ކުރިއށް ގެންދާ ހަރަކާތްތަކުގެ މާ ބޮޑު ތަފްސީލެއް ނުދެއްވައި ޝިފާޒް ވިދާޅުވީ އެ ތަފްސީލުތައް ޕާޓީން ފަހުން ހާމަކުރާނެ ކަމަށެވެ.

ސްރީ ލަންކާގައި މިހާރު ކުރިއަށް ގެންދާ ބައްދަލުވުންތަކާ އެކު އެމްޑީޕީން ބަދަލެއް ފެނިދާނެތޯ މިއީ ގިނަ ބަޔަކު ކުރާ ސުވާލެކެވެ. އެކަން ސާފުވާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބާއްވާ ބައްދަލުވުންތައް ނިމުމުންނެވެ. އެކަމަކު ނަޝީދު ރާއްޖެ އިން ބޭރުގައި ހުންނެވުމާއި، އެމަނިކުފާނަށް އަދި އަލި މަގެއް ފެނިވަޑައިނުގަންނަވާތީ، އެމްޑީޕީގެ ހަރަކާތްތަކަށް ރާއްޖޭގައި މާ ބޮޑު ބަދަލެއް އަތުވެދާނެ ކަމަކަށް ނުފެނެ އެވެ.

47 ކޮމެންޓް, 97 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 19%
icon angry icon angry 36%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްދުއްލާ އަލީ

01 February 2017

އެމްޑީޕީ ވަނީ އެތެރެ އިން ފިތިފަ ބޭރުންވެސް ފިތިފަ . ބޭހުން ގުޑާ ވަރެއްނެތް ޖަހަނީ އޮޕަތޭސަން ކުރަން . ބޯހަރު މީހަކަށް ވުމުން އޮޕަރޭސަން ވެވޭކަށް ނެތް. އެމްޑީޕީ ފިއްތާލައިގެން އުޅޭ މީހުން ހުރިހާކަމެއްވެސް ކުރަން މިއުޅެނީ ރާއްޖޭގެ ގާނޫނުއަސަާސީ އާ ގާނޫނުތަކުން ބޭރުން. އެހެންވެ ހުރިހާކަމއްވެސް ނާކާމިޔާބު .

The name is already taken The name is available. Register?

GAN Island

31 January 2017

ޝައްކު ނުކުރައްވާ.. !! ބަދަލު ފެންނާނެ އަދި ބަދަލު ގެންނަންވެސް ގެންނާނެ. ދިވެހިރާއްޖޭގެ ސިޔާސީ ކަންކަމަށް ''އިސްލާހީ ބަދަލެއް'' އައިސްފައިވާނަމަ އެބަދަލެއްގެ ފެށުން އައިސްފައިވަނީ ރާއްޖެއިން ބޭރުން ނުވަތަ ބޭރުދައުލަތް ތަކެއްގެ އެހީތެރިކަމާއި އެކު. . . . . މިދައުލަތް ވެއްޓިފައިވާ އަޅުގަނޑުން ނަގާދިނުމަށް ''ބޭރުގެ އެހީތެރިކަން'' އަހަރުމެން ދިވެހިންނަށް ލިބޭނެ، އަދި މިދެންނެވި އެހީތެރިކަން ދިނުމަށާއި މިކަން ކުރުމަށް ބޭނުންވާ މަގު ކޮށާދޭނެ ކަމަށް ކުރިއަރާފައިވާ ޤައުމު ތަކުގެ ސަރުކާރުތަކުން ވަނީ ވައުދުވެފައި.

The name is already taken The name is available. Register?

ސާރިދޯޅު

31 January 2017

އެމް.ޑީ.ޕީ ސަރުކާރުގެ 3 އަހަރުގަ ނުކުރެވުނު އެތައް ކަމެއް ރައީސް ޔާމީން 3 އަހަރު ތެރޭ ކޮށް ނިންމައިފި. އަންނި އުޅުނީ ރައްޔިތުންނަށް މާ ހެޔޮއެދޭ މީހަކަށް ހެދިގެން ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވަންވެގެން. އަންނި ރައްޔިތުންނަށް ނޭނގި އެތައް ޖަރީމާއެއް ހިނގި. ރައީސް ޔާމީން ބަނދަރު އަޅާދީ ތޮށިލާދީ މަގު ހަދާދީ އެއަރޕޯޓްތައް އަޅާދީ އެއްއޮށް ނިއްމަނީ. ތަރައްގީގެ ހަގީގީ ބާނީ އަކީ ހަމަ ރައީސް ޔާމީން. އަހަރެން ފަހުރުވެރިވަން.

The name is already taken The name is available. Register?

ކުޑަދޫ އަހްމަދު

31 January 2017

ފިކުރެއް ނެތި ކޮށްލުމަކީ ވާނެކަމެއްނޫން! އެމް.ޑީ.ޕީއަކީ ފިކުރެއް! އެއީ ޙުދުމުޙްތާރު 30 އަހަރުގެ ވެރިކަން ނެތިކޮށްލަން ދިވެހިން ބޭނުންވެފައިވާ މިންވަރުން، ދިވެހިންގެ ވިސްނުމުގެ ތެރޭގައި ހުރި، ޑިމޮކްރެސީއާއި، އިންސާނީ ހައްގުތަކާއި، ތަހުޒީބުތަކުގެ މައްޗަށް އުފެދުނު ވަރުގަދަ ފިކުރެއް! އެމް.ޑީ.ޕީއަކީ އެންމެ ވަރުގަދަ ޕާޓީ، އަދި ގިނިކަންޏާއި ނުކުމެ ދިވެހިރާއްޖޭގެ ވެރިކަން ހަމަ އެކަނި ކުރެވޭނެ ޕާޓީއަކީވެސް އެމް.ޑީ.ޕީ. އެކަން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ފެނިއްޖެއެވެ. މިހާރު ދިވެހިންނާއި ހަނގާކޮން، މައްލަވަކޮށްގެން އެއްވެސް ކަމެއް ނުކުރެވޭނެ. އެމް.ޑީ.ޕީއަކީ ދިވެހިރާއްޖޭގެ މުސްތަގުބަލާއި ގުޅިފައިވާ ހަމައެކަނި ޕާޓީ! އެމް.ޑީ.ޕީ އެނބުރި އަންނާނެ! އެއީ ޝައްކުވާ ކަމެއްނޫން. އަދި ކޮރަޕްޝަނާއި ފަސާދައާއި، ހާއިނުންގެ މައްޗަށް އެމް.ޑީ.ޕީ އިސްވެ އޮވެ ރައްޔިތުން ގަދަވާނެ! އޭގެ ލާމަސީލު މިސާލު މިހާރު މިފެންނަނީ. ގެމްޕިޔާގެ ރައީސްވެސް ވެރިކަމުގެ ފަހުކޮޅު ކޮމަންވެލްތުން ވަކިވީ. ދިވެހިރާއްޖެވެސް ހަމަ އެހެން. ގަދަ ބަސްބުނެ، އެހެން މިއުޅެނީ. ނަމަވެސް ގެމްޕިޔާގެ ރައީސްގެ ނިމުން މިދިޔަ ހަފްތާ އެ ފެނުނީނޫންތޯ؟ އެ ގައުމުގެ ސްޕްރީމް ކޯޓާއި، ސިފައިން ކިތަންމެ ވަރު ކުރިޔަސް ގެމްބިޔާގެ ވަގު ރައީސް އެ ދިޔައީ ހުސްއަތާއި، އެކަނިވެރި ހާލު. ލަދުވެތި ގޮތަކަށް! މިއީ ދިވެހިރާއްޖެއިންވެސް 2018 ވަނަ އަހަރު ފެންނާނެ މަންޒަރު! މިއީ ޝައްކެތްވެސް ނެތް ކަމެއް!

The name is already taken The name is available. Register?

އަގެއިން

31 January 2017

އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން ވިޔަސް އަންނިގެ ވެރިކަމެއް އަހަރަމެން ގެންނާނަން . ބަލަންތިބޭތި.

The name is already taken The name is available. Register?

ޖޯޑަން

31 January 2017

1) އެއްގަތަކީ އިންތިހާބް ބޯއިކޮޓް ކުރުން އަދި ރައީސް އެނބުރި ޖަލަށް ގޮސް އަދި މަގުމަތީގައި ތިބުން . "ބޮޑުދުވަހެއް" އައުން. 2) ޕްރޮކްސީ އެއްނެރެ ( އިބޫ ސޯލިހް އާއި މުސްތަފާ ) ކާމިޔާބް ކޮށް ، އިސްތިއުފާ ދީ އެންމެނަށް ބައިވެރިވެވޭ އިންތިހާބްއެއް ބޭއްވުން.

The name is already taken The name is available. Register?

ޔާ

31 January 2017

ޢާއްމު މެމްބަރުން ބޭނުންވަނީ އައްނި އައްނި އައްނި އެހެންވީމާ ބަދަލެއް ބޭނުމެއް ނުވޭ ވަރައް ސަލާމް

The name is already taken The name is available. Register?

ިކުޑޫ

31 January 2017

ކޮބާ ހަސަން ލަތީފް

The name is already taken The name is available. Register?

މޫސަ

31 January 2017

ބައްދަލުވުމުގެ ނަތީޖާ އަކީ ނަޝީދަށް ކުރިމަތި ނުލެވޭނަމަ އިންތިޚާބު ބޮއިކޮޓް ކުރުން ކަމަށް ވެއްޖެނަމަ އެއީ އެމްޑީޕީ އަދި ނަޝީދުގެ ވެސް ސިޔާސީ ހަޔާތް ނިމުންކަން ކަށަވަރު. އެމްޑީޕީގެ އާއްމު މެންބަރުން ގެ ވިސްނުން ހުރިގޮތެއް ބަލަމާ.

The name is already taken The name is available. Register?

ޔެލޯ ޑޫޑް

31 January 2017

ކެކެ އެއްކަލަ ރީކޯ މޫސަ. އެމްޑީޕީގަ އެކަނި އިނގޭތޯ ލީޑަރަކު ހުރީ. ގްރާސްރޫޓް އަދިވެސް އެދެނީ ރައީސް ނަޝީދަށް. އުމުރުން 50 އަހަރު. ސިޔާސީ މައިދާނުގައި ހުރި އެންމެން 60 މަތީގާ އަންނި ނޫނީ. އަންނި ނުޖެހޭ ފަހަތައްޖެހޭކަށް. ހުރިހާ އެކްޓިވިސްޓް މަސައްކަތެއްކޮށް ބަދަލުގެނައީ ގްރާސްރޫޓާއެކު އަންނި. ޤާސިމެއް ކާސިމެއް ޔާމިނެއް އުމަރެއް ރީކޯއެއް ޝާހިދެއް ތަސްމީނެއް ކިޔާނެ ކަމެއްނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454