ބާ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ
22 ފެބުރުއަރީ 2024 - 10:28
މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަދުވަސްވަންދެން ބަހައްޓާފައި ހުރި 50 އަށް ވުރެ ގިނަ ބާ އުޅަނދު ނައްތާލައިފި އެވެ.
މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި އެއްގަމު އުޅަނދުތައް ޓޯކޮށް، ނައްތާލުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
އެ މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިއްޔެގެ ނިޔަލަށް 56 ބާ އުޅަނދު ނައްތާލާފައިވާ ކަމަށެވެ.
މިއީ އެއްގަމު އުޅަނދު ތޮއްޖެހުމުގެ ސަބަބުން މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީ އާއި ވެމްކޯ އަދި ފުލުހުން ގުޅިގެން ފެށި ޕްރޮގްރާމެކެވެ.
މި މަސައްކަތުގެ ދަށުން މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސް ވަންދެން، ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ އުޅަނދުތައް ދެނެގަނެ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެ އުޅަނދުތައް މަގުމަތިން ނަގައި ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
މާލޭގެ މަގެއްގައި އޮތް ބާ ކާރެއް ނައްތާލުމަށް ވެމްކޯ ސައިޓަށް ގެންދަނީ.-- ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ
މާލެ އާއި ހުޅުމާލޭގެ މަގުތަކަށް އުކާލާފައިވާ، ބާވެ، ގިނަ ދުވަހު ނުދުއްވާ ހުންނަ ވެހިކަލްތައް ނެގުމުގެ މަސައްކަތް މީގެ ކުރިން ވެސް ކޮށްފައިވެ އެވެ.
މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށް އަމިއްލައަށް އުޅަނދުތައް ނައްތާލަން ބޭނުންވާ މީހުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވެސް ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ ހަފުތާގައި ވަނީ ހުޅުވާލައިފަ އެވެ. އެ ފުރުސަތު އަންނަ މަހު ތިނެއްގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
މާލޭގެ މަގުތަކުގައި، ހާއްސަކޮށް ބޮޑުތަކުރުފާނުމަގުގެ ދެފަރާތުގައި ހަތަރު ފުރޮޅުލީ ގިނަ އުޅަނދުތައް ޕާކުކޮށްފައި ހުރުމުން ވަރަށް ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ. އެ މަގުގެ ދެ ފަރާތުގައި ކާރާއި ވޭނުތައް ޕާކްކޮށްފައި ހުރުމުން، ހަތަރު ލޭނުގެ އެ މަގުން މިހާރު ދުއްވަން ބޭނުންކުރެވެނީ އެންމެ ދެ ލޭނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
22 February 2024
ބާ އުޅަނދު އެކަންޏެއްނޫން... އާ އުޅަނދުވެސް ގަވައިދާ ހިލާފަށް ހުންނަނ ނަމަ ނަގާ ނައްތާލަން އެބަޖެހޭ....
ކޮމިއުނިކޭޓަރ
22 February 2024
3 މަސް ފަހުން "އަމިއްލަ މީހެއްގެ އުޅަދެއް ގަވާއިދާ ޚިލާފަށް ނައްތާލައިގެން ދައުލަތުން ބަދަލުދޭން ޖެހިއްޖެ" މިކަހަލަ ހެޑްލައިންއެއް ނޫހުން ނުފެނޭތޯ ދުއާކުރަން. ދައުލަތުން ބަދަލު ދެވޭނީ ހަމަ އަޅުގަނޑުމެންގެެވެސް ފައިސާއިން..
ިއިބުރާހިމް
22 February 2024
ބުރުޒމަގުގަ ބާއިވަރު ބާސާކަލުތައް މިއެއްޗިހިނަގާބަލަ
ބާއުޅަނދު
22 February 2024
އެއްޗެއް ނައްތާލި ކަމެއް ނޭނގެ. އަދިވެސް ބާ އުޅަނދުން މަގުމަތި އޮތީ ފުރިފައި. ނުދުއްވާތާ އަހަރުދުވަހަށްވުރެ ގިނަ ދުވަސްވީ އުޅަނދުވެސް އެބަހުރި. މޯނިންގލޯރީ ފަޅައިގެން ހެދި ބޮޑުވެ އޭގެ މައްޗަށް އަރާފައިވާ އުޅަނދުވެސް އެބަހުރި.
ކަނބުރުގެ
22 February 2024
ނައްތާލި ގޮތެއް ނެތް ބުނެފައެއް. ކަނޑަށް ފައްތާލީތޯ ވަޅުލީތޯ ބުރިބުރިކޮށްލީތޯ ފިއްތާ މެޝިނަކުން ފިއްތާލީތޯ. މިހެން މިބުނީ ތި އުޅަނދުތައް ދައުލަތަށް އެއްޗެއް ލިބޭގޮތަށް ބާދަގަނޑުގެ ގޮތުގަ ރާއްޖެއިން އެކްސްޕޯޓްވެސް ކުރެވޭނެތީ.