އެމްޑީއޭ އިން ލޯކަލް އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުން ތައާރަފްކުރަން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ: ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަކީ ނަމޫނާ ކޯލިޝަނެއްގެ ގޮތުގައި ސިފަކުރެއްވި. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
06 މާޗް 2017 - 00:06
ކޯލިޝަން ހަދައިގެން ތިއްބަސް އިދިކޮޅު ފަރާތްތަކަށް އެއްގަލަކަށް ނޭރޭނެ ކަމަށާއި އެ ކޯލިޝަންގައި އިސްކޮށް ތިއްބެވި ހުރިހާ ބޭފުޅުން ވެސް ބޭނުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ކަމަށް ރައީސް އަބްދުﷲ ޔާމީން މި ރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އިން ލޯކަލް އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުން ތައާރަފްކުރަން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެއްގަލަކަށް އަރަނީ ސަރުކާރާ ދެކޮޅުވާން އެކަނި ކަމަށެވެ. އެއަށް ފަހު އެއްގަލަށް އެރޭނެ އެއްވެސް ގޮތެއް ނޯންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ހައްތަހާ ވެސް މި ތިބީ ރައީސުލްޖުމްހޫރިއްޔާ ކަން ކުރަން ބޭނުންވާ މީހުން. އެހެންވީމަ އެއް ދައުރެއްގައި ތިން ހަތަރު ރައީސުލްޖުމްހޫރިއްޔާ އިން އަޅުގަނޑުމެންނަށް ހަމަގައިމު ވެސް ދައުލަތުގެ ބަޖެޓު ތަނެއް ނުދޭނެ. އެއީކީ ވާނެއް ކަމެއް ނޫން. އެހެންވީމަ އެ މީހުން އެއްގަލަކަށް ނާރާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކޯލިޝަނެއް ދެމެހެއްޓުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެއީ، ރައީސް ޔާމީން، ސިފަކުރެއްވި ގޮތުގައި "ސިޔާސީ ވަހުތާނެއް" ފަދަ އެއްޗެކެވެ.
ދުނިޔޭގެ އެކި ސިޔާސީ ނިޒާމުތަކުގައި އޮންނަ ގޮތަށް، ރާއްޖޭގައި ވެސް އެކިފަހަރު އެކި ކޯލިޝަންތައް ހެދުނަސް އެ ކާމިޔާބު ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ. ކޯލިޝަންގައި މަސައްކަތް ކުރާ އިރު، ކުރި އަށް ދާން ޖެހޭނީ ވެރިކަން ކުރާ ޕާޓީގެ ވިސްނުމާއި ފިކުރަށް ތާއީދު ކޮށްގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކޯލިޝަނެއް ދަމަހައްޓަން ބޭނުންވާ ނަމަ، އެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ގަބޫލުކުރަން ޖެހޭނެ ކަންތައްތަކެއް ހުންނަން ޖެހެ އެވެ. އޭގެ ތެރޭގައި ކޯލިޝަން ހިންގާ ޕާޓީ އަކީ ވެރިކަން ކުރާ ޕާޓީ ކަމަށާއި އެ ޕާޓީގައި ރައްޔިތުންގެ ތަރައްގީއަށްޓަކައި އަމާޒެއް އޮންނާނެ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަކީ ނަމޫނާއެއް ކަން ފާހަކުރައްވައި ރައީސް ވިދާޅުވީ އެ ކޯލިޝަން އެންމެ ފުރަތަމަ ވެސް ކަނޑައެޅި އަމާޒާ އެއްގޮތަށް، ކުރިއަށްދާ ކަމަށެވެ. އެ ގުޅުން ދެމިއޮތީ، ގަބޫލުކުރަން ޖެހޭ ހަގީގަތްތައް ދެ ޕާޓީން ވެސް ގަބޫލުކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.
"ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ސަރުކާރު ހިންގޭނީ ކޮންމެވެސް އެއްބަޔަކަށޭ. ބަސް ކިޔާނީ ކޮންމެވެސް އެކަކު. އޮޑިއެއްގައި ވެސް ފަޅުވެރިން ތިބޭނެ، އެކަމަކު ހުންނާނީ އެންމެ ކައްޕިއެއް، ދެ ކައްޕި ތިބެއްޖިއްޔާ ފަހަރެއްގައި ދެ މިސްރާބަކަށް ދަތުރުކޮށްފާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގާނޫނުއަސާސީގައި ވެސް ކޯލިޝަން ހަދަން ޖާގަ ދީފައި އޮންނައިރު، މަސްއޫލިއްޔަތު އުފުލުމުގެ ޒިންމާ ހަވާލުކޮށްފައި އޮންނަނީ ވެރިކަން ކުރާ ޕާޓީއާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ވެރިކަން ކުރާ ޕާޓީގެ ބޮޑު އަޣުލަބިއްޔަތެއް އޮންނަން ޖެހޭ ކަމަށާއި އަޣުލަބިއްޔަތު ނެތް ނަމަ އޭގެ މާނައަކީ ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބަށް އެމްޑީއޭ ފިޔަވައި، އެހެން ޕާޓީތަކާ އެކު ހެދި ކޯލިޝަން ރޫޅުނީ "ކޯލިޝަންގެ ހަގީގަތް" ގަބޫލުނުކުރާތީ އެވެ. ޕީއެމާއި ޖުމްހޫރީ ޕާޓީގެ ކޯލިޝަން ރޫޅުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބޭނުންފުޅުވެގެން، އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ކަން ރައީސް ފާހަގަކުރެއްވި އެވެ.
ޕީޕީއެމުން ވެރިކަމަށް އައީ، ރައްޔިތުންނަށް ތަރައްގީ އާއި ހަމަޖެހުން ހޯދައިދޭން ކަމަށާއި އެ އަމާޒު ހާސިލްކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، ލޯކަލް އިންތިހާބުގައި ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވަން ރައީސް މިރޭ ވެސް އެދިވަޑައިގެންނެވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅޯކުޑަ ގޮހޮޑާ
06 March 2017
ބައްލަވާ މަނިކުފާނު! މިހާރަކު މީހަކު އަރާކަށް ރަށެއް ފަޅެއް ގަލެއް ނެތެއް ނޫންތޯ؟
ހަސަން
06 March 2017
ސަން ޝިޔާމް އަށް އެއްލި ބަހަކާ ވައްތަރީ... ހަސަނަށް ހީވާހެން ޔާމިނަށްވެސް ހީވާނެތާ...ހެހެ
ރަދީފް
06 March 2017
ސޮރީ. މަގޭ ވޯޓް ނުލިބޭނެ އެއްވެސް ކައުންސިލަރަކަށް.
ރަޑުއަންހެނާ
06 March 2017
އަހަންނަކީ ކަޅުކުލައިގެ ހެދުންލާ ހިއްވާ އަންހެނެއް އެހެން މީހަކު ލައިގެން ހުރި ހެދުމެއްގައި އިން ޑިޒައިނެއްގެ ތަންކޮޅެއްގައި ކަޅުކުލަކޮޅެއް ހުއްޓަސް އަހަންނަށް ހީވަނީ އެމީހަކު އަހަރެންހެދެން އުޅެނީއޭ
ތުއްތޮންބެ
06 March 2017
މަނިކުފާނު ތިވާދުވީ ވަރައްބޮޑު ތެދުފުޅެއް ދިވެހިރާއްޖޭގެ ސިޔާސީދާއިރާގައި އުޅޭގިނަމީހުންނަކީ ކުފޫހަމަނުވިޔަސް ވެރިކަންބޭނުންވެގެން އުޅޭބައެއް.
އަފިހުން ގޮއްޔެ
06 March 2017
މަނިކުފާނަށް ވެރިކަމަށް އާދެވުނީ ކޯލިޝަން ނުހަދާ ނޫންތޯ، ދައްކާ ވާހަކަ އުތަ، ހީވަނީ ދިވެހިން އެއްވެސް ވަރަކަށް މާޒީ ހަނދާނެއް ނުހުންނާނެކަމަށް ދެއްތޮ.
ހުސައިންގެ ދަރި
06 March 2017
މާލެ ސިޓީ ކައުންސިލުގައި މުޅީންހެން ތިއްބެވީ، އަދި ރައްޔިތުންގެ މަޖިލީހުގައިވެސް މާލެ ސިޓީ ތަމްސީލު ކުރައްވާ ގިނަ ބޭފުޅުންނަކީ އެމްޑީޕީ ބޭފުޅުން. ނަމަވެސް، މާލޭގެ ތަރައްގީގެ މަސްރޫތައް ނުހިންގައެއްނެތް. ބަޖެޓުގެ ބޮޑުބައި ދަނީ މާލޭ އަށް "އުޖާލާކަން" ގެނެސްދިނުމަށް. އެހެންވީމާ، ތިޔަ ދައްކަވާ ވާހަކަފުޅު ދެކޮޅުޖެހެނީ ކިހާ ހިސާބަކުންތޯ؟ އައި އޭމް ވެރީ ކޮންފިއުޒްޑް.
ރަދީފް
06 March 2017
ކަލޯ ، މިހާރު މާލެ ސިޓީކައުންސިލުން ކުރާ ހަމައެކަނި ކަމަކީ ވިހާ މަރުވާ މީހުންގެ ލިސްޓް ބެލެހެއްޓުން.
މުހައްމަދު އަހްމަދު
06 March 2017
ރައީސް ކަން ސިޔާސީ ޕާޓީތަކުން ބޭނުންވާނެ. އެއީ ޑިމޮކްރަސީގެ އުސޫލަކީވެސް. އެކަމަކު ތިމާ ނޫންމީހަކު އެމްޑީޕީ ން ރައީސް ކަމަށް ނުނެރޭނެ ކަމަށް ބުނެ، އެޕާޓީން ނުކުންނަން ޚިޔާލު ކުރާ މީހެއްގެ ދުވަސް ދުއްވާލަނީ ނަޝީދު. އެހެންކަމުން އެންމެ ބޮޑަށް ވެރިކން ބޭނުންވަނީ ނަޝީދު
ސސ
06 March 2017
ސިޔާސީ ހުރިހާ މީހުންވެސް ބޭނުން ވަނީ ރައިސުކަން، އަސްލު މަވެސް ބޭނުން ރައީސުކަން!
ކޯލިޝަން
06 March 2017
މަނިކުފާނައް ކޯލޝަނަކުން ނޫންތޯ ވެރިން ލިބިވަޑައިގަތީ.