އެކްސިޑެންޓުވި ޑިންގީ
25 ޖޫން 2025 - 09:00
ޅ. މަޑިވަރު އެއާޕޯޓު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފި އެވެ.
ރޭ 8:30 ހާއިރު ފުލުހުންނަށް ރިޕޯޓުކުރި އެ ހާދިސާގައި ޑިންގީގައި ތިބި ތިން މީހަކަށް އަނިޔާ ވެގެން އެންމެ ފުރަތަމަ ގެންދިޔައީ ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށެެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ޑިންގީގެ ކެޕްޓަނާއި އިތުރު އެހެން އެހެން މީހަކަށް ފަރުވާ ދިނުމަށް މިހާރު ވަނީ މާލެ ގެނެސްފަ އެވެ.
އައިޖީއެމްއެޗުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ޑިންގީ އެކްސިޑެންޓުގައި އަނިޔާވެގެން އެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ އުމުރުން 61 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ ފިރިހެނެކަށެވެ.
އެ ދެ މީހުންނަށް ވެސް އިމަޖެންސީ ރޫމުގައި މިހާރު ފަރުވާދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"މިހާރު ޑޮކްޓަރުން އެޓެންޑުވަމުން ދަނީ. އަދި ލިބުނު އަނިޔާގެ ތަފްސީލެއް ނޭނގޭ،" އައިޖީއެމްއެޗުގެ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ބުނީ ބެލެެވެނީ ޑިންގީ އަޑިއަށް ދިޔައީ ކަމަށެވެ. ޑިންގީ ހޯދުމަށް ކުރި މަސައްކަތުން އެ ހޯދިފައި ނުވާ ކަމަށް ވެސް ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި ލޯންޗުގައި ޖެހުމުގެ ސަބަބުން ޑިންގީގެ ކުރީކޮޅަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފަ އެވެ. އަދި މީހުން ޒަހަމްވެ ލޭ ވެސް ލޯންޗު ތެރެއަށް އެޅިފައި ހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުނީރ
25 June 2025
ރޭގަނޑުގެ ވަގުތުގައި ޑިންގީ ބޭނުން ނުކުރެވޭ ގޮތްހަދަންވީ. އާއްމުކޮށް ކުދި އުޅަނޅު ފަހަރުގަ ނެވިގޭޝަން ޖެއްސޭހާ ގާބިލުކަމެއް ނުހުރޭ ހާއްސަކޮށް އިންޖީނު ނިއްވާފަ އޮންނައިރު. ބެޓެރި ހުލިވެދާނެތީ މަޑުކޮށްފަ އޮންނައިރު ނުޖައްސާނެ ލައިޓެއް.