މެލޭޝިއާގެ ކުއާލަ ލަމްޕޫރުގައި ބޭއްވި އާސިއަން ސަމިޓުގެ ބައިވެރިންގެ ގްރޫޕް ފޮޓޯއަކަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު (މ) މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް (ކ) އަދި ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން މަނޭ ސްޓޭޖުން ފައިބައިވަޑައިގަންނަވަނީ. -- ފޮޓޯ: އޭއެފްޕީ
26 އޮކްޓޯބަރ 2025 - 20:49
ސްމާޓް ފޯނާއި އިލެކްޓްރިކް ވެހިކަލްތަކާއި އިޔާދަކުރަނިވި ހަކަތަ އަދި އަސްކަރީ ބައެއް ސާމާނު އުފައްދަން ބޭނުންކުރާ މުހިއްމު ބާވަތެއް ކަމަށްވާ "ރެއާ އާތު މިނެރަލް" މެލޭޝިއާއިން އިމްޕޯޓްކުރަން އެމެރިކާއިން އެގައުމާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްްފި އެވެ.
ރެއާ އާތު މިނެރަލް އެމެރިކާ އަށް ވިއްކުމުގެ އެއްބަސްވުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕް މެލޭޝިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޮޑުވަޒީރު އަންވަރު އިބްރާހީމާ އެކު މިއަދު ސޮއިކުރެއްވި ވިޔަފާރީގެ ގިނަ އެެއްބަސްވުންތަކެއްގެ ތެރޭގައި ހިމެނޭ އެއްބަސްވުމެކެވެ.
އެމެރިކާ އިން މެލޭޝިއާއާ އެކު، މިފަދަ އެއްބަސްވުމެއް ގާއިމްކޮށްފައި ވަނީ އެ ރެއާ އާތު މިނެރަލް އެންމެ ގިނައިން އެކްސްޕޯޓްކުރާ އެއް ގައުމު ކަމަށްވާ ޗައިނާ އިން އެ ބާވަތް އެކްސްޕޯޓްކުރާ މިންވަރު މަދުކޮށްފައިވާ ވަގުތެއްގަ އެވެ.
ޗައިނާގެ އެ ފިޔަވަޅުގެ ގެއްލުން އެންމެ ބޮޑަށް ކުރިމަތިވަނީ އެމެރިކާއަަށެވެ.
އެ ފިޔަވަޅާ އެކު ރުޅިގަދަވެ، ޓްރަމްޕް ވަނީ ޗައިނާ އިން އެމެރިކާ އަށް އެކްސްޕޯޓްކުރާ ތަކެތިން 100 ޕަސެންޓްގެ ޓެރިފް ނަގާފާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.
ޓްރަމްޕް މިއަދު މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރަށް ވަޑަައިގެންނެވީ އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން)ގެ ގައުމުތަކުގެ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށެވެ. މި މިދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީޖިންޕިންއާ ވެސް ބައްދަލުކުރައްްވާނެ އެވެ.
މެެލޭޝިއާއާ އެކު، އެމެރިކާ އިން ސޮއިކުރި އެއްބަސްވުމުގެ ދަށުން މެލޭޝިއާ އިން ކޮށްދޭނެ ކަމަކީ ރެއާ އާތު މިނެރަލްސް އެކްސްޕޯޓް ކުރުމުގައި އެއްވެސް ހިފެހެއްޓުމެއް ނުގެންގުޅުމެވެ. އޭގެ ބަދަލުގައި އެމެރިކާ އިން ކޮށްދޭ ކަމަކީ މެލޭޝިއާ އިން އެމެރިކާ އަށް އެކްސްޕޯޓްކުރާ އުފެއްދުންތަކުގެ ޓެރިފް 19 ޕަސެންޓަށް ކުޑަކުރުމެވެ.
މެލޭޝިއާ އިން ވަނީ އެމެރިކާއާ ގުޅިގެން އެ ގައުމުގެ މިނެރަލް އިންޑަސްޓްރީ އިތުރަށް ތަރައްގީ ކުރަން ވެސް ވައުދުވެފަ އެވެ.--- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަމެއް
27 October 2025
މިލިޔަނުން މުސްލިމުން މަރާއިރުވެސް އެމީހުންނަށް ލިބޭ ގެއްލުންތައް ފޫބައްދަން އަބަދު ތިބެނީ މުސްލިމް ގައުމުތައް.
އިސްމާލި
27 October 2025
މި ސަރަހައްދުގައި އޮތް މިނިވަން އިސްލާމީ ގައުމުގެ ދުވަސް އެ ދިޔައީ. އެމެރިކާއާއި ޔަހޫދީންނާ ގުޅިގެން ކުރާނެ ފައިދާއަށްވުރެ ލިބޭ ގެއްލުން ބޮޑުވާނެ.
ސައީދުބެ
26 October 2025
މިވަރުން ކިހިނެއްތޯ ފަލަސްތީނު މިނިވަންކުރާނީ. މިހެންވެދޯ ރަތްދޫލައިގެމަތީ ޓުރަންޕު އެވަރަށް ނެށީ. މަށަށް އެކަމުން އެނގިއްޖެ ބޯޓު ޖެއްސުމުގެ ކުރިން ޑީލުތައް އޮތީ ހަދާ ނިންމާފާކަން.
ކުރިން އަންގާލިނަމަ
26 October 2025
ސައީދުބެ ތިހާދެރަވާނެ ކަންކުރިން އެގުނު ނަމަ މެލޭޟިޔާ އިން ތިކަން ކުރާނެ ހެނެއް ހިޔެއް ނުވޭ.ދެންވެސް ލަސް ނުކޮށް އެމީހުނަށް ޙަބަރެއް ވެބަލަ.