ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި މުހައްމަދު ފައިސަލް: އޭނާއާ ގުޅޭ މަނީ ލޯންޑްރިންގެ މައްސަލައެއް އޭސީސީން އަންނަނީ ބަލަމުން. -- ފޮޓޯ: މިހާރު
30 ނޮވެމްބަރ 2025 - 13:03
ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވި މުހައްމަދު ފައިސަލް އަށް މަނީ ލޯންޑަރިންގެ ތުހުމަތުކުރަނީ އޭނާގެ އަނބިކަނބަލުން، ސިވިލް ކޯޓުގެ ގާޒީ އާއިޝަތު އަޒްފާ އަބްދުލްޣަފޫރު ހުކުމެއް ކުރެއްވި ދުވަހު އެ މައްސަލައިގައި ހިމެނޭ މީހެއްގެ ގާނޫނީ ވަކީލް ފައިސަލް އަށް ފައިސާ ޓްރާންސްފާކޮށް އަދި އެ ފައިސާއިން ބައެއް އަޒްފާއަށް ޓްރާންސްފާކޮށްފައިވާތީކަން އެނގިއްޖެ އެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމުން ފައިސަލް އިސްތިއުފާ ދެއްވީ އޭނާއާ ގުޅޭ ކޮރަޕްޝަން އަދި މަނީ ލޯންޑްރިންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށާފައިވަނިކޮށެވެ.
އޭސީސީގައި އޮތް މައްސަލައިގެ ތަފުސީލް އެނގިވަޑައިގަންނަވާ ބޭފުޅަކު "މިހާރު" އަށް ވިދާޅުވެދެއްވި ގޮތުގައި ސިވިލް ކޯޓުގައި ގާޒީ އަޒްފާ ނިންމެވި އެ މައްސަލައަކީ ސިޔާސީ ބޭފުޅެއްގެ ކޮއްކޮއެއްގެ އެޕާޓްމަންޓެއް އެހެން މީހަކަށް ވިއްކުމާ ގުޅޭ މައްސަލައެކެވެ.
ސާބިތު ދަރަނީގެ އެތައް މައްސަލައެއް އޮތް އެ މީހާގެ އެޕާޓްމަންޓް ވިޔަފާރިވެރިއަކަށް ވިއްކައި މުއާމަލާތް ނިންމީ އޭނާގެ ފަރާތުން ފައިސާ ލިބެންޖެހޭ އެތައް ބަޔަކު ތިއްބާ ހަމައެކަނި އެ އެޕާޓްމަންޓުގެ އަގުން ބޭންކަށް ދައްކަންޖެހޭ ބައި ދައްކާ ގޮތަށެވެ.
މި މުއާމަލާތާ ގުޅޭ އިންޓެލެޖިންސް ރިޕޯޓާ އެކު އޭސީސީ އަށް މައްސަލަ ހުށަހެޅީ ފުލުހުންގެ ފަރާތުން ކަމަށް އެނގިފައިވެ އެވެ.
ގާޒީ އަޒްފާގެ އެ ނިންމެވުމާ ގުޅޭ މައްސަލަ މިހާރު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް ހުށަހަޅައިފަ އެވެ. އެ މައްސަލަ ކޮމިޝަނުން ބަލަމުންދާއިރު ގާޒީ އޮފީހަށް ނުކުމެވަޑައިނުގަންނަވާތާ ހަފްތާއެއްހާ ދުވަސް ވެއްޖެ ކަމަށް ވެސް ވަނީ އެނގިފަ އެވެ.
ގާޒީ އަޒްފާ ބެއްލެވި މައްސަލައަކާ ގުޅޭ ކަންކަމުގެ އިތުރުން އޭނާ އާއި ފިރިކަލުން ފައިސަލް މީގެ ދުވަސްކޮޅެއް ކުރިން މަހެއްހާ ދުވަހަށް ޔޫރަޕަށް ކުރެއްވި ދަތުރަކާ ގުޅޭ ގޮތުން ވެސް ސުވާލު އުފެދޭ ކަންތައްތަކެއް ވަނީ ފާހަގަވެފަ އެވެ. "މިހާރު" އަށް މައުލޫމާތު ހިއްސާކުރެއްވި ބޭފުޅަކު ވިދާޅުވީ ދެމަފިރިން ޔޫރަޕްގެ އެތައް ސިޓީއަކަށް ވަޑައިގެންނެވި އެ ދަތުރުގެ ޓިކެޓް ނެގި ގޮތެއް އަދި ދަތުރުގެ ހަރަދުތައް ހަމަޖެއްސި ގޮތެއް ފެންނަން ނެތް ކަމަށެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރު އަޒްފާ އަބްދުލްޣަފޫރު މަގާމުގެ ހުވާކުރައްވަނީ. -- ފޮޓޯ: މިހާރު
"ބޭންކް ސްޓޭޓްމަންޓަކުން ވެސް ފެންނާކަށް ނެތް. ކްރެޑިޓް ކާޑުން ފައިސާ ދެއްކި ކަމެއް ފެންނާކަށް ނެތް. މިދިޔަ އަހަރު ވެސް ދެމެފިރިން އެކީގައި ރާއްޖެއިން ބޭރަށް 14 ދަތުރުކޮށްފައި އެބަ އޮތް. މިއިން އެއްވެސް ދަތުރެއްގައި ޑިޖިޓަލް ފުޓްޕްރިންޓް ފެންނާކަށް ނެތް،" އޭނާ ވިދާޅުވެދެއްވި އެވެ.
ފައިސަލްއާ ގުޅޭ މައްސަލަތަކެއް ޖޭއެސްސީން ވެސް އަންނަނީ ބަލަމުންނެވެ.
ފަނޑިޔާރުކަމުން ފައިސަލް އިސްތިއުފާ ދެއްވިއިރު، ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް އޭނާ އައްޔަން ކުރަން މިދިޔަ އޭޕްރީލް މަހު ޖޭއެސްސީން ފާސްކުރި އެވެ. ނަމަވެސް، އެ ނިންމުމަށް އެެތައް މަހެއްވީއިރު ވެސް ރަސްމީކޮށް އޭނާއާ މަގާމު ހަވާލެއް ނުކުރެ އެވެ.
އެކަމަކު، ހައި ކޯޓު ހިންގުމާ ހަވާލުވެ ހުންނެވުމަށް ފަހު އެ މަގާމުން ވެސް މިދިޔަ ހަފުތާގެ ތެރޭގައި އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި އޭނާގެ އިސްތިއުފާއާ އެކު ހައި ކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލުކުރީ އެ ކޯޓަށް އެންމެ ފަހުން އައްޔަންކުރި ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ އެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމަށް ފައިސަލް އައްޔަން ކުރެއްވީ ޖުލައި، 2018 ގަ އެވެ. އޭގެކުރިން އޭނާ ހުންނެވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖޭއެސްސީގައި އިންނަވާ ރައީސްގެ މެމްބަރު ކަމުގެ މަގާމުގަ އެވެ. އަދި ޖޭއެސްސީގެ ނައިބު ރައީސްކަން ވެސް އޭނާ ކުރެއްވި އެވެ. ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އިންނަވާ ހައި ކޯޓުގެ ފަނޑިޔާރަކަށް ވަޑައިގެންނެވުމުން އޭރު ފައިސަލަށް ވަރަށް ބޮޑަށް ފާޑުކިޔުން ވެސް އަމާޒުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިންސާނުން
02 December 2025
މިވާހަކަ ދައްކާތާ ދުވަސްކޮޅެއް ވެއްޖެ މީނާއަކީ މައްސަލަ ހިނގަން ދަންނަވެސް މީހެއް ނޫން އަދި ނުވީތާކަށް މީނާގެ މައްސަލަތައް ކުރިޔަށް ގެންދަނީވެސް ހިތު ހުރި ގޮތަކަށް ... މައްސަަލަތައް ބޭނުންވާ ގޮތަކަށް ގެންދަނީ ... މިމީސްމީހުން މީ މުޖަތަމަޢުއަށް ނުރައްކަލެއް
ލުތުފ
02 December 2025
ދެން ފެންނާނީ ސްޕަރީމް ކޯޓު ބެންޗުން ހެން ހީވަނީ.
ކަރުވަލާ
01 December 2025
ފަނޑިޔާރުންގެ ތެރެއިން ބައެއް މީހުންނަކީ ނަޒާހަތްތެރިކަމެއް ކަންފުޅެއް ނެތް، ބޭނުންކަމެއް ކުރުމަށް ހިތުހުރި ގޮތަކަށް ޤާނޫނާ ޤަވާއިދު މާނަކޮށް މަންފާ ހޯދުމަށް ލަދެއް ހަޔާތެއް ނެތި އުޅޭބައެކެވެ.
ވެނލާ
01 December 2025
މިއިންވެސް އެނގިގެން މިދަނީ ސެލެކްޓިވް ޖަސްޓިސް މިރާއްޖޭގައި އޮތް މިންވަރު. ކޮރަޕްޝަން ހިންގާމީހުންނާއި މެދު ރަނގަޅު ތަަހުގީގެއްކޮށް ހައްގު އަދަބު ދެވި ކޮރަޕްޝަން މަދުކުރެވިދާނެކަމުގެ އަލިގަދަ ހެއްކެއް މި ތަހުގީގުންވެސް ފެންނަން އެބައޮތް. ތިކަހަލަ ތަހުގީގެއް ކޮށްލަބަލަ ޕޮލިޓީޝަނުންނަށް. ނުހައްގު މުއްސަދިކަމާއި މުސާރައާއި ނުބައްދަލު ބޮޑެތި ޚަރަދުތަށް މިއިން ކޮންމެ މީހަކުވެސް ކޮށްފައި އޮންނާނެކަން ކަށަވަރު.
ހަސަންކޯ
01 December 2025
މިހާރު ނޫހަށް އައްސަރިބަހާއި ސާބަސްދެން މި ހަބަރު ގެނެސްދެއްވު ކަމަށްޓަކާ، މިކަހަލަ ގާޒީން ކޯޓުގެ ހުރުމަތޭ ކިޔައިގެން އާންމުންގެ ދޫ ބަންދުކޮށްގެން އުޅޭ. ހަމަ ބޭޒާރު ކޮށްފަ ބަހައްޓަންވީ، ކިތައް އާންމުންގެ ހައްގުތައް މިބޭޅާންތައް ނިގުލައިގަންނަނީ
މަތީނު
01 December 2025
ވަރަށް އަގުބޮޑު ލަގްޒަރީ މަސްލޯންޗެއްވެސް ފައިސަލް ގެންގުޅުއްވާ
ޢަރުތަ
30 November 2025
މިހިރަ ކަންކަމުން އެނގި ހާމަވެ ރައްޔިތުންނަށް ޔަޤީން ވަނީ، ޖުޑިސަރީ އިންސާފުވެރި ނޫންކަން، މަދު މީހަކާދޭތެރޭ މަދު ފަހަރަކު ފިޔަވަޅެއް އެޅި ރައްޔިތުންނާ ހަމަޔަށް ތިލަވި ނަމަވެސް މީއާއްމު ކޮށް ހިނގާކަންކަން، ހީވާ ކަހަލަ ފަނޑިޔާރުންނަށް ވެސް ދެން އިތުރު ގޮތެއް ނެތޭ.
ޕޫރުބެ
30 November 2025
ތީ ދެ ޤާޟީންގެ އިތުރުންވެސް ބައެއް އިސް ޤާޟީންނާއި އެހެނިހެން ޤާޟީން އެ މީހުންނަށް ލިބޭ މުސާރައާއި ނުބައްދަލު ލަގުޒަރީ ދިރިއުޅުންތަކާއި ބޭރު ދަތުރުތައްކުރޭ! އެކަމަކު ޖޭ އެސް ސީ އާއި އެންޓި ކަރަޕްޝަން ކޮމިޝަނާއި ފުލުހުންނަށް ރޭކާނުލަނީތަ، ނުވަތަ އެކަންކަމުގައި ފުލުހުންނާއި އެހެން މުއައްސަސާތައްވެސް ބައިވެރިވަނީތަ؟
އެމްސް
30 November 2025
މުވައްސަސާތައް މަސައްކަތް ކުރަނީ ޝަކުވާކޮށްފިޔާކަމުން . . !
ސޯޅަ
30 November 2025
އަބަދުވެސް ވާގޮތަ. މާލެއިން ޙުކުމް ކުރަނީ. ކޮންމެވެސް ރަށެއްގެ ހުރި މީހެއްގެ ނަމުގައި މެލޭޝިޔާއިން އެޕާޓްމަންޓެއް ގަނޭ. ފައިސާ ލިބުނު ގޮތެއްނޭގެ. ހުކުމާއި ގުޅިގެން ހިގާކަންކަން ފުލުހުންނަށް ދެނަގަނެވޭ ކަމަކަށްނުވޭ. އެކަމަކު ރަށުތެރޭ އެވާހަކަ ގަދަޔަށް ދައްކާނެ!
މޯނިންގ
30 November 2025
އަޒްފާ ޤާޟީ އިސްތިއުފާ ނުދޭތަ ؟
ފަޅުމަސް
01 December 2025
އަޒްފާ ޤާޟީ އިސްތިޢުފާ ދޭންވީ ކީއްވެ؟ އޭނަ ފިރިމީހާގެ އެކައުންޓަށް ފައިސާއެއް ވަނުމަކީ އޭނައާ ބެހޭ ކަމެއްތޯ؟ އަޒްފާގެ ފިރިމީހާ އަކީ ފަނޑިޔާރަކަށް ވެފަ، އަޒްފާއަކީ ޤާޟީއަކަށް ވާތީ އަނބިމީހާއަށް ފައިސާ ދިނުން ވޭތީ އެ މައްސަލައަކަށް؟