ދުވަސްނުފުރާ ވިހާ ކުދިން ރާއްޖޭގައި އަންނަނީ އިތުރުވަމުން
19 ޖުލައި 2017 - 13:09
ވޭތުވެ ދިޔަ ދެ ހަފުތާތެރޭގައި އަށް ތުއްތު ކުއްޖަކު މަރުވެ، އޭގެ ތެރެއިން ބައެއް ކުދިން ދުވަސް ނުފުރާ ވިހާފައިވާ އިރު، އެހެން ކުދިންގެ ބޮޑެތި އައިބުތައް ހުރި ކަމަށް "މިހާރަ"ށް އެނގިއްޖެ އެވެ.
"މިހާރު"އާ ވާހަކަ ދެއްކި ކުޑަކުދިންގެ ޑޮކްޓަރަކު ވިދާޅުވި ގޮތުގައި މަރުވި ގިނަ ކުދިންނަކީ ބަނޑަށް ހަ މަހުގައި ނުވަތަ ފަސް މަހުގައި ވިހޭ، ބަރުދަން ވަރަށް ލުއި ކުދިންނެވެ. އަދި ދުވަސް ފުރާ ވިހޭ ބައެއް ކުދިންގެ ވެސް ހަށިގަނޑުގައި ބޮޑެތި އައިބުތަކެއް ހުރުމުން ކުޑައިރުކޮޅެއްގެ ތެރޭގައި މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އައިބުތަކުގެ ތެރޭގައި ފުއްޕާމޭގެ ތެރެއިން ގޮހޮރާއި ބަނޑު އަރާފައި ވެސް އެބަހުރި. އަދި ހިތުގެ ބޮޑެތި އައިބުތައް ހުރިއިރު އެއް ކުއްޖެއްގެ ހިތާއި ސިކުނޑި އާއި ހުރިހާ ގުނަވަނެއްގައިހެން ވެސް އައިބުތައް ހުރި،" އެ ޑޮކްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއީ ބޮޑު އޮޕަރޭޝަނެއް ކޮށްގެން ވެސް ފުރާނަ ސަލާމަތް ވުން ނާދިރު ހާލަތްތަކެއް ކަމަށާއި ރާއްޖޭން ބޭރުން ވެސް އެކަން ނުކުރެވޭނެ ކަމަށެވެ. އަދި މެޝިންތަކުގެ އެހީގައި ފަހަރެއްގައި އެ ކުދިންގެ ފުރާނަ ސަލާމަތް ކުރެވުނު ނަމަވެސް ނުކުޅެދުންތެރި ހާލަތަކަށް ދިޔުން އެކަށީގެންވާ ކަމަށް ވިދާޅުވި އެވެ.
ފަހަކަށް އައިސް މި ފަދަ މައްސަލަތައް އިތުރުވަމުން ދާކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެއީ ދިވެހިންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާއި، ވަށައިގެންވާ މާހައުލުގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ހަކުރު ބޭނުން ކުރާ މިންވަރު މަތިވުމާއި އެކި ވައްތަރުގެ ފިޒީ ޑްރިންކްސްގެ ސަބަބުން ވެސް މި ފަދަ މައްސަލަތައް އިތުރުވުން އެކަށީގެންވާ ކަމަށް ވިދާޅުވި އެވެ.
އުފަންވާ ތަނުން ނުވަތަ ވަރަށް ޅަ އުމުރުގައި ތުއްތު ކުދިން މަރުވުން ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް މަދުކުރެވިފަ އެވެ. އަދި ރާއްޖެ އަކީ މި ސަރަހައްދުން ވެސް އެ ނިސްބަތް އެންމެ ދަށް ގައުމެވެ.
އެކަމަކު ފަހަކަށް އައިސް ރާއްޖޭގައި ތުއްތު ކުދިން މަރުވާ ނިސްބަތް އިތުރުވެފައިވާކަން ރަސްމީ އެއްވެސް އިދާރާއަކުން ޔަގީނެއް ނުކުރެވުނެވެ.
ހެލްތު މިނިސްޓްރީން ބުނީ އެކަމާ ގުޅޭ މައުލޫމާތު ޓީވީ ޕްރޮގްރާމަކަށް އަރައި ދޭނެ ކަމަށާއި މި ވަގުތު އެ މައުލޫމާތު ދެވެން ނެތް ކަމަށެވެ.
އާއްމުންގެ ސުވާލުތަކަކަށް ޖަވާބު ދެއްވަމުން މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރު އަބްދުﷲ ނިޔާފް ކުރިން ވިދާޅުވި ގޮތުގައި ޅަ އުމުރުގައި ކުދިން މަރުވާ ސަބަބު ދެނެގަނެ، އެކަން މޮނީޓާ ކުރެވޭނެ ނިޒާމެއް ރާއްޖޭގައި ވަނީ ގާއިމުކޮށްފަ އެވެ. އަދި ތުއްތު ކުއްޖަކު މަރުވެއްޖެ ނަމަ، އޭގެ ސަބަބު ބަލައި ރިޕޯޓު ކުރަން ޖެހޭނެ ކަމަށާއި އަދި އޭގެ ފަހުން، ކަމާ ބެހޭ ތަޖުރިބާކާރުންގެ ޕެނަލަކުން ވެސް އެކަން ދިރާސާކޮށް، މަރުގެ ސަބަބު ދެނެގަތުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ފަދަ މަރުތައް ދެނެގަނެ، އެކަން ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރާ ކަމަށް ވެސް ނިޔާފް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލާ މީހެއް
20 July 2017
ތިހެންވެދާނެތާ ! ފަހަރެއްގައި އެންމެފަހުން ޖެހި ވެކްސިން ކަމާ ގުޅުންވެސް ހުރެދާނެވިއްޔަ . މީގެ 30 ވަރަކަށް އަހަރުކުރިން ލައިގަތް ރޯގައަކަށްވެސް ވެސިން ދީގެން އެދުވަސްވަރު ބަލިވެތިބި ހުރިހާ އަންހެނުންނަށް ލިބުނު ދަރިން ބީރުވެ ބައިމަނުވެ ފައި އެވަތިބި ފެންނަން .
މަލްމީލާ
20 July 2017
މަސްތުވާތަކެތި ބޭނުންކުރުން ގިނަ ގައުމެއްގައި ތިހެން ވެދާނެ. މާބަނޑު މީހާ ބޭނުން ނުކުރިޔަށް ދަރިފުޅުގެ ބައްޕަ ބޭނުންކުރިޔަސް އެހެން ވެދާނެ ނުން
ރެޑްބުލް
20 July 2017
މަށެއް ނުބުނަން މަގޭ ބޯށެކޭ މާބަނޑު އަންހެންވެރިގާތަކު. ކޮންމެ ކަމެއްވާއިރަށް މަގޭ ބޮލައް ނުކަނޑަބަލަ. ޕްލީޒް
ގާމަގު
20 July 2017
ވާގޮތް ވަރަށް ސާފު
ނުވިތާކަށް
19 July 2017
މަގުތަކުގައި ދިވެހިންނަށް ވުރެން ގިނައިން ދުންފަތުގެ އިސްތިޢުމާލު ކުރަނީ ބަންގާޅީންނެވެ. ރޭގަނޑު 8 ގެ ފަހުން މިކަންތައް އަދި މާ ބޮޑެވެ. ކޯޅިކޯޅިއަށް ޕޭވްމަންޓް މަތީ ތިބޭއިރު ކޮންމެ މީހަކު ވެސް ހުންނާނީ ސިނގިރޭޓް ބޯންށެވެ. މަގުމަތިން ދާ މީހުންނަކަށް ބެލުމެއް ނޯވެއެވެ. ހިނގާފައި ދަމުން ވެސް ދާނީ ސިނގިރޭޓް ބޮމުންނެވެ. މިއީ އަހަރުމެން ދިވެހިންނަށް ޖެހިގެން އުޅޭ ބޮޑު ނުފޮރުއްޕާނެކެވެ. ހާދަ ހިތާމަހުރި ކަމެކެވެ.
ހަމަ މީހެއް
20 July 2017
ތިކަހަލަ ވިސްނުން ހުންނަ މީހުން ގިނަކަމުން މައްސަލައަކީ. އަބަދުވެސް އެހެން މީހުންގެ މައްސަލަ.
ފަހަރެއްގައި
19 July 2017
މިދޭތެރެއިން ރާއްޖެއަށް އެކި ތަންތަނުން އެޗް1އެން1 ވެކްސިން ގެނެސްގެން ޖެހީމަ ވެގެން އުޅޭގޮތެއްބައި... އެޑްވާސް ޑްރަގް ރިއެކްޝަން، ކަމަކަށް ނަހަދާ ދޫކޮށްލެވޭވަރު ކަމެއް ނޫން
ކައުންސެލަރު
19 July 2017
ކަލޯ ހުއްޓާނުލާތި. ސިނގިރޭޓާ އެނަޖީ ޑުރިންކާ ބުއިން ނުހުއްޓާތި ކޮންމެސް. އޭރުން ގަޓު ޒުވާނަކަށްވާނީ.. މީބުނަން ފިސާރި މޮޔަބައެއް
އަންމަޑޭ
19 July 2017
އެެނާރޖީ ޑްރިންކް، ސިގިރޭޓް، ސީޝާ، ސުޕާރީ މިތަކެތި ހޭލުންތެރި ކުރުވައިގެން ބޭނުންކުރުން ނުހުއްޓުވޭނެއެވެ. އެކަމު ރާއްޖެ އެތރެ ކުރުން މަނާ ކުރެވިދާނެއެވެ.
އަހުމަދުބެ
19 July 2017
މިހާރު އަށް ޝުކުރިއްޔާއެވެ.
ޢާސްތު
19 July 2017
މާ ފޯރިއަރުވާފަ އެނާރޖީ ޑްރިންކްގެ ވާހަކަ މިދައްކަނީ އެކަކުތަ؟ ޙެހެހެހެ.. ކަމެއްފޮރުވަނީތަ؟ ވެކްސިންތަ؟؟؟ ޚެކެކެކެކެ..