ޚަބަރު / ރައްޔިތުންގެ މަޖިލިސް

ފައިސާ ހޯދުމުގެ ވަސީލަތެއްގެ ގޮތުގައި ބިން ބޭނުންކޮށްގެން ނުވާނެ: އިދިކޮޅު މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފުރަތަމަ ފްލެޓު ގަންނަނަމަ ޓެކްސް އިސްތިސްނާވާނެ ކަމަށް ބުނާ އިސްލާހު ވަނީ މަޖިލީހަށް ހުށަހަޅާފައި.- ފޮޓޯ: މަޖިލިސް

ސަރުކާރުން މަސައްކަތް ކުރަނީ ފައިސާ ހޯދުމުގެ ވަސީލަތެއްގެ ގޮތުގައި ބިން ބޭނުންކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން ސިފަ ކުރައްވައިފި އެވެ.

ފުރަތަމަ ފަހަރަށް މީހަކު ފްލެޓެއް ގަންނަ އިރު، ޓެކްސް ދައްކަން ނުޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރެއްވި އިދިކޮޅު މެމްބަރުން ވިދާޅުވީ ރައްޔިތުންނަށް ފައިސާ އިތުރުވާނެ ގޮތެއް ހޯދަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރުން އުޅެނީ ތަފާތު ޓެކްސްތައް ނަގައިގެން ރައްޔިތުން އަތުން ފައިސާ ހޯދަން ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

އެކަމަކު ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ ވާހަކަތައް ތަފާތެވެ. އެ މެމްބަރުން ވިދާޅުވި ގޮތުގައި ކިތަންމެ ރަނގަޅު އިސްލާހެއް މަޖިލީހަށް ހުށަހެޅިޔަސް އިދިކޮޅު މެމްބަރުންނަށް އެ އިސްލާހުގެ މުހިންމު ކަމެއް ފާހަގައެއް ނުކުރެވެ އެވެ. ނަމަވެސް މި އިސްލާހަށް އިދިކޮޅު މެމްބަރުން ވެސް ތާއީދު ކުރެއްވި އެވެ.

ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ބިމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަލީމް. - ފޮޓޯ: މަޖިލިސް

ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވި ގޮތުގައި މިއީ ބަލައިގަންނަން ޖެހޭ އިސްލާހެކެވެ. އެއީ ބިމާ ފްލެޓުތަކުން ޓެކްސް ނެގުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށާއި ފުރަތަމަ ފްލެޓު ގަންނައިރު ޓެކްސް ދައްކަން ނުޖެހޭ ގޮތަށް އިސްލާހު ކުރަން އެމްޑީޕީން މީގެ ތިން މަސް ކުރިން މަޖިލީހަށް ހުށަހެޅުމުން އެކަން ފާސްކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިސްލާހު ފާސްނުކޮށް، ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ހުށަހެޅި އިސްލާހެއް މިއީ،" އަބްދުލްގަފޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ރަށް ރަށުގައި ހުރި ގޯތިތައް ދިނުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދަން އުޅޭނަމަ ރަށްރަށުގައި ހުރި ގޯތިތައް ވިއްކަން ނުވަތަ ހިލޭ ސަރުކާރުން ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޯހިޔާވަހިކަން ނުލިބިފައި ތިބި މީހުންނަށް ހެޔޮ އަގެއްގައި ފްލެޓު ލިބޭނެ ގޮތެއް ހަމަޖައްސަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރައްޔިތުން ދިރިއުޅެމުން ދަނީ 33 ޕަސަންޓު ޓެކްސް ދައްކައިގެން ކަމަށް ވެސް އެމްޑީޕީގެ މެމްބަރު ތުހުމަތުކުރެއްވި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވީ ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް ލުއި ގޮތްތަކެއް ހޯދަން ޖެހޭ ކަމަށެވެ. ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެންނައިރު ރައްޔިތުންނަށް ލިބިފައި ހުރި ބިންތަކުގައި ގެދޮރު ބިނާ ނުކުރެވޭ ސަބަބު ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި އަބްދުލްގަފޫރު މޫސާ ވާހަކަ ދައްކަވަނީ. ބިމާ ގުޅޭ ގާނޫނަށް ހުށަހެޅި އިސްލާހަށް ތާއީދު ކުރައްވާ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވި. - ފޮޓޯ: މަޖިލިސް

"އެތައް އަހަރެއްވީ ބިނާ ނުކުރެވި އުޅޭތާ. އެހެންވެ ސަރުކާޜުން މިކަމަށް ހައްލެއް ހޯދަން ޖެހޭ." ފައިސަލް ވިދާޅުވި އެވެ.

މި އިސްލާހުގައި އޮޅުން އަރާ ބައެއް ކަންކަން ހުރި ކަން ބައެއް މެމްބަރުން ފާހަގަކުރެއްވި އެވެ. އެގޮތުން ބިމެއް އޮތުމަކީ ޓެކްސް އިސްތިސްނާވާނެ ކަމެއް ކަމަށް ބުނާ އިރު، އެކަމުގެ ތަފްސީލެއް ނޭނގޭތީ ކޮމެޓީ މަރުހަލާގައި އިސްލާހު ދިރާސާކުރާއިރު ބަދަލެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިލަންދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ހަސަން މުފީދު ވިދާޅުވީ ފުރަތަމަ ފްލެޓް ގަންނަ މީހުންނަށް ޓެކްސް އިސްތިސްނާވުމަކީ ސަރުކާރުން ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިތުރުކުރެވޭ ބޮޅެއް ކަމަށެވެ.

މި އިސްލާހުގެ ސަބަބުން ރައްޔިތުންނަށް ހެވާއި ލާބަ އާއި މަންފާ ލިބިގެންދާނެ ކަމަށާއި ސަރުކާރުން ރައްޔިތުންނަށް ދެރަ ގޮތެއް ހަދަން މަސައްކަތް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއްމެދު އިމާރާތެއްގެ ފްލެޓެއް ވިއްކުމުގެ މުއާމަލާތެއްގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ވެފައި ތިބި މީހުންނަށެވެ. އަދި އެއީ ފްލެޓެއް ގަންނަ ފުރަތަމަ ފަހަރު ކަމަށްވާ ނަމަ، އެ ފްލެޓު ވިއްކާ ފަރާތުން ސަރުކާރަށް ދައްކަން ޖެހޭ ޓެކްސް އިސްތިސްނާވާނެ ކަމަށް އިސްލާހުގައިވެ އެވެ.

މި އިސްލާހުގައިވާ ގޮތުން އެއްމެދު އިމާރާތެއްގެ ފްލެޓެއް ގަންނަ މީހާގެ ނަމުގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބިމެއް އޮތުމަކީ އިސްތިސްނާގެ މަންފާ އެމީހަކަށް ލިބެން އޮތް ހުރަހެއް ކަމަކަށެއް ނުބެލެވޭނެ އެވެ.

ސަރުކާރަށް ތާއީދު ކުރައްވާ ބައެއް މެމްބަރުން ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަން ކަމަށާއި އިސްލާހުގެ ސަބަބުން އެތައް ބައެއްގެ ޖީބަށް ލުޔެއް ލިބޭނެ ކަމަށެވެ.

4 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 87%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުމަރު

27 June 2016

ސަރުކާރުގެ އެއްވެސް މީހަކަށް މިޤައުމުގެ އިޤްތިސާދު ކުރިއަރުވަން ނެއެނގޭ، ބަލަ މިޤައުމުގެ އިޤްތިސާދު ކުރިއެރުވޭނީ ސްކޫލު ނިންމާ ކުދިންނަށް ވިޔަފާރީގެ ތެރެއަށް ވަދެވޭނެ މާހައުލެއް ދައްކައިގެން ބިދޭސީނަށް ރާއްޖޭގެ ބޮޑެތި އިންޑަސްޓްރީތަށް ދިނުން ހުއްޓާލައިގެން، މިދިޔަ 15 އަހަރު ތެރޭގައި ދިވެހި ރިސޯޓް އޯނަރެއް ނުއުފެދުނު، މީގެ 43 އަހަރުކުރިން ފެށި ޓޫރިޒަމް ފަށައިގެން 2006 ވަނަ އަހަރާ ހަމައަށް ރިސޯޓްތަށް ހިންގީ ދިވެހިން، އެކަމަކު މިހާރު ދިވެއްސަކު ޓޫރިޒަމަށް މަންނަން އުޅުމަކީ ހަނދައްދިއުންކަހަލަ އަގުބޮޑު ކަމަކަށްވެފައި މިއޮތީ، އެއީ ޓޫރިޒަމަށް ދޫކުރާ ރަށްތަކުން ކަޓްނަގަން ހަދައިގެން ރިޝްވަތުގެ ހާއްޔަކަށް ޓޫރިޒަމް މިނިސްޓްރީވެގެން، ބަލަ މީހުން މަސައްކަތު ނެރެވޭތޯ ބަލާބަލަ، ވިޔަފާރިތަށް އުފައްދަބަލަ، ދެން އެވިޔަފާރިން ޓެކުސް ނަގާބަލަ

The name is already taken The name is available. Register?

އަވަސްކުރޭ

27 June 2016

ފައިސާ ހޯދަން ބިން ބޭނުން ނުކުރެވެންވީ އެއްވެސް ސަބަބެއް އަޅުގަނޑުމެންނަށް ނުފެނެއެވެ. މާލެ ސަރަހައްދުން 48 ބިލިއަން އަކަފޫޓް ގެ ބިން ހިއްކާ އެތަނުން 12 ބިލިއަން އަކަފޫޓްގެ ބިން އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް 100 އަހަރު ދުވަހުން ކުލި ހަމަވާނެ އުސޫލެއް ކަނޑައަޅައިފިނަމަ ހަމަ އެކަނި ބިމުކުލިން ސަރުކާރަށް ލިބޭ އާމްދަނީން ސަރުކާރު ހިންގޭނެއެވެ. އެހެން ވެއްޖެނަމަ ދެން މިގައުމަކީ އެއީ ޓެކްސް ފްރީ ގައުމަކަށް ހަދާ އެމްޑީޕީން ތައާރަފް ކުރި ބޮލަށް އުނދަގޫވާ ޖީއެސްޓީ އުވާލެވޭނެ ނޫންތޯއެވެ. އެއިރުން އެއީ ވެގެން ދާނީ ޕީޕީއެމް އިން ޑިސްކަވަރ ކުރި އިކޮނޮމިކް މޮޑެލް އަކަށެވެ. އެއިރުން ދެން މުޅި ދުނިޔެ ފޯލޯ ކުރާނީ މިތިއަރީ އަށެވެ. މިކަން އަވަސް ކުރަންވީއެވެ.

The name is already taken The name is available. Register?

އިއްސެ

27 June 2016

ރައްޔިތުން ބޭނުންވަނީ 5 އަހަރުން އެއް އަހަރު 3000 ރ. ޢެމީހުނެއް ބޭނުމެއް ނުވޭ ބިމެއް އަދި ގޯއްޗެއްވެސް.

The name is already taken The name is available. Register?

ޒާ

27 June 2016

އެމްޑީޕީގެ ވެރިކަމުގައި މާލޭގެ ދެކުނު ކަޑަތައްކައިރިން ބިންތައް ވިއްކާ ފައިސާ ހޯދާކަށް ނޫންތަ؟ ތިމާމެންވަރުގެ ބޮޑު ހަޑިއެއް ހޭވިބަޔަކު ކޮބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454