މިޔަންމާގެ ރޮހިންޖާ މުސްލިމުން އެ ގައުމުން ބޭރަށް ނުކުންނަނީ: އަނިޔާވެރިކަން ބޮޑު
07 ސެޕްޓެމްބަރ 2017 - 06:35
މިއަންމާގައި މުސްލިމުންނަށް ދޭ އަނިޔާތައް ހައްދުފަހަނަޅައި ދިއުމުން ރާއްޖެއިން އެޅި ފިޔަވަޅަކީ އެ ގައުމާ އެކު ކުރާ ވިޔަފާރީގެ ގުޅުން ކަނޑާލުމެވެ. އެއީ އިޒުރޭލާ މެދު ކުރީގެ ސަރުކާރުން އެޅި ފަދަ ފިޔަވަޅެކެވެ. ނަމަވެސް މިއަންމާ އާއި އިޒުރޭލާ އެކު ރާއްޖެއިން ވިޔަފާރީގެ މާ ބޮޑު ގުޅުމެއް ނުބާއްވަ އެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ރާއްޖެ އާއި މިއަންމާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލީ، މުސްލިމުންނާ ދެކޮޅު ހަރަކާތްތައް ހުއްޓުވަން އެ ގައުމުގެ ސަރުކާރުން ފިޔަވަޅު އެޅުމާ ހަމައަށެވެ. އެހެންކަމުން އެއީ އެ ގައުމަށް ޕްރެޝަރުކުރަން ނިންމި ނިންމުމެއްކަން ސާފެވެ. ނަމަވެސް ސުވާލަކީ މި ފިޔަވަޅުން ނަތީޖާއެއް ނުކުންނާނެތޯ އެވެ؟
މިއަންމާއަކީ ބޮޑަށް ދަނޑުވެރިކަމުގެ މައްޗަށް އިގްތިސާދު ބިނާވެފައިވާ ގައުމެކެވެ. ކުރިން މިއަންމާ އިން ރާއްޖެ އަށް ހަނޑޫ ފަދަ ކާޑުގެ ބާވަތްތައް އެތެރެކުރި އެވެ. ނަމަވެސް މިހާރު އެ ބާވަތްތައް ގެންނަނީ އިންޑިއާ އާއި ތައިލެންޑުންނެވެ. މިއަންމާ އިން މިހާރު ރާއްޖެ އެތެރެކުރަނީ މަހުގެ ބައެއް ބާވަތްތަކާއި ފިނިކުރި މޭވާ ފަދަ އެއްޗިއްސެވެ.
މިދިޔަ އަހަރަށް ބަލާއިރު މިއަންމާއާ އެކު ރާއްޖެ އިން ކޮށްފައިވަނީ އާދައިގެ ވިޔަފާރިއެކެވެ. އެހެންކަމުން ރާއްޖެ އިން އެ ގައުމާ ދެތިން މިލިއަން ރުފިޔާއެއްގެ ވިޔަފާރީގެ ގުޅުން ކަނޑާލުމަކީ، އެއް ބަޔަކު ދެކޭ ގޮތުގައި، މާ ބޮޑު ފިޔަވަޅެއް ނޫނެވެ. ސިޔާސީ ގުޅުން އަދިވެސް ދަމަހައްޓަ އެވެ.
އެކަމަކު މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ މެދު އެ ގައުމުގެ ސިފައިންނާއި ހާމުދުރުންގެ އަނިޔާ ބޮޑުވެގެން ސިޔާސީ ގުޅުން ކަނޑާނުލި އިރު، ރާއްޖެއާ އެކު ކުރިންސުރެ ގާތް ގުޅުމެއް އޮތް މުސްލިމް ދެ ގައުމު ކަމަށްވާ ގަތަރާއި އީރާނާ ސިޔާސީ ގުޅުން ކުއްލިއަކަށް ކަނޑާލުމުން، ސަރުކާރުގެ ސިޔާސަތާ މެދު އެތައް ބަޔަކު ސުވާލު އުފައްދަ އެވެ. އޭގެ ތެރެއިން އެއް ސުވާލަކީ ރާއްޖެ އަށް ބޮޑެތި އެހީތަކެއް ދެމުން އައި ގަތަރުގެ ގުޅުމަށް ވުރެ މިއަންމާއާ އެކު އޮތް ސިޔާސީ ގުޅުން މުހިންމު ވަނީ ކީއްވެގެންތޯ އެވެ؟
ގަތަރާ އެކު ސިޔާސީ ގުޅުން ކަނޑާލީ ޓެރަރިޒަމަށް ވާގިވެރިވާ ކަމުގެ ތުހުމަތު އެ ގައުމަށް، ސައުދީ އަރަބިއްޔާ އާއި ގަލްފުގެ އެހެން ބައެއް ގައުމުތަކުން ކޮށް، ގަތަރު އެކަހެރިކޮށްލުމާ އެކު އެވެ.
މިދިޔަ އަހަރު އީރާނާ ގުޅުން ކަނޑާލީ ގަލްފު ސަރަހައްދުގެ ހަމަޖެހުމާއި ސުލްހައަކީ ރާއްޖޭގެ ސަލާމަތާއި ހަމަޖެހުމާ ވެސް ގުޅިފައިވާ ކަމެއްކަމަށް ބުނެ އެވެ. އެފަހަރު ވެސް ދިވެހި ސަރުކާރުން ހިނގީ ސައުދީން ދެއްކި މަގުންނެވެ.
މަތީ ތައުލީމު ހޯދާށާއި އެކި ވަޒީފާތަކަށް ވެސް ގަތަރަށް ދިވެހިންނަށް ދެ އެވެ. ލ. ގަމުގައި އަޅާފައިވާ ހަމަދު ބިން ހަލީފާ އައްސާނީ ސުކޫލާއި ހުޅުމާލޭގެ ބޮޑު މިސްކިތާއި ހުޅުމާލޭގައި އަޅަން ޕްލޭންކުރި ސުޓޭޑިއަމް ފަދަ މަޝްރޫއުތަކަކީ ގަތަރުން ރާއްޖެއަށް ދިން އަދި ދޭން ނިންމާފައި ހުރި އެހީތަކެވެ.
މިއަންމާއިން ރޮހިންޖާ މުސްލިމުންނަށް އެތައް އަނިޔާއެއް ދޭކަށް އެއީ ތުހުމަތެއް ނޫނެވެ. ދުނިޔޭގެ މީޑިއާތަކާއި ބޮޑެތި ގައުމުތަކުގެ އިތުރުން ބައިނަލްއަގުވާމި އެތައް ޖަމިއްޔާއަކުން ކަށަވަރުކޮށްދޭ އަމަލްތަކެވެ. ގަތަރާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލީ ސައުދީން އިސްކޮށް އޮވެ ކުރާ ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށްވާ އިރު މިއަންމާއާ ދެކޮޅަށް އެ ފިޔަވަޅު ނޭޅީ ކީއްވެގެންތޯ ކުރެވޭ ސުވާލު ކުޑައެއް ނޫނެވެ.
އީރާނާއި ގަތަރާ ދެމެދު އޮތް ސިޔާސީ ގުޅުން ކަނޑާލީ ހަމައެކަނި ސައުދީ އަރަބިއްޔާ އުފާކޮށްދޭން ކަމަށް، ހާރިޖީ ދާއިރާގެ މައުލޫމާތު ހުރި ބައެއް މީހުންނާއި ސިޔާސީ ފަރާތްތަކުން އޭރު ވެސް އަދި މިހާރު ވެސް ބުނެ އެވެ.
"ޝައްކެއް ނެތް ސައުދީގެ އެންގުމެއްކަން އެއީ. އީރާނާއި ގަތަރާ މައްސަލަ ޖެހުނީ ސައުދީއާ. ރާއްޖެއާ އެއްވެސް ގުޅުމެއް އޮތް މައްސަލައެއް ނޫން. އެހެންވީމަ އެމައްސަލާގައި ރާއްޖެއިން ގުޅުން ކަނޑާލީ ސައުދީގެ އެންގުމަށްކަން ޔަގީން،" ހާރިޖީ ދާއިރާގެ ތަޖުރިބާކާރަކު، ނަން ނުޖެހުމަށް ޝަރުތުކޮށް، ވިދާޅުވި އެވެ.
ރާއްޖޭގެ ކުރީގެ ރައީސް އަދި ގިނަ ގައުމުތަކަކާ އެކު ސިޔާސީ ގުޅުން ގާއިމްކުރެއްވި މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައިވާ ގޮތުގައި ވަކި ބައެއްގެ އެންގުމަށް ރާއްޖެ އިން ސިޔާސީ ގުޅުން ކަނޑާލުމަކީ މިނިވަންކަމަށް ބުރޫއަރާނެ އަމަލެކެވެ.
"ވަކި ފަރާތަކުން ބުނެގެން ނުވަތަ ވަކި ފަރާތަކަށް ލެނބުމުގެ ގޮތުން އެ ގުޅުން ކަނޑާލުމަކީ ދިވެހި ރާއްޖޭގެ ސައްތައިން ސައްތަ މުސްލިމްވަންތަކަމަށް އަޅުގަނޑު ދެކޭ ގޮތުގައި ބުރޫއަރާފާނެ ކަމެއް. އެހެން ގައުމުތަކުން އެހެން ދެކޭނެ،" ރާއްޖެ އިން ގަތަރާ ގުޅުން ކަނޑާލީ ސައޫދީ އަރަބިއްޔާގެ ނުފޫޒުން ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން މައުމޫން ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ ގައުމީ ސަލާމަތާ ބެހޭ އިދާރާއެއްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ރާއްޖެއަށް ނުފޫޒް ފޯރުވަން އެހެން ގައުމުތަކުން ކުރާ މަސައްކަތް ހުއްޓުވަން އަޅަން ޖެހޭ އެންމެ ބޮޑު ފިޔަވަޅަކީ ގައުމުތަކުގެ މެދުގައި ހަމަހަމަކަން ގެންގުޅުމެވެ. އެއީ ނުފޫޒުން އެއްކިބާވެވޭނެ ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
"މީގައި މުހިންމީ ޕޮރިން ޕޮލިސީގެ ތެރެއިން ބެލެންސް ގެންގުޅުން. ހުރިހާ ގައުމަކަށް ވެސް ފުރުސަތުތައް ހަމަހަމަކޮށް ދިނުން. އޭރުން ހުރިހާ ގައުމަކަށް ވެސް ރާއްޖެ އެބަ މުހިންމުވޭ،" އޭނާ ވިދާޅުވި އެވެ.
މިއަންމާ އާއި ރާއްޖެއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ނިމުމަކަށް ގެނައުމަކުން މިއަންމާއަށް ވާނެ ގެއްލުމެއް އަދި ދެވޭނެ ޕްރެޝަރެއް ވެސް ނުފެނެ އެވެ. ނަމަވެސް ގަތަރާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލުމާ އެކު ރާއްޖެއަށް ވާނެ ގެއްލުންތައް އެބަ ހުއްޓެވެ. ރާއްޖެ އަށް މުހިންމު އަދި އެތައް އެހީއެއް ވެސް ދޭ މުސްލިމް ގައުމަކާ ސިޔާސީ ގުޅުން ކަނޑާފައި މުސްލިމުންނަށް އަނިޔާވެރި ގައުމަކާ ދެކޮޅަށް އެކަހަލަ ފިޔަވަޅެއް ނޭޅުމުން، ސަރުކާރުގެ ހާރިޖީ ސިޔާސަތާ މެދު ފާޑުކިއުން، އަނެއްކާވެސް، މިވަނީ ބޮޑުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޣޣ
07 September 2017
ދިވެހި ރާއްޖެއިން މުސްލިމް ގައުމްތަކާ އެކުވެރިވާންވީ. ދޭދޭ މުސްލިމް ގައުމްތަކުން ކުރާ ހަމަނުޖެހުންތަކަށް ނުވަދެ ދެ މުސްލިމް ގައުމު އެކުވެރި ކުރެވޭތޯ ވެވުނު ވަރަކުން މަސެއްކަތް ކުރަންވީ. މިޔަންމާގެ އަނިޔާވެރި ސަރުކާރާ ހުރިހާ ގުޅުމެއްކަޑާ ލަންވީ. އަނިޔާލިބެމުންދާ ނިކަމެތި ޜޮހިންގާ މުސްލިމުންނަށް ވެވުނު ވަރަކުން، ވެވުނު ރަގަޅު ގޮތަކަށް އެހީ ވެދެންވީ
ޣޣ
07 September 2017
މިޔަންްމާޔާ ހުރިހާ ގުޅުމެެއް ކަޑާލަންވީ. ސިޔާސީ ،ވިޔަފާރި އަދި ދެން ވެސް ގުޅުމެއް ވާނަމަ އެގުޅުމެއް. ހާލުގަ ޖެހިފާވާ ޜޮހިންގާ މުސްލިމުންނަށް އެހީތެރި ވެދޭންވީ ވެވުނު ގޮތަކުން.
ދޮންބެ
07 September 2017
އީރާނަކީ މުސްލިމް އަޣްލަބިއް ބިއްޔަތު އޮތް މުސްލިމް ދައުލަތެއްވެސް އޮތް ގައުމެއްނޫން. ދެން ކީއްވެ މުސްލިމް ގައުމެކޭ ތިކިޔަނީ؟؟!؟
ކަޅުބެ
07 September 2017
އީރާނުގެ ރަސްމީ ނަމަކީ އިސްލާމިކް ރިޕަބްލިކް އޮފް އީރާން... ދެން ކިހާ ވަރެއް ވީމަތަ އިސްލާމީ ދައުލަތަަކަށް ވަނީ؟
ހަވީރު
07 September 2017
ކަލޯމެން މިހާރުގެ ނޫސްވެރިން ތި އުޅެނީ އަހަރެމެން މޮޔަ ހައްދަންކަމަށް ދޯ؟ ހަނދާން ނައްތާލާ. އަހަރެމެންގެ ސަރުކާރެއްގައި ކަންކުރާނެގޮތް އެނގޭނީ އަހަރެމެންނަށް. ކަލޭމެންގެ ސަރުކާރެއް އަންނަންދެން ކެތްކޮށްލާ. ކަލޭމެންގެ ސަރުކާރުން އިޒުރޭލަށް ދިން އެއްބާރުލުމަށް ފަސްއަޅާ ފޮރުވޭތޯ މަސައްކަތްކުރޭ.
ފޭސާ
07 September 2017
ފައިސާ ފައިސާ ފައިސާ
ހުސެންބެ
07 September 2017
މި ސަރުކާރަކީ ދީނާ ގައުމަށްޓަކައި އޮތް ސަރުކާރެއް. އެހެންވީމާ ތިކަންވެސްވާނީ ދީނާ ގައުމަށްޓަކައި ކުރި ކަމަކަށް
ރަންނަބަނޑޭރި
07 September 2017
ރައްޔިތުންގެ ކަންތަށް ނުކުރެވޭ ސަރުކާރެއް ބޭރުގެ ބަޔަކާ ގުޅުންކަނޑައިގެން ވާނެ ފައިދާއެއް އަހަރުމެންނަކަށް ނޭގޭ، ފުރަތަމަ ގައުމުގެ ރައްޔިތުންގެ ހާލަތު ރަންގަޅުކުރެވޭތޯ ބަލާބަލަ އެހެން މީހުންނާ ނުބެހިތިބެ،
ފގހޔފ
07 September 2017
ރައްޖޭގެ ޚާރިޖީ ސިޔާސަތު މިހާޜު އެއީ ދީނުއުޚުވަތުން ނުވަތަ އިންސާނިއްޔަތު ކަމުން ބައްޓަން ކުރާ އެއްޗެއްނޫން. އެ މިހާޜު ބައްޓަން ކުރަނީ ފައިސާއިން. ވީމާ ޗައިނާ ބުނެއްފިއްޔަ މުސްލިމް ގައުމަކާވެސް ގުޅުން ކަނޑާލ،ަފާނެ އަދި ބަރުމާއާ ގުޅުން ރަގަޅުވެސް ކޮށްފާނެ. ކިތަންމެ ވަރަކަށް އަމިއްލަ ވަންތައޭ ކިއަސް ރާއްޖެވަނީ ޗައިނާގެ ދަރަނި ދަށުގައި ޔާމީން އަޅުވެތި ކޮށްފައި. މިއަޅުވެތިކަމުން ސަލާމަތް ވާންޖެހޭ. އެހެން ނޫނީ ދީނެއް މިއްލަތެއް ގައުމެއް ނޯންނާނެ ދުވަސް ކޮޅަކުން.
ބަރުމާ މިޔަންމާ
07 September 2017
މިއަންމާ އާއި ގުޅުން ކަނޑާލާކަށް ނުކެރޭނެ! ޔާމީން އެސްޓީއޯ ހިންގިއިރު ވަނީ އެގުޅުން ހިތާހިތުގެ ގުޅުމަކަށްވެފަ، އެވިޔަފާރިން ލިބުނުފައިދާވެސް ހިމެނޭނެ މިޔަންމާ ޖުންޓާއިން މުސްލިމުން މަރަން ގަންނަ ހަތިޔާރު އަދި ވޯމެޝިން ހިންގަން ކުރާ ހޭދައިގަ!
އާޕު
07 September 2017
ޗައިނާ އަކީ ބުޑިސްޓު ގައުމެއް، ޗައިނާ ރުޅިދުރުވެދާނެ ކަމެއް ކުރަންލާހިކުނޫން، (މިތަން ވަނީ ޗައިނާ އާ ސައުދީގެ މުށުގެ ތެރޭގައި) ދުނިޔޭގެ ގައުމުތަކާ ގުޅުން ބަދަހި ކުރުމައް ގޮވާއިރައް ބުނަނީ މީމިނިވަން ދައުލަތަކޭ ހުކުރު ހުތުބާގަ ބުނަނީ ދިވެހިންގެ މިނިވަންކަމައް ފެންބޮވާގަންފަ ތިބި ބޭރުމީހުން އަބަދުވެސް ކަޅިއަޅައޭ،
ޝަހާމް
07 September 2017
ޗައިނާއަކީ ބުޑިސްޓް ގައުމެއް ނަމަވެސް، އެގައުމުގައި އަމަލު ކުރަނީ ކޮމިއުނިޒަމް ކަމުން އެމީހުންނަކީ ވަކި ދީނެއް ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ސިޔާސަތެއް ގެންގުޅޭނެ ބައެއް ނޫން.
ފކޔއ
07 September 2017
މެހި އަންނަނީއަށް ބުނެލަން އޮތީ، ޔާމީނާ ވެރިކަން ހަވާލުކުރީ އެއްވެސް ބަޔެއްގެ ސިޔާސީ އަދި އިޤްތިސާދީ އަޅުވެތިކަމުގެ ދަށުނުވެ ޤައުމު ހިންގާށޭ! އިންޑިޔާގެ އަޅުވެތިކަމުން ވީއްލިގެން ޗައިނާ އާއި ސައޫދީގެ އަޅުވެތި ގޮނޑިކޮއްކޮ ސަރުކާރެއް ޤާއިމްކޮށް ދަރިންނާ ދަރިންގެ ދަރިން އެ ދަރަނި އަދާކުރާކަށް ނޫނޭ!
ޣޣ
07 September 2017
ސައުދީ އަރަބިއްޔާ އަކީ މުސްލިމް ގައުމެއް،. މުސްލިމް ގައުމްތަކާ ގުޅުންބަދަހި ކުރަންވީ،. ސައުދީ އަރަބިއްޔާ އަދި، ގަތަރާ ވެސް ގުޅުންބަދަހި ކުރަންވީ. މުސްލިމް ގައުމްތަށް، އެގައުމް އަނެއް ގައުމާ ކުރާ ހަމަނުޖެހުންތަކަށް ނުވަދެ، ދެ މުސްލިމް ގައުމް އަލުން ގުޅުވަން މަަސެއްކަތް ކުރަންވީ.