މުހައްމަދު ހުސައިން ޝަރީފް (ވ) މިއަދު ސްރީ ލަންކާގެ ރައީސް މައިތިރްޕަލާ ސިރިސޭނާއަށް ފަތްކޮޅު އަރުވަނީ: ލަންކާގައި އެމްޑީޕީ އަށް ވުރެން ޕީޕީއެމް މާ ވަރުގަދަ ކަމަށް ވިދާޅުވި.
31 އޮކްޓޯބަރ 2017 - 13:37
ސްރީ ލަންކާގައި ދިވެހި ސަރުކާރަށް ވުރެން ވެސް އިދިކޮޅު އެމްޑީޕީގެ ބާރުގަދަ ކަމަށާއި އެއީ އެމްޑީޕީގެ "ކިއްލާއެއް" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ އާއްމު މެމްބަރުންނަށް ދައްކަވާ ފޮޓޯއަކީ ހަގީގަތެއް ނޫން ކަމަށް ލަންކާ އަށް ރާއްޖެ އިން ކަނޑައަޅާފައިވާ އާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.
ސަފީރުކަމާ ހަވާލުވެވަޑައިގެން، ލަންކާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަން ވިސްނުން ގެންގުޅުއްވާ ގޮތާ ގުޅޭ ގޮތުން މުންދު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ލަންކާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ، ގާތް ގުޅުން އަދިވެސް އޮތީ ބަދަހިކޮށް ކަމަށެވެ. ހަގީގަތެއް ނެތް ވާހަކަތަކެއް އެމްޑީޕީން ފެތުރި ނަމަވެސް، ލިބޭނެ ފައިދާއެއް ނޯންނާނެ ކަމަށާއި ދެ ގައުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޓެރަރިޒަމް ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ވަޑައިގެން ހިމާޔަތް ހޯއްދެވި ފަހުން، ސިޔާސީ ހަރަކާތްތައް ގިނައިން ހިންގަވަނީ ލަންކާގަ އެވެ. އެމްޑީޕީ ސަރުކާރުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ވެސް މިހާރު ތިއްބެވީ ލަންކާ އަށް އަމިއްލަ އަށް އަރުވާލެއްވިގެންނެވެ. އޭގެ ތެރޭގައި ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު ފަދަ ބޭބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. މީގެ ތެރެއިން ބައެއް ބޭފުޅުންގެ ޕާސްޕޯޓު ދިވެހި ސަރުކާރުން ހިފަހައްޓާފައިވާއިރު، އެ ބޭފުޅުންނަށް ލަންކާގައި ދިރިއުޅުއްވެނީ އެމްޑީޕީގެ ބާރު ގަދަވުމުން ކަމަށް އެމްޑީޕީގެ އާއްމު މެމްބަރުން ދެކެ އެވެ.
ސްރީ ލަންކާގެ ރައީސް ސިރިސޭނާއާ ކުރީގެ ރައީސް ނަޝީދު ބައްދަލު ކުރައްވަނީ-- ފޮޓޯ/ ޓްވިޓާ
މުންދުގެ ސަފީރުކަމުގެ ފަތްކޮޅު، ލަންކާގެ ރައީސް ސިރިސޭނާ އަށް އެރުވުން ލަސްވީ، ރާއްޖޭގެ ސަރުކާރާ މެދު އޮތް ހިތްހަމަނުޖެހުމުގެ ސަބަބުން ކަމަށް އެމްޑީޕީގެ އިސް ބޭފުޅުން ވާހަކަ ދައްކަވާފައިވާ ކަމަށް ވިދާޅުވެ، މުންދު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގައުމުތަކުގެ ޚާރިޖީ ކަންކަން އޮންނަ ގޮތް ނޭނގި ތިބި އެކްޓިވިސްޓުން ލައްވައި ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވައި އެ މީހުން ލަދުގަންނަވާލީ އެމްޑީޕީގެ އިސް ބޭފުޅުން ކަމަށެވެ. އެކަމާ ހިތާމަކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ނަސީމަށް އެނގިވަޑައިނުގަންނަވަނީތޯ، ހާރިޖީ ކަންކަން އޮންނަ ގޮތް، ޝަހީދަށް އެނގިވަޑައި ނުގަންނަވަނީތޯ؟ ޝާހިދަށް އެނގިވަޑައި ނުގަންނަވަނީތޯ؟ ގައިމު އެނގިވަޑައިގަންނަވާނެ. އެކަން އެނގިވަޑައިގެން ތިއްބަވައި އާއްމު މެމްބަރުން ލައްވައި ވާހަކަ ދައްކުވައި އެ މީހުން ގުނބޯހައްދައި ލަދުގަންނަވާލީ،" މުންދު ވިދާޅުވި އެވެ.
"މި މީހުން ދައްކާފައި އޮންނަ ފޮޓޯއަކީ ސްރީ ލަންކާ އަކީ އެމްޑީޕީގެ މާ ބޮޑު ކިއްލާއެކޭ. ތިމަންނާ ނޫން ބަޔަކަށް މިތަނަށް އަރާފައިބާ ވެސް ނޫޅެވޭނެޔޭ. ތިމަންނާމެން ބޭނުން ގޮތަކަށޭ ލަންކާގައި އުޅޭނީ. އެހެން ނަމަ، އަޅުގަނޑު ލަންކާގައި މިވީ އެއް މަސް ދުވަހު އަޅުގަނޑު ބޭނުން ގޮތަކަށް ނޫޅެވޭނެ."
މުންދު ވިދާޅުވި ގޮތުގައި ލަންކާގައި އެމްޑީޕީ އަށް ވުރެ ޕީޕީއެމް މާ ވަރުގަދަ އެވެ. އެ ހަގީގަތް އެމްޑީޕީން ގަބޫލުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
ޕީޕީއެމްގެ ޖަގަހައެއް ލަންކާގައި ހުޅުވާފައިވާކަން ފާހަގަކުރައްވަމުން ވިދާޅުވީ، ސިޔާސީ ކަމަކަށް މިހާތަނަށް ލަންކާގައި ދިވެހިން އެއްނުވާ މިންވަރަށް މިދިޔަ ހަފުތާގައި އޮތް ޕީޕީއެމްގެ ހަރަކާތަށް އެއްވެފައިވާ ކަމަށެވެ. ލަންކާގައި މިހާތަނަށް ބޭއްވި ސިޔާސީ އެއްވެސް ކަމަކަށް 300 މީހުން ޖަމާނުވާ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ ކޮބައިތޯ އެމްޑީޕީ ވަރުގަދަވެފައި. ޕީޕީއެމަކީ އަބަދުވެސް ވަރަށް ވަރުގަދަ ބައެއް ލަންކާގައި. އެމްޑީޕީއަކީ ވެސް ނެތް ބައެއް ނޫނޭ އަޅުގަނޑު މި ދަންނަވަނީ،" މުންދު ވިދާޅުވި އެވެ.
"އެމްޑީޕީ މެމްބަރުން ވިސްނަން ޖެހޭ، ތިމަންނާމެން އަތަށް ބޯޑެއް ދީފައި ފްރަންޓްލައިނަށް ނެރުނީމަ މިވަނީ ކިހިނެއްތޯ؟ ނެރުނީމާ މާދަމާ ޗޮކިން ދިޔައީމަ އެ މީހުން ލަދުގަންނާނީ. ނަސީމެއް ނުނިކުންނާނެ، ހާމިދު އަބްދުލްޣަފޫރެއް، މަނަދޫ ތޯރިގެއް ނުނިކުންނާނެ އެ މީހުންގެ ދިފާއުގައި."
ލަންކާގައި އެމްޑީޕީ ވަރުގަދަ ކަމަށް ވާހަކަ ދައްކަނީ، މުންދު ވިދާޅުވި ގޮތުގައި، ވޯޓުގެ ބޭނުމުގަ އެވެ. އެކަމަކު ޕީޕީއެމަށް އޮތް ތާއީދު، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ލަންކާގައި ބަހައްޓާ ވޯޓު ފޮށިން ވެސް ފެންނާނެ ކަމަށް ވިދާޅުވި އެވެ.
"ޕީޕީއެމުން މާ ގިނަ ވޯޓު ހޯދާނެ، މިއީ ފެކްޓެއް. ސްރީ ލަންކާގައި މި ހުރިހާ ގޭހެއް އަނބުރައި، މިހާ ބަޔަކު ގުނބޯ ހައްދައިގެން އެމްޑީޕީން މި އުޅެނީ،" މުންދު ވިދާޅުވި އެވެ.
ސްރީ ލަންކާ އަށް ނަޝީދު ވަޑައިގެން ވެސް ހަމައެކަނި ބައްދަލުކުރައްވަނީ އެ ގައުމުގައި ތިއްބަވާ ބޭރުގެ ސަފީރުންނާ އެކަނިކަމާއި ބޭނުމަކީ އެމަނިކުފާނު ބޭނުންފުޅުވާ "ގޭސްގަނޑެއް އަނބުރައި ރާއްޖެ ބަދުނާމްކުރެއްވުން" ކަމަށް ވިދާޅުވި އެވެ.
މުންދު ވިދާޅުވީ ލަންކާގައި ތިބި ދިވެހިންނަށް ހިދުމަތް ކޮށްދެވޭނީ ޕީޕީއެމަށް ކަމަށެވެ. އެކަން އެނގޭތީ، އެމްޑީޕީ ފިކުރުގެ ދިވެހިން އެމްބަސީ އާއި ސޯސަންވިލާ އިން ވެސް ހިދުމަތް ހޯދުން މަނާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"އެ ބޭފުޅުންގެ ބޭފުޅުން ސޯސަންވިލާ އަށް ދަރިން ގެންދިއުން ވެސް މަނާ. ފުޓްސަލް ކުޅެން ދަނޑަށް ދިއުން ވެސް މަނާ. ޖިމް ހިދުމަތް ހޯދުން ވެސް މަނާ. ޒުމްބާ އާއި މި ބާއްވާ ކޯސްތަކުގައި ބައިވެރިވުން ވެސް މަނާ. ޕާސްޕޯޓު އާކުރަންވީމަ ވެސް ޓިކެޓެއް ނަގައިގެން މާލެ އައިސް، މާލެ އިން އާކޮށްލަން ދިއުން މާ ރަނގަޅޭ، ލަންކާ އެމްބަސީ އަށް ގޮސް އެއް ދުވަހުން އެކަން ނިންމާލުމަށް ވުރެން. އެއީ ކީއްވެ؟ އަޅުގަނޑު ފެންނަ ހިސާބަށް ދިޔަ ނުދޭން ވެގެން،" މުންދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ އިހްލާސްތެރިކަން ނެތުމުން މުޅިން ވެސް އުޅެނީ އޮޅުވާލައިގެންނެވެ. އެ މީހުން ދިވެހިންނަށް ހެޔޮއެދޭ ނަމަ، ލަންކާގައި ތިބި ދިވެހިންނަށް ކޮށްދިން އެންމެ ކަމެއް ނަމަވެސް ހާމަކޮށްދޭން މުންދު އެދިވަޑައިގަތެވެ.
ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުންދު؛ .--މިހާރު ފޮޓޯ
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގައި "ތެތްކަމެއް" ހުރި ނަމަ މިވަގުތު އުޅެން ޖެހޭނީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާށެވެ. އެއީ، އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުގައި ވާދަކުރުމުގެ ގާނޫނީ އެއްވެސް ފުރުސަތެއް ނަޝީދަށް ނެތުމުން ކަމަށް ވިދާޅުވި އެވެ.
"ނަޝީދަށް އުޅެވުނު ގޮތުން މިއޮތީ ހުކުމެއް އައިސްފައި، އެހެންވީމަ ދިވެހިންނަށް ހެޔޮނޭދޭ ތަނުގައި އަމިއްލަ ޕާޓީ އަށް ހެޔޮއެދޭ ނަމަ މިވަގުތު ވަރަށް ވަރަށް ބަސް އަހައިގެން، އިނގިރޭސިވިލާތުގައި ނޫނިއްޔާ ލަންކާގައި ވެސް ހުންނެވީމަ ނިމުނީ. ޕާޓީގެ ބޮންތިއާ ހަމައަށް އަރަން ދެން އޮތް ޖީލަށް ފުރުސަތު ދެއްވަންވީ ނޫންތޯ،" މުންދު ވދިާޅުވި އެވެ.
"ނަޝީދަށް ލަގްޒަރީ އެޕާޓްމެންޓެއް މާފުށީ ޖަލުން ދީފައި، ދައުލަތުގެ ބަޖެޓުން ވެސް ނަޝީދަށް ހަރަދުކުރާނެ ކަމެއް ނެތް. އެއީ އަޅުގަނޑުގެ އަމިއްލަ ވިސްނުން."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާވަން
01 November 2017
ދެން އަންނަ ރިޔާސީ އިންތިހާބް ، ލެޓް ސީ ދޯ
ސުޖާ
01 November 2017
މިހާރު އެގިއްޖެ ލަންކާގަ ސަރުކާރައްވުރެ ބާރުގަދައި އެމްޑީޕީކަން އެހެންނަމަ ތިފަދަ މަގާމެއްގަ އުރިބޭފުޅަކު ތިވަރައް ތެޅުމުގެ ބޭނުމެއް ނޯންނެ
މަޒް
01 November 2017
މުންދު ތި އުޅެނީ ހަޖަމު ނުވެގެން... އަދަދުން ދައްކާ.. ހޮޅި ވާހަކަ ނުދައްކާ... ތި ތަނުން ބޭރު ކުރަން ޖެހިދާނެ
މުންދުމީކާކުތަ
01 November 2017
މީނަ އެކަނިތަ އަލަށް އެމްބަސީއަކަށް ލައިގެން މިއުޅެނީ؟ ލަންކާ ސަފީރުކަމާ ހަވާލުވި ފަހުން، އައި-ލަވް-ލަންކާ ޅެން ހަދައި، ލަވަކިޔައި، ނަޝީދު ފަހަތުން މިއުޅެނީ. ރައްޔިތުންގެ ލާރިން ބޮޑު ހަރަދުކޮށްގެން ދީފަ ހުރި މަގާމް އަދާކޮށްބަލަ ތި ވައްތަރަށް އެޓެންޝަން-ސީކަރ އަކަށްވެގެން ނޫޅެ. މާ ދެން ޑްރާމާ ބޮޑީ.
މާބަނޑު އަންހެނުން ނަށް ގޭގަތިބެގެންވަޒިފާ
31 October 2017
ޕޕއމ ކިއްލާ ދެއްތޯ
އަޝްފާ
01 November 2017
ތިއީތަ އަސްލު ނަމަކީ؟ ލިޔާނެ ނަމެއް ހަމަ ނޭނގުނު؟
ޝުގާ
31 October 2017
މާތްކަލާކޯ ދެން ނުރޮއި ހުއްޓާލާ! އެއީ ޕިންކު ކިއްލާއެއް، އަވަހަށް ހުއްޓާލާ އިނގޭ! ތިހެން ރޯނީ އައްޗިކުދިން. *ރޯލްސް އައި*
އިގްބާލް
31 October 2017
މުންދުއެވެ. ޙަގީގީ ސައިޒު ފެންނާނީ ނެގޭ ވޯޓުންނެވެ.
Bread
31 October 2017
މުންދު ވަރަށް ބޯ ބޮޑު ދޯ؟ އެކުޅެލަނީ ހަމަ ފިސާރިގޭމެއް... އެހާއަވަހައް ލަންކާއެކީގަ ވިއްޔަ އެފަތަހަކޮށްލީ! މިހާރު އަޅުގަނޑުމެންގެ ރައީސް ހުންނަވާނެ ވަރަށްބޮޑަށް އުފާވެފަ!
ލީނޯ
31 October 2017
ސަރުކާރުގެވެސް ކިއްލާއެއް ނޫން!
ތުއްތޫ
31 October 2017
ކިއްލާ އަށް މިހާރު އެތެރެވީ ވަރަށް އަނގަ ގަދަ ފަރާތެއް