ރިޕޯޓް / ޑިޕްލޮމެޓިކް ގުޅުން

އެމެރިކާ-އިންޑިއާ އެއްކޮޅުގައި، އަނެއް ކޮޅުގައި ޗައިނާ

ރައީސް ޔާމީނާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެ ކިތަންމެ ކުޑަ ނަމަވެސް ބޮޑެތި ގައުމުތަކަށް ރާއްޖެ މުހިންމު ވާ ސަބަބުތަކެއް އެބަ ހުއްޓެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖެ އޮތް ސަރަހައްދެވެ. މިއީ ދުނިޔޭގެ ބައެއް ހިސާބުތަކަށް ކަނޑު ދަތުރުކުރަން ބޭނުންކުރާ މުހިންމު ޕޮއިންޓެކެވެ. އެހެންކަމުން ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކުގެ މަސްލަހަތު ރާއްޖެއާ އޮތީ ކުރިންސުރެ ވެސް ގުޅުވައިފަ އެވެ.

އެ ހަގީގަތާ އެކު ދެން އޮތީ އިންޑިއާ އާއި ޗައިނާގެ ވާދަވެރިކަމުގެ ތެރެއިން އުފެދިފައިވާ މައްސަލަތަކެވެ. އެ ވާދަވެރިކަމުގެ ތެރޭގައި އެތައް ކަންތައްތަކެއް އަންނަނީ ކުރަމުންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުން އެންމެ ގާތް ގުޅުމެއް ބާއްވަމުން އަންނަނީ ޗައިނާއާ އެވެ. ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ އަގު ބޮޑު އެއް މަޝްރޫއު ކަމަށްވާ މާލެ-ހުޅުލެ ބްރިޖު އަޅައިދެނީ ޗައިނާގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު އެވެ. އަދި އެ ނޫނަސް ޗައިނާގެ ބޭންކްތަކުގެ ބޮޑެތި ލޯނުތައް ބޭނުންކޮށްގެން ސަރުކާރުން އަންނަނީ އިގުތިސޯދީ އެހެން މަސައްކަތްތައް ވެސް ކުރަމުންނެވެ.

އަވަށްޓެރި އިންޑިއާ އަށް ވުރެ ގާތް ގުޅުމެއް ޗައިނާއާ އެކު ބާއްވާތީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ސަރުކާރަށް ފާޑުކިޔަ އެވެ. ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ހާރިޖީ އެ ސިޔާސަތު ދިފާއު ވެސް ކުރެ އެވެ. އަދި ސަރުކާރުން ބުނަނީ ހުރިހާ ގައުމަކާ އެކު ވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ކަމަށެވެ. ތަފާތަކީ އެހެން ގައުމުތަކަށް ވުރެ ޗައިނާ އިން ރާއްޖެ އަށް ދޭ އެހީތައް ގިނަވުމެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ގޮތުގައި މިނިވަންކަމާ އެކު ޚާރިޖީ ގުޅުން ހިންގުމުގެ ބާރު ރާއްޖެއަށް ލިބިފައިވީ ނަމަވެސް ރައީސް ޔާމީން ވަނީ އެ ބާރު ސައުދީ އަރަބިއްޔާ އާއި ޗައިނާ އަށް ދޫކޮށްލައްވާފަ އެވެ.

"ޖިއޯޕޮލިޓިކްސް"ގެ ތެރެއިން ބާރު ގަދަކުރަން އެއް ގައުމުން އަނެއް ގައުމުގެ މައްޗަށް ފޯރުވާ ނުފޫޒަކީ ބައިނަލްއަގުވާމީ ގުޅުންތަކުގެ އާދައެކެވެ.

އިންޑިއާ- އެމެރިކާގެ މަޝްވަރާތަކުން މެސެޖެއް؟

ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުމާ މެދު އިންޑިއާއިން ބަލަނީ ޝައްކުގެ ނަޒަރަކުންނެވެ. އަދި ރާއްޖެއާ ގުޅޭ ގޮތުން އިންޑިއާ އާއި އެމެރިކާގެ އިސް ބައެއް ބޭފުޅުން މަޝްވަރާކުރެއްވުމަކީ، ރާއްޖޭގައި މިހާރު ހިނގަމުން ދާ ކަންކަމާ މެދު ކަންބޮޑުވާ ކަމުގެ ހެއްކެކެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީގައި އޮތް ބައްދަލުވުމެއްގައި، އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް އާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ. ސުބްރަމަންޔަމް ޖައިޝަންކަރު ކުރެއްވި މަޝްވަރާތަކުގައި އެމެރިކާގެ ޑިޕްލޮމެޓުން ވަނީ ޗައިނާގެ ނުފޫޒު ރާއްޖެ އަށް ވަރަށް ބޮޑަށް ގަދަވުމާއި ޗައިނާގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި ގިނަވާތީ އެކަމާ ވާހަކަ ދައްކަވައިފަ އެވެ.

އެމެރިކާ އާއި އިންޑިއާ އަކީ ގުޅިގެން މަސައްކަތް ކުރާ ދެ ގައުމެވެ. ބާރުގަދަ މި ދެ ގައުމުން ރާއްޖޭގެ މަސްރަހާ ގުޅޭ ގޮތުން މަޝްވަރާކުރި އިރު ޔޫރަޕްގެ ގައުމުތަކުގައި ވެސް ރާއްޖޭގެ މައުލޫއުއާ މެދު ހޫނުކޮށް ބަހުސް އެބަ ހިނގަ އެވެ.

ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅަން ޔޫރަޕިއަން ޕާލިމެންޓުން ވަނީ ގަރާރެއް ވެސް ފާސްކޮށްފަ އެވެ. އޭގެ ސަބަބަކީ މިހާރު ރާއްޖޭގެ ސިޔާސީ ކަންކަން ދާ މިސްރާބާ މެދު އެ ގައުމުތަކުން ހިތްހަމަނުޖެހުމެވެ. އިދިކޮޅު ބައެއް ލީޑަރުން ހައްޔަރުކުރުމާއި ތަފާތު ތުހުމަތުތައްކޮށް ދައުވާކުރުމާއި ބޮޑެތި ހުކުމްތައް އަންނަ ގޮތުން އެއީ ޑިމޮކްރަސީއާ ހިލާފު އަމަލްތަކެއް ކަމަށް އެ ގައުމުތަކުން ބުނެ އެވެ. ދާދި ފަހުން އީޔޫގެ ވަފުދެއް ރާއްޖެ ޒިޔާރަތްކޮށް ހާލަތު ވެސް ވަނީ ބަލައިފަ އެވެ.

އާ ރިޔާސީ އިންތިހާބާ ކުރިމަތިލާން ދެން މާ ގިނަ ދުވަހެއް ނެތެވެ. އިންތިހާބާ ގުޅުވައިގެންނާއި ސަރުކާރުގެ ބައެއް އަމަލްތައް ހުރި ގޮތުން ރާއްޖެ ކޮންމެވެސް ވަރަކަށް އެކަހެރި ކުރުމުގެ ސިޔާސަތެއް ވެސް ގެންގުޅެފާނެ އެވެ. އެހެންކަމުން އިންތިހާބު ކައިރިވާ ވަރަކަށް ބޮޑެތި ބައެއް ގައުމުތަކުގެ ރޭވުމާ ރާއްޖެއަށް ކުރިމަތިވާނެ އެވެ.

ޗައިނާއާ ގާތް ގުޅުމެއް ބޭއްވި ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާއަށް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވި ގޮތަކީ އޭގެ އެއް މިސާލެވެ. ލަންކާގެ ސިޔާސީ މަސްރަހު ދިރާސާކުރާ ބައެއް މީހުންގެ ނަޒަރުގައި ރާޖަޕަކްސާ ހެއްދެވި އެންމެ ބޮޑު ގޯހަކީ ހާރިޖީ ސިޔާސަތުގައި ހަމަހަމަކަން ނުގެންގުޅުމެވެ.

ނޫސް އެޖެންސީ ރޮއިޓާސް އިން އޭރު ބުނީ ރިޔާސީ އިންތިހާބަށް ސްރީ ލަންކާ ތައްޔާރުވަމުން ދިޔަ ދުވަސްވަރު ކޮލަމްބޯގައި އިންޑިއާގެ ޖާސޫސީ ވެރިޔަކު ހަރަކާތްތެރިވި ކަމަށެވެ. ސިރިސޭނާއަށް ވެރިކަން ހޯދައިދޭން އިންޑިއާ އާއި އިންޑިއާގެ ރަހުމަތްތެރި ބައެއް ގައުމުތަކުގެ އެހީތެރިކަން ލިބުނު ކަމަށް ވެސް ރޮއިޓާސްގައި ރިޕޯޓްކުރި އެވެ.

ހާރިޖީ ގުޅުން ހަމަހަމަކުރުން

ރައީސް ޔާމީން ވިދާޅުވާ ގޮތުން ރާއްޖޭގެ އެތެރޭގެ ކަންކަމާ ބޭރު ގައުމުތަކަށް ނުބެހެވޭނެ އެވެ. އީޔޫގެ ވަފުދާ އެމަނިކުފާނު ބައްދަލުކުރެއްވި އެވެ. އަދި އޭގެ ފަހުން ވަނީ އިނގިރޭސި ވިލާތަށް ވަރަށް ސީދާކޮށް ފާޑުވިދާޅުވެފަ އެވެ. އެހެންކަމުން ބެލެވެނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި ބައިނަލްއަގުވާމީ ގޮތުން ކަންބޮޑުވާ ކަންކަމާ މެދު އީޔޫގެ ވަފުދުން ދެއްކި ވާހަކައަށް ދެއްވި ރައްދެއް ކަމަށެވެ.

ރާއްޖޭގެ ސިޔާސީ، ޝަރުއީ އަދި އަސާސީ ހައްގުތަކުގެ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކުރުމަކީ އެމެރިކާ އާއި އިންޑިއާ އަދި އިނގިރޭސި ވިލާތް ފަދަ ގައުމުތަކުން ކުރަމުން އަންނަ އެއް މަސައްކަތެވެ. އަނެއް ބަޔަކީ ޗައިނާގެ ބާރު ރާއްޖޭގައި ގަދަވާކަމަށް އެހެން ގައުމުތަކުން ގަބޫލުކުރާ ކުރުމެވެ.

ރާއްޖޭގެ ހާރިޖީ ދާއިރާގެ ތަޖުރިބާކާރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ ރާއްޖެއަށް ނުފޫޒާއި ބާރު ފޯރުވަން އެހެން ގައުމުތަކުން ކުރާ މަސައްކަތް ހުއްޓުވުމުގެ އެންމެ ބޮޑު ފިޔަވަޅަކީ ހާރިޖީ ހަމަހަމަ ސިޔާސަތެއް ގެންގުޅުމެވެ.

"ވަކި ގައުމަކަށް ފުރުސަތު ނުދީ ރާއްޖޭގައި ކަންކަން ކުރުމުގެ ފުރުސަތު ހުރިހާ ގައުމަކަށް ވެސް ހަމަހަމަ ގޮތެއްގެ މަތިން ދޭން ޖެހޭ. އިންވެސްޓުމަންޓްތަކަކީ ވަރަށް މުހިންމު ކަންކަން. އެފުރުސަތުތައް ވެސް ދޭން ޖެހޭނީ ވަކި ބަޔަކަށް ގައުމުގެ ކަންކަން ކޮންޓުރޯލް ނުނެގޭނެހެން. ހުރިހާ ގައުމުތަކަށް ވެސް ފުރުސަތު ލިބޭ ގޮތަށް. އޭރުން ހުރިހާ ގައުމެއްގެ މަސްލަހަތު އޮންނާނެ ރާއްޖެ ހިމާޔަތް ކުރަން،" އޭނާ ވިދާޅުވި އެވެ.

އެމެރިކާ އާއި އިންޑިއާގެ ހާރިޖީ ދާއިރާގެ އިސް އޮފިޝަލުން ރާއްޖޭގެ މަސްރަހާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމަކީ، ރާއްޖެ އަށް ދެމުން އަންނަ މެސެޖްތަކުން މެސެޖެކެވެ. އެކަމަކު އެކަހަލަ ކޮންމެ ކަންބޮޑުވުމެއް ސަރުކާރުން ނަގަނީ ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާ ކުޅުން ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ އެއީ ސަރުކާރުގެ އަނިޔާވެރިކަން ބޮޑުވެ، މިނިވަން ހުރިހާ މުއައްސަސާތަކެއްގެ ބާރު ކަނޑުވާލުމުން އެކަން އިސްލާހުކުރަން އެކުވެރި ގައުމުތަކުން ދޭ ނަސޭހަތެއް ކަމަށް ބަލައިގަތުމަށެވެ.

އެނގޭ އެއްޗަކީ ހާރިޖީ ސިޔާސަތު ވަކި ގައުމެއްގެ ކޮޅަށް މާ ބޮޑަށް ބުރަވެއްޖެ ނަމަވެސް އެހެން ގައުމުތަކުން ރާއްޖެއާ މެދު ކަންބޮޑުވާނެ ކަމެވެ. ފަރުދާގެ ފުރަގަހުގައި ވެސް ކަންކަން ކުރަމުން ދާނެ ކަމެވެ.

66 ކޮމެންޓް, 70 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 4%
icon angry icon angry 66%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދުރުމި

10 February 2018

ހުރިހާ މައްަސަލައަކީ ތިކަހަލަ ނޫސްވެރިކަން

The name is already taken The name is available. Register?

ޢިބުރާ

10 January 2018

ދާދިފަހުން ދިވެހިން ފެނައްޖެހުމުން ފެންދިނީ ކޮންބައެއްކަން މިހާރަކު ހަނދާނަކު ނެތް!

The name is already taken The name is available. Register?

ރަޒީން

11 November 2017

މިހާރުގެ ލިޔުންތެރިޔާއަށް ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި "އިންޑިއާ" މުޅި ދިވެހިރާއްޖޭގެ ހުރިއްޔާ ހުރި ހުރިހާ އިންވެސްޓްމެންޓެއް ނަގައި ރާއްޖެ އެއްކޮށް ގަނެލިތަން ފެނުނުއިރު މިލިޔުމުގައި އެކަން ފާހަގަ ނުކުރީމަ މިއީ ހެޔޮ ނިޔަތެއްގައި ލިޔެފައިވާ ލިޔުމެއްކަމަކަށް ނުފެނެއެވެ. ދިވެހިރާއްޖޭގައި މިވެރިކަމުގައި އިންވެސްޓްކުރަނީ ހަމައެކަނި ޗައިނާއަކުންނޫނެވެ. އިންވެސްޓްމަންޓްތައް ޗެކުކޮށްބަލާށެވެ. އިންޑިއާގެ އާ އިންވެސްޓްމަންޓްތައްވެސް ބައިވަރު އެބަހުއްޓެވެ. އެކަމަކު ޗައިނާ އާއި ސައުދީގެ ބައިވެރިވުން ބޮޑެވެ. އެހެން އެކަން ނުކުރިނަމަ އިންޑިއާއިން މިތަނުގައި އެހެން ބަޔަކު ކަމެއް ކުރިޔަ ނުދިނީހެވެ. ތަރައްޤީގެ މަޝްރޫޢެއް ނުހިންގުނީހެވެ.

The name is already taken The name is available. Register?

ޙަސަން

07 November 2017

އިންޑިޔާ އިން އިޒްރޭލާ ގުޅުނަ ބޭއްވުމަކީ ދިވެހި ރާއްޖެ ނިހާޔަތަށް ކަންބޮޑުވޭ. އިޒްރޭލް މީހުން އިންޑިޔާ އަށް އުޅުމުން ދިވެހި ރާއްޖެއަށް ވަރަށް ނުރައްކާ ވާނެ.

The name is already taken The name is available. Register?

5678

07 November 2017

ރަނގަޅު ވާހަކައެއް..... އެމެރިކާ ވެސް ޗައިނާ ކުރިއަށް ދާތީ ކަޑަވަނީ

The name is already taken The name is available. Register?

ހަސަނު

07 November 2017

ސިޔާދަތާ ވަހުދަތާ މެދު ދެދަތް ވެސް މިހާރު އެބަ ޖެހޭ ކޮންމެވެސް ވަރަކަށް ރިލީސް ދޭން.. ގައުމު މިވަނީ ހާއްސަ ހާލަތެއްގާ.. މިފަދަ ހާލަތެއްގާ ފަރަންޖީންގެ އެހީތެރިކަން ހޯދުމަކީވެސް ނެތް ކަމެއް ނޫން... ބޮޑު ތަކުރުފާނުވެސް ގައުމު ސަލާމަތް ކުރުމަށް ފަރަންޖީންގެ މަދަދު ހޯދި ފަދައިން....

The name is already taken The name is available. Register?

ހަބީބު

07 November 2017

ދެންއަޅަންވީ ނޮޅިވަރަމާ ކުޅުދުއްފުއްޓާ ދެތެރޭ ބުރިޖެއް ސަރުކާރުން ޗައިނާޔާ މިވަހަކަ ދައްކާލަބަަލަ .

The name is already taken The name is available. Register?

މަގޭ ހިޔާލު

07 November 2017

ހީވަނީ އިންޑިޔާ ޖެލަސްވެގެން އުޅޭހެން

The name is already taken The name is available. Register?

ދޮން މޮހޮނާ މިޔަރު

07 November 2017

އިންޑިއާ އުޅޭ ވައްތަރުން މާ ކަންތައް ބޮޑުވޭ. އިންޑިއާއިން ބޭނުން ގައުމަކާ ގުޅުން ބަދަހިކުރަނީ. އަހަރުމެން އެއްވެސް އެއްޗެކޭ ނުކިޔަން. ކީއްވެތަ އިންޑިއާއިން އަބަދު ރާއްޖެއަށް ފާރަލަނީ. ދިވެހިރާއްޖެއިން ޗައިނާއަކާ މިލިޓަރީ ގުޅުމެއް ބާއްވަނީކީވެސް ނޫން. މިހާރު ވެސް ޗައިނާގެ އެތައް ކުންފުންޏަކުން އިންޑިއާގަ އިންވެސްޓްކޮށްފައިވޭ. އެކަމު ރާއްޖޭގައި އެއް ޑޮލަރުގެ ކަމެއް ކުރިއަސް އިންޑިާއިން ކެކިގަންނަ ފަދަ. މިވާ ގޮތެއް ނޭގޭ. މަލިކު ޖަހައިގަނެގެން އުޅޭތީ ދުވަހަކުވެސް އެމީހުންނަށް ހިތްހަމަ ޖެހުމެއް ނުލިބިގެން އުޅޭފަދަ. މަލިކަކީ އަހަރެންގެ މުނި މުނި ކާފަގެ ރަށް. އިންޑއާ އާ ހެދި ކާފަގެ ޒަމާނުން ފެށިގެން އާއިލާއާ ގުޅުން ކެނޑިފަވަނީ.

The name is already taken The name is available. Register?

ޖެލަސީ

07 November 2017

އިންޑިއާ ޖޭ ވަނީ ރާއްޖެ އިންޑިއާއަށް ވުރެ ކުރިޔަށް ގޮސް ދާނެތީ...... ހެހެހެ

The name is already taken The name is available. Register?

ނަސީރު

06 November 2017

ލިޔުން ތެރިޔާ މި އާޓިކަލް ލިފެފައިވަނީ ވަކި ފަރާތަކަށް ބުރެވެ ހުރެކަން ފާހަގަކުރެވޭ. ދުނިޔޭގެ ބާރުގަދަ ޤައުމުގެ ވާދެވެރިކަމަށް ރާއްޖެ ފުރަތަމަ ވެެއްދި މީހަކީ ރައީސް ނަޝީދު. ރާއްޖޭގައި ބޭރުގެ އަޝްކަރިއްޔާ އަަކަށް ފުރުސަތު ދީ(ހެލިކޮޕްޓަރު) އަދި ޖީއެމްއާރް އަށް އެއާރޕޯޓް ދިން ހިސާބުން މިކަން ފެށުނީ. ޗައިނާއަށް އެ ފުރުސަތު ލިބުނީ އިންޑިއާއިން ރައީސް ނަޝީދު ހޮވުމަށް ފާޅުގައި 2013 ގައި މަސައްކަތް ކުރުމުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454