ތައުލީމީ ދާއިރާ އިން ރާއްޖެ އިން ޕީއެޗްޑީ ހާސިލްކުރި ދެ ދަރިވަރުންގެ ތެރެއިން ސުނެއިނާ އަށް، ހޯމް މިނިސްޓަރު އަޒްލީން މިރޭ ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.--ފޮޓޯ: އެމްއެންޔޫ
27 މާޗް 2018 - 01:53
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ފުރަތަމަ ފަހަރަށް ދެ ދަރިވަރަކު ޕީއެޗްޑީ ހާސިލް ކޮށްފި އެވެ. މިއީ ރާއްޖޭގައި ފުރަތަމަ ހެދި ޕީއެޗްޑީ އެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ދިވެހި ގައުމީ ޔުނިވަސިޓީގެ ދަސްވެނިވުމުގެ ހަފުލާގައި، އެތަނުން ފުރަތަމަ ޕީއެޗްޑީ ފުރިހަމަ ކުރި ކަމުގެ ސެޓްފިކެޓް ހާސިލް ކުރީ ސުނެއިނާ ރަޝީދާއި އާއިޝަތު އަލީ އެވެ. އެ ދެ ދަރިވަރުން ވެސް ޕީއެޗްޑީ ހެދީ ތައުލީމީ ދާއިރާ އިންނެވެ.
ސުނީނާ ޕީއެޗްޑީގެ ތީސިސް ލިޔުނީ މިހާރު ޓީޗަރުން ތަމްރީން ކުރަމުން އަންނަ ގޮތާއި ދިމާވާ ގޮންޖެހުންތަކުގެ މައްޗަށެވެ. އަދި ކުރިމަގުގައި އެ ތަމްރީނުތައް ރާވައި ހިންގިދާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް ވަނީ އޭނާގެ ތީސީސްގައި އަލިއަޅުވާލައިފަ އެވެ.
ތައުލީމީ ދާއިރާއިން ރާއްޖެ އިން ޕީއެޗްޑީ ހާސިލްކުރި ދެ ދަރިވަރުންގެ ތެރެއިން އާއިޝަތު އަލީއަށް، ހޯމް މިނިސްޓަރު އަޒްލީން މިރޭ ސެޓްފިކެޓް ހަވާލު ކޮށްދެއްވަނީ.--ފޮޓޯ: އެމްއެންޔޫ
އާއިޝަތު އަލީގެ ތީސިސް ހާއްސަ ކުރީ އިހުޒަމާނުގައި ރާއްޖޭގައި އޮތް ތައުލީމީ ސިޔާސަތުތަކާ ބެހޭގޮތުންނެވެ.
މިރޭގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ، ރާއްޖޭގައި ތިބެގެން ޕީއެޗްޑީ ހާސިލް ކުރުމުގެ ފުރުސަތު ފަހިވެގެން ދިއުމަކީ ކުރިއްސުރެ ވެސް އޭނާ ދެކެވަޑައިގަނަވަމުން އައި ހުވަފެނެއް ކަމަށެވެ. އެހެންވެ އެކަން ހާސިލްވެ، ޕީއެޗްޑީ ނިންމި ދެ ދަރިވަރުންގެ ދަސްވެނިވުމުގެ ހަފުލާ ޝަރަފުވެރި ކޮށްދެއްވުމަކީ ލިބިވަޑައިގެންނެވި ފަޚުރެއް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީހުން މަދު ގައުމެއްގައި އެމްއެންޔޫ ފަދަ ޔުނިވާސިޓީއެއް ތަރައްގީ ކުރުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ރާއްޖޭގައި އެމްބީބީއެސް އަށް ކިޔަވައިދޭން ފަށާ ފުރަތަމަ މަރުކަޒަކީ ވެސް އެމްއެންޔޫ ކަން އަޒްލީން ފާހަގަކުރެއްވި އެވެ.
އެމްއެންޔޫއިން މިރޭ ބޭއްވި ގްރެޖުއޭޝަން ހަފުލާ ޝަރަފުވެރިކޮށްދެއްވައި ހޯމް މިނިސްޓަރު އަޒްލީން ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްއެންޔޫ
އޭނާ ވިދާޅުވި ގޮތުގައި ތައުލީމް އުނގެނުމަކީ މީހާ ބޮޑާވެ ކިބުރުވެރިވާން ޖެހޭ ކަމެއް ނޫނެވެ. އެއީ މާތްﷲ ހަވާލު ކުރައްވާފައިވާ ވަރަށް ބޮޑު އަމާނާތެއް ކަމަށާއި އެކަމަށް ހިޔާނަތްތެރިވުމަކީ އެއްވެސް ހާލަތެއްގައި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އިލްމެއް ލިބުނަސް އަދި އަޚުލާގީ ސިފަތަކުން ނަފްސު ޒީނަތްތެރި ނުކޮށްފި ނަމަ އެކަމުން ތިމާ އަށް ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެ. އަދި ހިތްހަމަ ޖެހުމެެއް ވެސް ނޯންނާނެ. ތިމާގެ އިލްމީ ގާބިލްކަން ބަލާ މިންގަނޑަކީ ހަމައެކަނި އަތަށް ލިބޭ ސެޓްފިކެޓްތައް ކަން ހައްދަވައިގެން ނުވާނެ. ތަޖުރިބާ އަކީ ވެސް މުހިއްމު އެއްޗެއް ކަން ގަބޫލުކުރަން ވާނެ،" އަޒްލީން ވިދާޅުވި އެވެ.
ހައްގު ބަސް ބުނަންޖެހޭ ވަގުތުތަކުގައި އެކަން ކުރަން ޖެހޭނެ ކަމަށާއި އަނިޔާވެރި ފިތުނައިގެ އަލިފާންގަނޑުން ރާއްޖެ ސަލާމަތް ކުރުމަކީ ވެސް މިރޭ ދަސްވެނިވި ދަރިވަރުންގެ ޒިންމާއެއް ކަމަށް އަޒްލީން ވިދާޅުވި އެވެ.
އެމްއެންޔޫގެ އެކި ކޯސްތަކުން މިރޭ ވަނީ 290 ދަރިވަރަކު ދަސްވެނިވެފަ އެވެ. އެއީ ޑިގްރީން ފެށިގެން މަތީގެ ކޯސްތަކުގެ ދަރިވަރުންނެވެ. އެމްއެންޔޫގެ މި މަހު ދަސްވެނިވުމުގެ ދެ ވަނަ ހަފުލާ އަންނަ އާދިއްތަ ދުވަހުގެ ރޭ ބާއްވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަކްބަރު ބިންދާސް
27 March 2018
މި އޮތީ މިރާއްޖޭގައި އަންހެނުންނާއި ފިރިހެނުން ތަފާތު ކުރާކަމަށް ވަކާލާތުކުރާ އެންމެންނަށް ރަގަޅު ޖަވާބެކެވެ.ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ފުރަތަމަ ޑޮކްޓަރ އޮފް ފިލޯސަފީ މި ހާސިލް ކުރީ ދިވެހި ދެކަނބަލެކެވެ.އަދި މިއީ ތަޢުލީމީދާއިރާގައި ތާރީޚުގެތެރެއަށް ވަދެގެން ދިޔަ ދެ ކަނބަލުންނެވެ.މިއީ ދިވެހި ފިރިހެނުންވެސް މިސާލެއްކަމަށް ބަލައިގެން ކުރިއަށް ދާންވީ ވަގުތެވެ.މި ތާރީޚުގެ ތެރެއަށް ވަދެގެން ދިޔަ ދެ ދަކަނބަލުންނަށާއި އެކަނބަލުންގެ ޢާއިލާތަކަށް މަރުހަބާއާއި ތަހުނިޔާ ފޮނުވަމެވެ.އަދި ރައީސުލް ޖުމްހޫރިއްޔާވެސް މި ދެކަބަލުންނަށް މަރުޙަބާ ފޮނުވުމަށް ކޮންމެވެސް ބަޔަކު ނިކަން ބުނެދީބަލަށޭވެ.
ވެށި
27 March 2018
މަތީ ތައުލީމު ހާސިލް ކުރާ މީހުން ވަރަށް ގިނަ. ޒިންމާ އުފުލާނެ މުއައްސަސާތަކަޢި ޖަމްއިއްޔާ ޖަމާއަތްތައްވެސް ވަރަށް ގިނަ. އަހަރެމެންގެ ތިމާވެށި ވަރަށް ނާޒުކް. މާލޭގެ ބިމަށް އިންތިހާއަށް ބުރަބޮޑުވެގެންދާ އުސް އިމާރާތްތައް އެޅެނީ. މާލޭގެ އިރުމައްޗާއި ދެކުނު ފަރާތުގައި ހައްދާފައިވާ ރީތި ހިރުނދު، މިދިލި ފަދަ ބިޔަ ބޮޑަތި ގިނަ އަދަދެއްގެ ގަސްތައް ބިމާހަމަކޮށްލަނީ މަގު ހެދުމުގެ ބޭނުމުގައި. ތިމާ ވެއްޓާ މެދުގައި ވިސްނަނީ ކިހާ ވަރަކަށްބާ؟ ބަހެއް ބުނެލާނެ ހިއްވަރު ނުވަތަ ގަސް ބަހައްޓައިގެން މަގުގެ ދެން ހުރި އެހެން ބޭނުން ހިފާނެ ގޮތް ކިޔައިދޭނެ ކިތައް މީހުން ނުވަތަ ކިތައް މުއައްސަސާ އެބަ ހުރިބާ؟
ތުއްތުނާ
27 March 2018
މި ރާއްޖޭގައި ކަންތައްތައް ހިނގަމުންދާ ގޮތަށް ބަލާއިރު ތި ޕީއެޗްޑީ ސެޓްފިކެޓް ވެސް ލިބޭނީ ވަކި ބަޔަކަށް ނުވަތަ ވަކި ފެކްޝަން އަކަށް ނިސްބަތްވާ ކުދިން ކޮޅަކަށް.......
މޫސަބެ
27 March 2018
ރާއްޖޭގެ ޔުނިވަރސިޓީން ޕީއެޗްޑީއާ ހަމައަށް ކިޔަވާ ދޭވޭތީ އުފާކުރަން. އެކަމަކު ވެސް ބުނެލަން ޖެހެނީ ބަސްބުނަން ޖެހޭ ވަގުތު ބަސްނުބުނެވި ތިބެނީ ވަޒީފާ ގެއްލިދާނެތީ ބިރުންތޯ. ބަސްބުނަންޖެހޭ ވަގުތު ބަސް ބުނާނަމަ އަޒްލީނަށް ވެސް ބުނެވޭނެތާ. އަދި ރާއްޖޭގަ ވެރިކަން ކޮށްފަ ތިއްބެވި އިއްޒަތް ތެރިންނާއި އެއްވެސް ކުށެއްނެތް މީސް މީހުން ޓެރަރިޒަމްގެ ދައުވާކޮށް ޖަލަކަށް ނުލާނެ. މީހުންގެ ތާއީދު ހޯދަން މިހާރު އުޅުނަކަސް ނުލިބޭނެ. ވަގުތު ފާއިތު ވެއްޖެ.
ބަނަސް
27 March 2018
ބަނަސް ބުނެލަން އޮތީ ބޮޑު ގުޅަ.އަށް ވީއެވެ.
ކޮބާތޭ
27 March 2018
ރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ފުރަތަމަ ޕީއެޗްޑީ ހާސިލް ކުރިއިރު ރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ރާއްޖެތެރޭގެ އެކި ރަށްރަށުގައި ބޮޑެތި ކެމްޕަސް ތައް އެޅުމުގެ ބަދަލުގައި ހުޅުމާލޭން ނުވަތަ ގުޅިފަޅުން ނަމަވެސް ބިން ނަގައިގެން އެބަޖެހެއެއް ނޫންތޭ ރާއްޖޭގެ ގައުމީ ޔުނިވަރސިޓީން މާލޭން ބަދަލު ކޮށްލަން މިއިން ރަށަކަށް. ގައުމީ ޔުނިވަރސިޓީން ފުރަތަމަ ޕީއެޗްޑީ ހެދިއިރު ގްރޭޖުއޭޓް ސްކޫލް ކޮބައިތޭ ދެން ގައުމީ ޔުނިވަރސިޓީގައި ހުރީ ކިތައް ފެކަލްޓީސް ތޯ އަމިއްލަ ކޮލެޖްސްތަކުން ހިންގާ އާރޓްސް މާއްދާ ތަކާއި ދުރަށް ގޮސް ސައެންސްގެ މާއްދާ ތަކާއި ދިމާލަށް ގައުމީ ޔުނިވަރސިޓީ ޑްރައިވް ކުރަން އެބަޖެހެއެއް ނޫންތޭ. ގައުމީ ޔުނިވަރސިޓީން ހިންގާ ސްޕެޝަލް އެޑިއުކޭޝަނަލް އެކްޓިވިޓީސް އެއް ވެސް އަދި ނުފެނެއޭ މީވެސް ވަރަށް މުހިއްމު ދާއިރާ އެކޭ މީހުން ރިފްރެޝް ކުރުމަށް ޓަކައި ދެން ރިސާރޗް އެކްޓިވިޓީސް ތަކަކީ އެއީ ކޮންޓިނިއަސް ޕްރޮސެސް އެކޭ ނުފެނޭ މިކަން ވެސް ގައުމީ ޔުނިވަރސިޓީން ކޮބާތޯ އިންޖިނިއަރިންގް ލެބް އަކީ...
ރައީސް މައުމޫނު
27 March 2018
މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން އިލްމު އުނގެނޭށެވެ!
ދިސްވޭއޭ
27 March 2018
ގައުމީ ޔުނިވަރސިޓީ ގައި އޮންނަ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީން ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް ބޭނުންވާ މީހުން ގެ %3 ވެސް ނުއުފެއްދެއޭ އަދި ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީ އާއި ގުޅިގެން ރިސޯރޓް ތަކަށް ބޭރު މީހުން ފްލަޑް ވަނީ ކީއްވެތޯ ވެސް ބަލާލަން ހަގީގީ ދިރާސާ އެއްވެސް ކޮށްފައި ނެތެވެ. މުޅިން ވެސް ކޮޕީކެޓް ޕްރޮގްރާމްސް ތައް ހިންގާ ކަން އެއީ ފާހަގަ ކުރަން ޖެހޭނެ ކަމެކެވެ. ރާއްޖޭގެ ރިސޯރޓްސް ތަަކަށް ފިޓް ވަނީ އައްޑޫ ފުވައްމުލައް ހުވަދުއަތޮޅު ދެން ހއ. އަތޮޅު ދެން ކުޅުދުއްފުށި މިރަށް ތަކުގެ މީހުންނެވެ. މެދު ރާއްޖެތެރޭ މީހުންނަކީ އީޒީ ލައިފްއެއް ބޭނުންވާ ލޭޒީ ކަން ބޮޑު ބަޔެއް ކަަމަށް ވާތީވެ އެމެން ސްޓިލް ލޯންގް ވޭ ޓު ގޯ އަދި ރިސޯރޓްސް ތަކަށް ފިޓް ވާން. ކަން މިހެން ހުުރުމުން މި ކަންކަން ރަނގަޅަށް ދިރާސާ ކޮށް ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް ރާއްޖޭގައި ތިބި ބިއުޓިފުލް މައިންޑުން ނެރެ ގޭމް ޗޭންޖް ކުރަން އެބަޖެހޭ ގައުމީ ޔުނިވަރސިޓީން މިކަން އެބަޖެހޭ ކުރަން ޑެޑް ސީރިއަސް ކަމެއްގެ ގޮތުގައި.
ހައުކަމް
27 March 2018
ގައުމީ ޔުނިވަރސިޓީން ފުރަތަމަ ޕީއެޗްޑީ އުފާކުރަމޭ މަމެން. މަމެން އަޑުއެހިން ގައުމީ ޔުނިވަރސިޓީ ގައި ފެކަލްޓީ އޮފް އެގްރިކަލްޗަރ އެއް ހުންނާނެ ކަމަށް ދޭހަވާ ވާހަކަ ތަކެއް އެޔުނިގެ ބޮޑުން ތައް ދެއްކި އަޑު. އެކަން އެބަހިނގާތޯއެވެ. ރާއްޖޭން ކުރިއަށް އޮތް 10 އަހަރު ދުވަސް ތެރޭގައި ކާށި ހުސްވެދާނެ ކަމަށް ލަފާ ކުރެވޭތީވެ ފެކަލްޓީ އޮފް އެގްރިކަލް ޗަރ އެއް ހަދައިގެން ގްރީން ހައުސް ހަދައިގެން ގްރީން ހައުސް ޓެކްނޮލޮޖީގެ އެހީގައި 1.5 މީޓަރު އުސް މިނަށް ރުއް ތައް ހައްދައިގެން އެރުށް ތަކުން ކާށި ލިބޭނެ އުސޫލުން މާލޭގެ ތިލަފުށި އިރުން އޮތް ބޮޑު ފަޅު ހިއްކައިގެން އެތަނުގައި އެގްރިކަލްޗްރަލް ޕާރކެއް ހަދަން އެބަޖެހެއެއް ނޫންތޭ. އެޕްލައިޑް ލައިފް ސައެންސް އަދި އެންވަޔަރުމެންޓަލް އެން ރިސާރޗް ސައެންސް ބުނަނީ މިކަން ކުރެވޭނެ ކަމަށޭ މިކަމުގައި ގައުމީ ޔުނިވަރސިޓީން ހޯދާ ކުރިއެރުން ތަކަކީ ކޮބައިތޭ އޮޅު އަލަ ހަމަ ހެދެން ޖެހޭނީ އޮޅުތަކުގައި ނޫނޭ އެހެން ތިއަރީ އެއް އެބަޖެހޭ ގްރީން ހައުސް ގެ އެހީގައި ހޯދަން.
އަޒްލީން
27 March 2018
"އިލްމެއް ލިބުނަސް އަދި އަޚުލާގީ ސިފަތަކުން ނަފްސު ޒީނަތްތެރި ނުކޮށްފި ނަމަ އެކަމުން ތިމާ އަށް ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެ. އަދި ހިތްހަމަ ޖެހުމެެއް ވެސް ނޯންނާނެ. ތިމާގެ އިލްމީ ގާބިލްކަން ބަލާ މިންގަނޑަކީ ހަމައެކަނި އަތަށް ލިބޭ ސެޓްފިކެޓްތައް ކަން ހައްދަވައިގެން ނުވާނެ. ތަޖުރިބާ އަކީ ވެސް މުހިއްމު އެއްޗެއް ކަން ގަބޫލުކުރަން ވާނެ،" އަޒްލީން ވިދާޅުވި އެވެ... މި ބޭފުޅާއަށް ސެޓްފިކެޓެއް ނުލިބޭތީދޯ މަގު އޮޅިގެން މިއުޅެނީ