ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު، މަސީހު ބަލަހައްޓަވަނީ. -ފޮޓޯ: މަޖިލިސް
02 ޖުލައި 2018 - 22:11
އިންތިޚާބުތަކާ ގުޅޭ ގާނޫނުތަކަށް ސަރުކާރާއި ޕީޕީއެމުން ހުށަހެޅި އިސްލާހުތަކަށް ވޯޓަށް އަހަން، މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.
ވިލިމާލެ ދާއިރާގެ މެމްބަރު، އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުށައެޅުއްވި ރިޔާސީ އިންތިޚާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ހުށަހެޅުއްވި ރިޔާސީ އިންތިޚާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް ފާސް ކުރުމާ މެދު މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން އުޅުނެވެ.
އެކަމަކު، މަޖިލީހުގެ ޖަލްސާގައި ތިން ބިލަށް ވޯޓަށް އަހަން ބޭނުންވާ އަދަދަށް ތަޅުމުގައި މެމްބަރުން ނެތް ކަމަށް ވިދާޅުވެ، ބިލުތަކަށް ވޯޓަށް އެހުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ދެކޮޅު ހެއްދެވި އެވެ. އަދި މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ހަމައެކަނި އޮތީ އިންތިޚާބުތަކާ ގުޅޭ ގާނޫނުތަކަށް ސަރުކާރާއި ޕީޕީއެމުން ހުށަހެޅި އިސްލާހުތަކަށް ވޯޓަށް އެހުން އެކަންޏެވެ.
އެހެންވެ، މަޖިލީހުގެ ރައީސް މަސީހް ވަނީ މާދަމާ ނަގާ ވޯޓުގައި ރިޔާސީ އިންތިޚާބާ ގުޅުން ހުރި ވަރަށް މުހިންމު ބިލުތަކެއް ހުރުމާއެކު، މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ޖަލްސާއަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގަތުމަށް ހުރިހާ މެމްބަރުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.
މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދަށް ރިއާޔަތް ކުރައްވައި، މަސީހް ވިދާޅުވީ ތިން ބިލު ފާސް ކުރަން ވޯޓަށް އަހަން ބޭނުންވާ މެމްބަރުން ޖަލްސާގައި ހާޒިރުވެ ނެތް ކަމަށެވެ. މަސީހް ވިދާޅުވި ގޮތުގައި އެވަގުތު ޖަލްސާގައި ހާޒިރުވެ ތިއްބެވީ އެންމެ 28 މެމްބަރުންނެވެ.
މަސީހް އެގޮތަށް ވިދާޅުވިޔަސް، މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން އުޅުނު ތިން ބިލު ފާސް ކުރަން ވަކި ޚާއްސަ އަޣުލަބިއްޔަތެއް ގާނޫނުއަސާސީގައި ނޯވެ އެވެ. އެހެންވެ، މަދުވެގެން 21 މެމްބަރުން (މަޖިލީހުގެ ޖަލްސާގެ ގާނޫނީ އަދަދު) ބައިވެރިވާ ޖަލްސާއެއްގައި ވޯޓު ދޭ މެމްބަރުންގެ އަޣުލަބިއްޔަތުން މަޖިލީހުގެ ޖަލްސާގައި އެ ބިލުތަކަށް ވޯޓަށް އެހުމަށް އެއްވެސް ހުރަހެއް ނެތެވެ.
މަސީހް އެހެން ވިދާޅުވިއިރު، ދެވަނަ ދައުރުގެ ޖަލްސާތައް ފެށުނު ފަހުން ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަނީ ހަމައެކަނި ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުންނެވެ. ޖަލްސާތަކުގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިނުގަންނަވަނީ މަސީހު ރިޔާސަތުގައި އިންނަވައިގެން ޖަލްސާތައް ކުރިއަށް ގެންދަވާ ކަމަށް ބުނެ އެވެ.
މީގެއިތުރުން ވެރިކަން ކުރާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ ގިނަ މެމްބަރުންތަކެއް ވަނީ ރައީސް އަބްދުﷲ ޔާމީނާއެކު، ށ. އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ވަޑައިގެންފަ އެވެ.
ރިޔާސީ އިންތިޚާބުގެ ގާނޫނަށް ނިހާން ހުށަހެޅުއްވި އިސްލާހަކީ ބޭރު ގައުމަކުން ހިމާޔަތާއި ރަށްވެހިކަން ހޯދައިގެން އުޅޭ މީހުން، އެ ގައުމެއްގެ ހިމާޔަތާއި ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބަށް ކުރިމަތިނުލެވޭ ގޮތަށް ހެދުމަށެވެ.
މީގެއިތުރުން ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހުން ދައްކަން ޖެހޭ ފީގެ އަދަދު އެއް ލައްކަ ރުފިޔާ އަށް ބޮޑު ކުރަން ރިޔާސީ އިންތިޚާބުގެ ގާނޫނަށް ހުށަހެޅި އިސްލާހުގައިވެ އެވެ.
އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ގިނައީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގައިޑްލައިންގައި ހިމެނޭ ކަންކަމެވެ. އޭގެ އިތުރު އިސްލާހުތަކެއް ވެސް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލިދީދީއައްޑޫސިޓީ
02 July 2018
ހުރިހާ ޤާނޫނެއް އަލުން ބަލުން ކޮށާ މަށާނެ ދުވަސް ކުރިޔަށް އޮތީ. ރައްޔަތުންގެ މަޖިލިސް ގެ 85 މެންބަރުންގެ ތެރެއިން 37 މެންބަރުންނަށް ފެންނަ ގޮތަކީ އެއީ އެމައްޗަށް ރައްޔަތުން އަމަލު ކުރަންޖެހޭ ކަންކަމުގައި މަޖިލީހުގެ އަޣްލަބިއްޔަތެއް ނޫން.
ޅައިމަގު ފަކީރު
02 July 2018
ތީ ގާނޫނުތައް ރައީސް އޮފީސްތެރެއިން ނިންމާލާ.އޯކޭވާނެ.