އިބޫ މިއަދު ތުޅާދު އަށް ވަޑައިގަތުމުން އިދިކޮޅު ސަޕޯޓަރުން މަރުހަބާ ކިޔަނީ.---ފޮޓޯ: އެމްޑީޕީ
29 ޖުލައި 2018 - 02:03
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓަކަށް އެ އިއްތިހާދުން އޭނާ އިޚްތިޔާރު ކުރީ ތެދުވެރިކަމާއި އަމާނާތްތެރި ކަމުގެ ސަބަބުން ކަމަށާއި އެއީ ދޫކޮށްނުލާނެ ދެ ކަންތައް ކަމަށް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅަށް މިއަދު ފެއްޓެވި ކެމްޕެއިން ދަތުރު ގައި ތުޅާދޫގައި ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން، އިދިކޮޅު ކެންޑިޑޭޓް އިބޫ ވިދާޅުވީ، މިހާރު ގައުމުގެ އޮތް ހާލަތުން އަރައިގަތުމުގެ މަސައްކަތުގައި އިސްވެ ހުންނެވުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން އޭނާ އިޚްތިޔާރު ކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑު އެ ކަން ގަބޫލު ކޮށްގެން މި ހުރީ ﷲ ގެ ވާގިފުޅާ އެކު އެ ކަން ކުރެވޭނެ ކަމުގެ ޔަގީންކަން އަމިއްލަ ނަފްސަށް އޮތީމާ. އަޅުގަނޑު މިއަދު މިތާ ހުއްޓި ހުންނަން ޖެހޭ ހަމައެކަނި ސަބަބަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަމާނާތްތެރިކަމާއި ތެދުވެރިކަން. އެއީ އަޅުގަނޑު ދޫކޮށްލާނެ ދެ ކަންތަކެއް ނޫން، އަޅުގަނޑުގެ މުޅި ހަޔާތުގައި ވެސް،" އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ވެސް ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އިބޫ ވިދާޅުވީ ސަރުކާރުން ރޭވުންތެރިކަމާ އެކު ދައުލަތުން ވައްކަން ކުރަމުންދާ ކަމަށެވެ.
"...އެއީ ކަނޑައެޅިގެން އަޅުގަނޑުމެންނަށް ފެންނަން އޮތް ހަގީގަތެއް،" ތުޅާދޫ ޖަލްސާ އަށް ހާޒިރުވި 200 އެއްހާ މީހުންނާ މުޚާތަބު ކުރައްވައި އިބޫ ވިދާޅުވި އެވެ.
ވެރިކަން ލިބިވަޑައިގެންފި ނަމަ މިނިވަން އޮޑިޓާ ޖެނެރަލެއް ހުންނަވާނެ ކަމަށާއި އަމިއްލަ އަށް ގާނޫނާ ޚިލާފުވި ނަމަވެސް އިންސާފުވެރިކަމާ އެކު ފިޔަވަޅު އަޅުއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކޮށް އަރުވަނީ އަޅުގަނޑުމެންގެ ސަރުކާރެއްގައި އޮޑިޓާ ޖެނެރަލަށް މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ދޭނަން. އަޅުގަނޑު ޔަގީންކޮށް މި އަރުވަނީ ތިބޭފުޅުންނަށް، އޮޑިޓާ ޖެނެރަލް ގެންނަ ރިޕޯޓެއްގައި އެ އޮންނަ ކަންކަން ތަންފީޒު ކުރުމަށް އެންމެ ހިނދުކޮޅެއް ވެސް ފަހަތަށް ނުޖެހޭނަން. އެއީ އަޅުގަނޑު ކަމަށް ވިޔަސް މައްސަލައެއް ނެތް،" އިބޫ ވިދާޅުވި އެވެ.
މިރޭގެ ޖަލްސާ ގައި އިދިކޮޅު ކެންޑިޑޭޓް ވަނީ ބ. އަތޮޅުގެ އިތުރުން، ޖުމްލަކޮށް މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް ވައުދުތަކެއް ވެފަ އެވެ.
އެގޮތުން، އެ ބަޔަކު އެ ބައެއްގެ ރަށުގައި އުޅެވޭނެ ގޮތަށް ތަރައްގީ ކުރުމަށާއި މީހުން ދިރިއުޅޭ ރަށްރަށުން ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ދޫކުރުމަށާއި ގެސްޓް ހައުސް ވިޔަފާރި މުޅި ރާއްޖެ އަށް ފުޅާ ކުރުމުގެ ވައުދު އޭނާ ތުޅާދޫ ގައި އިއުލާން ކުރެއްވި އެވެ. އަދި އެތެރޭގެ ވައިގެ އުދުހުންތައް އަގު ހެޔޮ ކުރުމަށާއި މިހާރަށް ވުރެ ބޮޑަށް ޓުއަރިޒަމް އިޝްތިހާރު ކުރުމާއި މަހުގެ އަގު ބޮޑު ކުރުމަކީ ވެސް އިބޫ އިއުލާން ކުރެއްވި ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
އިދިކޮޅު ފަރާތްތަކުން ތުޅާދޫ ގައި މިރޭ ބޭއްވި ޖަލްސާ އަށް ފަހު، އިބޫއާ އެކު މީހަކު ފޮޓޯއެއް ނަގަނީ.---ފޮޓޯ: އެމްޑީޕީ
ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން މިރޭގެ ޖަލްސާ ގައި ވިދާޅުވީ، ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން މިނިވަންކަމަށް ބޮޑު އަސަރެއް ކުރަމުންދާ ކަމަށެވެ.
"ރައްޔިތުންގެ އަތުން އެތަކެއް ބައިވަރު ޓެކްސް ނަގައިގެން ހަގީގަތުގައި ދައުލަތަކުން ކުރަންޖެހެނީ މައިގަނޑު ދެ ކަމެއް. އެއް ކަމަކީ އެ ދައުލަތެއްގެ މިނިވަންކަމާއި އިސްތިގްލާލް ބޭރު ފަރާތްތަކުގެ ކިބައިން ރައްކާތެރި ކޮށްދިނުން. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މި ފެންނަނީ މިނިވަންކަން މަޑުމަޑުން ދޫވަމުން ދާތަން. މިއީ ކޮން ކަމެއްގެ ސަބަބުންތޯ؟ ބެލުމެއް ނެތި، ދިރާސާ ކުރުމެއް ނެތި، ނަގާފައި ހުރި ބޮޑެތި ލޯނުތަކުގެ ސަބަބުން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ ހިޔާނާތްތަކުގެ މައްސަލަ ބޮޑުވެފައި މި ވަނީ ޝަރުއީ ދާއިރާގެ ސަބަބުން ގައުމުގައި އިންސާފު ނެތުމުންނެވެ.
އިބޫ އަދި އިދިކޮޅު އިއްތިހާދުގެ ކެމްޕެއިން ޓީމް މިއަދު ތުޅާދު އަށް ވަޑައިގެންނެވި އިރު ރަށުގެ ބަނދަރު މަތީގައި ވަނީ އެ އިއްތިހާދުގެ ޕާޓީތަކުގެ ދިދަތައް ޖަހައިފަ އެވެ. އަދި އިދިކޮޅު ޕާޓީތަކުގެ ދިދަތަކުގެ ކައިރީގައި، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ގިނަ އަދަދެއްގެ ދިދަތަކެއް ވެސް ބަނދަރުގެ ވަށައިގެން ޖަހާފައި ހުއްޓެވެ. މީގެ އިތުރުން، އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު އިބޫ އަށް މަރުހަބާ ކިޔުމަށް އެއްވެފައިވާ ތިބި މީހުންނާ ދުރު ނޫން ހިސާބެއްގައި ޕީޕީއެމްގެ ސަޕޯޓަރުންތަކެއް ވެސް ހަރަކާތްތެރިވަމުން ދިޔަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަހޯބަރާ
29 July 2018
ވަރަށް ބޮޑު ތެދުފުޅެއް.. ތި މަގާމް މަނިކުފާނަށް ލިބުމުގެ އެންމެ ބޮޑު ސަބަބަކީީ މަނިކުފާނާއި ދޭތެރޭ ކުރެވޭ އިތުބާރު. ތެދުވެރިކަމާއި އަމާނާތް ތެރިކަން.. އަދި މަވަރު މީހަކު ނެތިގެން އުޅޭހެން ނޫޅުން.. އުއްމީދު ކުރަނީ ހަމަ މަގުން ނެއްޓިގެން މިގައުމު މިދަތުރުކުރަ މުން ދާ މިސްރާބު ބަދަލު ކޮށް އަމާން މަންޒިލަކަށް ގައުމު ގެންގޮސްދެއްވާނެ ފަދަ ބޭފުޅަކަށް މަނިކުފާނު ވުުުން. ލިބިފައިވާ މޮޅު ސެޓްފިކެޓަށް ވުރެ މިއަދު ގައުމަށް ބޭނުމީ ގައުމަށް ހިދުމަތް ކޮށްދޭން އެދި ތިބި ހުރިހާރައްޔިތުން ގޮވައިގެން އެއްބައިވަންތަ ކަމާއި ކެތްތެރިކަމާއިއެކު އުޅެވޭނެފަދަ ލީޑަރެއް..
އިންތިޚާބު
29 July 2018
އިބޫއަށް ވެރިކަން ލިބިއްޖެނަމަ، ރާއްޖޭގައި ވެރިކަން ހިނގާނީ މިޔަންމާގައި މިހާރު ވެރިކަން ހިންގާގޮތަށެވެ. ހުރިހާ ބާރެއް ނަޝީދު އަތުގައި އޮންނަގޮތަށް ކަންތައްތައް ބައްޓަން ކުރާނެއެވެ.
ނޫރާ
29 July 2018
ކަލޭ ފަހަތުން އުޅޭ މީހުންނަށް ތެދުވެރިވެ އަމާނާތްތެރިވެދާނެ ކަލޭ..ދެންތިބީންނަށް ގައިމުވެސް ވާނީ ހަރާންކޯރު..މިއީ މާޒީގެ ފަތްފުށްތަކުން ފެންނަން އޮތް ފިލާވަޅު.
ނަސީދު
29 July 2018
އިބޫ ޕާޓީ ބަދަލުވީތަ؟؟ މިބުނީ ބަނދަރުމަތިން ތަފާތު ކުލައެއް ފެންނަހެން ހީވާތީ.
ޕައްލަންބެގެ ބުރޯ
29 July 2018
ތެދުވެރިކަމާއި އަމާނާތް ތެރިކަން ދޫކޮއް ނުލާނަމަ ފުރަތަމައިނުންވެސް ރައީސް ނަށީދު ޓިކެތް ހަވާލު ކުރަމުން ވިދާޅުވި ގޮތައް ދޮޅު އަހަރުގެ ކުރުވެރިކަމަކާއި އެކް ހުރިހާ ކެންޑިޑޭޓުންނަށް ވާދަކުރެވޭ އިންތިހާބަކަށް މަގުފަހިކޮއްފަ އެއްކާރި އަސް ޖެހިލަން ވާނެ ،ނައިބް ރައީސް އިސްތިއުފާ ދީފަ އާ ނައިބް ރައީސަކަށް ނަށީދު ގެންނަވާފަ ކުރުމަގުން ނަށީދު ވެރިކަމަށް ގެންނަވަން މަނިކުފާނު އިސްތިއުފާ ނުދެއްވައްޗޭ ! އޭރުން ނުވާނެ އިންތިހާބް ވި ރައީސް އެއްކަމަކަށް ،
ޥަސް
29 July 2018
ވަރަށް އުފާވެއްޖެ. ﷲ ގަންދީ ބުނަން އަހަރެއް އެންމެ ލޯބިވާ ދެކަންތިއީ. މިއޮތީ މަގޭވޯޓް. ގެންދޭ.
ސާމީކް
29 July 2018
އެމް.ޑީޕީގެ އާއްމުމެންބަރުން ޓިކެޓްދިނީ ނަޝީދުއަށް..މަދު މެންބަރުންކޮޅެއް އިބޫއަށްދޭން ނިންމީ..ދޮޅުއަހަރުން އަލުން އިންތިހާބު ބާއްވާ ވާހަަކަވެސްބުނި..ނަޝީދުއާއި ހަވާލުކުރަން..
376057
29 July 2018
މިރާއްޖޭގެ ހުރިހާކަމެއް ބޮއްސުންލަމުން މިދަނީ މިގަުމުގައި އުފަންވި ގައްދާރުންތަކެއް ބޭރުގެނުފޫޒް މިރާއްޖެއަށް ވައްދަން މަސައްކަތް ކުރާތީ އަދިމިވަރުގަ މިއޮތީވެސް ރައީސް ޔާމިންގެ ޙިކްމަތް ޢަމަލީގެ ސަބަބުން. ތިމަމެންގެ ޤައުމު ތިމާމެން އަމިއްލައަށް ބަދުނާމުކޮށް ތިމާމެންގެ އަޚުންނަށް ދަތިކުރުމުގެ ފިޔަވަޅުއަޅުވަން މަސައްކަތް ކޮށް އަދި އެމަސައްކަތް މިހާރުވެސް ކުރަމުންދާއިރު އެހެން މީހުންގެ ބޮލުގަ އިލްޒާމު ނާޅުވާ އަނގަ މަޑު ކޮއްގެން ތިބުން ރަގަޅުވާނީ
ނަން
29 July 2018
ދިވެހިރައްޔިތުންނަކީ ގަމާރުންނެއް ނޫން.
098765
29 July 2018
ރައްޔިތުންގެ ބޮލުގައި ދީނޭ އިސްތިގުލާލޭ ކިޔައި ތެތްގޯނި އަޅުވައިގެން ދިވެހިންގެ ބިމާ މުސްތަގުބަލުގެ ރައުސްމާލު ވިއްކައިގެން ޖީބުތައް ބަރުކުރަން ރުހިގެން ދީގެނެއް ނޫން މިތިބީއަކީ.
ސޭކުސްތާނު
29 July 2018
އަމިއްލަ ބާރެއް ނެތް ކެނޑިޑޭޓެއް. ކޮންމެ އެއްޗެކޭވެސް ކީދާނެ.
ސަރީފް
29 July 2018
ގައުމެއް ހިންގޭނީ ތައުލީމާ ތަޖުރިބާ ހުރެގެން. ހާސިލްކޮށްފައިވާ ނަތީޖާއެއް މޓައުލީމެއް ނެތް. ވެރިކަމަށް މީހަކު ހޮވުމަކީ އެއްވެސް މީހަކު ޖޯކަކަށް ހަދާގެން ނުވާނެ. މީ އެއަށްވުރެ މާ ސީރިއަސް މައްސަލައެއް.