ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިއްޔެ އުނގޫފާރަށް ވަޑައިގަތުމުން، އެ ރަށު ރައްޔިތުން އޭނާ އަށް މަރުހަބާ ކިޔަނީ.
06 އޯގަސްޓް 2018 - 12:58
ރާއްޖޭގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ފޭސްބުކް ގައި އާންމު ކުރެއްވީ ހުރިހާ "ކުލައެއްގެ މީހުންނަށް" އެ ކަން ހިއްސާ ކުރަން ބޭނުން ވާތީ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ރ. އުނގޫފާރުގައި ބޭއްވި ޖަލްސާގައި އާދަމް ޝަރީފް ވިދާޅުވީ، ސުލްހަމަސްލަސްކަން ނަގާލައި ހަލަބޮލިކަން އިތުރު ކުރުމަށް ބަޔަކު ރާވަމުންދާ ވާހަކަ ފޭސްބުކް ގައި ހިއްސާ ކުރެއްވީ އެންމެ ގިނަ މީހުންނަށް މައުލޫމާތު ފޯރާނެ އެއް ވަސީލަތަކީ ސޯޝަލް މީޑިއާ ކަމަށް ވާތީ ކަމަށެވެ.
ގައުމީ ސަލާމަތާ ގުޅުން ހުރި ވާހަކަތަކެއް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްގެ ފޭސްބުކް ގައި އާންމު ކުރެއްވުމުން އެތައް ބައެއްގެ ފާޑުކިޔުންތަކެއް އޭނާ އަށް ވަނީ އަމާޒުވެފަ އެވެ.
އިދިކޮޅު ފަރާތްތަކަށް އިޝާރާތް ކުރައްވައި، އާދަމް ޝަރީފް ރޭ ވިދާޅުވީ އެ ވާހަކަތައް ހިއްސާ ކުރުމާ އެކު، ބައެއް މީހުން "ފަޔަށް ރެވި ތެޔޮ އެޅުނީމަ" އުޅޭ ކަހަލަ ގޮތަކަށާއި "ގިނި ދުށް މީހާ ރަތް މަލަށް ބިރުގަންނާނެ އޭ" ބުނާ އުސޫލުން އުޅެމުންދާ ކަމަށެވެ. އެ ވާހަކަ ފޭސްބުކްގައި އާންމު ކުރެއްވުމުން، ތަފާތު ޝުއޫރުތައް ފާޅުކުރައްވައި، ހިތްވަރު ދެއްވި ހުރިހާ އެންމެންނަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.
އުނގޫފާރުގައި ރޭ ބޭއްވި ޖަލްސާ.
"ބަޔަކު ކަންތައްތަކެއް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައި އޮތަސް، އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ ގައުމު ނުރައްކަލުގެ ހާލަތަކަށް ހުށަހެޅިގެން ނުދޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މިނިސްޓަރު އެހެން ވިދާޅުވިއިރު، އިދިިކޮޅު ފަރާތްތަކުން ބުނަނީ އަމާންކަން ނަގާލުމަށް ރާވަމުންދާ ކަމަށް ފޭސްބުކް ގައި އާންމު ކުރެއްވީ، އެއްވެސް ސީރިއަސް ކަމެއް ނެތި، ސަރުކާރުން ޕްރޮޕެގެންޑާއެއް ފެތުރުމަށް ކަމަށެވެ. އޭގެ ބަދަލުގައި، ނިއުސް ކޮންފަރެންސެއް، ނުވަތަ އެނޫން ވެސް ރަސްމީ ގޮތެއްގައި އެކަން އާންމު ކުރެއްވި ނަމަ، ގަބޫލު ކުރެވުނީސް ކަމަށް ބައެއް މީހުން ބުނެ އެވެ. އަދި އާދަމް ޝަރީފްގެ އެ ވާހަކަ އަކީ އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބު ނުބާއްވަން ދައްކާ އުޒުރެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ގައުމަށް ދިމާވެދާނެ ކަމަކަށް ސިފައިން ތިބީ ހުޝިޔާރުވެގެންނެވެ. އެކަމަކުން ސާލަމަތްވުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއްކޮށް، އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ޔަގީން ކަން ވެސް ޑިފެންސް މިނިސްޓަރު ދެއްވި އެވެ. އަދި ރައްޔިތުންނަށް ހާމަކުރަން ޖެހޭ މައުލޫމާތެއް، ވަގުތާއި ހާލަތު އައީމާ ހިއްސާ ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އާދަމް ޝަރީފް ވަނީ ގައުމަށް ހަމަނުޖެހުމެއް ނުވަތަ ސުލްހަމަސްލަސްކަން ނަގާލަން ބަޔަކު މަސައްކަތް ކުރާތީ އެކަމާ ކަންބޮޑު ނުވެ، އިދިކޮޅު ފަރާތްތަކުން ސޯޝަލް މީޑީއާގައި އެކަން ހިއްސާ ކުރި ގޮތާ ދޭތެރޭގައި ކަންބޮޑު ވަނީ ކީއްވެގެންތޯ ސުވާލު އުފައްދަވައިފަ އެވެ.
އަންނަ މަހުގެ 23 ގައި އޮންނަ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ވާހަކައެއް ފޭސްބުކް ޕޯސްޓްގައި ވިދާޅުވެފައި ނުވާއިރު، އޭނާގެ އެ ވާހަކައިގެ ސަބަބުން އިދިކޮޅު ފަރާތްތަކަށް ހީވީ އެ އިންތިހާބު ފަސް ކުރަން އުޅުން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އެކަމަކު، ސަރުކާރުގެ އަމާޒު އޮތީ އެ ތާރީޚުގައި އިންތިހާބު ބޭއްވުމަށް ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު ނުދައްކާ ވާހަކައެއް ތަރުޖަމާ ކޮށްފައި އިންތިހާބު ފަސްކުރާ ވާހަކަ ދައްކަނީ. ސަރުކާރުން ކޮންކަމެއް އިންތިހާބު ފަސްކުރަން ކޮށްގެންތޯ ނުވަތަ ތިމާމެން އަމިއްލަ އަށް އިންތިހާބު ފަސްކުރަން ކޮންމެވެސް މަގްސަދެއް އޮވެގެން ކުރަމުންދަނީތޯ؟" އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަޒުމަކީ، ރައީސް ޔާމީން ރިޔާސީ ދެވަނަ ދައުރަކަށް ބޮޑު ތަފާތަކުން އިންތިޚާބު ކޮށދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފަން
07 August 2018
އާދަނާ ކޮހަކަށް ފަހުކޮހެއް ތިގޮވޮނީ. ސާބަހޭ
ސަމީރު
07 August 2018
ފޭސްބުކުތީ ސަރުކާރުގެ ޚަބަރު ފަތުރާ ވުޒާރާއެއްދޯ?
ައާދަމް
07 August 2018
މިމީހުނަށްއެގެނީ ސިފައިންލައްވާ ސުޕްރިމްކޯޓް ފުރާޅުންޓިނުނަގަން.
އައްޔަ1
06 August 2018
އަހަރެން މީނަ ފޮލޯއެއްނުކަން ފޭސްބުކުން. މިދެން ކާކުތަ. އަހަރެންގެ ކުލައަކީ މަޑު އަޅިކުލަ.
އަލީ!
06 August 2018
ފޭސްބުކުން ސަރުކާރުހިންގާމީހުން ބޭނުމެއްނޫން. ނުވަންޏާ އިސްތިއުފާދީފަ ގޭގަމަޑުކޮށްލާ.
ޢަބްދުﷲނާފިޒް
06 August 2018
ނުރައްކަލާ ގުޅޭ މައުލޫމާތު ފޭސްބުކް ގައި އާންމުކުރީ ހުރިހާ ކުލައެއްގެ މީހުންނަށް ހިއްސާ ކުރަން: އާދަމް ޝަރީފް، ދަތްދޮޅި ދުއްވާލާނަމޭ ބުނީވެސް ހުރިހާ ކުލައެއްގެ މީހުނަށް އެކަން އަންގާ އިއުލާނު ކުރުމުގެ މަޤްސަދުގަތޯ، ބަލަގަ ޝަރީފޫ ޤައުމަށް ނުރައްކާވާފަދަ ކަމެއް ބަޔަކު ރާވަމުން ދާކަމުގެ މައުލޫމާތު ލިބުނީމަ ފޭސްބުކްގަ އެވާހަކަ ޖަހާނީކީނޫން، ވަގުތުންގޮސް އެބަޔަކު ހިފާ ހައްޔަރު ކުރާނީ، ޑްރާމާއެއް ކުޅޭއިރުވެސް ވަށާޖެހޭ ގޮތަށް އެ އެއްޗެއް ކުޅޭކަށްވެސް ނޭގެޔޭ އުތަ.
ކަންބޮޑޭ
06 August 2018
ދައުލަތުގެ މައުލޫމާތުތައް ހިއްސާކުރަންޖެހޭ ވަކިހަމަތަކަކާއި އުސޫލުތަކެއް ހުންނާނެ. ހާއްސަކޮށް ޑިފެންސް މިނިސްޓަރަކަށް ހުންނަމީހަކު ގައުމީސަލާމަތާއި ގުޅޭކަމެއް ގައި އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކެއް ހުންނާނެ. އެއާއި ޚިލާފަށް ފޭސްބްކް ވޯލްގަޔާއި ދިރިއުޅޭ ގޭގެ މަގުތަމީ ފާރުގައި ގައުމީ ސަލާމަތާއިބެހޭ ވާހަކަތަކާއި ޚަބަރުތައް ލިޔުމަކީ ދަށުދަރަޖައިގެ ކަމެއް. އަޅުގަނޑުގެ ނަޒަރުގައި ޝަރީފްގެ ނަޒާހަތްތެރިކަން މިހާރު އެވަނީ ގެއްލިފައި. އިސްތިއުފާ ދޭންޖެހޭ.
ޑާޑާޑާޑާޑާ
06 August 2018
ޝަރީފޫ އަތަށް ގޮވީދޯ، ޔާނުއަކާ ޖެހުނު ޖެހުނުން ޝަރީފުމެންގެ އަބުރާ އިއްޒަތާވެސް ރައްޔިތުން ކުރިމަތީ ވެއްޔާ މޮޑެވިއްޖެ ދެއްތޮ، ކިހާ ދެރަ ޝަރީފޫ................
އެކްސް
06 August 2018
ހެދުނު ދޮގު ފޫބައްދަން ކޮންމެވެސް އެއްޗެކޭ ކިޔަނީ. ގައުމީ ސަލާމަތަށް ނުރައްކަލެއްދިމާވާން އުޅޭކަންކަމުގެ ޚަބަރުތަކަކީ މީސްމީހުން ފޭސްބުކު މެދުވެރިކޮށް ފަތުރަންޖެހޭ ޚަބަރުތަކެއްނޫން. އާދަނު އަނެއްކާ ޓްރަމްޕު ކޮޕީކުރަނީބާ؟
މޫސާ ސާއިދު
06 August 2018
ބަސްމަގު ހުރި ގޮތް ނިކަންބައްލަވާ! މަޤާމަށް ކުފޫ ހަމަވާ މީހެއްނޫންކަން މިވަރުންވެސް އިނގޭ
ޢިބަ
06 August 2018
ތިޔަ އާދަނު ދޯ.ޗީޗީ...