ބޮޑުފުޅަދު އަށް އިބޫ ވަޑައިގެން އޭނާ އަށް މަރުހަބާ ނުކުތް މީހުންނާ ސަލާމް ކުރައްވަނީ . - ފޮޓޯ: އެމްޑީޕީ
14 ސެޕްޓެމްބަރ 2018 - 15:36
މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބު، އިދިކޮޅު ކޯލިޝަނަށް ކާމިޔާބު ކުރެވިއްޖެނަމަ، އެންމެ އިސްކަމެއް ދޭ ކަންކަމުގެ ތެރޭގައި އއ. ބޮޑުފޮޅުދޫ ބިން ހިއްކައި ރަށުގެ ރައްޔިތުންނަށް ގޯތި ދިނުން ހިމެނޭ ކަމަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
އާބާދީގައި 800 އެއްހާ މީހުން ދިރިއުޅޭ ބޮޑުފޮޅުދޫގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ އެ ރަށަށް އެންމެ ބޮޑަށް ދިމާވެފައި އޮތް ކަމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށެވެ. އެގޮތުން، ބިން ފުރި، ގޯތި ނުލިބި ތިބި މީހުންނަށް ގޯތި ލިބޭނެ މަގުފަހިކޮށްދެއްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
އިބޫ މިއަދު ބޮޑުފޮޅުދޫ އަށް ވަޑައިގަތުމަށް ލޯންޗުގައި. - ފޮޓޯ: މިހާރު
"މި ރަށުން ހިއްކެން އޮތް ބިން ބަލައި، އެކަމުގެ ދިރާސާކޮށް، އެކަން ކުރެވި ރަށުގެ ގޯތި ބޭނުންވާ މީހުންނަށް ގޯތި ދޫކުރެވިގެންދާނެ،" އިބޫ ވިދާޅުވި އެވެ. އަދި ބޮޑުފޮޅުދޫއަކީ ގެސްޓް ހައުސްގެ ވިޔަފާރި ހިނގި ނަމަވެސް، އެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ފުޅާ ކުރެވެން ނެތް ރަށެއް ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން، ބޮޑުފޮޅުދޫ ސްކޫލް ތަރައްގީކޮށް، ސިއްހީ ހިދުމަތް ފުޅާ ދާއިރާއެއްގައި ލިބޭނެ މަގުފަހިކޮށްދެއްވުމަށް ވެސް އިބޫ ވަނީ ވައުދުވެވަޑައިގެންފަ އެވެ. އަދި ބޮޑުފޮޅުދޫގައި ޒަމާނީ މިސްކިތެއް ބިނާކުރެއްވުމަށް ވެސް އިބޫ ވަނީ ވައުދުވެވަޑައިގެންފަ އެވެ.
އިބޫ މިއަދު ބޮޑުފުޅަދު އަށް ވަޑައިގެން، ކުޑަ އަންހެން ކުއްޖެއްގެ ގައިގައި ފިރުމާލައްވަނީ. - ފޮޓޯ: އެމްޑީޕީ
އިބޫ ވިދާޅުވި ގޮތުގައި، ބޮޑުފޮޅުދޫ އަށް ްވެވަޑައިގެންނެވި ވައުދުތައް ފުއްދައިދެއްވޭނީ، ރިޔާސީ އިންތިހާބުގައި އޭނާއަށް ވޯޓު ދެއްވައިގެންނެވެ. އަދި އެމަންޒަރު ފެންނަ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
ސަރުކާރަށް ފާޑު ކިޔައި އިބޫ ވިދާޅުވީ ސަރުކާރަށް އާމްދަނީއެއް ލިބުނު ނަމަވެސް، ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅިފައި އޮތް ގޮތުން ބޭކާރު ހަރަދުތައްކޮށް، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް އޮތީ ނުލިބި އެވެ. އަދި ކޮންމެ ކަމެއް، ތިން ގުނަ ނުވަތަ ހަތަރު ގުނައަށް ބޮޑުކޮށް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އެހެންވެ، ވޯޓުލާ ދުވަހު، ހުރިހާ ރައްޔިތުން ވެސް ނުކުމެވަޑައިގެން، އިދިކޮޅު ކޯލިޝަނަށް ވޯޓު ދެއްވުމަށް އިބޫ ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ. އަދި ރާއްޖޭގެ އެކިކަންކޮޅުތަކުން ފެންނަނީ ރާއްޖެއަށް ގެންނަން އުޅޭ ބަދަލަށް ތާއީދުކޮށްގެން ތިބިތަން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބޫސަމާސް
15 September 2018
އިބޫގެވެސް ވައުދުތަށްވެސް ބިނާވެފައި މިވަނީ މަހާޖައްރާފުން ފުލް ސްޕީޑުގައި ރާއްޖޭގެ ފަޅުތަށް ހިއްކައިގެން. ޝުކުރިއްޔާ ރައީސް ޔާމީން.
ނިއުމާގެ އަމާ
14 September 2018
ބޮޑުފޮޅުދޫގެ ފަޅުތެރޭން ހިއްކާނެތަނެއް އޮވޭބާ!
ޝައިމްބެ
14 September 2018
ރައްޔިތުންގެ ހިތަށް ފިނިކަން ގެނެސްދޭން ބުނާނަމަ ރައްޔިތުން ލޯބިވާނެއެވެ.
ރިޕުލެސް
14 September 2018
ސަޅި ވަޢުދެއް.. ދެން ހަމަ ހިއްކަންވީ... މަހާޖައްރާފު ގެންނަން އުޅުނީމަ އިދިކޮޅު މީހުން ގޮވި އެއްޗެހި ހަނދާންވޭ... މިހާރު އެވަރެެތްނެތް... ލޮލް... ދުރުނުފެންނަންޏާއި ވާނީވެސް އެކަހަލަ ގޮތެއްތާދޯ...
ޖުލައި
15 September 2018
އެހެންވެދޯ ޕީޕީއެމް ކެނޑިޑޭޓް ނޫނީ ރަނިންމޭޓަށްވެސް ބޮޑުފޮޅުދޫއަށް އަރަން ނުކެރިގެން އެ އުޅެނީ
14 September 2018
ކޮންމެ ރަށަކައް ގޮސް ދޮގު ހުވާތަކެއް ކުރާނެ