ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރުމަށް ފަހު، ގައުމާ މުހާތަބު ކުރައްވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
17 ނޮވެމްބަރ 2018 - 20:22
ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް ދެއްވަން ވެވަޑައިގެންނެވި ހުވާއާ އެއްގޮތަށް ދެމިހުންނަވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ދިވެހި އެއްވެސް ރައްޔިތަކު ބާކީކޮށް، ތަފާތު ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވައުދުވެވަޑައިގެންފި އެވެ.
ރާއްޖޭގެ ހަތް ވަނަ ރައީސަށް ވެވަޑައިގަތުމަށް ފަހު، ގަލޮޅު ދަނޑުގައި، ދިވެހި ގައުމާ މުޚާތަބް ކުރައްވައި ދެއްވި ފުރަތަމަ ރިއާސީ ޚިތޯބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު 23 ވަނަ ދުވަހު، އެމަނިކުފާނަށް 58.4 ޕަސަންޓުގެ ރައްޔިތުން ވޯޓު ދިނީ ގުޅިފައިވާ ކެންޑިޑޭޓެއްގެ ގޮތުގައި ކަން ފާހަގަކުރައްވައި، އެކަން ދުވަހަކު ވެސް ހަނދާނުން ފޮހެވިގެން ނުދާނެ ކަމަށެވެ.
"ރައްޔިތުން ވޯޓު ދެއްވީ އިންސާފުގެ މަގަށް މި ރާއްޖެ ގެންދަން. އަމާން ވެއްޓެއް ގާއިމްކުރުމަށް. ކޮރަޕްޝަނާއި ވައްކަން ނައްތާލުމަށް. ނުލިބިވާ އެންމެ އަސާސީ ޚިދުމަތްތައް ކަމުގައިވާ ބޯހިޔާވަހިކަމާއި، ފެނާއި ނަރުދަމާގެ ނިޒާމު ހޯދައިދިނުމަށް އަޅުގަނޑު ވީ ވައުދުތަކުގެ މައްޗަށް. މީގެ ތެރެއިން އެއްވެސް ވައުދަކީ، އަޅުގަނޑު ހަނދާން ނައްތާލާނެ ވައުދެއް ނޫން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އާ ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށް ދިނުމުގައި، އެމީހެއްގެ ނަސްލަށް، އުފަންވީ ގައުމަށް، ކުލަޔަށް، ޖިންސަށް، ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، އެމީހެއްގެ ސިޔާސީ ނުވަތަ އެނޫން ވެސް ވިސްނުމަކަށް، މާލީ ފުދުންތެރިކަމަށް، ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަން ރަށް ފަދަ ކަން ކަމަށް ބަލައި، ތަފާތު ނުކުރާނެ ކަމަށެވެ.
ރާއްޖޭގެ މާލީ ހާލަތު ވަރަށް ނާޒުކު ފައްތަރެއްގައި އޮތް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސިޔާސީ ބޭނުންތަކަށާއި ދައުލަތަށް ގެއްލުންވާ ގޮތަށް ހިންގާފައިވާ އެތައް މަޝްރޫއުތަކުން ދައުލަތަށް ވެފައިވާ ގެއްލުންތައް ވަރަށް ބޮޑު ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ދައުލަތުގެ މާލިއްޔާ އިން ގެއްލިފައިވާ ފައިސާ ހޯދުމަށް ބޭރުގެ ގައުމުތަކާއި، ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދަން ޖެހޭ ކަމަށެވެ. އަދި މިކަމުގައި ރައްޔިތުންގެ އެހީތެރިކަމާއި އިތުބާރު ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ކުރީގެ ރައީސުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
މީގެ އިތުރުން، ރައީސް ވިދާޅުވީ ދިވެހި ގައުމު ވައްޓާލާފައިވާ އަނދިރި އަނދަވަޅުން ސަލާމަތްކޮށް، ކުރިއަށް ދިޔުމަށްޓަކައި، ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާ ހައްގުތައް އެފަރާތްތަކަށް ހޯދައިދޭން ޖެހޭ ކަމަށެވެ. އަދި އަނިޔާގެ ޝިކާރައަކަށް ވި މީހުންނަށް އިންސާފު ހޯދަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ގައުމެއްގެ ގޮތުގައި އެކަތިގަނޑަކަށްވެ ކުރިއަށް ދިއުމަށްޓަކައި، މި ކަންކަން ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ކޮންމެހެން ކުރަން ޖެހޭ ކަމެއް،" އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ކުރީގެ ބައެއް ރައީސުންނާއި މިނިވަން މުއައްސަސާތަކުގެ އިސް ވެރިންނާއި ބޭރުގެ ބައެއް އިސް ބޭފުޅުންނާއި އެތައް ހާސް މީހުންގެ ކުރިމަތީ ހުންނަވައި ރައީސް ވިދާޅުވި އެވެ.
- ކޮރަޕްޝަންގެ އަމަލުތައް ހާމަކުރާ މީހުންނަށް ގާނޫނީ ރައްކާތެރިކަން ދޭނަން.
- ސަރުކާރުގެ އެއްވެސް އިދާރާއަކުން ޝަކުވާ ހުށަހަޅާ ބޭނުން ނަމަ، އެކަން ކުރެވޭނެ.
- ޝަކުވާތައް ބަލައި ފިޔަވަޅު އަޅަން ރައީސް އޮފީހުގައި ހާއްސަ ނިޒާމެއް ގާއިމު ކުރާނަން.
- އިގްތިސާދު ހަރުދަނާކޮށް، އާމްދަނީ އިތުރު ކުރުމަށް ހަރުދަނާ ފިޔަވަޅެއް އަޅާނަން.
- ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށް އަޅަން ފަސްޖެހޭނޭ ފިޔަވަޅެއް ނޯންނާނެ.
- ހުޅުވާލެވިފައިވާ ވާދަވެރި، ފަސޭހަ ވިޔަފާރީގެ މާޙައުލެއް އުފައްދިދޭނަން.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭގެ ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހު ވާހަކަ ދައްކަވަނީ.-- ނިޝާން އަލީ /މިހާރު
މިހާތަނަށް ރާއްޖޭގައި ރައީސަކު ހުވާކުރައްވަން ބޭއްވި އެންމެ ބޮޑު އެއްވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯޯލިހު ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމަށް އޮތް މަގަކީ ރައްޔިތުން ބާރުވެރިކުރުވުން ކަމަށެވެ. ޑިމޮކްރެޓިކް ވެށި ހަރުދަނާކޮށް ދެމެހެއްޓޭނީ ވެސް އެ މަގަށް މަސައްކަތްކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، ޔުނިޓަރީ ދައުލަތެއްގެ ސިފަ ނުގެއްލޭނޭ ހެން، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ގާނޫނީ ބާރުވެރިކަމާއި މާލީ ތަނަވަސްކަން ލިބި ދެވެން ޖެހޭނެ ކަމަށެވެ. ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތަކަކީ ބާރުވެރި، ފުދުންތެރި އިދާރާތަކަކަށް ހައްދަވައި ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އާބާދީގެ 37 ޕަސަންޓަކީ ޒުވާނުން ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޒުވާނުންގެ ކުރިމަގު އުޖާލާކުރުމަށް ކުރަން ޖެހޭ އެންމެހައި ކަންކަން މި ސަރުކާރުން ކުރާނެ ކަމަށެވެ.
އެގޮތުން، ޒުވާނުންނަށް ރަނގަޅު ތައުލީމާއި، ވަޒީފާގެ ފުރުސަތުތައް ހޯދައިދީ، މިންތީގެ ހަމަހަމަކަން ގާއިމުކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭން ޖެހޭ ހާއްސަ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި މި ސަރުކާރު އިހުމާލު ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ވޭތުވެދިޔަ ފަސް އަހަރު ރާއްޖެ އޮތީ ބައިނަލްއަގުވާމީ މުޖުތަމައުއާ ވަކިވެ އެކަހެރިވެފައިވާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ޚާރިޖީ ސިޔާސަތުގައި އިސްކުރާނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމަށެވެ. ޚާރިޖީ ސިޔާސަތު ބައްޓަންކުރާނީ އިންސާނީ ހައްގުތަކާއި، ޑިމޮކްރަސީ އާއި، ކްލައިމެޓް ޗޭންޖް ޑިޕްލޮމެސީގެ މައްޗަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"އިންޑިއާ އާއި އަވަށްޓެރި ގައުމުތަކާ އެކު އޮތް ގުޅުން ބަދަހިކޮށް، އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމުގައި އަޅުގަނޑުމެންގެ ދައުރު ފުރިހަމައަށް އަދާކުރާނަން. މީގެ އިތުރުން، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިވާ އަދި ރާއްޖެއާ އެކު އެކުވެރިކަމުގެ ގުޅުން ބަދަހިކުރަން ބޭނުންވާ ހުރިހާ ގައުމުތަކާ އެކު އަޅުގަނޑުމެން ގުޅުން ބަދަހިކުރާނަން،" ވޭތުވެދިޔަ ފަސް އަހަރު ރާއްޖެ އަށް އެންމެ ބޮޑަށް އެހީވި، ސައުދީ އަރަބިއްޔާ އާއި ޗައިނާގެ މަންދޫބުން ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންބީފާނު
18 November 2018
ޔާމީން އަރިިހުގަ މަސައްކަތް ކުރި މީހުން ރައްޔިތު ލިސްޓުން. ކަނޑާލީ އޮތަ؟ "ނަންނާ" އެއަންގަނީ އެމީހުން ބާކީ ކޮށްލާށޭ.
މަންޑޭލާ
18 November 2018
އިބޫއަކި ވެރިކަން ކުރެވޭވަރުގެ މީހެއްނުން. އިބޫ އެކުރާކަމަކުން އިންޑިޔަގެ އިގްތިސޯދު ކުރިއަރަނީ ރާއްޖެގެ އިގްތިސޯދު ދާނީ ދަށައް.
ޓިނުޖެހި ފިލާވަޅު
18 November 2018
ސިވިލް އޭވިއޭޝަން ދަރަނިވެރި ވެފައިވާ ވިލާއެއާލައިންސްގެ ވެރިޔާގެ އަނބިކަބަލުންނަށް. ޓޫރިޒަމް ގިނަ މައްސަލަތަކެއް ތެރޭގައި އެމުނިފައިވާ ވިލާރެސޯޓުގެ ޕާޓީމެމްބަރަކަށް. ހޯމްއެފެއާޒް އަދާލަތަށް ދީނާފުރައްސާރުކުރީއޭކިޔާފަ މަރާލި ޖޯނަލިސްޓުންގެ މައްސަލަ ސިފައިންގެ މައްޗަށް ދީނީ ވެރިން ބާރުފޯރުވާފައިވާ ވަގުތަކު. ކިހިނެއްތޯ މަނިކުފާނު ކުރިއުންމީދުތަކަށް ޑޭ 1 ގަ ތިޔަހެއްދެވީ؟
އަލީ_
18 November 2018
ކޯލިޝަން ސަރުކާރެއް ހިންގުމަކީ އެހާ ފަސޭހަ ކަމެއް ނޫން. އެންމެން ހިތްހަމަޖެހޭ ގޮތަށް ކަންކަން ނުކުރެވޭނެ. ނަމަވެސް އިބޫ އަކީ ޔާމީން އާއި އަޅާ ބަލާ އިރު މާބޮޑަށްވެސް ރަގަޅު ބޭފުޅެއް. ވީމާ އުއްމީދު އެބަ އޮތް.
ޑޜ.ފަޒުނާ/ޖޮހެނަސްބާގު
18 November 2018
އިބޫއަށް ވޯޓު ދިން ރައްޔަތެއްގެ ހައިސިއްޔަތުން އެއްމެ ފުރަތަމަ އަށް އިބޫ އސްތިޢުފާއައް ގޮވި މީހަކީ އަޅުގަނޑުކަމައް ވުމަކީ އެކަށީގެންވާކަމެއް... އިބޫ ހާދަ އަވަހޭ ހަނދާން ނައްތައިލެވުނީ ސައުތު އެފުރިކާގައި ހުރެ އަމިއްލަޚަރަދުގައި އަޅުގަނޑުގެ ވޯޓު އިބޫއަށް ދިނުމައް އައްޑުއަށް ދިޔައީ ފޮނި އުއްމީދަކާއިއެކު. އިބޫދޯނިތެރޭގައި ޖަލްސާއޮތްރޭގައި ދެވުނީ. ނުކެރުނު އެފަދަ ގާބިލު ތަޢުލީމީ ޖީލުތެރެއިން އެކަކަށްވެސް ކެބިނެޓުޕޯސްޓެއްދޭން.ހިތާމަކުރަން،އަސަރުކޮށް
މަގޫދަނޑި ސަރުކާރު
18 November 2018
އަދި ދެ ވޯޓު ދީފަ ބަހައްޓާ. ތަފިންނަށް ވޭއްވީ ލެކަށް ވެމުން ތެއެނީ. ތާލިޔާ ތާލިޔާ.
ޝޮކްތެރަޕީ
18 November 2018
އިބޫ ކުރިހުވާ ތެދުވެރިކަން އެގިއްޖެ މިހާރުވެސް. އިންޑިޔާއަ މިރާއްޖެ ވިކާލައިފި. ދިވެހިން މިއޮތީ ނޭގުމެއްގެތެރޭ.
ވަޔަށްދިޔަހުވާ
17 November 2018
އިބޫ ހުވާގައި ދެމިހުންނާނީ ހަމައެކަނި އަނގައިން ބުނާބަހުން. ޢަމަލުން ހުވާގައި ދެމިނުހުންނާނެކަން މިއަދު ދައްކައިދީފި. ހުވާކުރުމާއިއެކު ހުވައި ޖައްވަށް ފަޒާއަށް އަރައިގެން ގޮސްފި. ހުވާގައި ދެމިހުންނާނަމޭބުނެ، ފުރަތަމަވެސް ކުށްވެރިން މިނިސްޓަރުންނަށް ލައި، އަދުލު އިންސާފަށް ކޮޅުފައިންޖެހީ. ދަޢުލަތް ދަވާލާފައިވާ މީހުން މިނިސްޓަރުންނަށްލައި ކޮރަޕްޝަން އާންމުކުރީ. ރަސްމިއްޔާތަށް 17 މިލިޔަން ރުފިޔާ ޚަރަދުކޮށް ރައްޔިތުންގެ ފައިސާ 1 ގަޑީއިރަށް ފޭރިގަތީ.
ހިތާދޫ ފޮށާ
17 November 2018
އަނގައިންބުނެ އަމަލުން ދައްކާނެކަމަށް އުންމީދުކުރަން. މަރުހަބާ ރައީސް ސޯލިހު.
ފަތޫނާ
17 November 2018
މާ ބޮޑު އުއްމީދެއް ނެތް
ޖަޒީރާމޭން
17 November 2018
ފަތޫނާ ކައިރީގައި ލަންކާ އަސޭލާ ބުނީތަ ޔާމީނު ދައުރު ފުރިހަމަ ކުރިހެން ރައީސްް ޞޯލިހު އަށް ދައުރު ފުރިހަމަަ ނުކުރެވޭނެޔޭ؟
ދދދދ
18 November 2018
ނޫނޭ ބަހުލޫލު ގާތު އަސޭލާ ދެއްކި ވާހަކައެއް ތީ. އޭނަ ދިޔައެއްނު އަސޭލާ ގާތަށް ފާލު ބަލަން.. މަ ދައްކާ ވާހަކައެއް ނޫނެއްނު. އޭނައެއްނު ބުނީ އެވާހަކަ. ކަލޭ ހަނދާނަކު ނުހުންނާނެ ވަރެއް.