ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކެބިނެޓުގެ މިއަދުގެ ބައްދަލުވުން ކުރިއަށް ގެންދަވަނީ.---ފޮޓޯ: ރައީސް އޮފީސް
22 ޖެނުއަރީ 2019 - 18:41
އިސްލާމް ދީނާއި ގުރުއާނާއި ރަސޫލާ އަށް ފުރައްސާރަކޮށް ރާއްޖޭގައި ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ބައެއް މީހުން ވާހަކަ ދައްކާ މައްސަލަ ބޮޑުވެފައި ވަނިކޮށް، އެ ކަންކަމަށް ހައްލު ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޚާއްސަ ކޮމިޓީއެއް އެކުލާލައްވައިފި އެވެ.
އިސްލާމްދީނަށް އިހާނެތިކަން ރައްދުވާ ގޮތަށް ދައްކަމުންދާ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތަކަށް ހައްލު ހޯއްދެވުމަށްޓަކައި ވަޒީރުންގެ މަޖިލިހުގެ ލަފާގެ މަތިން ރައީސް އުފެއްދެވި މި ކޮމިޓީގައި ތިއްބަވަނީ ހަތް ބޭފުޅެކެވެ.
1) ނައިބު ރައީސް ފައިސަލް ނަސީމް.
2) ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ.
3) ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ.
4) ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން.
5) އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު.
6) ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް މިނިސްޓަރު އަހުމަދު މަހުލޫފް.
7) ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު.
ރައީސް އޮފީހުން ބުނީ މި ކޮމިޓީގެ މަސައްކަތަކީ ކަމާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާ ކޮށްގެން، އިސްލާމްދީނުގެ ގަދަރާއި ހައިބަތަށް އުނިކަން އަންނަ ގޮތަށް އަދި ދީނުގެ ނަމުގައި މީހުންގެ މުދަލާއި ފުރާނަ އަށް ގެއްލުން ލިބޭ ގޮތަށް ދައްކަމުންދާ ވާހަކަތަކަށް ހައްލު ހޯދައިދިނުން ކަމަށެވެ. މިހާރުން މިހާރަށް އެޅޭނެ ފިޔަވަޅުތައް އަދި ފަހުން މި ފަދަ ކަންްކަމަށް ހައްލު ހޯދުމުގައި އަޅާނެ ފިޔަވަޅުތަކާ މެދު ގޮތްތައް ނިންމުމަކީ ވެސް އެ ކޮމިޓީގެ ބޭނުމެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެފަދަ މައްސަލަތައް ހައްލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޚާއްސަ ކޮމިޓީއެއް އުފެއްދެވިއިރު، މި ފަހުން ވަނީ ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކުމުގެ މައްސަލަތައް ބޮޑުވެފަ އެވެ. އެހެންވެ، އެފަދަ މައްސަލަތައް ބަލާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި އެކަމާ ގުޅިގެން ބައެއް މީހުން ވަނީ ފުލުސް އޮފީހަށް ގެންގޮސް ސުވާލު ވެސް ކޮށްފަ އެވެ.
ދީނަށް ފުރައްސާރަކުރާ މީހުންނާއި ދީނުގެ ނަމުގައި ހަރުކަށިކަމާއި އަނިޔާވެރިކަމަށް ހިތްވަރުދޭ މީހުން ހޯދައި އެކަން ހުއްޓުވަން މަސައްކަތް ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ. އެކަމަކު، މިހާތަނަށް އެފަދަ މީހުންނާ މެދު ގާނޫނީ ގޮތުން ފިޔަވަޅު ނާޅާތީ ވެސް ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކިކަމުގެ މައްސަލައެއް ފެންމަތިވެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) މަޖީދީމަގުގައި ހިންގަވާ މަންދު ކޮލެޖުގެ މައި ދޮރުގެ ބިއްލޫރިގަނޑެއް ރޭ ވަނީ ތަޅާލައިފަ އެވެ.
އިބްރާގެ ކޮލެޖުގެ ބިއްލޫރިގަނޑު ތަޅައިލީ އޭނާ އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަ ދައްކާ ކަމަށް ބުނެ، މައްސަލަގަނޑެއް އުފެދިފައިވަނިކޮށެވެ. އިބްރާ ވެސް ވަނީ އެ ވާހަކަތަކާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯވަ ކުލަ
23 January 2019
ބަލަ ބޯވަ ކޮމެޓީ ކޮބާ
ޢަޖާބި
23 January 2019
ދީނަށް ފުރައްސާރަ ކުރުމަކީ ކޮބާ ކަންވެސް ކަނޑަ އޅަން އެބަޖެހޭ. ޙަމަ ތަނަކުން މީހަކު ނިކުމެ މީހަކު އެއްޗެކޭ ބުނާއިރަށް ދީނަށް ފުރައްސާރަ ކުރަނީ ކަމަށް ނިންމިގެން އެއީ ޒިއްމާދާރު ގޮތެއް ނުން. ދީނަށް ފުރައްސާރަ ކުރުމަކަށް ވާން ޖެހެނީ މީހަކު ދީނުގެ ކަމެއް ކުރަން އުޅުނީމާ އެކަމެއް ހުއްޓުވަން އުޅުން ނުވަތަ އެމީހަކަށް ގޯނާ ކުރުން ނޫންކަމެއް އެޢީ ފުރައްސާރަ ކަމަށް ބެލެވެންޏާ ދީނީގޮތުން ޚިޔާލު ތަފާތު ވާ ކަން ކަމުގާ އިލްމީ ބަހުސެއް ވެސް ނުކުރެވޭނެ.
މޫމިނާ ނަސީމު
23 January 2019
ގާނޫނު އަސާސީގައި އޮންނަނީ ދިވެހިރައްޔިތަކަށް ވެވޭނީ އިސްލާމަކަށޭ، އަދި ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީނޭ، އަދި އެހެން ދީނަކަށް ޖަގާވެސް ނުދޭ ޤާނޫނު އަސާސީން، އެހެންކަމުން އެވާހަކަތަކަށް ބިނާކޮށް، ދީން ކުރިއެރުވުމަށާއި، ދީން ހިމާޔަތްކޮށް އަހަރުމެންގެ ދަރިންނާއި ދަރިންގެ ދަރިންނާއި ހިސާބަށް ގެންދިއުމަށް، ގާނޫނީގޮތުން ބާރުދީފައި އޮންނަންޖެހެނީ، އެހެންކަމުން ކޮމެޓީއެއް ނަގައިގެން އެއީ ހައްލެއްނޫން
އައިޝާ މީނާ
23 January 2019
ކޮމެޓީއަކުން ކީއްތޯ ކުރާނީ؟ މިނިސްޓަރުން ތިބެންޖެހެނީ ވައުދު ފުއްދުމުގައި، އަދި މިނިސްޓްރީތަށް ހިންގުމުގައި، ދީނަށް ފުރައްސާރަ ނުކުރެވޭގޮތަށް ޤާނޫނެއް އަދި ގަވައިދެއް ހަދަންޖެހެނީ، އެއީ ކޮންމެހެން މިނިވަންކަން ނަގާލުމެއްނޫން، އެއީ އިސްލާމީ މިފަދަ ގައުމެއްގެ ހަމަޖެހުމަށާއި، އަހަރުމެންގެ ދީނަށް އިހްތިރާމް ކުޑަވާގޮތަށް ދެކެވޭ ވާހަކަ ހުއްޓުވުމަށް، ޤާނޫނު އަސާސީގައި އޮތީ ރާއްޖޭގައި އޮންނާނީ ސައްތައިން ސައްތަ އިސްލާމްދީނޭ، އެހެންކަމުން ގާނޫނެއް ބޭނުން
އެކުވެރިޔާ
23 January 2019
ކޮމިިޓީތައް ގިނަވެގެން ގޮސް، ކޮމިޓީތައް އުވާލަންވެސް ކޮމިޓީއެއް ހަދަން ވެއްޖެ ކަމަށް އަލްމަރުހޫމް މުހައްމަދު ޖަމީލް ވިދާޅު ވާހަކައަކީ ވެސް މަޝްހޫރު ވާހަކައެކެވެ.
އަލީ އަލީ
23 January 2019
ކޮންމެ ކަމަކަށް ކޮމިޓީޢެއް ހެދީމަ ނިމުނީ އެއްނޫން! މާދަމާ ކޮމީޓީއެއް ހައްދާދެއްވަ ބައްލަވާ އެންވެރިކަން ރަނގަޅުކުރުމަށް ވެސް!
މުހައްމަދު ނިސާ
23 January 2019
ބްރިޖް މަތީ ޖިންނި އުޅޭ މައްސަލަ ތަހުގީގު ކުރަން ކޮމިޝަނެއް އަދި ބޭނުންވޭ
މަރޭމިތުރު
23 January 2019
އެއްވެސް މީހަކު ދެކުނިންތަ އެއްވެސް ގައުމަކުން ނަމަވެސް ނުވަތަ ރާއްޖެއިން ނަމަވެސް ދިވެހިން އިސްލާމްދީނައް އައިފަހުން ބުދައް އަޅުކަންކުރި އެކަކުވެސް. ނުފެނޭ ދޯ! މިބުނަންއުޅޭ ވާހަކައަކީ މިއުޅެނީ ހިލާފުތަކެކޭ އުފެދިގެން. އެންމެން އަދިވެސް ހަމަ ކިޔަވަނީ އެއްފޮތަކުން.
ކުލުނުގަލާ
23 January 2019
ކަލޭ ތީ ޓްވިޓަރ ބޭނުން ނުކުރާ މަރޭ މިތުރާއެއް
ހުކުމް
23 January 2019
މައްސަލައަކީ: ރަނަގޅު ވަޤުތުގައި އެކަށިގެންވާ ފިޔަވަޅު ނޭޅިއްޖެނަމަ، ދީނަށް ފުރައްސާރަކޮށް ރައްޔިތުންގެ ހިތުގައި އިސްލާމްދީނުގެ ހުކުމް ތަކާއިމެދު ށައްކުއުފެދި ޢަޤީދާއަށް ލޮޅުން އަރާނެ ހައްދުފަހަނައަޅާ ދިއުމުގެ ފިކުރަށް އިތުރު ދޮރުތަށް ހުޅުވި މުޅިޤައުމުގައި ނަފްރަތުކަާއި ރުޅިވެރިކަން އުފެދި ލޭއޮހޮރުވުމުގެ ފުރުސަތު ބޮޑުވާނެތީ
ހިންނަވަރު އަލިކާ
23 January 2019
މިއީ، ވަރަށް ރަނގަޅު ފެށުމެއް. އިސްލާމް ދީނަށް އެއްވެސް ދިވެއްސަކަށް މި ގައުމުގައި އެއްވެސް ފާޑެއް ކިޔެގެން ނުވާނެ. އެފަދަ ފަރާތްތަކުގެ މައްސަލަ ވީ އެންމެ އަވަހަކަށް ބެލުމަށްފަހުގައި ހައްގު އަދަބު ލަސްނުކޮށް އެ މީހަކަށް ދެވެންވާނެ. އޭރުން މިކަމަށް ރަނގަޅު ހައްލެއް އަންނާނެކަން ޔަގީން.