ރިޕޯޓް

ހަ މަސް ވެއްޖެ، ސަރުކާރުގެ ދުވެލި ކިހިނެއް؟

މާލޭ ކޮމާޝަލް ހާބަރު ސަރަހައްދުގައި ކޮންޓެއިނަރެއް ގެންދަނީ -- ފައިލް ފޮޓޯ: މިހާރު

ތިރީސް ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް މި އަހަރަށް ފާސްކުރި އިރު އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހޭދަކުރުމަށް ހަމަޖެހިފައި ވަނީ ރަށްރަށުގައި ހިންގާ މަޝްރޫއުތަކަށެވެ. އެކަމަށް ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ހޭދަކުރުމަށް ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް، އަހަރުގެ ދެ ވަނަ ކުއާޓަރު ނިމި ތިން ވަނަ ކުއާޓަރާ ކުރިމަތިލާއިރު، އަދި ސަރުކާރު އައި ފަހުން ހަ މަސް ވެ، ހަތް ވަނަ މަސް ފެށިއިރު އެ ބަޖެޓުގެ ތެރެއިން 10 ޕަސެންޓް ވެސް ވަނީ ހޭދަނުކޮށެވެ!

ކުރިއާ ޚިލާފަށް ފިނޭންސް މިނިސްޓްރީން މިހާރު ހުރިހާ މައުލޫމާތެއް ހާމަކުރަމުން ދާތީ، ގައުމުގެ މާލީ ހާލަތާއި ތަރައްގީގެ ދުވެލި ވަރަށް ސާފުކޮށް މިއޮތީ ފެންނާށެވެ! އެ ހިސާބުތަކަށް ބަލާއިރު، ގައުމުގައި ރަނގަޅު ކުރަން ހުރި ކަންކަން އާންމުންނާ ހަމައަށް ވެސް ތިލަވެ އެވެ. ވިސްނައިގަންނަން މިހާރު ވަރަށް ފަސޭހަ އެވެ. އޭގެ ތެރެއިން އާންމުން ކަންބޮޑުވުމާ އެކު ކުރާ ސުވާލަކީ މި އެވެ. ގައުމުގައި މިހާރު އެއްވެސް މަޝްރޫއެއް ނުހިނގަނީ ކީއްވެ ހެއްޔެވެ؟

މާލޭ ބާޒާރުމަތީގައި ކުރުނބާތަކެއް އުފުލަނީ: ތަރައްގީގެ މަޝްރޫއުތައް ގުޅިފައި ވަނީ އާންމުންގެ ދިރިއުޅުމާ

ދައުލަތުގެ ބަޖެޓްގެ ތެރެއިން ބަރާބަރަށް ކުރެވޭ ހަރަދަކީ ރިކަރަންޓް ހަރަދެވެ. ތަރައްގީގެ ހިނގަހިނގާ ހުރި މަޝްރޫއުތަކަށް މި އަހަރު ކަނޑައަޅާފައިވާ ގާތްގަނޑަކަށް ހަތަރު ވަރަކަށް ބިލިއަން ރުފިޔާގެ ތެރެއިން ވަރަށް ކުޑަ މިންވަރެއް ނޫނީ ބޭނުން ކޮށްފައެއް ނެތެވެ. އޭގެ މާނައަކީ ހިނގަހިނގާ ހުރި ބައެއް މަޝްރޫއުތައް ވެސް ހުއްޓިފައި ހުރުމެވެ. އަދި އަލަށް ފަށަން ނިންމާފައިވާ މަޝްރޫއުތަކަށް ދެ ބިލިއަނަށް ވުރެ ގިނައިން ކަނޑައަޅައިފައިވާ އިރު، އެ ވެސް ބޭނުން ނުކޮށް ހުރުމުގެ މާނައަކީ އެއްވެސް މަޝްރޫއެއް ވެސް ނުފެށި ހުރި ކަމެވެ. މި އަހަރުގެ ޕީއެސްއައިޕީގެ ތެރޭގައި 700 އަށް ވުރެ ގިނަ މަޝްރޫއު ހިމެނެ އެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ހިނގަހިނގާ ހުރި މަޝްރޫއުތަކެވެ. އެކަމަކު ފިނޭންސް މިނިސްޓްރީގެ މިދިޔަ މަހުގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ޕީއެސްއައިޕީ އަށް ހޭދަކުރެވިފައި ވަނީ އެންމެ 717 މިލިއަން ރުފިޔާ އެވެ.

މަޝްރޫއުތައް ހިންގުން މުހިންމު

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މީގައި މުހިންމު އެތައް ބޭނުންތަކެއްގެ ތެރެއިން ހާއްސަ ދެ ބޭނުމެއް އެބަ އޮތެވެ. ސަރުކާރެއް ގެންނަނީ ވައުދުތަކަކާ އެކު ކަމަށް ވެފައި، އެ ވައުދު ފުއްދުމަކީ އޭގެ ތެރެއިން އެއް ބޭނުމެވެ. އަނެއް ބޭނުމަކީ އިގްތިސާދު ވަރުގަދަ ކުރުމާއި ރައްޔިތުންގެ ދިރިއުޅުން ދުޅަހެޔޮ ކުރުމެވެ. މަޝްރޫއުތައް ހިންގި ވަރަކަށް ދައުރުވާ ފައިސާ އިތުރުވެ ރައްޔިތުން ތަނަވަސް ވެގެން ދިއުމަކީ މީގައި އޮތް އެންމެ މުހިންމު ބޭނުމެވެ. އަނެއް ބޭނުމަކީ ރައްޔިތުން ސަރުކާރެއް ހޮވަނީ އެ މަޝްރޫއުތައް ހިންގަން ވާ ވައުދާ އެއްގޮތަށް ކަމަށް ވާތީ އެވެ.

މާލޭ އިންޑަސްޓްރިއަލް ވިލެޖް ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ: ތަރައްގީގެ އާ މަޝްރޫއުތައް ހިންގަން ޖެހޭ

މި ރިޕޯޓަށް ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި، ދެ ބާވަތެއްގެ މަޝްރޫއުތައް ހިމެނޭއިރު، ސަރުކާރެއް ބަދަލުވިޔަސް ލަހެއް ނުވެ ކުރިއަށް ދާން ޖެހޭ މަޝްރޫއުތަކެއް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

"މީގައި މި އޮންނާނީ އިގްތިސާދީ ނަފާ ލިބޭ މަޝްރޫއުތަކާއި ތަރައްގީގެ މަޝްރޫއުތައް. އެކަމަކު ތަރައްގީގެ މަޝްރޫއުތައް ނުވަތަ ޕީއެސްއައިޕީގެ މަޝްރޫއުތައް ހުއްޓިފައި އޮންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް. އެއީ ބަޖެޓް ކަނޑައެޅި، ބަޖެޓް ފާސްވެ، ފައިސާ ލިބިފައި އަދި ޕްލޭން ވެސް ކުރެވިފައި ހުރި މަޝްރޫއުތައް،" އެއް ބޭފުޅަކު ވިދާޅުވި އެވެ.

"ކޮންމެ ސަރުކާރަކުން ވެސް އަހަރުގެ ކުރީކޮޅު ޕީއެސްއައިޕީގެ މަޝްރޫއުތައް ފަށާނެ. އެކަމަކު މި ސަރުކާރުން އެކަން ކުރި ތަނެއް ނުފެނޭ."

އަހަރު ދެ ބައި ވާއިރު، އެއް ބޭފުޅަކު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ޓޫރިޒަމް ޖޫން ޖުލައިގައި ކުރިމަތިލަނީ "މަޑުޖެހިފައި" އޮންނަ ދުވަސްކޮޅަކާ އެވެ.

"އެހެންވެ ދެން ވާނެ ގޮތަކީ ލިބޭ އާމްދަނީ މަދުވާނެ. އެ ވަގުތު ކޮންމެ ސަރުކާރެއްގެ ވެސް ފިނޭންސް މިނިސްޓަރު ކުރައްވާނެ ކަމެއް އެއީ ފައިސާ ހިފެހެއްޓުން. ޖޫން ނިމި ޖުލައި އަކީ އަނެއްކާ އަންނަ އަހަރަށް ބަޖެޓަށް ތައްޔާރުވާ ދުވަސްކޮޅު. އެހެންވީމަ، މުޅި ޕީއެސްއައިޕީ ހިންގަން މި އޮންނަ މުއްދަތު މި ވަނީ ގާތްގަނޑަކަށް ފަހަނައަޅައި ގޮސްފައި."

މަޝްރޫއުތައް ނުފެށި ހުރީ ކީއްވެ؟

ސަރުކާރުގެ ވަރަށް އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ސަރުކާރުގެ ދުވެލި ލަސްކަމަށް ބުނެ ދައްކާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތެވެ. އޭނާ ވިދާޅުވީ މަޝްރޫއުތަކަށް ފައިސާ ހޯދަން ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ. އަދި މަޝްރޫއުތައް އަވަސް ކުރުމަށް ޓަކައި އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަ އެވެ.

"އެންމެ ފަހުން އިންޑިޔާގެ ބޮޑުވަޒީރު ވަޑައިގެންފައި އެ ގައުމުގެ ފެސިލިޓީ ވެސް މިވެނި ދުވަހެއްގެ ތެރޭގައި ހަމަޖެހިގެން ދާނެއޭ ވިދާޅުވީމަ ރައީސް ވިދާޅުވި ތިއަށް ވުރެ ވެސް އަވަސްކޮށްދެއްވާށޭ. މާނައަކީ ކަންކަން އަވަސްކުރުމަށް ޓަކައި ރައީސް އެބަ މަސައްކަތް ކުރައްވާ،" އޮފިޝަލް ވިދާޅުވި އެވެ.

އިންޑިޔާ އިން ދިން އެހީގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަން ނިންމާފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ. ވިދާޅުވީ 800 މިލިއަން ރުފިޔާގެ ފެސިލިޓީގެ ތެރޭގައި އައްޑޫގައި މަގު ހެދުމާއި ބިން ހިއްކުމާއި ރަށްރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތްތައް ހިންގާނެ ކަމަށެވެ.

ރަށެެއްގެ ބިން ހިއްކަނީ: ޕީއެސްއައިޕީގެ ގިނަ މަޝްރޫއުތަކެއް ހުރީ ނުފެށި

"މީގެ އިތުރުން މި އަހަރަށް ކުރަން ހުރި ކަންކަން މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ލޯނު ދިނުން ވެސް،،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ހިންގުން ލަސްކަމަށް ބުނެ އާންމު ބައެއް މީހުން ދައްކާ ވާހަކަތަކަށް ވެސް އޭނާ ޖަވާބު ދެއްވި އެވެ.

"އެއްވެސް ޕްލޭނެއް ނެތިއެއް މި ސަރުކާރުން އެއްވެސް ކަމެއް ނުކުރާނެ. އެ ކަމެއް ކުރާނީ ދެ ފުށް ފެންނަ ގޮތަށް ރޭވިގެން،" އޭނާ ވިދާޅުވި އެވެ.

"ވިސްނުންތެރިކަމާ އެކު ކުރިއަށް ގެންދިއުން އަޅުގަނޑުމެންގެ ޕްލޭނަކީ."

އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވާ ވާހަކަފުޅެކެވެ. ސަރުކާރަށް 100 ދުވަސް ފުރުމާ ދިމާކޮށް "މިހާރު"އަށް ދެއްވި އިންޓަވިއުގައި ވެސް އެމަނިކުފާނު ވިދާޅުވީ ކަންކަން ކުރައްވާނީ ވިސްނުންތެރިކަމާ އެކު ކަމަށެވެ. އަވަސްއަރުވާލައިގެން އެއްވެސް ކަމެއް ނުކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ އޮފިޝަލް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅު ބޮޑެތި ބައެއް މަޝްރޫއުތައް ނިންމާފައިވާތީ، ބައެއް މީހުން އެއާ އަޅާބަލަނީ ކަމަށް ވެދާނެ ކަމަށެވެ.

"އެކަމަކު ރައީސް ޔާމީންގެ ސަރުކާރުގައި ވެސް އެ މަޝްރޫއުތައް ނިމިފައި ވަނީ އެންމެ ފަހު ވަގުތު،" އޭނާ ވިދާޅުވި އެވެ.

ބޮޑެތި މަޝްރޫއުތައް ރާވައި، ފެށުމަށް ހަ މަސް ދުވަހަކީ ދިގު މުއްދަތެއް ނޫން ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް ރައްޔިތުންނަށް ވެފައި ހުރި ވައުދުތަކާއި ހިންގަން ރާވާފައިވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

އިދިކޮޅުން ބުނަނީ ފޯކަސްއެއް ނެތް ކަމަށް!

ރައީސް ޔާމީންގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު ސިފަކުރެއްވީ މިއީ "ފޯކަސްއެއް ނެތި ކުރިއަށްދާ ސަރުކާރެއް"ގެ ގޮތުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ދައުރު ނިންމާފައި ހުރި ބޮޑެތި ހުރިހާ މަޝްރޫއަކީ، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި އިއުލާންކޮށްފައި ހުރި މަޝްރޫއުތަކެވެ.

"ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ އިގްތިސާދަށް ފޯކަސްކޮށްގެން. އެމަނިކުފާނު ވިދާޅުވި އެ ސަރުކާރުގެ އަމާޒަކީ ވެއްޓިފައިވާ އިގްތިސާދު ކޮޅަށްޖަހައި ފުދުންތެރިކަން އިތުރު ކުރުމޭ. ރައީސް ޔާމީން އިތުރު ދައުރަކަށް ހޮވިއްޖެ ނަމަ އަޅުގަނޑުމެންގެ އަމާޒަކީ ބޮލަކަށް ޖެހޭ ނިސްބަތް 15،000 ޑޮލަރަށް މަތިކުރުން،" ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދި ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ސައީދު ވިދާޅުވި އެވެ.

"ކީއްވެތޯ ނުވާންވީ؟ ދެހާސް ތޭރައިގައި އެ މިންވަރު ހުރީ 6،000 ގައި. ވެރިކަން ނިމުނު އިރު 12،000 އަށް އޮތީ ބަދަލުވެފައި."

ސައީދު ވިދާޅުވީ ބޮޑެތި މަޝްރޫއުތަކެއް އަދި ނުފެށުނު ނަމަވެސް، ޕީއެސްއައިޕީގެ މަޝްރޫއުތައް ކުރިއަށް ނުދާންވީ ކީއްވެތޯ އެއީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި މި ސަރުކާރު އައީ ވަރަށް ރަނގަޅަށް ދިރާސާތައް ކޮށް، ބޮޑެތި ވައުދުތަކަކާ އެކު ކަމަށް ވާއިރު، ދެން އިތުރަށް ހަދަން ޖެހޭ ދިރާސާއެއް އޮތްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"ކެމްޕޭން ކުރަމުން ދިޔައިރު މާލޭގައި ދަމާފައި ހުރި ބެނާތަކަށް ބަލައިލިމަ، ހަމައެކަނި ކުނިން އެކަނި ކުރެވޭނެ ކަންކަން ވެސް ކިހާ ބައިވަރެއް ހުރިތޯ؟" ސައީދު ވިދާޅުވި އެވެ.

"ދެން މި ކަންކަން ނުފެށެންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ."

ސައީދު ވިދާޅުވި ގޮތުގައި ބާރު ސްޕީޑެއްގައި ހިނގަމުން އައި ގައުމު ދެން ވެސް ހިންގަން ޖެހޭނީ ހަމަ އެހާ ބާރަށެވެ. އެހެން ނޫނީ ދިމާވެދާނެ މައްސަލަތައް ވަރަށް ގިނަކަން އޭނާ ފާހަގަކުރެއްވި އެވެ.

"ދުނިޔޭގެ ބާޒާރު މިހާރު ވަރަށް ހަލަބޮލި. އަޅުގަނޑުމެން ތަރައްގީ ހުއްޓާލައިގެން ތިއްބަކަސް ޖެހިގެން އޮތް ގައުމުތައް މި ދަނީ ވަރަށް ބާރަށް ކުރިއަށް. މި ގޮތަށް އިގްތިސާދީ މަޝްރޫއުތައް ހުއްޓާލައިގެން ތިބެން ވެއްޖެ ނަމަ ރައްޔިތުންނަށް ލިބެމުން އަންނަ އާމްދަނީ އަށް އެނގުންވެ، ވިޔަފާރިތަކަށް އެނގުންވެ، އިގްތިސާދީ އަދި އިޖުތިމާއީ މައްސަލަތައް ނުކުންނާނެ،" ސައީދު ވިދާޅުވި އެވެ.

"ހަތް މަސްވެގެން ދިޔައިރު އަޅުގަނޑުމެން ބޭނުންވާ ނަތީޖާއެއް ނޫން މި ފެންނަނީ. އަޅުގަނޑަށް ގަބޫލުކުރެވެނީ، އެ ބަސް ބޭނުން ކުރަން ބޭނޫން ނޫނަސް ހަމަ ސްލޯއީއޭ."

ކުރީގެ ސަރުކާރުން ހިންގި ފަދަ ބޮޑެތި މަޝްރޫއުތައް ނުފެށި، ނުވަތަ ތަރައްގީގެ ދުވެލި ވަރަށް ބާރުކަން އާންމުންނަށް ނޭނގޭ ކަމަށް ވާ ނަމަ، އެއީ އާ ސަރުކާރަށް އޮންނާނެ ގޮންޖެހުމެކެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި، ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކާއި އަނިޔާވެރިކަމުގެ އިންތަން ޔާމީންގެ ވެރިކަމުގައި ފަހަނައަޅާ ދިޔައަސް، ތަރައްގީގެ މަޝްރޫއުތަކުގައި ގައުމު އޮތީ ކުރިއަށް ޖައްސައިފަ އެވެ. އެހެންކަމުން އާ ސަރުކާރުން ފަށާނެ ބޮޑެތި މަޝްރޫއުތަކާއި، ތަރައްގީގެ އެހެނިހެން ކަންކަން ކުރިއަށް ދާ ގޮތް ބަލަން އަބަދުވެސް ރައްޔިތުން ބޭނުންވާނެ އެވެ.

145 ކޮމެންޓް, 134 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 2%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޗޗޗޗޗޗޗ

21 December 2019

ވަރަށް ކަޑަ./ ކޮރަޕްޓް ވެފަ

The name is already taken The name is available. Register?

ނަސަންދުރާ

12 June 2019

ދިމާތް ފިނިހަކަ ދުވޭލީގަ މިސަރުކާރުގެ ސްޕީޑު އަދިހުރީ، ހީއެއްނުވޭ މިއައްވުރެން ރަގަޅުވާނެހެންވޭސް ހަމަ ޔަގިނުން ވެސް ރައީސް ސޯލިހަކައް ދުވެލި ބާރުކުރެވޭނެހެން ހީއެއްނުވޭ އެހާ ގާބިލް ބޭފުޅެއްނުން އެއީ.

The name is already taken The name is available. Register?

އައިމިނާ

12 June 2019

ހަމަ ސުމެއް ދެވޭނީ. އަދި.

The name is already taken The name is available. Register?

ޙަމަ ހަމަ

11 June 2019

ސްނެއިލް ސްޕީޑްގަ

The name is already taken The name is available. Register?

ތުއްތޮންބެ

11 June 2019

ދުވެލި ބާރުކަމުން ބޭބެމެންނައް މިއުޅެނީ ބުރެކި ޖައްސަންވެސްނޭނގިގެން. މިހާރު މަދު އެކައްޗެއްނެތް އެއްވެސް މީހެއްގެ ކަންބޮޑުވުމެއް ޝަކުވާއެއްނެތް ހުރިހާކަމެއްވެސް ފުދިއިތުރުވެފަ. ކޮއްކޮމެން ތިޔާކިޔާ ޖަޒީރާ ރާއްޖޭގެ ޖަޒީރާވަންތަކަންފެނި ބޭބެމެން މިތިބީހަމަ ބުނާނެއެއްޗެއްނޭނގި ބަސްހުއްޓި ހައިރާންވެ އާޝޯހުވެ އަޖައިބު އަންތަރީސްވެ ދެމިޔަކަނުން ހަނދު އޮއްސިފަ

The name is already taken The name is available. Register?

ޓައްޕުސީދި

11 June 2019

ކޯލިޝަނަކައިގެން ނެތެއްނު ކަމެއް ވާކަށް! މަތީ ތައުލީމްގެ މިނިސްޓްރީ މައުމޫނު ފެކްޝަނަށް ދިނީމަ އެކަމުގަވެސް ރައްޔިތުން ފޫހިކޮށްލައިފި. ދެން ގާސިމްގެ މީހަކާ ހަވާލުކުރީ ކަރަންޓް އަގުހެޔޮކުރަން. އޭގެ ސަބަބުން މިޖެހުނީ ފުޅިބައްތި ހޯދާ ފިނިކުރަން ފާޅަގަނޑަކުން ވިހެން. އެއީ ބިލްތައް ބޮޑުވެ ސަކޭގާނުވާތީ! ދެން ކިހިނެތް ކަމެއް އަވަސް ވާނީ. ނަސީބެއް ރައީސް ނަޝީދު ދުރާލާ މަޖިލިސްގެ މެޖޯރިޓީ ހޯދާ މަޖިލިހާ ހަވާލުވިކަން. އެހެންނޫނަމަ މިހާރު މި ވެރިކަމެއްނެތީސް!

The name is already taken The name is available. Register?

ޒުހައިރު

11 June 2019

ތަކުލީފުވީ ބޮޑު. 1.4 މިލިއަން ރުފިޔާގެއްލިއްޖެ. ކަރަންޓުބިލުދަނީ މަހަކަށްވުރެ މަހެއް ބޮޑުވަމުން. ޕާޓީއެކްޓިވިސްޓުންކޮޅުގެ ކުންފުނިތަކަށް ދައުލަތުގެ ޚަޒާނާއިން މިލިއަނުން އެބަ އަގުދައްކަން ޖެހޭ. ދައުލަތުން ޕާޓީ ކުދިންނާ ދެކޮޅަށް ކުރާ ދައުވާތަކަށް ހާޒިރުނުވެ ކޯޓުން މައްސަލަ ބޭރުކޮށްލުވާ. ފެށުނު ބޮޑު އެއްވެސް ޕްރޮޖެކްޓެއް ނެތް. ނުވިތާކަށް ހިނގަ ހިނގާ ހުރި އެތައް މަޝްރޫއެއް ހުއްޓުވައިފި. އެތައްބަޔަކު ސިޔާސީ ފިކުރުތަފާތުވެގެން ވަޒީފާއިން ވަކިކޮށްފި.

The name is already taken The name is available. Register?

ސަރައްކާލި އިބޫ

11 June 2019

ކޮބާތަ ފުލެޓް ކޮމިޓީގެ މެމްބަރުން... ހަބަރެއް ހަމަ ނުވޭ

The name is already taken The name is available. Register?

އެބާ

11 June 2019

މިސަރުކާރުގެ ތަރައްގީ އޮތީ އިންޑިއާގެ ނުފޫޒާ ގުޅިފައި. އެމީހުން ކުރިއަށް ދާން ހުއްދަދިން ވަރަކުން އެކަންވާނީ. މިގައުމުގެ އިގްތިސާދުގެ ދުވެލީގެ ރިމޯޓް މިހާރު އޮތީ އެމީހުންގެ އަތުގައި. އެމީހުން ވެދިން އެހީއަކުން ތަރައްގީވާނީ. އިންޑިއާ ނޫން ތަނަކުން އެއްވެސް ކަމެއް ކުރުމުގެ ޕްލޭން މިގައުމުގައި އޮތްހެން ހީނުވޭ. ކުރިއާލާ ހަމަޖެހިފައިވާ ކަންކަން ނޫން އެއްވެސް އާ ކަމެއް އިންޑިއާއާނުލާ ނުކުރާނެކަމަށް ބެލެވޭ.

The name is already taken The name is available. Register?

ހަގީ

11 June 2019

ސރުކާރެއް ނެތަސް މިއަށްވުރެ މާ ރަގަޅވާނެ. ހަމަ ގައިމު ގައުމު ވިއްކައެއް ނުލާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454